Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ފާރަކުން ދެފަޅިވެފައިވާ ޖަރުމަނު ރަށެއް

މޫޑްލަރައިޓަކީ ޖަރުމަނުގެ ރަށްތަކުގެ ތެރެއިން ދަޑުވެރި ކުޑަކުޑަ ރަށެކެވެ. ބާލިންއާއި މިއުނިކުގެ މެދަށްވާ ކަހަލަ ގޮތަކަށް އޮންނަ ޖަރުމަނު ރަށްފުށުގެ މިރަށަކީ 50 ވަރަކަށް މީހުން ދިރިއުޅޭ ކުޑަ ރަށެކެވެ. ނަމަވެސް މިރަށަށް ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔެއް ޒިޔާރަތްކުރެއެވެ.
މިރަށަށް އަންނަ ކޮންމެ މީހަކަށްވެސް ހަމަ ރަށަށް ފެއިބުމާއެކު، މިރަށް އެހައި މަޤުބޫލު މަންޒިލަކަށްވާ ސަބަބު ދެނެގަނެވޭނެއެވެ. މިރަށުގައި ހުންނަ 100އެއްހައި ގޭގެ ތެރޭގައި މެދަށްވާ ކަހަލަ ގޮތަކަށް އޮންނަނީ 100 މީޓަރުގެ ދިގުމިންހުރި ގުގުރެޓު (ކޮންކްރީޓް) ހުދު ފާރެކެވެ. މިފާރަކީ ޖަރުމަނު ދެބައިވެފައި އޮތް ޒަމާނުގައި، ހުޅަނގު ޖަރުމަނާއި އިރުމަތީ ޖަރުމަނު ވަކިކުރުމަށް ބިނާކޮށްފައިވާ ބޮޑު ފާރުގެ ބައެކެވެ. އެމެރިކާގެ ކުރީގެ ރައީސް ރޮނާލްޑް ރޭގަންގެ ތަޤުރީރުގައި އެފާރެއް ކުދިކޮށް ކޮށައިލުމަށް ގޮވައިލެއްވި މަޝްހޫރު ބަރލިން ވޯލާ ވަކިން އޮތް ޖަރުމަނު އެތެރެވަރީ ބޯޑަރުގެ ބައެކެވެ.
1949ވަނަ އަހަރުން ފެށިގެން ޖަރުމަނު ދެފަޅިވެފައި އޮތް އިރު ޖަރުމަނުގެ އެތެރޭގައި ދެޖަރުމަނު ވަކިކުރުމަށް އަޅާފައިވާ ބޯޑަރަކީ ދިގުމިނުގައި 1400 ކިލޯމީޓަރުގެ ދިގުމިންހުރި ބޯޑަރު ފާރަކުން އިންކުރެވިފައިވާ ބޯޑަރެކެވެ. މިބޯޑަރުގެ ރައްކާތެރިކަމަށް ބިނާކޮށްފައިވާ ކަންކަން މަޑުމަޑުން ލިހެވެން ފެށުނީ 1989ވަނަ އަހަރުން ފެށިގެންނެވެ. މިބޯޑަރު ފާރު ދަތުރުކޮށްފައިވަނީ މޫޑްލަރައިޓުގެ މެދުންނެވެ. މާނައަކީ އެއިރު މިކުޑަ ރަށުގެ އެއްބައި އޮތީ ސޯވިއެޓު އިރުމަތީ ޖަރުމަނުގައެވެ. އަނެއް ބައި މިއޮތީ ރައުސުމާލީ (ކެޕިޓަލިސްޓް) ހުޅަނގު ޖަރުމަނުގައެވެ.
މިރަށުގެ މެދުގައިވާ ފާރަކީ މިހާރު އެރަށުގެ މިއުޒިއަމްގެ ބައެކެވެ. އަދި އެފާރާއި ގުޅިފައިވާ ނަރު ފެންސާއި ފާރަވެރިވުމަށް ބިނާކޮށްފައިވާ ޓަވަރާއި އަލުން ބިނާކޮށްފައިވާ ވަރުގަދައަށް ހިމާޔަތްކުރެވިފައިވާ ހުރަހަކީވެސް އެމިއުޒިއަމުގެ ބައިތަކެވެ. އެރަށަށް އަދިވެސް ކުޑަ ބާރލިންއޭ ކިޔެއެވެ. މިހައިރު އެރަށުގައި ހަރަކާތްތެރިވަނީ ހަތިޔާރު އެޅި ޢަސްކަރީ ފާރަވެރިންނެއް ނޫނެވެ. ކެމެރާތަކާއި ފޯނުތައް ހިފައިގެން އަންނަ ފަތުރުވެރިންނެވެ. ނަމަވެސް މުޅިން ތަފާތު ދެސިޔާސީ ފަލްސަފާއަކާއި، އިޤުތިޞާދީ ދެނިޒާމެއްގެ މެދުގައި މިކުޑަ ރަށް ދެފަޅިއަށް ކެފިގެން ދިޔަ ގޮތަކީ ވަރަށް ތަފާތު ތާރީޚީ ފިލާވަޅެކެވެ.
