މުފައްކިރަކީ...

ޝިފްޒާން އަހްމަދު
Flowers

މުފައްކިރަކު ބިނާކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކާނަމަ، އެންމެ ފުރަތަމަ މުފައްކިރަކީ ކޮބައިކަން ދެނެގަތުން ލާޒިމެވެ. އަޅުގަނޑުމެންގެ ދަޢަވީ އަދި ޢިލްމީ ޙަޔާތުގައި ބޭނުންކުރާ މިފަދަ އެތައް މުޞްޠަލަޙުތަކެއް އެބަހުއްޓެވެ. އެއީ އުފެއްދުންތެރިކަމާއި ޢިލްމާއި މަޢުރިފަތުގެ މައިދާނުގައި މަސައްކަތްކުރައްވާ ޝަޚުޞިއްޔަތުތަކަށް އަޅުގަނޑުމެން ދޭ ބައެއް ނަންތަކެވެ. މިފަދަ މުޞްޠަލަޙުތަކުގެ ތެރެއިން އެންމެ މުހިއްމު ބައެއް މުޞްޠަލަޙުތަކަކީ: ޢާލިމް، މުޞްލިޙު، ދާޢީ، މުތަޚައްޞިޞް، މުޘައްޤަފު، ފައިލަސޫފު ފަދަ ލަފްޒުތަކެވެ. އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވަން ބޭނުންވަނީ މި މުޞްޠަލަޙުތަކުގެ މެދުގައި ސާފު އިންތަކެއް ކަނޑައަޅައި ވަކިކުރުމަކީ އުނދަގޫ ކަމެއްކަމުގައެވެ. އެއީ މައިގަނޑު ދެ ސަބަބަކަށްޓަކައެވެ. ފުރަތަމަ ސަބަބަކީ، އެއްޗެއްގެ ތަފްޞީލީ ޞިފަތަކަށް ބަލައިގެން އެއްޗަކާ މުޢާމަލާތްކުރުން ސިކުނޑިއަށް ފަސޭހައެއްނޫނެވެ. އެއީ ޢަދަދުތަކާއި މިންވަރަށް ބަލައިގެން މުޢާމަލާތްކުރުމާ ޚިލާފަށެވެ. ދެވަނަ ސަބަބަކީ، އިސްވެ މިދެންނެވި ހުރިހާ ލަޤަބުތަކަކީ ޢިލްމާއި އުގެނިގަތުމުގެ މައިދާނުގައި ޙަރަކާތްތެރިވާ ޝަޚުޞިއްޔަތުތަކަކަށް ބޭނުންކުރެވޭ ނަންތަކެކެވެ. އަދި އެ ހުރިހާ ފަރާތްތަކަކީވެސް ޙަޟާރަތާއި އިޞްލާޙާ ގުޅުންހުރި މުޞްޠަލަޙުތަކާއި (ޓާރމްސް)، މަފްހޫމާއި ފިކުރު ބޭނުންކުރާ ބައެކެވެ. އަދި ކަންކަން ހިނގަމުން އަންނަ ގޮތް ނުވަތަ ވާޤިޢަށް ކޮންމެވެސް މިންވަރަކަށް ނަޤުދުކޮށް ފާޑު ކިޔާނެއެވެ. އެހެންކަމުން ކަވި ގޮތެއްގައި މިއިން ކޮންމެ ފަރާތެއްގެ ޞިފަތައް ކަނޑައަޅައި ތަޢުރީފުތަކެއް ދިނުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި އެބާބުގެ ތެރެއަށް ފުންކޮށް ވަދެއްޖެނަމަ، އެވަދެވެނީ ހަރުކަށިކަމާއި ދަތިކަމުގެ ދޮރަކުންނެވެ. އެހެންކަމުން މިއިން ކޮންމެ މުޞްޠަލަޙަކަށްވެސް އަވަސް ގޮތަކަށް އަޅުގަނޑު ކުރުގޮތަކަށް އަލިއަޅުވައިލާނަމެވެ. އެއީ މުފައްކިރުގެ މާނަ ތަފްޞީލީ ގޮތެއްގައި ބަޔާންކުރަން ފެށުމުގެ ކުރިންނެވެ.

މުތަޚައްޞިޞް

އެއީ ޢިލްމުގެ ދަރިވަރުންކުރެ، އެމީހެއްގެ ޢުމުރުން ދުވަސްތަކެއް ވަކި ދާއިރާއެއްގެ ދިރާސާތައް ހެދުމުގައި ހޭދަކޮށްފައިވާ މީހެކެވެ. އަޅުގަނޑުމެން މިއަދު ތާރީޚުގެ މުތަޚައްޞިޞެއް، ނުވަތަ ކެމިސްޓްރީގެ މުތަޚައްޞިޞެއްކަމުގައި ނޫންނަމަ ކަންކަން ހިންގުމުގެ މުތަޚައްޞިޞެއްކަމުގައި ބުނަނީ މިދެންނެވި އުޞޫލުންނެވެ.

ޢާލިމް

ޢާލިމަކީ ވަކި ޢިލްމީ ތަޚައްޞުޞެއްގައި ކުރިއަރައިގެން ގޮސް، އެ ދާއިރާގެ އެހެން މީހުންގެ މައްޗަށް ކުރި ހޯދާ، ނުވަތަ އެ ދާއިރާގެ އެންމެ މޮޅެތި މީހުންގެ ތެރޭގައި ހިމެނޭ މީހާއެވެ. އަދި ވަރަށް ގިނަ ހިސާބުތަކުގައި ޢާލިމް މި ލަފްޒު ބޭނުންކުރެވެނީ ޝަރުޢީ ޢިލްމުތައް އުގެނިފައިވާ ފަރާތަކަށް ނިސްބަތްކުރުމުގައެވެ. އެހެނީ މި ޒަމާނުގެ ކުރިއެރުންތަކަށް ވާޞިލުވުމުގެ ކުރިން އުންމަތުގެ މުޘައްޤިފުންގެ ބޮޑު އިންސައްތައަކީ ދީނީ ދަންނަބޭކަލުންނެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ޢާންމު ގޮތެއްގައި ބުނެއުޅޭނި އެވެނި މީހަކީ ޝަރީޢަތުގެ ޢިލްމުވެރިއެކޭ ނުވަތަ ސައިންސްގެ ޢިލްމުވެރިއެކޭ މިފަދަ ގޮތަކަށެވެ. އެހެންކަމުން މިހާރު ޢާލިމަކީ އެމީހެއްގެ ތަޚައްޞުޞުގައި ފާހަގަކުރެވޭ މިންވަރަކަށް ކުރިއަށް ގޮސްފައިވާ މީހާއެވެ.

މުޞްލިޙު

މުޞްލިޙަކީ އަޚްލާޤީ ނުވަތަ އިޖުތިމާޢީ ނުވަތަ ސިޔާސީ އިޞްލާޙީ ފިކުރުތަކެއް އަދި ތަޞައްވުރުތަކެއްގެ ވެރި މީހެކެވެ. ގިނަ ފަހަރަށް އޭނާގެ ފިކުރުތަކުގައި ބަރޯސާވާނީ އޭނާގެ އުންމަތުގެ ޢަޤީދާއަށާއި ޘަޤާފަތުގެ މައްޗަށެވެ. މިދެންނެވި އުޞޫލުގެ މަތިން އަޅުގަނޑުމެންގެ އިސްލާމީ ތާރީޚުގައި އެބަޔަކަށް އަޅުގަނޑުމެން މުޞްލިޙުންގެ ލަޤަބު ދޭ ހުރިހާ ފަރާތްތަކެއް ނުކުމެގެން އައީ އިސްލާމީ ޢަޤީދާއިންނެވެ. އަދި އިސްލާމްދީނުގެ އަމިއްލަވަންތަކަމާއި އުޞޫލުތަކާއި އެދީނުގެ މަތިވެރި މަފްހޫމްތަކުންނެވެ. މުޞްލިޙަކީ ފިކުރުތަކެއްގެ ވެރި މީހެކެވެ. އެހެންނަމަވެސް ގިނަފަހަރަށް އޭނާއަކީ އެފިކުރުތައް އުފަންކުރާ ފަރާތެއް ނޫނެވެ. އަދި ވަކި ޢިލްމީ ނަޒަރިއްޔާތަކެއް އޭނާގެ ކިބައިގައި ނުހުންނާނެއެވެ. އޭނާގެ ކިބައިގައިވާ އިޞްލާޙީ ތަޞައްވުރާއިގެން އަވަސް ފިޔަވަޅުތަކެއް އަޅަމުންދާނެއެވެ. އޭނާގެ ފިކުރުތަކުގެ ޠަބީޢަތަކީ ރަނގަޅުކުރުމާއި އިތުރަށް ކުރިއެރުވުމެވެ. އެއީ ބަލައި ދިރާސާކުރާ، ފަލްސަފީ ގޮތްގަނޑެއް ނޫނެވެ.

ދާޢީ

އެއީ ޢިލްމާއި ފިކުރާއި އިޞްލާޙުކުރަން އެދޭ އެދުމެއް އެމީހެއްގެ ކިބައިގައިވާ މީހެކެވެ. އޭނާގެ މަސައްކަތުގެ ބޮޑުބަޔަކީ މީހުންނަށް ހަނދާންކޮށްދިނުމާއި، ހެޔޮ މަގަށް މީސްތަކުންނަށް މަގުދެއްކުމެވެ. އެހެންނަމަވެސް ގިނަ ޙާލަތްތަކުގައި އޭނާއަކީ ފިކުރުތަކެއް އުފަންކުރުވާ މީހެއް ނޫނެވެ. އަދި ގިނަ ފަހަރަށް ބޮޑެތި ޢިލްމީ ބަޙުސްތަކާއި ދިރާސާތައް ހެދުމަކީ އޭނާގެ މަސައްކަތެއް ނޫނެވެ. އެހެނީ އޭނާގެ ސަމާލުކަން ހުއްޓިފައި އޮންނާނީ ޢާންމުންނަށެވެ. ޢާންމުން އެއްވެ އުޅޭ ތަންތަނަށެވެ. އަދި ކޮންމެ މުސްލިމެއްގެ ކިބައިން އެދެވިގެންވަނީ އެމީހެއްގެ ޢިލްމީ ޤާބިލުކަމާއި ޙާލަތު ތަންދިން މިންވަރަކުން ހެޔޮކަންކަމަށް ގޮވައިލާ ނުބައިކަންކަން މަނާކުރުމެވެ. އަޅުގަނޑުމެން އުފާކުރުން ޙައްޤު އެއްކަމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެމީހެއްގެ ތަޚައްޞުޞާއި ދަޢުވަތު އެއްކުރަމުންދާ މީހުން ފެންނަ ފެނުމެވެ. އެގޮތުން ދަޢުވަތުގެ މައިދާނުގައި އިންޖިނިއަރުންނާއި ޑަކުޓަރުންނާއި އެހެނިހެން އެތައް ޢިލްމެއްގެ މުތަޚައްޞިޞުން ޙަރަކާތްތެރިވެއެވެ. އަދި އެއްވެސް ތަޚައްޞުޞެއް ކިޔެވުމަކާނުލައި ދީނަށް ހުރި ޣީރަތްތެރިކަމަކާއި ލޯތްބެއްގެ ސަބަބުން މި މައިދާނުގައި އުޅޭ މީހުންވެސް ފެނެއެވެ. އުންމަތަށް، ރަނގަޅު މަގު ދެއްކުމުގައި އެބައިމީހުން އެތައް ބުރައެއް އުފުލާ، އިސްލާމީ ދަޢުވަތުގެ ޚިދުމަތުގައި އެތައް މަސައްކަތްތަކެއް ކުރަމުންދެއެވެ.

މުޞްލިޙަކަށްވުރެ، އުންމަތުގެ މައްސަލަތައް ދެނެގަތުމުގައާއި ޢިލްމީ އުދަރެހުގެ ތަނަވަސްކަމުގައާއި ޙަރަކާތުގެ ތަނަވަސްކަމުގައި، ދާޢީ ފަސްވާނެއެވެ. ހަމައެފަދައިން ޢާލިމަކަށްވުރެ، ޝަރުޢީ ޙުކުމްތަކާއި އަދަބުތައް އެގުމުގައި ދާޢީ ފަސްވާނެއެވެ. މިއީ ގިނަ މީހުންގެ ނިސްބަތުން ބުނާ ވާހަކައެވެ. މިއީ ޢާންމު ޝާމިލް ޙުކުމެއް ނޫނެވެ.

މުޘައްޤަފު

އެމީހެއްގެ އަސާސީ ތަޚައްޞުޞް ފަހަނައަޅައި އައިސް އެހެން ދާއިރާތައްވެސް ދިރާސާކޮށް، އެދާއިރާތަކުގެ ފޮތްތައް ކިޔައި، އަދި އެ ދާއިރާތަކަށް އަސަރުކުރުވާ ޝަޚުޞިއްޔަތެވެ. އެމީހެއްގެ ވާހަކައިގައި މީސްތަކުންގެ ތެރެއިން ވަރަށް ތަނަވަސް ޖަމާޢަތަކާ މުޚާޠަބުކުރާނެއެވެ. އަދި ހަމައެފަދައިން އޭނާއަކީ ފާޑު ކިޔުމުގެ ޤާބިލުކަމާއި، އިޞްލާޙުކުރުމާއި ކަންކަން ތަރައްޤީކުރުމާ ގުޅުންހުރި ފިކުރުތަކާއި، ޓެކްނިކަލް ނުވަތް ފަންނީ މަފްހޫމްތައް އުފައްދައި ބިނާކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެކެވެ. އަދި މުސްތަޤުބަލާ މެދު ތަޞައްވަރުތަކެއް ކުރެހުމުގެ ޤާބިލުކަން އޭނާގެ ކިބާގައި ހުންނާނެއެވެ.

