ވިހި އަހަރުގެ ދިރާސާއަށް ފަހު: ގިނަ ދުވަހު ދެމިހުންނަ، ތިލަފަތް ހަމަ ރަހަތަކާއެކު މުޅިން އައު އާފަލެއް!

ހަޔާ ޔޫސުފް
Flowers

ތިބާއަށް ފެހި ގްރެނީ ސްމިތު އާފަލުގައި ހުންނަ ހުތްކަން ތަޙައްމަލުކުރަން އުދަގޫނަމަ، ނުވަތަ ގަލަސް އާފަލުގެ ފޮނިކަން ތިބާއަށް ކަމުނުދާނަމަ، މިމަސްތެރޭގައި އެމެރިކާގެ ބާޒާރަށް ތިބާއަށް އެންމެ ކަމުދާނެ އާފަލު ނެރޭނެއެވެ. އެއާފަލަކީ ހުތްކަމާއި ފޮނިކަން އެންމެ ރަނގަޅު ހެޔޮވަރަށް އެކުލެވޭނެ އާފަލެއް ކަމުގައި ޚަބަރުފަތުރާ ވަސީލަތްތަކުން މަޢުލޫމާތު ލިބެއެވެ.

"ކޮސްމިކް ކްރިސްޕް" އާފަލަކީ ގާތްގަނޑަކަށް ދިހަ އަހަރަށްވުރެ ގިނަ ދުވަސް އުފެއްދުމުގައި ހޭދަވެފައިވާ އާފަލެކެވެ. މިއާފަލު އުފައްދައި އުފަންކުރުވައި ބޮޑުކޮށްފައިވަނީ އެމެރިކާގެ ވޮޝިންޓަން ސްޓޭޓް ޔުނިވަރސިޓީގެ ގަހާއި މޭވާ އުފަންކުރުވާ ޕްރޮގުރާމުންނެވެ. މިއާފަލަކީ އެންޓަރޕްރައިސް އާފަލާއި ހަނީ ކްރިސްޕު އާފަލު ޖޯޑުކޮށްގެން އުފައްދާފައިވާ އާފަލެކެވެ.

މިއާފަލު އުފެއްދި ފަރާތްތަކުން ބުނާ ގޮތުގައި މިއާފަލަކީ ހަރު އަދި މުރަނަ އާފަލެކެވެ. އަދި މިއާފަލުގެ ރަހައަކީ ތިލަފަތް ހަމަ ރަހައެކެވެ. އޭގައި ފޮނިރަހައާއި ހުތް ރަހައިގެ މެދުގައި ތިލަފަތް ހަމަކޮށްފައިވަނީ އެއްވެސް ރަހައެއް އަނެއް ރަހައިގެ މައްޗަށް ގަދަވެނުގަންނާނެ ގޮތަކަށް ކަމުގައިވެސް މިއާފަލު އުފެއްދި ފަރާތްތަކުން ބުނެއެވެ.

އަދި މިއާފަލުގެ ވެބްސައިޓުގައި ބުނެފައިވަނީ މިއާފަލު ބޭނުންކޮށްގެން ފޮނިކާތަކެތި ތައްޔާރުކުރާއިރު، ހަކުރު ބޭނުންކުރާ މިންވަރު މަދުކުރެވޭނެ ކަމުގައެވެ. އެއީ މިއާފަލުގައި އެކުލެވޭ ޠަބީޢީ ހަކުރުގެ ނިސްބަތް މަތިވީމައި ކަމުގައިވެސް އެވެބްސައިޓުގައި ބުނެފައިވެއެވެ. އަދި މިބާވަތުގެ އާފަލު ގިނަ ދުވަހު ތާޒާކަންމަތީ ދެމިހުންނާނެ ކަމުގައިވެސް މިއާފަލު އުފެއްދި ފަރާތްތަކުން ބުނެއެވެ. އެގޮތުން އައިސަލަމާރީގައި 32 ޑިގުރީގެ ފިނިކަންމަތީގައި މިއާފަލުގެ އެކުލެވުމަށް އަދި ރަހައަށް އެއްވެސް ބަދަލެއް ނައިސް 10 މަސް ހުންނާނެ ކަމުގައި މިއާފަލު އުފެއްދި ފަރާތްތަކުން ބުނެއެވެ.

އަދި މިއާފަލު ކޮށުމަށްފަހު އޭގެ ކުލަ ބަދަލުވާނީ އެހެން އާފަލުތަކުގެ ކުލަ ބަދަލުވާ ދުވެއްޔަށްވުރެ ލަސް ދުވެއްޔެއްގައެވެ. އެކަމުގެ ސަބަބަކީ މިއާފަލުގެ އެސިޑިޓީ އެހެން އާފަލުތަކަށްވުރެ ބޮޑުވުމެވެ. މިއިން ކޮންމެ އާފަލެއްގައި އެކުލެވޭނެ ކަމުގައި އަންދާޒާކުރެވެނީ 72 ކެލޮރީސްއެވެ.

މިއާފަލަށް ކޮސްމިކް ކްރިސްޕް މިނަން ދީފައިވަނީ މިއާފަލުގެ ތޮށިގަނޑުގައި ހުންނަ ތަރިތަކާ އެއްގޮތް ބައްޓަމަށް ނިސްބަތްކޮށްފައެވެ. މިއާފަލު އުފެއްދި ފަރާތްތަކުން ބުނާ ގޮތުގައި އެބައްޓަންތައް ރަމްޒުކޮށްދެނީ ކޮސްމޯސް ނުވަތަ ކާއިނާތެވެ. މިއާފަލުގެ ދަނޑުވެރިކަން ސެޕްޓެންބަރުން ފެށިގެން އޮކްޓޯބަރުގެ މެދަކާ ހަމައަށް ކުރިއަށް ގެންގޮސްފައިވާނެއެވެ. ދަނޑުވެރިން އެއާފަލު ބިނުމަށްފަހު ދުވަސްކޮޅަކު ރައްކާކޮށް ބެލެހެއްޓުމަށްފަހު އެމެރިކާގެ ފިހާރަތަކަށް ފޮނުވާނީ މިމަހުގެ 1ވަނަ ދުވަހުން ފަށައިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު