މިޞްރަށް ޒިޔާރަތްކުރާނަމަ، ކޮންމެހެންވެސް ބަލައިލުން ލާޒިމު ބައެއް ތަންތަން

ޙުސައިން އަފްޝަން 7 ނޮވެމްބަރު 2019 08:24
Flowers

މިޞްރަކީ އިންސާނީ ޙަޟާރަތަށް އަލިވިލުމާ ހަމައިން އިންސާނީ ތާރީޚުގެ މުހިއްމު ބައެކެވެ. އިންސާނީ ތާރީޚުގެ މޫތައް، އަދި އިންސާނީ އުފެއްދުންތެރިކަމާއި ޙަޟާރީ ކާމިޔާބުގެ ރަމްޒުތައް އެބިމެއްގައި ފެންނާންހުރި ބިމެއް ކަމުގައި މިޞްރުގެ ބިންވެއެވެ. މިދެންނެވި ސަބަބަށްޓަކައި މިޞްރަކީ "އުންމުއް ދުންޔާ" ނުވަތަ ދުނިޔޭގެ މަންމަ ކަމުގައި ޢަރަބިން ބުނެއުޅެއެވެ. މިޞްރަކީ ޤަދީމީ ޙަޟާރަތެއްގެ ލިބިފައިވާ ދިގު ތާރީޚެއް އޮތް ޤައުމެއް ކަމުން، އެޤައުމުގައި މިތާރީޚު ރަމްޒުކޮށްދޭނެ އާސާރުތައް އެބަހުއްޓެވެ. އެއިން މުހިއްމު ބައެއް އާސާރުތަކަކީ މިޞްރަށް ޒިޔާރަތްކުރާނަމަ އެތަންތަނެއް ބަލައިލުން މުހިއްމު އާސާރީ ބިނާތަކެވެ.

އަހުރާމުތައް:


މިޞްރޭ ބުނުމާއެކު، ޚިޔާލަށް އަންނަ ތަޞައްވުރަކީ މިޞްރާ ގުޅިފައިވާ މިޞްރުގެ ރަމްޒެއްގެ ގޮތުގައި ހިމެނިފައިވާ، ޤަދީމީ ދުނިޔޭގެ ޢަޖައިބުތަކުގެ ތެރޭގައި ހިމެނޭ ޖީޒާގެ އަހުރާމުތަކެވެ. ޖީޒާގެ އަހުރާމުތަކަކީ އިންސާނީ އުފެއްދުންތެރިކަމާއި ކުޅަދާނަ ކަމުގެ ރަމްޒުތަކެކެވެ. ޚޫފޫގެ އަހުރާމު ނުވަތަ ގީޒާގެ ބޮޑު އަހުރާމަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ އާސާރީ ބިނާތަކުގެ ތެރޭގައި ހިމެނޭ ބިނާއެކެވެ. މިޞްރުގެ އާސާރީ ތަންތަނާއި ތަކެތި ދިރާސާކުރައްވާ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިބިނާ ބިނާކުރެވިފައިވަނީ 10 އަހަރާއި 20 އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ. މިބިނާގެ ތާރީޚަށް ބަލާއިރު މިބިނާއަކީ ޢީސާގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ 2560 އަހަރުކުރިން ބިނާކުރެވިފައިވާ ބިނާއެއް ކަމުގައިވެސް ބައެއް ދިރާސާކުރާ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.

އަބޫ ސިންބަލް:


އަސްވާނަކީ މިޞްރަށް ޒިޔާރަތްކުރާ ކޮންމެ މީހަކުމެ، ޒިޔާރަތްކުރުން ލާޒިމު ސަރަހައްދެކެވެ. މިޞްރުގެ ސޫދާނާވީ ފަޅީގައި އޮންނަ މިސަރަހައްދަކީ ވަރަށް ގިނަ އާސާރީ ބިނާތަކާއި ތަކެތި ފެނިފައިވާ ސަރަހައްދެކެވެ. މިސަރަހައްދުގައި ހުރި ބިނާތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް ބިނާއަކީ އަބޫ ސިންބަލެވެ. އަބޫ ސިންބަލަކީ ރަމްސީސު 2 ބިނާކުރެއްވި ބިނާއެކެވެ. މިތަނަކީ ޤަދީމީ އިންޖިނިއަރިންގެ ކުޅަދާނަކަމާއި ކުރިއަރާފައިވާ މިންވަރު ރަމްޒުކޮށްދޭ ބިނާއެކެވެ. މިޞްރުގައި ހުރި ހުރިހާ ޤަދީމީ ބިނާއަކަށްވުރެ އަބޫ ސިންބަލުގައި ހިމެނޭ ދެފައްޅި ރީތިވެފައި ފުރިހަމަކަމުގައި ދެންނެވިދާނެއެވެ. މިބިނާތަކުގެ ރީތިކަމާއި ފުރިހަމަކަން ތަޖުރިބާކުރެވޭނީ އެބިނާތަކަށް ގޮސްލައިގެންނެވެ.

އީޒީސްގެ ފައްޅި:


ޤަދީމީ މިޞްރު ޙަޟާރަތުގެ އުފެއްދުންތެރިކަމާއި ބިނާކުރުވަނިވި ޚިޔާލީ މުއްސަނދިކަމުގެ ޢަލާމާތެއް ކަމުގައި އީޒީސްގެ ފައްޅި ހިމެނޭނެއެވެ. އެއީ އެފައްޅީގައި ހުރި ކުރެހުންތަކާއި ކަޑައިނެގުންތަކުގެ ފުރިހަމަކަމާއި އެބިނާގެ ފަރުމާވެރިކަމުގެ ކަވިކަން ފަދަ ކަންކަމަކީ އެބިނާ ފުރިހަމަވުމުގެ އެއް ސަބަބެވެ. މިބިނާއަކީވެސް އަސްވާނުގައި ހުންނަ ބިނާއެކެވެ. ޔުނެސްކޯގެ އެހީތެރިކަމާއެކު، އެބިނާވެސް ކުރިން ހުރި ރަށުން އެހެން ރަށަކަށް ގެންގޮސްފައިވަނީ ނާޞިރު ކޯރުގެ ފެންގަނޑު އުސްވެ، އެބިނާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށެވެ. އެހެންކަމުން މިބިނާއަކީ މިޒަމާނުގެ ކުރިއެރުމާއި ޤަދީމީ ޒަމާނުގެ އުފެއްދުންތެރިކަމުގެ އަލިގަދަ ނަމޫނާއެއް ކަމުގައިވެސް ބެލެވޭނެއެވެ.

އަލްއަޒުހަރު މިސްކިތް:


އަލްއަޒުހަރު މިސްކިތަކީ ދުނިޔޭގައި ހުރި އެންމެ ގިނަ ދުވަސްވި ޖާމިޢާތަކުގެ ތެރޭގައި ހިމެނޭ ޖާމިޢާއެކެވެ. އަލްއަޒްހަރު މިސްކިތަކީ އެންމެ ފުރަތަމަ އަލްއަޒުހަރު ޔުނިވަރސިޓީ ހިންގި މިސްކިތެކެވެ. އެމިސްކިތް މިހާރުވެސް ފެންނަން އެބަހުއްޓެވެ. އެމިސްކިތުގައި މިހާރުވެސް އަޒުހަރުގައި އެންމެ އިހުގައި ހިންގި ފަދަ ޢިލްމީ ޙަލަޤާތު ކުރިއަށް ގެންދެއެވެ. އިސްލާމީ ތާރީޚުގައި ޢިލްމު ކުރިއަރަމުން އައި ގޮތާއި އިސްލާމީ ދުނިޔޭގައި ފިކުރީ އަދި ޢިލްމީ މައިދާނުގައި މިޞްރުގެ މަރުކަޒީ ދައުރުގެ ރަމްޒެއް ކަމުގައި ބެލެވޭ އަޒުހަރު މިސްކިތަށް ޒިޔާރަތްނުކޮށް މިސްރަތްކުރާ ޒިޔާރަތެއް ފުރިހަމަނުވާނެއެވެ.

ޤާހިރާގެ ޤަލްޢާ:


މިޞްރަކީ ހަމައެކަނި ޤަދީމީ ފިރުޢައުނީ ޙަޟާރަތުގެ ވާހަކަތައް ބުނެދޭ ބިމެއް ނޫނެވެ. މިޞްރުން ބުނެދޭ ވާހަކަތަކުގެ ތެރޭގައި އިސްލާމީ ޙަޟާރަތުގެ ވާހަކަތައް ހިމެނެއެވެ. އެގޮތުން ޞަލާޙުއްދީނުލް އައްޔޫބީއާއި ޡާހިރު ބޭބުރޭސްގެ އިތުރުން އިސްލާމީ ތާރީޚުގައި މުހިއްމު އެތައް ޝަޚުޞިއްޔަތެއްގެ ވާހަކަ މިޞްރު ބުނެދޭނެއެވެ. ޤާހިރާގެ ޤަލްޢާއަކީ މިފަދަ އެތައް ވާހަކައެއް ހިއްސާކުރާނެ ޢިމާރާތެކެވެ. ޤާހިރާގެ ވަށައިގެން އިހުގައި އޮތް މިކޯއްޓޭއަކީ ޞަލާޙުއްދީނުލް އައްޔޫބީ ބިނާކުރެއްވި ކޯއްޓޭއެކެވެ. އެއީ ޞަލީބީ ހަނގުރާމަވެރިން ކިބައިން ޤާހިރާއާއި އެޝަހަރާ އަލަށް ގުޅުވައިލެވުނު އަޔޫބިދު ހިމާޔަތްކުރެއްވުމަށް އެޅުއްވި ފިޔަވަޅެކެވެ. މިހާރު މިކޯއްޓޭގައި ގިނަ ޢަދަދަކަށް މިސްކިތް އެބަހުއްޓެވެ. މިކޯއްޓޭގެ އެންމެ މަތީގައި ހުންނަ މިސްކިތަކީ މިކޯއްޓޭގައި ހުރި މިސްކިތްތަކުގެ ތެރެއިން އެންމެ ރީތި އަދި ފުރިހަމަ މިސްކިތެވެ.

މިޞްރަކީ ދިގު ތާރީޚެއް ލިބިފައިވާ، މުހިއްމު ޤައުމެކެވެ. އެޤައުމުގައި ޒިޔާރާތްކޮށް ބަލައިލާނެ ތަންތަން ބައިވަރު އެބަހުއްޓެވެ. އޭގެ ތެރެއިން މުހިއްމު ދެތިން ތަނެއް މިނަންގަތީއެވެ. ނަމަވެސް ދަންނަވާނުލެވި ދޫކޮށްލެވިފައިވާ ކޮންމެ ތަނަކީވެސް ހަމަ ބަލައިލުން މުހިއްމު ތަންތަނެވެ. މިސްކިތްތަކާއި، ޤަދީމީ ޙަޟާރަތުގެ އާސާރުތަކާއި، ކޯއްޓޭތަކާއި ގަނޑުވަރުތައް މަދުނުވާ މިންވަރަކަށް އެޤައުމުގައި ހުންނާނެއެވެ. ޗުއްޓީއަކަށް ޒިޔާރަތްކުރުމަށް މިޞްރަކީ ވަރަށް އެކަށޭނެ ޤައުމެކެވެ. 

ކިޔުންތެރިންގެ ހިޔާލު