މުޞްލިޙު އޭނާއާއި ޢާންމުނާ ދެމެދު އޮންނަ ގުޅުމުގެ ދާއިރާ ތަނަވަސްވިޔަ ނުދެއެވެ. އޭނާގެ ދުލާއި ޤަލަމަކީ އެއިން މީސްތަކުންގެ ހިތްތަކާއި ބުއްދިތަކަށް ވާޞިލުވުމަށް އޭނާ ބޭނުންކުރާނެ ފާލަމަވެ. މި ލަފްޒު އަޅުގަނޑުމެންނަށް ގިނަފަހަރަށް ބޭނުންކުރެވެނީ ތަޢުލީމީ މީހުންނާއި، ނޫސް ލިޔުންތެރިންނާއި، ރޭޑިޔޯ ޓީވީ ޕްރޮގްރާމްތައް ތައްޔާރުކުރާ ފަރާތްތަކާއި، ވާހަކަ ލިޔުންތެރިންނާއި އަދަބީ ނަޤުދުކުރާ ފަރާތްތަކުގެ ތެރެއިން ޢާންމުންގެ މެދުގައި މަޤުބޫލުކަން ހޯދައިފައިވާ ޝަޚުޞިއްޔަތުތަކަށެވެ. ނުވަތަ ރައްޔިތުންގެ ޝަޚްޞިއްޔަތު ތަކަށެވެ. މިޒަމާނުގެ ގިނަ ލިޔުންތެރިން މުޘައްޤަފުގެ ތަޢުރީފު ދެއްވާފައިވާ ގޮތަށް ބަލައިލުމުން އަޅުގަނޑުމެންނަށް އެނގެނީ އެބޭފުޅުންގެ އަރިހުގައި ޙަޤީޤީ މުޘައްޤަފަކީ ޙައްޤަށްޓަކައި ހިންމަތްކުރުމުގެ ދައުރެއް އަދާކުރާ މީހެކެވެ. ހަމައެފަދައިން އެފަދަ މުޘައްޤަފަކު، މުޖުތަމަޢުގައި ކަންކަން ކުރެވޭ ރަނގަޅު ނޫން ގޮތްތަކަށް ނުވަތަ އިދާރީ ގޮތުން ހުރި ނޭދެވޭ ކަންތައްތަކަކަށް ނަޤުދުކޮށް ފާޑުކިޔާނެއެވެ. އަދި އެމީހެއްގެ ފިކުރުތަކާއި ވިސްނުންތައް މުޖުތަމަޢަށް ވާޞީލުކޮށްދިނުމަށްޓަކައި ޝަޚްޞީ ގިނަ މަޞްލަޙަތުތަކެއް ޤުރުބާންކޮށްލަން ތައްޔާރަށް ހުންނާނެއެވެ. މަޝްހޫރު މުފައްކިރު އަދި ފަލްސަފާވެރިޔާ ނޯމް ޝޮމްސްކީ މުޘައްޤަފްގެ ތަޢާރަފުގައި ވިދާޅުވެފައިވެއެވެ. "މުޘައްޤަފަކީ ބާރުގެ ކުރިމަތީގައި ޙަޤީޤަތް އުފުލާ މީހާއެވެ"

ކޮންމެއަކަސް މުޘައްޤަފް ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން، ވަހުމީ މުޘައްޤަފްގެ ޝަޚްޞިއްޔަތާ މެދު ވާހަކަދައްކަވާފައިވެއެވެ. އެއީ އަބަދުވެސް ބަރީއަވުމާއި އިޙުސާސްތަކުން މަޙުރޫމުވުމާއި އެހެންމީހުންގެ މަސައްކަތްތަކުން ވައްކަންކުރާ ޝަޚުޞެކެވެ. ބައެއް ލިޔުންތަކަށް ބަލައިލުމުން ބައެއް މުޘައްޤަފުން އެމީހުންގެ ގަލަމާއި ދޫ ވަކި ފަރާތެއްގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމުގައި ނުވަތަ ޒާތީ މަންފާތަކެއް ހޯދައިގަތުމަށް ބޭނުންކުރާކަމުގެ ހިތްދަތިކުރުވަނިވި ޝަކުވާ ފެނެއެވެ. އަދި ޙައްޤު ބަސްބުނުމާއި ނުބައިކަންކަމާ ދެކޮޅަށް މަސައްކަތްކުރުމާއި އަނިޔާ ލިބިފައިވާ ފަރާތަށް އިންޞާފު ހޯދައި ދިނުމާއި، ޢާންމު މަޞްލަޙަތުތައް ޙިމާޔަތްކުރުމުގެ ވާޖިބު ހަނދާން ނައްތާލުމުގެ ޝަކުވާވެސް ފެނެއެވެ.

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަޅުގަނޑުމެން މުޘައްޤަފުން ގޮތުގައި މި ބަޔާންކުރި މީހުންނަކީ ފަލްސަފާވެރިންނާއި މުފައްކިރުންނަށްވުރެ ބޮޑަށް ކަންކަން ހިނގަމުންދާ ގޮތާ ގުޅިފައިވާ ބައެކެވެ. އަދި އެބައިމީހުންގެ ވާހަކަތައް ވަރަށް ގިނަ ފަހަރަށް މައިދާނުގައި ތިބި ބާރުތަކާއި ކަންކަން ނިންމުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކާ ފުށުއަރާ ގޮތްވެއެވެ. އޭގެ ސަބަބުން އެބައިމީހުންނަށް މުފައްކިރުންނާ ފަލްސަފާވެރިންނާ ކުރިމަތިނުވާ ގޮންޖެހުންތައް ކުރިމަތިވެއެވެ. އެބައިމީހުންގެ ކާއެތިކޮޅުވެސް ނުލިބިދާނެތީ ބިރުވެތިވާންޖެހިދެއެވެ. އެހެންކަމުން އަމިއްލަ އިޚުތިޔާރެއް ނެތި މަޑުމަޑުން އަމާންކަން ލިއްބައިދޭނެ ޖަމާޢަތަކާ ގުޅެން ޖެހިދެއެވެ.

