Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ދުނިޔޭގެ ހަނދާންތައް ރައްކާކުރެވިފައިވާ ތަންތަން: ކުތުބުޚާނާތައް

ދުނިޔޭގެ ތާރީޚާއި ދުނިޔޭގެ ތާރީޚު ބައްޓަންކުރަމުން، ބަދަލުކުރަމުންދާ ބާރުތައް ކަމުގައިވާ ފިކުރުތައް އެތަނެއްގައި ރައްކާކުރެވިފައިވާ ތަނަކީ ކުތުބުޚާނާތަކެވެ. ލައިބްރަރީއެވެ. ކުތުބުޚާނާތަކުގައި ރައްކާކުރެވިފައިވަނީ އިއްޔެގެ ވާހަކައެވެ. މިއަދު އާރާސްތުކުރުމުގެ މަގު ޗާޓެވެ. މާދަމާގެ ތަޞްވީރެވެ. އެހުރިހާ މަޢުލޫމާތެއް ރައްކާކުރެވެނީ ފޮތްތަކުގައެވެ. ފޮތްތައް ރައްކާކުރެވެނީ ކުތުބުޚާނާގައެވެ. މިލިޔުމުގައި ދިޔަރެސްގެ ކިޔުންތެރިންނާ އަޅުގަނޑުމެން މިހިއްސާކޮށްލަނީ ދުނިޔޭގައި ހުރި އެންމެ މުހިއްމު، އަދި އެންމެ ރީތި ކުތުބުޚާނާތަކުގެ ތެރެއިން ވިލާތުގައި ހުރި ބައެއް ޤަދީމީ ކުތުބުޚާނާތަކާ ގުޅޭ މަޢުލޫމާތެވެ. ވެޓިކަންގެ ކުތުބުޚާނާ:
ވެޓިކަންގެ ކުތުބުޚާނާގެ ތާރީޚީ މޫތައް ފެށިގެން އަންނަނީ 4ވަނަ ޤަރުނާ ހަމައިންނެވެ. ނަމަވެސް އެކުތުބުޚާނާ މިހާރު އަޅުގަނޑުމެންނަށް އެފެންނަ ގޮތަށް ފަރުމާކުރެވި ބިނާކުރެވިގެންއައީ 15ވަނަ ޤަރުނުގައެވެ. 16ވަނަ ޤަރުނުގައި ބާބާ ސިކްސްޓަސް ނުވަތަ ޕޯޕް ސިކްސްޓަސް ކުޅަދާނަ ފަރުމާނު (އާކިޓެކްޓު) ޑޮމެނިކޯއާ، ވެޓިކަންގެ ފޮތްތައް ރައްކާކުރާނެ އައު ޢިމާރާތްތަކެއް ބިނާކުރުން ހަވާލުކުރެއްވިއެވެ. މިއަދާ ހަމައަށްވެސް ވެޓިކަންގެ ކުތުބުޚާނާގައި ބޭނުންކުރަނީ އެޢިމާރާތްތަކެވެ.
މުޅި ވެޓިކަނެކޭ އެއްފަދައިން މިލައިބްރަރީއަކީވެސް ނަޞާރާ ދީނުގެ މުޤައްދަސް ރަމްޒުތަކާއި ނިޝާންތަކުން ޒީނަތްތެރިކުރެވިފައިވާ ތަނެކެވެ. އިންސާނީ ތާރީޚުގެ ބޮޑުބައެއްގެ ވާހަކަތައް އެކުލެވޭ ފަތްފުތްތަކުގެ އިތުރަށް ބައިބަލްގެ އެންމެ ޒަމާންވީ ނުސްޚާ (ކޮޕީ)ތައްވެސް މިލައިބުރަރީގައި ރައްކާކުރެވިފައިވެއެވެ. އޮސްޓްރިއާގެ ކްރެމެންސްމެސްތާ އަބީގެ ކުތުބުޚާނާ:
ކްރެމެންސްމެސްތާ އަބޭއަކީ 777ވަނަ އަހަރު ބިނާކުރެވުނު ބިނާއެކެވެ. މިބިނާގައި ހުންނަ ކުތުބުޚާނާގައި ރައްކާކުރެވިފައިވާ އެންމެ ތަފާތު ފޮތަކީ ނަޞްރާނީ އިންޖީލުތަކުގެ މައްޗަށް އެކުލެވޭ ފޮތެކެވެ. މިފޮތަށް ކިޔެނީ ކޮޑެކްސް މިލެނޭރިއަސްއެވެ. މިފޮތުގައި ނަޞާރާ ދީނުގެ ޤިއްދީސެއްކަމުގައިވާ ލޫކް ޞިފަކޮށްފައިވަނީ ފިޔަލާފައިވާ އުދުހޭ ގެރިއެއްގެ ގޮތުގައެވެ. މިޢިމާރާތަކީ އުސް ބިމެއްގެ މަތީގައި ބިނާކޮށްފައިވާ ކޯއްޓޭއެއްފަދަ ޢިމާރާތެއް ކަމުން، މިތަނަކީ އެންމެ މަދުން ހަމަލާތަކާ ކުރިމަތިވެފައިވާ ޢިމާރާތެވެ.
ވިލާތު ބައްރުގެ ގިނަ ޢިމާރާތްތަކެކޭ އެއްފަދައިން ކްރެމެންސްމެސްތާވެސްވަނީ ބެރޮކޫ ވައްޓަފާޅިއަށް އަލުން ފަރުމާކޮށް ބިނާކޮށްފައެވެ. މިމަސައްކަތްކޮށްފައިވަނީ 17ވަނަ ޤަރުނުގައެވެ. ފޮތަކީ އަގުހުރި އެއްޗެކެވެ. އެއްޒަމާނެއްގައި އަގުހުރި ޖަވާހިރާ އެއް މިންވަރަކަށް އަގުކުރެވުނު އަގުހުރި މުދަލެކެވެ. ފޮތުގެ އަގަކީ ކޮބައިކަން ދަންނަ މީހުން ޤަބޫލުކުރާ ގޮތުގައި ފޮތް ރައްކާކުރަން އެންމެ އެކަށީގެންވަނީ ޖަވާހިރު ރައްކާކުރުމަށް ބިނާކުރާ ރީތި ބިނާތައް ފަދަ ކުލަގަދަ ރީތި ފަރުމާތަކާއި ކަނޑާނެގުންތަކުން ޖަރީކުރެވިފައިވާ ޢިމާރާތްތަކެވެ. ކްރެމެންސްމެސްތާ އަބީއަކީ އެފަދަ ރީތި ޢިމާރާތެކެވެ. ފޮތް ރައްކާކުރަން އެންމެ އެކަށީގެންވާ ޢިމާރާތެކެވެ. ނޭޕަލްސްގެ ގިރިލޮމޮނީ ކުތުބުޚާނާ
ގިރިލޮމޮނީއަކީ ކެތޮލިކް ޗާޗަށް ނިސްބަތްވާ ދީނީ ޖަމާޢަތެއް ކަމުގައިވާ އޮރޭޓަރީ ޖަމާޢަތުން ބިނާކޮށްފައިވާ ބިޔަ ޢިމާރާތެކެވެ. މިކުތުބުޚާނާގައި ރައްކާކުރެވިފައިވާ ފޮތްތަކުގެ ޢަދަދަށް އެކަނި ބަލައިލި ނަމަވެސް މިއީ ޢިލްމު އުނގެނުމާއި ދަސްކުރުމުގެ ޢިލްމީ މަހެފިލެއްކަން އެނގޭނެއެވެ. އަދި މިކުތުބުޚާނާއަކީ ޢިލްމު ރައްކާކޮށްފައިވާ ގުދަނެއްކަން ޔަޤީންވާނެއެވެ. ގިނަ ބާވަތްތަކެއްގެ ފޮތް މިކުތުބުޚާނާގައި ހުރިނަމަވެސް އެންމެ ގިނައީ މިއުޒިކާ ގުޅޭ ފޮތްތަކެވެ. ސަބަބަކީ އޮރޭޓަރީ ޖަމާޢަތަކީ ދީނީ ވިސްނުމާއި ފިކުރުކުރުމުގައި މިއުޒިކުގެ މުހިއްމުކަން ޤަބޫލުކުރި ޖަމާޢަތެއް ކަމުގައިވުމެވެ.
މިލައިބުރަރީއަކީ 18ވަނަ ޤަރުނުގެ ފަލްސަފާވެރިޔާ، ގިއަމްބަޓިސްޓާ ވިޗޯއަށް އެންމެ ކަމުދިޔަ ކުތުބުޚާނާއެވެ. އިޖުރާމީ ޖަމާޢަތަކުން މިކުތުބުޚާނާގައި ހުރި ޤަދީމީ އަގުހުރި ފޮތްތައް ވަގަށް ނަގައި ކަޅުބާޒާރުގައި ވިއްކަމުން ގެންދިޔަކަން 2012ވަނަ އަހަރު ފަޅާއަރާފައިވެއެވެ. މިކަމުން ހަނދާންވަނީ އިންސާނިއްޔަތުގެ ލިޔެވިފައިވާ ތާރީޚު ނުވަތަ ޔުނެސްކޯއިން ބޭނުންކޮށްފައިވާ ޢިބާރާތުން ދަންނަވާނަމަ، ދުނިޔޭގެ ހަނދާން އަބަދުވެސް ނުރައްކަލަށް ހުށަހެޅިފައިވާ ކަމެވެ.
ޙަޟާރަތެއްގެ ފުރިހަމަކަމާއި ވަރުގަދަކަން ފެންނަނީ އެޙަޟާރަތެއްގައި ޢިލްމަށް ދެވިފައި އޮންނަ ޤަދަރަކުންނެވެ. ޢިލްމަށް ދެވޭ ޤަދަރު އެންމެ ރަނގަޅަށް ދައްކުވައިދެނީ އެއުންމަތެއްގެ ބަޔަކު ފޮތްތަކާމެދު މުޢާމަލާތްކުރާ ގޮތަކުންނެވެ. ބިޔަ ރީތި ޢިމާރަތްތަކުގައި ފޮތް ރައްކާކުރުމުގެ ބޭނުމަކީ ފޮތާ އެޙަޟާރަތެއްގެ ގުޅުން ރަމްޒުކޮށްދިނުމެވެ. އެއުންމަތެއްގެ ހިތުގައި ފޮތަށް އޮތް މަޤާމު ބަޔާންކޮށްދިނުމެވެ.
މި ލިއުމާއި ގުޅޭ