1945ވަނަ އަހަރުގައި ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިން ޖަރުމަނުން ބަލިވުމާއެކު، ޖަރުމަންވިލާތް ހަތަރު ބައަށް ބަހައިލެވުނެވެ. އެއީ ސޯވިއެޓު ރަޝިޔާއަށް ބައަކާއި، އެމެރިކާ، ފުރާންސް އަދި އިނގެރޭސިވިލާތުންކުރެ ކޮންމެ ޤައުމަކަށް ބައެކެވެ. ބާރލިން ބަހައިލީ ރާވައި ހިސާބުކޮށްގެން ކަމުގައިވީނަމަވެސް މޫޑްލަރައިޓު ބެހިގެންދިޔައީ އެފަދައަކުން ނޫނެވެ. ރަސްމީކޮށް ހިސާބުކޮށް ބެހި ބެހުންތައް ތަންފީޒުކުރުމުގެ ތެރޭގައި މިކުޑަ އަވަށްވެސް ކަފިވެ ބެހުނީއެވެ. 1949ވަނަ އަހަރުގައި އަލަށް އިރުމަތީ ޖަރުމަނާއި ހުޅަނގު ޖަރުމަނު އުފަންވުމާއެކު އަނެއްކާވެސް އެދެދައުލަތުގެ ބޯޑަރު ކުރަހައިލަން ޖެހުނެވެ. މިފަހަރު ނިމުނުއިރު އަނެއްކާވެސް މޫޑްލަރައިޓު ފަޅިވެގެން ދިޔައީއެވެ. އިރުމަތީ ޖަރުމަނުން ގިނަ ޢަދަދެއްގެ ބަޔަކު ހުޅަނގު ޖަރުމަނަށް ހިޖުރަކުރަން ފެށުމުން، 1952ވަނަ އަހަރު ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރިއެވެ. ނަރުދަލު ފެންސާއި، 10 މޭލުގެ ހަންމަތަ ސަރަހައްދެއްވެސް ހަމަޖެހުނެވެ.
ނަމަވެސް ހިޖުރަކުރުން ކުރިއަށް ގޮސް ދެޖަރުމަނުގެ މެދުގައި އޮތް ގުޅުން އިތުރަށް ހީނަރުވާން ފެށުމާއެކު، އިރުމަތީ ޖަރުމަނުން ފާރެއް ބިނާކުރަން ފެށިއެވެ. އެފާރު ބިނާކުރުން ފުރިހަމަވީ 1966ވަނަ އަހަރުގައެވެ. މޫޑްލަރައިޓަކީ ބައެއް މުއައްރިޚުން ވިދާޅުވާ ގޮތުގައި ބޯޑަރުގެ ސަރަހައްދުތަކުގެ ތެރެއިންވެސް އާދަޔާ ޚިލާފަށް ރައްކާތެރިކުރެވިފައިވާ ސަރަހައްދެއް ކަމުގައެވެ. މިފާރު ބިނާކޮށްފައިވަނީ ޖަރުމަނު އެތެރޭ ބޯޑަރު ވަރުގަދަކުރުމުގެ ގޮތުންނެވެ. މިފާރުގެ ސަބަބުން ބާލިންއެކޭ އެއްފަދައިން މޫޑްލަރައިޓު ދެފަޅިވީއެވެ. އެސަބަބަށްޓަކައި މިރަށަށް "ކުޑަ ބާރލިން"ގެ ނަން ހަރުކުރީ އެމެރިކާ ސިފައިންނެވެ.
ބޯޑަރުން މޫޑްލަރައިޓުގެ ދެފަޅި ވަކިވެފައި އޮތް ދުވަސްވަރު އިރުމަތީ ޖަރުމަނަށް އޮތް ފަޅީގައި އޮތީ ދާއިމީ ކާރފިއުއެކެވެ. އެފަޅި އޮތީ ދުނިޔެއަށް ބަންދުކުރެވިފައެވެ. ހުޅަނގު ޖަރުމަނަށްވީ ފަޅި އޮތީ މުޅި ދުނިޔެއަށް ހުޅުވިފައެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯރޖް އެޗް.ޑަބްލިއު ބުޝްވެސް މިސަރަހައްދަށް ޒިޔާރަތްކުރެއްވިއެވެ. އެއީ 1983ވަނަ އަހަރުއެވެ. އެސަރަހައްދުން ބޯޑަރު އުވައިލައި ފާރުނެގުމާ ގުޅިގެން އެރަށުގެ އަހުލުވެރިންނަށް މަރުހަބާގެ މެސެޖެއްވެސް 1989ގައި އޭނާ ފޮނުއްވިއެވެ.
ނޯޓޫ: މަޢުލޫމާތާއި ފޮޓޯގެ މަޞްދަރަކީ ބީބީސީ
މި ލިއުމާއި ގުޅޭ