އެނގޭތަ: ފަރުތަކުގެ މުރަކައިގެ އަޑަށް މަސް ފަރަށް ޖަމާވާކަން؟

އިބްރާހިމް އާދަމް 2 ޑިސެމްބަރު 2019 18:43
Flowers

ނޭޗަރ ކޮމިނިކޭޝަންސް ކިޔުނު ޖާނަލެއްގައި ޝާއިޢުކޮށްފައިވާ ދިރާސީ ކަރުދާހެއްގައި ބަޔާންކޮށްފައިވާ ގޮތުގައި ހީނަރުވަމުން ނެތެމުންދާ ފަރުތަކުން، ދިރުންހުރި ޞިއްޙަތު ރަނގަޅު ފަރުގެ އަޑު އިއްވުމުން، އެއަޑަށް ޅަ މަސްތައް ޝައުޤުވެރިވެ، އެފަރަށް މިސްރާބުޖަހައެވެ. މިމަޢުލޫމާތަކީ މަރުވަމުން ހީނަރުވަމުންދާ ފަރުތަކަށް ދިރުން ލިބުމުގެ އުންމީދު އާކޮށްދޭ ޢިލްމީ ހޯދުމެއް ކަމުގައި މިޚަބަރު ޝާއިޢުކޮށްފައިވާ ޢިލްމީ ވެބްސައިޓުތަކުގައި ލިޔެފައިވެއެވެ.

މިދިރާސާއަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބްރިސްޓަލާއި، ޔުނިވަރސިޓީ އޮފް އެކްސެޓަރ އަދި އޮސްޓްރޭލިއާގެ ޖޭމްސްކުކް ޔުނިވަރސިޓީގެ އިތުރުން އެޤައުމުގެ އޮސްޓްރޭލިއަން އިންސްޓިއުޓު އޮފް މެރިންސައިންސްގެ ސައިންސްވެރިންގެ މައްޗަށް އެކުލެވޭ ބައިނަލް އަޤުވާމީ ޓިމަކުން ކޮށްފައިވާ ދިރާސާއެކެވެ. އަދި މިދިރާސާ ކުރި ޓީމުން ބުނެފައިވާ އަޑު ބޭނުންކޮށްގެން ފަރުތަކަށް ދިރުން ގެނައުމުގެ މިއާލަތަކީ މަރުވަމުންދާ ފަރުތައް ރައްކާތެރިކުރުމަށް މުހިއްމު އާލަތެއް ކަމުގައިވާނެ ކަމުގައެވެ.

މިދިރާސާ ހަދާފައިވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އޮސްޓްރޭލިއާގެ ގްރޭޓް ބެރިއަރ ރީފުގައި ސައިންސްވެރިންގެ ޓީމުން ހިންގި ދިރާސާގައި ލައުޑު ސްޕީކަރުތަކެއް ބޭނުންކޮށްގެން، ދިރުންހުރި ރަނގަޅު ފަރުތަކުގެ އަޑު އިއްވާފައިވެއެވެ. އެއަޑު އިއްވުމުން ޢާންމުކޮށް އެފަރުގައި ދިރިއުޅޭ މަހަށްވުރެ ގިނަ މަސް އެތަނަށް ޖަމާވެފައިވާކަން، އަދި އެތަނުގައި ތިބިކަންވެސް ދަނެގަނެވިފައިވެއެވެ.

މިދިރާސާ ތައްޔާރުކުރި ޢިލްމުވެރިންގެ ޓީމުގެ އެންމެ އިސްކޮށް ހުންނެވި އެކްސްޓަރ ޔުނިވަރސިޓީގެ ސައިންސްވެރިޔާ ޓިމް ގޯރޑަން ވިދާޅުވެފައިވަނީ މުރަކަ ފަރުތަކުގެ ދިރުމަށް މަހަކީ ކޮންމެހެންވެސް ބޭނުންތެރި ޢުންޞުރެއް ކަމުގައެވެ. އަދި މިދިރާސާއިން ހޯދިފައިވާ ގޮތް ބޭނުންކޮށްގެން ފަރުގައި ދިރިއުޅޭ މަހުގެ ޢަދަދު އިތުރުކުރުމަކީ އެއީ މަރުވަމުން ހީނަރުވަމުންދާ ފަރުތަކުގެ ދިރުން އިތުރުކުރެވޭނެ ގޮތެއް ކަމުގައިވެސް ގޯރޑަން ވިދާޅުވިއެވެ. މިއުސްލޫބުގެ އަސާސަކީ ފަރުތައް ހީނަރުވުމުގެ ކުރިން ފަރުތަކުން އިވޭ އަޑުތައް އިއްވައި، އެފަރުތަކަށް މަސް ޝައުޤު އުފެއްދައިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު