Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ލަންކާގައި ތައުލީމު ހާސިލުކުރައްވަން ހުންނެވި އިރު ރައީސް ނާސިރުގެ ރޫމްމޭޓަކީ ކޮންބޭފުޅެއްކަން އެނގޭތަ؟

ދިވެހިރާއްޖޭގެ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ރައީސް އިބްރާހިމް ނާސިރު، ލަންކާގައި ތައުލީމު ހާސިލު ކުރެއްވިއެވެ.
ނާސިރާއި އަދި އެހެނިހެން ދިވެހި ކުދިންތައްވެސް އޭރު އުޅެމުން ދިޔައީ ސޯސަންވިލާގައެވެ. ސޯސަންވިލާ އަކީ ލަންކާއަށް ކިޔަވަންދާ ދިވެހި ކުދިން ބޭތިއްބުމަށް ބޯޑިންއެއްގެ ގޮތުގައި ބޭނުން ކުރުމަށް ރައީސް މުހައްމަދު އަމީނު ބައްލަވައިގެންނެވި ގެއެކެވެ.
ނާސިރު ލަންކާގައި ތައުލީމު ހާސިލު ކުރެއްވި އިރު، ސޯސަންވިލާގައި ނާސިރާއި އެއްކޮޓަރި ކޮޅެއްގައި 2 އަހަރަށްވުރެ ގިނަ ދުވަހު ދިރިއުޅުއްވީ ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސްކަންވެސް ކުރެއްވި އަދި ދައުލަތަށް ގިނަގުނަ ހިދުމަތްތައް ކުރެއްވި އަލީ އުމަރު މަނިކެވެ. އަލީ އުމަރު މަނިކު، ވަނީ އެ ބޭފުޅާގެ ހަޔާތްޕުޅުގެ އެކިއެކި ކަންކަމާއި ބެހޭގޮތުން ލިޔުއްވާފައިވާ "އަޅުގަނޑުގެ ދުވަހު ފޮތް" މި ފޮތުގައި މިކަން ބަޔާން ކުރައްވާފައެވެ. އަދި އެންމެ ފުރަތަމަ ދުވަހު ރައީސް ނާސިރާއި ބައްދަލުވި ދުވަހު ކަންތައްތައް ކުރެއްވި ގޮތުގެ ވާހަކަވެސް ތަފްސީލުކޮށް ލިޔެފައިވެއެވެ.
މިގޮތުން އަލީ އުމަރު މަނިކު ވިދާޅުވެފައިވާ ގޮތުގައި، އެ ބޭފުޅާ ސޯސަން ވިލާއަށް ވަޑައިގެންނެވީ 1948 ވަނަ އަހަރުގައި ކަމަށާއި އޭރު ނާސިރަކީ އިސް ދަރިވަރެއް ކަމަށެވެ. އަދި އަލަށް އައި ދަރިވަރުން އިސް ދަރިވަރުންގެ ކޮޓަރިތަކަށް ބަހާލިއިރު އުމަރު މަނިކު ގެންދެވީ ނާސިރުގެ ކޮޓަރި ކޮޅަށްކަމަށް ވިދާޅުވެފައިވެއެވެ.އެންމެ ފުރަތަމަ އެ ކޮޓަރިކޮޅަށް ވެންނެވުމުން ނާސިރު ކަންތައް ކުރެއްވި ގޮތްވެސް އަލީ އުމަރު މަނިކު ލިޔުއްވާފައިވެއެވެ.
"އިރުކޮޅެއް ވަންދެން ބަސްފުޅެއް ވިދާޅުނުވެ އަޅުގަނޑާ ދިމާލަށް ކަޅިކައްސަވާ ނުވަލަވާ ބައްލަވަން ހުންނެވިއެވެ. އެއަށްފަހު ކޮޓަރީގެ ޤަވާއިދުތައް އަޅުގަނޑަށް ވިދާޅުވެދެއްވިއެވެ. އެނދު ތަންމަތި އެޅުމަށާއި، އަންނައުނު ރީތިކޮށް ފައްޖަހާފައި ބެހެއްޓުމަށާއި، ބޫޓު ޕޮލިޝް ކުރުމަށާއި، ފުރަތަމަ ރަނގަބީލު ޖެހުމާ އެކު ތެދުވަންޖެހޭނެ ކަމަށާއި، މިފަދަ އެތައް ކަމެކެވެ." އަލީ އުމަރު މަނިކު ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން އިސްދަރިވަރެއް ކަމުން ނާސިރަށް އިހުތިރާމު އަދާ ކުރައްވަން ޖެހިވަޑައިގަތް ކަމަށާއި، ނާސިރު، އަލީ އުމަރު މަނިކާއި ދޭތެރޭ މުއާމަލާތު ކުރެއްވި ގޮތުން އެ ނޫން އެހެން ގޮތެއް ވުމަށް ވިސްނާވަޑައިގެންފައި ނުވާކަން ދޭހަވިކަމަށް ވެސް އަލީ އުމަރު މަނިކު ވިދާޅުވެފައިވެއެވެ.
އަލީ އުމަރު މަނިކު ވިދާޅުވެފައިވާ ގޮތުގައި އެހާ ގިނަ ދުވަހު އެއް ކޮޓަރިއެއްގައި އުޅުއްވި ނަމަވެސް، ދެބޭފުޅުންގެ ދެމެދުގައި ވަރުގަދަ ގުޅުމެއް އޮތް ކަމަކަށް އެބޭފުޅާއަށް އިހުސާސެއް ނުކުރެއްވެއެވެ. ސަބަބަކީ ނާސިރަކީ ކަންކަމުގައި ތައުރީފުކޮށް ރަނގަޅަށް ކަމެއް ކުރެވުމުން ބުރަކަށީގައި ފިރުމާލައްވާ ބޭފުޅާކަށް ނުވާތީކަމަށް އަލީ އުމަރު މަނިކު ލިޔުއްވާފައިވެއެވެ.
އެހެން ނަމަވެސް ފަހުން ނާސިރުގެ ބޮޑުވަޒީރު ކަމުގައި އަދި ރައީސް ކަމުގައި، އަލީ އުމަރު މަނިކަށް ދައުލަތުގެ ގިނަގުނަ ޒިންމާތައް ހަވާލުކުރެއްވިއެވެ. އަދި ނާސިރުގެ ވެރިކަން ނިމެންދެންވެސް ނާސިރުގެ ވަރަށް ގިނަ ކަންކަމުގައި އަލީ އުމަރު މަނިކު ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.
މި ލިއުމާއި ގުޅޭ