ފަލްސަފާވެރިޔާ

ދާޢީންނާއި މުޞްލިޙުންނާއި ޢާލިމުންނާއި ފަލްސަފާވެރިންގެ މެދުގައި ވަރަށް ސާފު ތަފާތުތަކެއް އެބަހުއްޓެވެ. ފަލްސަފާއަކީ ޔޫނާނީ ބަހުން އައިސްފައިވާ ކަލިމައަކުން އުފެދިފައިވާ ލަފްޒެކެވެ. އަދި އެލަފްޒުގެ މުރާދަކީ ޙިކުމަތަށް ލޯބިކުރުމެވެ. ގިނަ ފަހަރު ފަލްސަފާގެ ދިރާސާތައް އަމާޒުވެފައި ހުންނަނީ ސިކުނޑީގެ ބޭނުންތައް ފުއްދުމަށެވެ. އެއާ ޚިލާފަށް ސައިންސާއި ޓެކްނޮލޮޖީ ގިނަ ފަހަރަށް އަމާޒު ހިފަނީ މީސްތަކުންގެ ތަފާތު މާއްދީ ބޭނުންތަކާއި އެދުންތައް ފުއްދުމަށެވެ. ޢިލްމުވެރިޔާ ކުރާ ދިރާސާތަކަކީ އޭގެ މައްޗަށް ފަހުން އެތައް މަސައްކަތަކާއި އުފެއްދުންތަކެއް ބިނާވެގެން އަންނަ ކަމެކެވެ. އެއާ ޚިލާފަށް ފަލްސަފާވެރިން ގިނަ ފަހަރަށް ދިރާސާކުރާނީ ތަޢުރީފުތަކާއި މުޞްޠަލަޙުތަކާއި އަގުކުރުންތަކާއި އަމާޒުތަކެވެ. ޢިލްމުވެރިޔާ ދިރާސާކުރާނީ ވަކިވަކި ދާއިރާތަކުން ޚާއްޞަ ވަކި މައްސަލަތަކެކެވެ. އެހެންނަމަވެސް ފަލްސަފާވެރިންގެ ދިރާސާތައް ޚާއްޞަވެފައި ހުންނާނީ ބޮޑެތި ގިނަ މައުޟޫޢުތަކެއް ޝާމިލުވާ އަސާސީ ފިކުރީ މައްސަލަތަކަށެވެ. އަދި އެއުރެން މަސައްކަތްކުރާނީ ޠަބީޢީ އަދި މާއްދީ ވުޖޫދު އެ ޤާނޫންތަކެއްގެ މައްޗަށް ބިނާވެފައިވާ ޤަވާޢިދުތަކާއި ޤާނޫންތައް ހޯދުމަށެވެ. އަދި އިންސާނީ މުޖުތަމަޢު ބިނާކުރުމާއި ހިންގުމާ ގުޅުންހުރި ޤާނޫންތައް ހޯދުމަށެވެ.

ޢިލްމުވެރިޔާ އޭނާގެ ދިރާސާ ތަކުގައި ފުރިހަމަވެފައިވާ މަފްހޫމްތަކާއި ފިކުރުތަކުގެ ބޭނުން ހިފައެވެ. އެހެންނަމަވެސް ފަލްސަފާވެރިންނަކީ ފިކުރުތަކާއި މަފްހޫމްތައް (concepts) ބިނާކޮށް އެއަށް ބަދަލުގެނެސް ކުރިއަރުވައި ފާޑުކިޔައި ހަދާ ބައެކެވެ. ޢިލްމުވެރިޔާ އޭނާގެ މަސައްކަތުގައި ނުވަތަ ތަޖުރިބާތަކުގައި ކުރިމަތިވާ އާ މައްސަލަތަކަށް މަޢުރިފީ cybernetic) ) ޙައްލު ހޯދައި އެމައްސަލަތައް ދެނެގަތުމަށް މަސައްކަތްކުރެއެވެ. އެހެންނަމަވެސް ފަލްސަފާވެރިޔާ، އޭނާ ކުރިމަތިކުރުވާ ބޮޑެތި ސުވާލުތަކުގެ އެހީގައި، ސަމާލުކަން ދެނީ އިތުރު މައްސަލަތައް ހޯދައި ޢާންމު ދިރިއުޅުމުގައި ހުރި އިތުރު ފުށުއެރުންތައް ފާޅުކުރުމަށެވެ. އިސްލާމީ އުންމަތުގެ ތާރީޚުގެ ވަރަށް ކުރީ ކޮޅުގައި މުސްލިމުން ފަލްސަފާއާއި ފަލްސަފާވެރިންނާ ދުރުހެލިވާން ފެށިއެވެ. ސަބަބަކަށްވީ އިސްލާމީ އުންމަތުގައި އުފެދުނު ބައެއް ފަލްސަފާވެރިންގެ ރައުޔަތައް ޝަރުޢީ ނައްޞުތަކާ ޚިލާފުވުމެވެ. އަދި އެމީހުންގެ ވަރަށް ގިނަ ރައުޔަތަކަކީ އިސްލާމީ އުންމަތުގެ ފިޤުހުވެރިންނާއި ޢަޤީދާގެ ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ހިފެހެއްޓުންތަކާއި ޤަވާޢިދުތަކާއި ހަމަތަކުން ނެއްޓި ބޭރުވެފައިވާ ރައުޔަތަކެއް ކަމުގައިވުމެވެ. އެހެންކަމުން މިހާރުވެސް ވަރަށް ގިނަ މީހުން ފަލްސަފާވެރިންނާއި ފަލްސަފާއާ މެދު ދެކެނީ ޝައްކާއި ރުޅިވެރިކަމުގެ ނަޒަރަކުންނެވެ. އެއީ އިސްލާމްދީނުގައި ދިރުމާއި ދިރިތިބީންނާ މެދު ދެކޭ ގޮތްތަކާ ޚިލާފު ފިކުރުތަކެއް ފެތުރުމުގެ ބިރަށްޓަކައެވެ.

