މިއަދަކީ ފަލަސްޠީނު ރައްޔިތުންނާ ބައިވެރިވުމުގެ ބައިނަލްއަޤުވާމީ ދުވަސް

ޝިފްޒާން އަހްމަދު
Flowers
ފޮޓޯ: ޓުވިޓަރ

ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 29ވަނަ ދުވަހަކީ ފަލަސްޠީނު ރައްޔިތުންނާ ބައިވެރިވުމުގެ ބައިނަލްއަޤުވާމީ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އދ.އިން ކަނޑައަޅާފައިވާ ދުވަހެކެވެ. މިއަދަކީ މިއަހަރުގެ ނޮވެންބަރު 29ވަނައަށްވީ ދުވަހެވެ. 

މިދުވަސް ފާހަގަކުރުމަށް އެންމެ ފުރަތަމަ ފާސްވީ 1977ވަނަ އަހަރުގައެވެ. އެއަހަރުގައި އދ.ގެ ޢާންމު މަޖިލިހަށް ހުށަހަޅައި އެމަޖިލިހުގެ ޤަރާރަކުން އެދުވަސް ފާހަގަކުރަން ފާސްވިއެވެ. އެދުވަސް ފާހަގަކުރުމަށް ޤަރާރު ފާސްކޮށްފައިވަނީ 1977ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ދެވަނަ ދުވަހުއެވެ. މިޤަރާރުގެ ނަންބަރަކީ 32/40 B އެވެ.

ފަލަސްޠީނު ރައްޔިތުންނާ ބައިވެރިވުމުގެ ބައިނަލްއަޤުވާމީ ދުވަހެއް ފާހަގަކުރަނީ 1945ވަނަ އަހަރުގައި ފަލަސްޠީނު ބައިކޮށް، އެޤައުމުގެ ފަސްގަނޑުގައި ޞިހުޔޫނީ ދައުލަތް އުފެއްދި ދުވަސް ހަދާން ކުރުމުގެ ގޮތުންނެވެ. އެގޮތުން ފަލަސްޠީނު ބައިކުރުމަށް ހުށަހެޅުނު ޤަރާރު އދ.ގެ ޢާންމު ބައްދަލުވުމުން ބަލައިގަނެފައިވަނީ 1945ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 29ވަނަ ދުވަހުއެއެވެ. މިޤަރާރަކީ މަޝްހޫރު 181ވަނަ ޤަރާރެވެ. މިޤަރާރަކީ ފަލަސްޠީނުގައި އޮތް އިނގެރޭސި ވެރިކަން ނިމުމަކަށް އައުމާއެކު، ފަލަސްޠީނުގެ ބިމުގައި ދެދައުލަތް އުފެއްދުމަށް ހުށަހަޅާފައިވާ ޤަރާރެކެވެ.

މިޤަރާރުގައިވާ ގޮތުގެ މަތިން ފަލަސްޠީނުގެ ބިމުގައި އޮތް އިނގެރޭސި ވެރިކަން ނިމުމާއެކު އެބިމުގައި ޔަހޫދިންނަށް ވަކި ދައުލަތެއް އަދި ޢަރަބިންނަށް ވަކި ދައުލަތެއް އުފައްދަންޖެހެއެވެ. އަދި ޤުދުސްގެ ކަންކަން ބެލެހެއްޓުމަށް ޚާއްޞަ ބައިނަލްއަޤުވާމީ އުޞޫލުތަކެއްވެސް މިޤަރާރުގައި އެކަށައަޅާފައިވެއެވެ.

އދ.ގެ ޢާންމު ބައްދަލުވުމުގައި މިޤަރާރު ފާސްކުރުމާއެކު، ފަލަސްޠީނު ބިމުގައި ހަނގުރާމައިގެ ހުޅުގަނޑު ފަޅައިގެން ދިޔައެވެ. އަދި މިޒަމާނާ ހަމައަށްވެސް އެއްވެސް ހައްލެއް ލިބިފައިނުވާ ޢަރަބި އިސްރާއީލު މައްސަލަ އުފެދިގެން އައެވެ. މިހަނގުރާމާގައި އިސްރާއީލަށް މިއެއްބަސްވުމުގައި ކަނޑައެޅުނު ބޯޑަރުތައް ފަހަނައަޅާއި ފަލަސްޠީނުގެ އިތުރު އެތައް ބިމެއް އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވެއެވެ. އަދި އެތައް މިލިއަން ޢާއިލާއެއް އަމިއްލަ ބިމާއި ވަޠަން ދޫކޮށް ހިޖުރަކުރަން މަޖުބޫރުކުރުވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު