Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އދ. ގެ އާންމު މަޖިލީސް

އދ. ގެ އާންމު މަޖްލީހުގައި ރާއްޖެ ތަމްސީލުކޮށް އެންމެ ގިނައިން ވާހަކަ ދެއްކެވީ ކޮން ބޭފުޅެއް؟

ދިވެހިރާއްޖެ އދ. ގެ މެމްބަރު ޤައުމަކަށް ވީ 1965 ވަނަ އަހަރުގައެވެ. އަދި ނިއުޔޯކުގައި، ދިވެހިރާއްޖޭގެ ޕާމަނަންޓް މިޝަނެއް ހުޅުވުނީ 1976 ވަނަ އަހަރުގައެވެ.
ރާއްޖެ އދ. މެމްބަރު ޤައުމެއްގެ ގޮތުގައި މިހާރު 55 އަހަރު ވަނީއެވެ. މިވީ 55 އަހަރުގައި ވަރަށް ގިނަ ބޭފުޅުން ވަނީ އދ. ގެ އާންމު މަޖްލީހުގައި ރާއްޖެ ތަމްސީލުކޮށް ވާހަކަދައްކަވާފައެވެ. މިގޮތުން 2020 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 17 ބޭފުޅަކު ވަނީ އދ.ގެ އާންމު މަޖްލީހުގައި ރާއްޖެ ތަމްސީލުކޮށް ވާހަކަދައްކަވާފައެވެ.
ރާއްޖެއިން އެންމެ ފުރަތަމަ އދ. ގެ އާންމު މަޖްލީހުގައި ބައިވެރިވީ 1966 ވަނަ އަހަރުގައެވެ. އެ އަހަރު ރާއްޖޭގެ ފަރާތުން އެ މަޖްލީހުގައި ތަޤްރީރުކުރައްވާފައި ވަނީ އަހްމަދު ހިލްމީ ދީދީއެވެ. އެ ބޭފުޅާއަކީ އޭރު ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބެވެ. އޭގެ ފަހުން ދެ އަހަރު ތަޤްރީރު ކުރެއްވީ އަބްދުއް ސައްތާރު މޫސާދީދީއެވެ. ދެން އެފަހުން ދިވެހިރާއްޖެއިން ބޭފުޅަކު އދ. ގައި ތަޤްރީރު ކުރެއްވީ 1976 ވަނަ އަހަރުގައެވެ. އެ އަހަރު ރާއްޖެ ތަމްސީލު ކުރެއްވީ ކުރީގެ ރައީސް މައުމޫނެވެ. ނަމަވެސް މައުމޫން ރާއްޖެ ތަމްސީލު ކުރެއްވީ އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބުގެ ހައިސިއްޔަތުންނެވެ. އޭގެ ފަހުން ޖެހިޖެހިން 6 އަހަރު ރާއްޖެ ތަމްސީލު ކުރައްވައި ތަޤްރީރު ކުރެއްވީ ކުރީގެ ޚާރިޖީ ވަޒީރު އަލްމަރްހޫމް ފަތުހުﷲ ޖަމީލެވެ. 55 އަހަރުގައި މުޅި އެކު 25 އާންމު މަޖްލީހުގައި ފަތުހުﷲ ޖަމީލުވަނީ ރާއްޖެ ތަމްސީލުކޮށް ވާހަކަދައްކަވާފައެވެ.
ދެވަނައަށް އެންމެ ގިނައިން ވާހަކަ ދެއްކެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ. ރައީސް މައުމޫން ޖުމްލަ 9 ފަހަރު ރާއްޖެ ތަމްސީލުކޮށް ވާހަކަ ދެއްކެވިއިރު ރައީސްގެ ހައިސިއްޔަތުން 8 ފަހަރު ވާހަކަދައްކަޥާފައިވެއެވެ. ތިންވަނައަށް އެންމެ ގިނައިން ވާހަކަ ދައްކަވާފައި ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެމަނިކުފާނު ވަނީ ނައިބު ރައީސްގެ ހައިސިއްޔަތުން ދެ ފަހަރު، ރައީސް ގެ ގޮތުގައި އެއްފަހަރު އަދި ރައީސް ޔާމީންގެ ވެރިކަމުގައި ރައީސްގެ މަންދޫބެއްގެ ހައިސިއްޔަތުން 1 ފަހަރު ރާއްޖެ ތަމްސީލުކޮށް ވާހަކަ ދައްކަވާފައެވެ.
އދ. މެމްބަރު ޤައުމަކަށް ރާއްޖެ ވިފަހުން ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އދ. ގެ އާންމު މަޖްލީހުގައި ވާހަކަ ނުދައްކަވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމެވެ. އެންމެ ފަހުން ބޭއްވި އދ.ގެ އާންމު މަޖްލީހުގައި ރާއްޖެ ތަމްސީލުކޮށް ވާހަކަ ދެއްކެވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު އދ. ގައި ތަޤްރީރު ކުރައްވަން ވަޑައިގެންނެވީ ރާއްޖޭގެ ތާރީހުގައިވެސް އދ. އަށް ދިޔަ އެންމެ ބޮޑު ވަފުދާއި އެކުކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