އަޅުގަނޑު މިތަނުގައި އުގަންނައިދިނުމާއި ޢިލްމާއި އިރުޝާދާއި މަފްހޫމުތައް ބިނާކުރުމުގައި ހިއްސާވާ މީހުންނާ މެދު ލިޔުނު ވާހަކަތަކަކީ އަޅުގަނޑުގެ އަމިއްލަ އިޖުތިހާދެވެ. އެ ވާހަކަތަކާ މެދުގައި ވަރަށް ގިނަ މީހުން އަޅުގަނޑާ ޚިޔާލު ތަފާތު ވެދާނެއެވެ. އަދި ވަރަށް ގިނަ ބަޔަކާ ޚިޔާލު އެއްގޮތްވެސް ވެދާނެއެވެ. މިފަދަ މައްސަލަތަކުގައި ކަނޑައެޅިގެން ވަކި ގޮތެއް ބަޔާންކުރުމަކީ އެއްވެސް މީހަކަށް ކުރެވޭވަރު ކަމެއްނޫނެވެ. އިސްވެދިޔަ ހުރިހާ ތަޢުރީފުތަކަށް އަޅުގަނޑުމެން އެއްބަސްވީކަމުގައިވީ ނަމަވެސް ނުހަނު ބޮޑު ދަތި މައްސަލައެއް އަޅުގަނޑުމެން ކުރިމަތީގައި އޮންނާނެއެވެ. އެއީ ޢިލްމުވެރިންގެ މުޞްޠުލަޙުގައި އިން ވަކިކުރުން ނުވަތަ އިންކަނޑައެޅުމެވެ. މާނައަކީ މިދެންނެވި ލަޤަބުގެ ތެރެއިން ލަޤަބެއް ޙައްޤުވަނީ ކާކަށްކަން އަދި ނުވަނީ ކާކަށްކަން ކަނޑައެޅުމުގެ މައްސަލައެވެ. މި މައްސަލައަކީ ޙައްލެއް އޮތް މައްސަލައެއްކަމުގައި ނުފެނެއެވެ. މިދެންނެވި ލަޤަބުތައް މީހުންނަށް ދޭ ފަރާތްތަކުގެ މެދުގައި ވަރަށް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުންނާތީއެވެ. އަދި އެމީހުން މިންކުރާ މިންގަނޑުތަކާއި ކަންކަމާ މެދު ވިސްނާ ގޮތްތައްވެސް ތަފާތުވުމުންނެވެ. މިދެންނެވި ތަފާތުގެ ސަބަބުން މީހަކަށް އިސްވެދެންނެވުނު ލަޤަބުގެ ތެރެއިން ލަޤަބެއް އެއްބަޔަކު ދޭއިރުގައި، އަނެއްބަޔަކު އެލަޤަބު އެފަރާތަށް ޙައްޤު ނޫންކަމުގައި ބުނެ އެކަން ކުށްވެރިކުރެއެވެ.

މުފައްކިރު

އެންމެހާ މީސްތަކުން ވިސްނައި ފިކުރުކޮށް އުޅެއެވެ. އެހެންނަމަވެސް ހަމައެކަނި، އެމީހެއްގެ ދުވަހުގެ ދިރިއުޅުމުގައި އަދި މަސައްކަތަކުގައި މެދުވެރިވާ މައްސަލަތައް ޙައްލުކުރުމާ މެދު ވިސްނާ މީހާއާއި، މީސްތަކުންގެ ތެރެއިން، މާޒީ ދިރާސާކޮށް އެ މާޒީއިން ފައިދާ ލިބިގަންނާނެ އަސާސްތަކެއް ދެނެގަތުމަށާއި، އަދި މިހާރު ހިނގާ ކަންކަން ފަހުމުކުރެވޭނެ ޤަވާޢިދުތައް ދެނެގަނެ، ހިނގަހިނގާ ހުންނަ ކަންކަމަށް އަސަރުކުރުވާ ބާރުތަކުގެ މެދުގައި އޮންނަ ގުޅުންތައް ދެނެގަތުމަށް ވިސްނާ މީހުންގެ މެދުގައި ނުހަނު ބޮޑު ތަފާތެއް އެބަހުއްޓެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުން މުފައްކިރުގެ ޙަޤީޤީ މަޤާމަކީ މުޘައްޤަފުގެ މަޤާމަށްވުރެ މަތި، އެކަމަކު ފަލްސަފާވެރިޔާގެ މަޤާމަށްވުރެ ދަށް މަޤާމެކެވެ. މި ގިންތިކުރުމުގެ އަސާސަކީ ތޫނުފިލިކަމެއް ނޫނެވެ. އަދި މީސްތަކުންނަށް ފޯރުކޮށްދޭ ނަފާ ނުވަތަ މުޖުތަމަޢުގައި ލިބިފައިވާ އަހަންމިއްޔަތެއްވެސް ނުމެނޫންމެއެވެ. އެހެނީ މިފަދަ ގިންތިކުރުންތަކުގައި މިދެންނެވި ކަންކަން މިންގަނޑެއްގެ ގޮތުގައި ނުވަތަ އަސާސެއްކަމުގައި ނުފުދެއެވެ.

އެހެންކަމުން މިގިންތިކުރުމުގައި އަސާސެއްކަމުގައި ބަލާނީ މިދެންނެވި ފަރާތްތަކުގެ މެދުގައި، ފިކުރުތައް ކަފިކުރުމާއި ތަރުތީބުކުރުމާއި ވާޤިޢާ އުފުލެވޭ މިންވަރަށެވެ. މިދެންނެވުނު މިންގަނޑުން ބަލާއިރު ފައިލަސޫފަކީ މުފައްކިރަށްވުރެ ބޮޑަށް ފިކުރުތައް ކަފިކޮށް މަފުހޫމްތައް އުފައްދައި ބިނާކޮށް، ފިކުރީ ބޮޑެތި މައްސަލަތައް ދިރާސާކުރާ ފަރާތެކެވެ. މިދެންނެވި ކަންކަމުގައި މުފައްކިރުގެ މަސައްކަތްތައް މުޘައްޤަފުގެ މަސައްކަތްތަކަށް ވުރެ ގިނަވާނެއެވެ. މިސަބަބަށްޓަކައި ކޮންމެ ފަލްސަފާވެރިޔަކީ މުފައްކިރެއްކަމުގައި ބުނެވިދާނެއެވެ. އެހެންނަމަވެސް ކޮންމެ މުފައްކިރަކީ ފަލްސަފާވެރިއެއްކަމުގައި ނުދެންނެވޭނެއެވެ. އަދި ކޮންމެ މުފައްކިރަކީ މުޘައްޤަފެއްކަމުގައި ބުނެވިދާނެއެވެ. އަދި ކޮންމެ މުޘައްޤަފަކީ މުފައްކިރެއްކަމުގައި ނުދެންނެވޭނެއެވެ. ހަމައެއާއެކު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މިދެންނެވި ފަރާތްތަކުގެ މެދުގައި އިންފާރެއް ބިނާކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން އެއްބަޔަކު އަނެއްބައެއްގެ ތަޚައްޞުޞުގެ އިމުގެ ތެރެއަށް ވަނުމަކީ ހިނގަހިނގައި ހުންނަ ކަމެކެވެ.

މުފައްކިރެއްގެ މަސައްކަތް ކުރިއަށްދަނީ މަފްހޫމްތައް ބިނާކުރުމާއި، ރައުޔަތައް ސާފުކޮށްދިނުމާއި، ޢިބްރަތްތައް ދެނެގަތުމާއި، ޤާނޫންތައް ކަޝްފުކުރުމާއި، ވާޤިޢު އިޞްލާޙުކުރުމާއި، މީސްތަކުންނަށް ކުރިމަތިވެފައިވާ ކާރިސާތައް ދެނެގަތުމުގައެވެ. އަދި އޭނާ އަބަދުވެސް މަސައްކަތްކުރާނީ އޭނާގެ ފިކުރުތަކާއި ވިސްނުންތަކުގެ ނަތީޖާއާ ވާޤީޢުގެ މެދުގައި އޮންނަ ގުޅުމަކީ ޖަދަލިއްޔަ ގުޅުމެއްކަމުގައި ހެދުމަށެވެ. ޖަދަލިއްޔަ ގުޅުމެއްކަމުގައި މިދަންނަވާ ބަހުގެ މުރާދަކީ އޭނާގެ ފިކުރު ހިންގަނީ މިހާރު ކުރިމަތިވެފައި ހުންނަ މައްސަލަތައް ދެނެގަނެ، އެމައްސަލަތަކަށް ނަޤުދުކޮށް، އެމައްސަލަތަކަށް އެކަށީގެންވާ ޙައްލުތަކެއް ހޯދޭނެ މަގަކުންނެވެ. ވާޤިޢު ދެނެގަތުމުގައި އަދި އެވާޤިޢުގެ މައްޗަށް އޭނާ ދިރާސާކުރާ ކުރުމުން ލިބިގަނެވޭ ނަތީޖާގެ މައްޗަށް ބިނާކޮށް ޙުކުމްކުރުމުގައި، ވާޤިޢާ މެދު އޭނާ ދެކޭ ގޮތަށް ބަދަލުގެނެއެވެ. މިސަބަބަށްޓަކައި މުފައްކިރަކީ އަބަދުވެސް ވިސްނާ ފިކުރުކުރުމުގެ ރަނގަޅު މަންހަޖުގައި ހިފެހެއްޓޭތޯ ބަލާ މީހެކެވެ. އެކަމުގައި އޭނާއާ ފަލްސަފާވެރިންނާ އެއްފަދައެވެ. އަދި ހަމަފައެފަދައިން ޔަޤީން ނަތީޖާއަކަށް ވަރަށް ގިނަ ކަންކަމުގައި ވާޞިލްނުވެވޭ ކަމުގެ އިޙުސާސް އޭނާގެ ކިބައިގައި އަބަދުވެސްވެއެވެ. މި އިޙުސާސްގެ ސަބަބުން ބޮޑާކަމާއި ކިބުރުވެރިކަމާ އޭނާ ދުރުވެއެވެ. އަދި ދިރާސާކުރުމާއި ވިސްނުމާއި އުގެނުމުގައި ދެމިހުރުމަށް ބާރުއަޅައެވެ.

