Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ސިލިކަން ވެލީގެ މިވިޔަފާރިވެރިންނަށް ގޮއްފުޅަނގި މުސްތަޤުބަލުގެ ކުކުޅަށް ހެދިދާނެ ހެއްޔެވެ؟

ޓްރީނާ ޗިއަސަަންއާއި އޭނާގެ ވިޔަފާރި ބައިވެރިން އުފައްދާފައިވާ ކުންފުނި "އޮވިޕޯސްޓް"އަކީ ގޮއްފުޅަނގި އާލާކުރުމުގައި ސައިންސާއި ޓެކްނޮލޮޖީ ބޭނުންކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. ޓްރީނާ ބުނާ ގޮތުން އޭނާ މިދާއިރާއަށް މުޅިން އައުވާނެއެވެ. އޭނާ މިދާއިރާއަށް ވަނުމުގެ ކުރިން ގޮއްފުޅަނގި އާލާކުރުމުގެ މަސައްކަތްކުރި އެއްވެސް މީހަކު ނުދަނެއެވެ. އެކަން ކުރާ ގޮތެއްވެސް މާބޮޑަކަށް ނޭނގެއެވެ. ނަމަވެސް ޓްރީނާގެ އުންމީދަކީ ގޮއްފުޅަންގަކީ ގިނަ ބައަކަށް ކަމުދާ އެއްޗަކަށްވެ، ދެމެހެއްޓެނެވި ކާނާގެ ނިޒާމެއް ކަމުގައިވުމެވެ.
ކުކުޅާއި ގެރި ބަކަރި ގެންގުޅުމާއި ބެލެހެއްޓުމާއި ގިނަކޮށް އާލާކުރުމުގައި އިންސާނުންގެ ކިބާގައި އެތައް ހާސް އަހަރެއްގެ ތަޖުރިބާ އެބަހުރިއެވެ. މިދާއިރާގައި ޒަމާނީ އާލާތްތަކާއި އުކުޅުތައް ތަޢާރަފުވެ ބޭނުންކުރެވޭތާމަދުވެގެން 50 އަހަރު ފާއިތުވެދާނެއެވެ. ނަމަވެސް ގޮއްފުޅަނގި އާލާކުރުމަކީ މުޅިން އަލަށް ތަޖުރިބާކުރާ ކަމެކެވެ. މިހާރު ގޮއްފުޅަންގާއި އެނޫންވެސް އެކި ބާވަތުގެ ސޫފި އާލާކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ. މިބާވަތްތައް އާލާކުރާ ފަރާތްތަކުންދަނީ، ގެވެއްޓަށްޖަނަވާރު ހާނުވައި ގެންގުޅެ އާލާކުރުމުގެ ޞިނާޢަތާ އަރައި ހަމަކުރުމަށް މަސައްކަތްކުރަމުންނެވެ.
ގިނަ ފަހަރަށް މިމައުޟޫޢުގައި ދެކެވޭ ވާހަކައަކީ ގިނަ ބައެއްގެ ވިސްނުން ހުއްޓެނީ ސޫފީގެ ބާވަތްތައް އަގައަށް ލާން ކެރޭނެތޯ ނޫންތޯ ކުރެވޭ ސުވާލަށެވެ. ނަމަވެސް ސޫތްޕަކީ ގިނަ ބައެއްގެ ކެއުމުގައި ބޭނުންކުރެވޭ ބާވަތަކަށްވުމާއި ނުވުން ގުޅިފައިވަނީ ސޫފީގެ އަގާއި ބާޒާރުގައި ސޫފި ލިބެން ހުންނަ މިންވަރަކަށެވެ. އެކަން ބިނާވެފައި އޮންނާނީ ފަސްމަންޒަރުގައި ކުރެވޭ ޢިލްމީ އީޖާދީ މަސައްކަތެއްގެ މައްޗަށެވެ.
