ލުއި ބާރުގެ މަފުހޫމުގެ މާނައަކީ ކޮބައިކަން އެނގޭތަ؟

ޙުސައިން އަފްޝަން 14 ޑިސެމްބަރު 2019 22:04
Flowers

ލުއި ބާރުގެ މަފުހޫމަކީ ބައިނަލްއަޤުވާމީ ގުޅުންތަކާއި ސިޔާސީ ޢިލްމުގައި ބޭނުންކުރެވޭ މަފުހޫމެކެވެ. އިނގިރޭސި ބަހުން ނަމަ މިމަފުހޫމަށް ކިޔޭ ނަމަކީ "ސޮފްޓް ޕަވަރ"އެވެ. މިމަފުހޫމުގެ މުރާދަކީ އިހުއްސުރެ ބާރުގެ ގޮތުގައި ސިޔާސީ ޢިލްމުގައި މާނަކުރެވޭ ބާރުގެ ވަސީލަތްތަކުގެ ބޭރުން ހުންނަ ބާރުތަކެވެ. އިހުއްސުރެ ދައުލަތްތަކުގެ މެދުގައި އޮންނަ ގުޅުމުގައި ދައުލަތްތަކުން ބަރޯސާވާ ބާރުތަކަށް ހާރޑް ޕަވަރ ނުވަތަ ހަރު ބާރުތަކޭވެސް ކިޔެއެވެ. މިދެބާވަތުގެ ބާރުވެސް ބޭނުންކުރަނީ އެހެން ޤައުމުތަކަށް އަސަރުފޯރުވުމަށެވެ. އެހެން ޤައުމުތަކުގެ ސިޔާސަތާއި ސަގާފަތާއި އެނޫންވެސް ކަންކަމަށް ނުފޫޒުފޯރުވައި އަސަރުފޯރުވުމަށްޓަކައި މިދެބާވަތުގެ ބާރުވެސް މިހާރު ދައުލަތްތަކުން ބޭނުންކުރަމުންދެއެވެ. 

މިމުޞްޠަލަޙު އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ 1980އިގެ ފަހުކޮޅުގައި އެމެރިކާއަށް ނިސްބަތްވާ ސިޔާސީ ޢިލްމުވެރިއެއް ކަމުގައިވާ ޖޯސެފް ނައިއެވެ. އޭނާ މިމަފުހޫމު ބޭނުންކޮށްފައިވާ މުރާދަކީ އޮބިއެޅުމަކާ ނުލައި އެހެން ދައުލަތެއްގެ ކިބައިން ބޭނުންވާ ކަންކަން ޙާޞިލުކުރުމުގައި ދައުލަތަކަށް ލިބިގެންވާ ބާރެވެ. މިސާލަކަށް އެމެރިކާއަށް ބަލަމާ ހެއްޔެވެ؟ ޤައުމުތަކުގެ އެތެރޭގައި އެމެރިކާގެ އަޢުވާނުން ނުވަތަ އެކުވެރިން ހޯދަން އެމެރިކާއަށް ވަރަށް ފަސޭހައެވެ. އެއީ އެމެރިކާގެ ލުއި ބާރުގެ ސަބަބުންނެވެ. ޤައުމެއްގެ ދާޚިލީ ކަންކަމުގައި ބަސްބުނަން ބޭނުންވާ ޙާލަތުގައި ނުވަތަ އެމެރިކާ ބޭނުންވާ ގޮތަކަށް އެޤައުމެއްގެ ކަންކަން ބަދަލުކޮށްލުމަށް ބޭނުންވެއްޖެ ދަނޑިވަޅެއްގައި އެއްކަލަ އަޢުވާނުންނާއި މަދަދުގާރުންގެ އެހީ އެމެރިކާއަށް ލިބޭނެއެވެ. 

އިތުރަށް މިމަފުހޫމު ތިލަކޮށްދިނުމުގެ ގޮތުން އެމެރިކާގެ ލުއި ބާރުގެ މިސާލަކާއި އަވައްޓެރި އިންޑިޔާގެ ލުއި ބާރުގެ މިސާލެއް ދަންނަވައިލާނަމެވެ. އެމެރިކާގެ އެންމެ ބޮޑު އެއް ލުއި ބާރަކީ އެމެރިކާގެ ފިލްމީ ޞިނާޢަތެވެ. އެޞިނާޢަތުން އުފައްދާ ސަގާފީ އުފެއްދުންތަކެވެ. އެގޮތުން އެމެރިކާގެ އަގުކުރުންތަކާއި ސަގާފަތާއި އިޖުތިމާޢީ ޤަބޫލުކުރުންތައް އެހެން ޤައުމުތަކަށް އެތެރެކުރަނީ، ބަޑިއާއި ރޮކެޓުން މަގު ސާފުކޮށް އަންދައިގެންނެއްނޫނެވެ. އަމިއްލަ ރުހުމުގައި، އިޚުތިޔާރުގައި ޓީވީ ހުޅުވައިގެން އަޅުވާ ފިލުމާއި ސިލްސިލާތަކާއި، އަމިއްލައަށް ކިޔަން ބޭނުންވެގެން ގަންނަ ވާހަކަ ފޮތްތަކާއި ނާވިލުތައް މެދުވެރިކޮށެވެ. 

