Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ރެމްޑެސިވިރް ބޭހުން ކޮރޯނާ ވައިރަސް "ބްލޮކު"ކުރާ ކަމުގައި އެމެރިކާގެ ސައެންސްވެރިން ބުނެފި

ވައިރަހާ ދެކޮޅު ބޭހެއް ކަމުގައި ރެމްޑެސިވިރް ބޭހުން ކޮވިޑް-19 ޖައްސާ ކޮރޯނާ ވައިރަސް ބްލޮކުކުރާ ކަމުގައި އެމެރިކާގެ ސައެންސްވެރިން ބުނެފިއެވެ.
ބުދަދުވަހު އެމެރިކާގެ ރަސްމީ އޮފިޝަލުންގެ އިތުރަށް މިބޭސް އުފައްދާ ކުންފުނީގެ އޮފިޝަލުން ހާމަކުރި ގޮތުގައި ރެމްޑެސިވިރް ބޭނުންކުރުމުން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުން ބަލިން ފަސޭހަވުމަށް ހޭދަވާ މުއްދަތު ވަރަށް ބޮޑަށް ކުރުވެއެވެ.
ގިލިއަޑް ސައެންސަސް ނަމަކަށް ކިޔާ ކުންފުނިން އުފައްދާފައިވާ ރެމްޑެސިވިރް ބޭހަކީ ކޮރޯނާ ވައިރަހަށް ފަރުވާކުރުމުގައި މިފަދަ ހަރުކަށި ޓެސްޓަކުން ފާސްވި ފުރަތަމަ ބޭހެވެ. މިހާތަނަށް ކޮރޯނާވައިރަސް ޖެހިގެން 224،000 މީހުން މުޅި ދުނިޔެއިން މަރުވެފައިވެއެވެ. މިބައްޔަށް ފަރުވާކުރެވޭނެ ބޭހެއް ލިބުމަކީ އެކަމުގެ ސަބަބުން މިވަބާއާ ކުރިމަތިލާ ގޮތަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެކެވެ. ގިނަ މާހިރުން ޤަބޫލުކުރައްވާ ގޮތުގައި މިވައިރަހަށް ވެކްސިނެއް ލިބުންވަނީ އަހަރެއްހައި ދުވަސް ދުރުގައެވެ.
އެމެރިކާގެ ނޭޝަނަލް އިންސްޓިޓޫޓްސް އޮފް ހެލްތުން (އެންއައިއެޗު) ހެދި ދިރާސާގައި މިބައްޔަށް ރެމްޑެސިވިރުން ފަރުވާދޭ މީހުންނާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮރޯނާވައިރަސް ޖެހި އެދުމަތިވެފައިވާ މީހުންގެ ތެރެއިން އެހެނިހެން ފަރުވާ ދެވޭ 1،063 މީހުންނާ އަޅާކިޔާފައެވެ. އެންއައިއެޗުގެ ނޭޝަނަލް އިންސްޓިޓޫޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ޑިރެކްޓަރ ޑރ.އެންތަނީ ފައުޗީ ވިދާޅުވެފައިވަނީ، މިބޭސް ބޭނުންކުރާ މީހުން ބަލިން ފަރުވާލިބި ފަސޭހަވުމަށް ހޭދަވާ މުއްދަތު 31 އިންސައްތަ އަވަސްވާ ކަމުގައެވެ. އެގޮތުން ޢާންމުކޮށް ބަލިން ފަސޭހަވުމަށް ހޭދަވަނީ 15 ދުވަސް ކަމުގައިވީ ނަމަވެސް މިބޭސް ބޭނުންކުރުމުން 11 ދުވަހަށް އެމުއްދަތު އިތުރުވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
އަދި މިބޭސް ބޭނުންކުރާ މީހުންގެ ތެރެއިން މީހުން މަރުވާ މިންވަރުވެސް މަދުވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މިދިރާސާގެ ތަފުޞީލުތައް ޞިއްޙީ ދާއިރާގެ ދިރާސީ މަޖައްލާއެއްގައި ޝާއިޢުކުރައްވާނެ ކަމުގައިވެސް ފައުޗީ ވިދާޅުވިއެވެ. އިތުރަށް ފައުޗީ ވިދާޅުވީ މިދިރާސާއިން އެނގެނީ މިބޭސް ކޮރޯނާ ވައިރަސް ބްލޮކުކުރާ ކަމެވެ. އެހެންކަމުން ބައްޔަށް ފަރުވާކުރުމުގައި ގެންގުޅޭނެ މިންގަނޑަކީ މި ބޭސްކަމުގައި އޭނާ ވިދާޅުވިއެވެ. ރެމްޑެސިވިރްގެ ސަބަބުން ބަލިން ފަސޭހަވުމަށް ހޭދަވާ މުއްދަތު ކުރުވާކަން ސާފުކޮށް ފެންނަ ކަމުގައި އޭނާ ވިދާޅުވިއެވެ.
އަދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަލި މީހުންނަށް ފަސޭހައިން އަވަހަށް ރެމްޑެސިވިރް ލިބޭނެ ގޮތް ހެދުމަށް ގިލިއަޑް ކުންފުންޏާ ވާހަކަދައްކަމުންދާ ކަމުގައެވެ. އަދި ނިއުޔޯކު ޓައިމްސުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުއްލި ޙާލަތުގައި ރެމްޑެސިވިރއް ބޭނުންކުރުމުގެ ހުއްދަ ދިނުމަށް އެފްޑީއޭއިން ދަނި ތައްޔާރުވަމުންނެވެ. އަދި ބުދަދުވަހުގައި ރެމްޑެސިވިރް ތަޙުޤީޤީ ފަރުވާގައި ރެމްޑެސިވިރް ބޭނުންކުރުމުގެ ހުއްދަ ބުދަދުވަހު ލިބޭނެ ކަމަށްވެސް ނިއުޔޯކް ޓައިމްސުން ބުނެފައިވެއެވެ.
ރެމްޑިސިވިރްއަކީ ކޮރޯނާ ވައިރަހަށް ފަރުވާކުރުމުގައި ޓެސްޓުކުރަމުންދާ ބޭސްތަކުގެ ތެރެއިން އެންމެ ބޭހެކެވެ. ނަމަވެސް ހުރިހާ ބޭހެއްގެ ތެރެއިންވެސް އެންމެ ބޮޑަށް ޓެސްޓުކުރެވި އެންމެ ގިނަ ނަތީޖާ ފެންނަނީވެސް މިބޭހުގެއެވެ.
މި ލިއުމާއި ގުޅޭ