Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިމްޕޯޓު

ދިވެހި ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް އިމްޕޯޓު ޑިއުޓީ ނެންގެވީ ކޮން ބޭފުޅެއްކަން އެނގޭތަ؟

ޤައުމުގެ ތެރެއަށް ވަންނަ މުދަލުން ޓެކްސް ނެގުމަކީ މިޒަމާނުގެ ގިނަ ޤައުމުތަކުގައި ކުރަމުންދާ ކަމެކެވެ. އެއީ ދައުލަތުގެ އާމްދަނީ އިތުރުކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކުރާ މުހިއްމު ކަމެކެވެ. ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު ޤައުމަށް އެތެރެކުރާ މުދަލުން އިމްޕޯޓު ޓެކްސް ނުވަތަ ޑިއުޓީއެއް ނަގާތާ ގާތްގަނޑަކަށް 130 އަހަރުވީއެވެ.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ކަސްޓަމްސް އުފެދި އެތެރެކުރެވޭ މުދަލުންނާއި ބޭރު ޤައުމުތަކަށް ރާއްޖެއިން ބޭރުކުރާ މުދަލުން ޑިއުޓީ ނަގަން ފެށުނީ 1890 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މިކަން ފެއްޓެވީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ވެރިޔާގެ މަޤާމު އެންމެ ފުރަތަމަ ފުރުއްވި ބޭފުޅާއެވެ. އެއީއަތިރީގެ އިބްރާހީމް ދޮށިމޭނާ ކިލެގެފާނެވެ. އެތައް ފަހަރެއްގެ މަތިން ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަންވެސް ކުރެއްވި ދޮށިމޭނާ ކިލެގެފާނުންގެ އިޤުތިޞާދީ އިޞްލާޙުތަކުގެ ތެރޭގައި ހިމެނިގެން ކަސްޓަމްސް އުފައްދަވައި ބޭރުކުރާ މުދަލާއި އެތެރެކުރާ މުދަލުން ޓެކުސް ނުވަތަ ޑިއުޓީ ނަންގަވަން ފެއްޓެވީ އެކިލެގެފާނު ބޮޑުވަޒީރު ކަމުގައި ހޭދަކުރެއްވި ފުރަތަމަ ދައުރުގައެވެ.
ކިލެގެފާނަކީ ތަފާތު ފަހަރުތަކެއްގެ މަތިން ދިވެހިރާއްޖޭގެ ބޮޑުވަަޒީރުކަން ކުރެއްވި ބޭކަލެކެވެ. އެގޮތުން ފުރަތަމަ ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ނޫރުއްދީން ރަދުންގެ ދެވަނަ ރަސްކަމުގައެވެ. އެއީ 1889 ވަނަ އަހަރުއެވެ. އެދައުރުގައި ބޮޑުވަޒީރު ކަމުގައި ހުންނެވުނީ 1893 ވަނަ އަހަރުގެ މެއި މަހާ ހަމައަށެވެ. އެހާތަނުން ރަސްކަން ބަދަލުވެ ރަސްކަމުގެ ތަޚުތަށް މުލީގޭ މަނިއްޕުޅު ވެރިވެވަޑައިގަތުމާއެކު ކިލެގެފާނު ބޮޑުވަޒީރުކަމުން ދުރުކުރެވުނެވެ.
ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމަށް ކިލެގެފާނު ވަޑައިގަތީ އޭގެ ދެމަސްދުވަސްފަހުން ގެނެވުނު އިންޤިލާބެއްގައި މުލީގޭ މަނިއްޕުޅު ރަސްކަމުން ދުރުކުރެވި މާންދޫގެ މަނިއްޕުޅު (ޙާޖީ ޢިމާދުއްދީން) ރަސްކަމަށް ކޮލިލެއްވުމާއެކުއެވެ. ދެން ބޮޑުވަޒީރުކަމުގައި ހުންނެވީ 1899 ވަނަ އަހަރާ ހަމައަށެވެ.
އަނެއްކާވެސް ޝަމްސުއްދީން ރަދުންނަށް ތަޚުތު ލިބިވަޑައިގަތުމުން، ކިލެގެފާނު ބޮޑުވަޒީރުކަމަށް އިސްކުރެވުނެވެ. އެއީ 1903 ވަނަ އަހަރުއެވެ. އެފަހަރު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ގޮތަށް އެމަޤާމުގައި ދުނިޔެ ދޫކުރައްވަންދެން ހުންނެވިއެވެ.
ކަސްޓަމްސް އުފައްދަވައި އެކްސްޕޯޓު އިމްޕޯޓު ޑިއުޓީ ތަޢާރަފުކުރެއްވުމުގެ އިތުރުން، ޖައްރާފާއެއް ބިނާކުރައްވައި، އެއިން 1908 ވަނަ އަހަރު މާލޭ ފަޅު ކޮނެ ފުންކުރުމުގެ މަސައްކަތްވެސް ކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި ކޮށްފައިވެއެވެ. މިހުރިހާ ކަމަކާއެކުވެސް ކިލެގެފާނު އެންމެ ބޮޑަށް މަޝްހޫރުވާނީ މަޝްހޫރު ބޮޑުހުޅުގެ ހާދިސާގައި ބައިވެރިވެވަޑައިގަތްކަން ފަަޅާއަރައިގެން، އައްޑު އަޮތޮޅު ހުޅުދޫއަށް ދެމަހާއި ދުވަސްކޮޅަކަށް އަރުވައިލެއްވުނު ކަމުގައެވެ.
މި ލިއުމާއި ގުޅޭ