މިދެންނެވި ޙާލަތަކީ މުފައްކިރުންނާއި ޢާލިމުންގެ މެދުގައި އޮންނަ ނުހަނު ބޮޑު ފަރަޤެކެވެ. ވަރަށް ގިނަ މައްސަލަތަކުގައި ކުރެވޭ ދިރާސާތަކުން ޢާލިމަށް ވަރަށް ގިނަ ފަހަރު ޔަޤީން ނަތީޖާތަކެއް ލިބެއެވެ. އެހެނީ އޭނާ ބަޙުސްކުރަނީ ވަކި ތަޚައްޞުޞެއްގައި ކަނޑައެޅިފައިހުރި ވަކި މައްސަލަތަކެކެވެ. އަދި އެކަންކަމުގައި "ފަހު ބަސް" އެއީ އޭނާގެ އަމާޒެވެ. އެއާ ޚިލާފަށް މުފައްކިރު ބަޙުސްކުރަނީ ބޮޑެތި ބިޔަ މައްސަލަތައް ކަމުގައިވާތީ އަދި ޙަޤީޤަތްތައް ކަޝްފުކުރުމަށް އޭނާ މަސައްކަތްކުރާރުމާއި ނަޤުދުކުރުން ތަނަވަސްކުރުމުގެ ސަބަބުން އޭނާއަށް ޔަޤީން ޙައްލުތަކަކަށް ވާޞިލްވެވުން ދުރެވެ. މިސަބަބަށްޓަކައި ކަނޑައެޅިގެން ހިފަހައްޓާނެ ވަކި ގޮތެއް ހޯދައި އެގޮތުގައި ކުރިއަށް ދިއުމަށް ވިސްނާ މީހުނަށް މުފައްކިރުންގެ ލިޔުންތަކަކީ އަދި ވާހަކަތަކަކީ ގަޔާވާ އެއްޗެއް ކަމުގައި ނުވެއެވެ. މި ލިޔުމުގައި އަޅުގަނޑުގެ މަޤްޞަދަކީ އެއްވެސް ބައެއްގެ އަގު ކުޑަކުރުމެއް ނޫނެވެ. ދިރިއުޅުމާއި ދިރިތިބީން އިޞްލާޙުކުރުމުގައި އެއްވެސް ފަރާތެއްގެ ދައުރުގެ އަގު ވައްޓައިލުމެއްވެސް ނޫނެވެ. އެހެންނަމަވެސް އަޅުގަނޑުގެ އަމާޒަކަށްވީ އިސްވެ ބަޔާންކުރެވުނު ކޮންމެ ގިންތިއެއްގެ ޙަޤީޤަތާއި ޠަބީޢަތު ބަޔާންކުރުމެވެ. އެންމެ ފަހު ވަގުތުގައި، އިންސާނާގެ މަތިވެރިކަން ރުޖޫޢަވަނީ އޭނާގެ އަމިއްލަ ޒާތުގެ ހެޔޮލަފާ މިންވަރަކާއި އޭނާގެ އުންމަތަށް ކުރިއެރުމާއި ތަރައްޤީ ހޯދުމުގައި ހިއްސާވެވޭ މިންވަރެއްގެ މައްޗަށެވެ.

ނޯޓު: 

މިލިޔުމަކީ ޑރ.ޢަބްދުލްކަރީމް ބައްކާރު ލިޔުއްވާފައިވާ "تكوين المفكر" "މުފައްކިރަކު ބިނާކުރުން" މިފޮތުން ތަރުޖަމާކުރެވިފައިވާ ބައެކެވެ. އުންމީދަކީ މިފޮތް އެކީގައި ތަރުޖަމާކޮށް ދިޔަރެސްގެ ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ. 

ކިޔުންތެރިންގެ ހިޔާލު