ސިލިކަން ވެލީއަކީ ދުނިޔޭގެ ޓެކްނޮލޮޖީ އުފެއްދުންތަކުގެ މައި އައްޑާއެކެވެ. އެތަނުން ނުކުތް ކުންފުންޏަކުން ފްލޮރިޑާގެ ރަށްފުށުން ގޮއްފުޅަނގި ދަނޑެއް ނުވަތަ އާލާކުރާ ތަނެއް ގަތުމަކީ ގިނަ ބައަކަށް ހައިރާންކަން ލިބުނު ކަމެކެވެ. ލޭޒީ އެޗް ނަމަކަށް ކިޔުނު މިދަނޑަކީ ނުވަތަ މަރުކަޒަކީ ގޮއްފުޅަނގި އާލާކުރުމުގެ މަސައްކަތް 30 އަހަރު ކޮށްފައިވާ ތަނެކެވެ. މިތަނުގައި އެކުންފުނިން ޓެސްޓުކުރަމުންދަނީ ގޮއްފުޅަނގި ގިނައިން އާލާކުރެވޭނެ ގޮތްތަކެވެ. އަދި އިންސާނުން ކެއުމަށް އެކަށީގެންވާ ގޮތުގައި ގޮއްފުޅަނގި އާލާކުރުމުގައި ސައިންސާއި ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދޭނެ މިންވަރެވެ. މިތަޖުރިބާތައް ނިންމައި، ފުރިހަމަކުރެވިއްޖެނަމަ، މިހާރު އިންސާނުންގެ ކެއުމަށް ގޮއްފުޅަނގި އާލާކުރާ ފަރާތްތަކުގެ ޢަދަދު އިތުރުކޮށް ގޮއްފުޅަންގަށް އޮތް ޑިމާންޑު އިތުރުކުރެވޭނެ ކަމުގައި ޓްރީނާ ދެކެއެވެ.
ކެއުމަށް ބޭނުންކުރާ ސޫފީގެ ބާޒާރުގެ ބޮޑުމިނަށް ބަލާއިރު، 155 މިލިއަން ޑޮލަރުގެ ބާޒާރެއް މިހާރު އެބަ އޮތެވެ. ނަމަވެސް އެއީ އިހުއްސުރެ ކެއުމަށް ބޭނުންކުރާ މަހުގެ ބާވަތްތަކުގެ ބާޒާރާ އަޅާ ބަލާއިރު އަދިވެސް ވަރަށް ކުޑަ ބާޒާރެކެވެ. ނަމަވެސް މިދާއިރާގައި ވުނަކުރާ (އިންވެސްޓްކުރާ) ފަރާތްތައް އިތުރުވެފައިވެއެވެ. ވުނޭރުން (އިންވެސްޓަރސް) އިތުރުވުމަށް މެދުވެރިވި އެންމެ މުހިއްމު އެއް ސަބަބަކީ އދ.ގެ ދަނޑުވެރިކަމާއި ކާނާއާ ބެހޭ ޖަމްޢިއްޔާއިން ނެރެފައިވާ ރިޕޯޓެއްގައި އިތުރުވަމުންދާ އިންސާނުންގެ އާބާދީއަށް ބޭނުންވާ ޕްރޮޓީން ލިބެނެވި ގޮތެއް ކަމުގައި ސޫފި އާލާކުރުން ހިމަނާފައިވުމެވެ.
"އޮވިޕޯސްޓް"ގެ ދަނޑުގައި ގޮއްފުޅަނގި އާލާކުރުމަށް ބޭނުންކުރަނީ އެންމެ ޒަމާނީ އާލަތްތަކެވެ. އެގޮތުން ގޮއްފުޅަނގި ބިސްއަޅާނެ މިންވަރުވެސް ޓެކްނޮލޮޖީގެ އެހީގައި ކޮންޓުރޯލުކޮށްފައިވެއެވެ. ގޮއްފުޅަނގި ގެންގުޅޭ ތަންތަން ސާފުކުރުމަށްވެސް ޚާއްޞަ ކުދި ވެކިއުމުތަކެއް ފަރުމާކޮށްފައިވެއެވެ. ގޮއްފުޅަނގީގެ ކެއުމަކީ ޕްރޮސެސްކޮށްފައި ހުންނަ އިންސާނުންގެ ކާނާއެވެ.
ސަރުކާރުގެ ހުއްދައާއެކު ސޫފި އާލާކުރުމުގެ މަސައްކަތްކުރާ ދަނޑުގެ ޢަދަދު އުޅެނީ 20 ދަނޑާއި 40 ދަނޑުގެ ދެމެދުގައެވެ. ނަމަވެސް ސޫފި އާލާކުރުމާ ގުޅޭ އެކި ބާވަތްތަކުގެ ޚިދުމަތްތައް ދިނުމަށް ޚާއްޞަ ވިޔަފާރީގެ ގޮތުގައި 540 ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވެއެވެ.
މި ލިއުމާއި ގުޅޭ