އެމެރިކާގެ ފެޝަނާއި އެމެރިކާގެ އިޖުތިމާޢީ ދިރިއުޅުން އަޅުގަނޑުމެންގެ ޒުވާނުންނަށް ކަމުދަނީ މިދެންނެވި ތަފާތު ވަސީލަތްތަކުގެ އެހީގައި އެއީ އެންމެ މޮޅު ގޮތް ކަމުގައި އެކުދިންނަށް ވިސްނައިދެވޭތީއެވެ. އަދި އެމެރިކާގެ ބޮލީވުޑަކީ ވަރަށް ބޮޑަށް ކަނާތު ފިޔައިގެ ޢަލްމާނީ މާއްދީ ފިކުރަށް ހުސްވެފައިވާ ޞިނާޢަތެއް ކަމުގައިވާތީ އެޞިނާޢަތުގެ އުފެއްދުންތަކުން އެމެރިކާގެ ބޮޑު ތަހައްފުޒީ (ކޮންޒަރވޭޓިވް) އަދި ނަޞާރާ އާބާދީގެ އަގުކުރުންތަކެއް، އަދި ދިރިއުޅުމުގެ ވައްޓަފާޅިއެއްވެސް ނުފެނެއެވެ. 

އެމެރިކާއިން ލުއިބާރު ބޭނުންކުރުމަށް ބޭނުންކުރާ ހަމައެކަނި އުކުޅަކީ ނުވަތަ އާލަތަކީ އެޤައުމުގެ މުނިފޫހިފިލުވުމުގެ ޞިނާޢަތެއް ނޫނެވެ. ނަމަވެސް އެޤައުމުން ޤާއިމުކޮށްފައި ހުންނަ ބައެއް ކަހަލަ މަރުކަޒުތައް ބޭނުންކޮށްގެން އެމެރިކާއިން އެއީ އެންމެ ރަނގަޅު އަގުކުރުންތަކުގެ ގޮތުގައި ޤަބޫލުކުރާ އަގުކުރުންތަކާއި ވިސްނުންތައް ފަތުރައެވެ. އެއީ އެމެރިކަން ސެންޓަރ ފަދަ މަރުކަޒުތަކެެވެ. 

ދެން އޮތީ އިންޑިޔާގެ ލުއި ބާރެވެ. އިންޑިޔާގެ ލުއި ބާރުގެ ވަރަށް ބޮޑު އެއް ބައަކީ އިންޑިޔާގެ ފިލްމީ ޞިނާޢަތް ނުވަތަ ބޮލީވުޑެވެ. އިންޑިޔާގެ ފިލްމުތަކާއި ސިލްސިލާ ޑުރާމާތަކާއި ލަވައަކީ އެޤައުމުގެ ސަގާފަތާއި ބަސް އެހެން ޤައުމުތަކުގެ ތެރެއަށް ފޮނުވައި އެޤައުމާ ގާތްކަން ޤާއިމުކުރުމަށް ބޭނުންކުރެވޭ ހަތިޔާރުތަކެވެ. އިންޑިޔާއިންވަނީ އެޤައުމުގެ ޔޯގާއަކީވެސް ބައިނަލްއަޤުވާމީ ފެންވަރުގައި މަޤުބޫލު އޮއިވަރަކަށް ބަދަލުވުމާއެކު، އެއީ އެޤައުމަށް ލިބިފައިވާ ލުއިބާރަކަށް ބަދަލުކޮށްފައެވެ. އަދި އެއާއެކު އިންޑިޔާގެ ކެއުންތަކަކީވެސް އެޤައުމުގެ ލުއި ބާރެކެވެ. ނަމަވެސް މިބާރުތައް އެންމެ އެކަށީގެންވާ ގޮތުގައި އިންޑިޔާގެ ޚާރިޖީ ސިޔާސަތުގައި ބޭނުންކުރެވޭ ކަމާމެދުގައި މާހިރުން ސުވާލު އުފައްދަަވައެވެ. 

އިންޑިޔާގެ ޚާރިޖީވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރު ސަޝީ ތަރޫރު ޓެޑް ޓޯލްކްސްގައި ދެއްވާފައިވާ ތަޤުރީރެއްގައި އިންޑިޔާގެ ސޮފްޓް ޕަވަރ ނުވަތަ ލުއި ބާރު ތަރައްޤީކޮށް ކުރިއަރުވައި، އޭގެ ބޭނުން އިތުރަށް ހިފުމަށްޓަކައި އެދާއިރާގައި ދައުލަތުން އިންވެސްޓުކޮށް ވުނަކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައިވެއެވެ. މިމުޞްޠަލަޙު އުފެއްދެވި ޖޯސެފް ނައި ލިޔުއްވާ ގޮތުގައި ލުއި ބާރު އެންމެ މުހިއްމުވަނީ ޒަމާނުއްސުރެ ބާރުގެ އާލަތްތަކުގެ ގޮތުގައި ބެލެވޭ އާލާތްތައް މަދު ނުވަތަ އުނި ޤައުމުތަކަށެވެ. އިޤުތިޞާދީ ގޮތުންނާއި ޢަސްކަރީ ގޮތުންނާއި އާބާދީގެ ގޮތުން އެހެން ދައުލަތްތަކާ ވާދަކުރުމުގެ ބާރު ކުޑަ ޤައުމުތަކަށް ލުއި ބާރަކީ ބައިނަލްއަޤުވާމީ ގުޅުންތައް ބައްޓަންކުރުމުގައި މުހިއްމު މަފުހޫމެއް އަދި އެހާމެ ބޭނުންތެރި އާލަތެއްގެ ގޮތުގައި އޭނާ ޞިފަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު