Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ކުލަޖެހުމުގެ އަޞްލާއި، މިއަދުގެ ޢިލްމީ ޙަޤީޤަތެއް

ހިންދޫދީނަކީ މަސްހުނިގަނޑެކެވެ. ހިންދޫކަރައިގެ އެކި ހިސާބުތަކުގައި ބަލައިގަންނަ ކަންކަމަށް ބޮޑެތިތަފާތައް އައިސްފައި އެބަހުއްޓެވެ. މިލިޔުންކޮޅުގެ މަޤުޞަދައްޓަކައި އެމީހުންގެ ޤަބޫލުކުރުންތަކުގެ ތެރެއިން އެއް ޤަބޫލުކުރުން ބަޔާންކޮށްލާނަމެވެ.
ހިންދޫދީނުގެ އަހުލުވެރީންގެ ގަބޫލު ކުރާގޮތުގައި، އެއްސަހަރެއްގައި އުޅުނު ޝައިޠާނުންގެ ރަސްކަލެއްކަމުގައިވި ހިރަންޏަކަޝިޕޫ އެދުނީ ކަލާނގެކަމަށް ދަޢުވާކޮށް އެހެންމީހުންގެ އަޅުކަން އޭނާއަށް ޚާއްޞަކުރުމަށެވެ. އެރަސްގެފާނުގެ ދަރި، ޕުރަހަލްދާ، އަކީ ވިޝްނޫއަށް އަޅުކަންކުރި މީހެއްކަމުގައި ވީތީ އޭނާގެ ބައްޕައަށް އަޅުކަންކުރުމާއި ދެކޮޅުހެދީކަމަށެވެ. (ހިންދޫކަރައިގެ ޚުރާފާތްތަކަށް ބީރައްޓެހި ކިޔުންތެރީންނަށް ދަންންވާލަން، ވިޝްނޫ އަކީ ހިންދޫއިން އަޅުކަންކުރާ ދޭވަތާއެކެވެ). ހިރަންޏަކަޝިޕޫ މިކަމާ ނުރުހުންވެ، ވިޝްނޫއަށް ކުރާ އަޅުކަން އޭނާޔަށްބަދަލުކޮށް އެކަން ޚާއްޞަކުރުމުގެ ނިޔަތުގައި އޭނާގެ ދަރި ހައްޔަރުކޮށް އަނިޔާކުރިޔޯލައެވެ. ދެންމިހެން ކަންތައް ހުއްޓާ ވިޝްނޫ ކޮންމެވެސް ސިފައެއްގައި އެތަނަށް އައިސް ހިރަންޏަކަޝިޕޫ މަރާލާފައި ޕުރަހަލްދާ ސަލާމަތް ކުރީޔޯލައެވެ. ވިޝްނޫއާއި އޭނަޔަށް އަޅުކަންކުރި ދަރީގެ ކާމިޔާބުގެ ހަނދާނުގައި ހިންދޫއިން 'ހޮލީ' ނަމަކަށްކިޔާ ޢީދެއް ބަހާރު މޫސުމުގައި ފާހަގަކުރެއެވެ.
މި ޢީދުގެ ބައިވެރީން ރެސްއަކަށް އެއްވެ ނާޗަރަންގީކޮށް އެކަކު އަނެކަކުގަޔަށް ކުލަޖަހާ ސަކަރާތްގަނެއެވެ.
ހިންދޫކަރައިގެ މިޢާދަ ދިވެހީންގެ އަޟްޙާޢީދުގެ އުފާވެރި އިޙުތިފާލުތައް ގަނޑުބަޑުކޮށްލި ކޮށްލުމަކީ އެއް އަހަރަކަށްފަހު އަނެއް އަހަރެއްގައި އިތުރަށް ފާޅުވަމުން ފެންނަމުންދާ ޙަޤީޤަތެކެވެ. މި ނިމިގެންދިޔަ އަޟްޙާޢީދާއި ތަޝްރީޤުގެ ދުވަސްތަކަކީ އިބްރާހީމްގެ ފާނުގެ ޤުރުބާނުގެ ޛިކުރާއި އެއްވެސް ގުޅުމެއްނުވާ އެތަކެއް ބޯދާ ކަންކަމެއް ތުރާކުނާއި ގަމާއި ދެމެދު ފެނިގެން ދިޔަ ދުވަސްކޮޅެކެވެ. ހިންދޫކަރައިގެ އަހުލުވެރީންނާއި ދިވެހީންނަކީ އެއްބައެއްކަމަށް ސިފަކޮށްދޭން ބޭނުންވެދާނެ ބައެއް މީހުންނަށް މިއީ މައްސަލަޔަކަށް ނުވެދާނެއެވެ. އެފަދަ ފިކުރެއްގެ ބަޔަކަށް ރަނގަޅުވެސްވާނީ ޢަމަލީގޮތުން ހިންދޫކަރައިގެ ދީންތަކުގެ މީހުންނާއި ދިވެހި މުސްލިމުންގެ ކަންކަން ވީހާވެސް އެއްގޮތްވުންހެން ހީވެއެވެ.
މިކަމާ ބެހޭ އިތުރު ވާހަކަ ދެއްކުމަކީ ރާއްޖޭގެ ހޯމް މިނިސްޓަރާއި އެހެނިހެން ދީނީ ދަންނަބޭކަލުންގެ ވާޖިބެކެވެ.
ދީނީކަންކަން އަދި އެއްފަރާތްކޮށްލިނަމަވެސް، ކުލަޖެހުމުގައި އެތަކެއް ބައިވަރު ޞިއްޙީ ނުރައްކާތަކެއް އެކުލެވިގެންވެއެވެ. އޫރީދޫ ފަދަ ބޮޑެތި ކުންފުނިތައް މިބީދާއިން "ކަލަރ ރަން" ތައް ބާއްވާއިރުވެސް އަލިއަޅުވައިލެވިފައިނުވާ ޞިއްޙީ ޙަޤީޤަތްތަކެއް އެބަވެއެވެ.
"އައި" ނަމަކަށްކިޔާ ސައިންސްގެ އައު ހޯދުންތައް ޝާޢިއުކުރެވޭ މަޖައްލާއެއްގައި ދިއްލީގެ ޑރ. ޝިކްހާ ގުޕުތާ ލިޔުއްވާގޮތުގައި ހޮލީ ފަދަ މުނާސަބަތުތަކުގައި ބޭނުންކުރެވޭ ކުލަފުށުގައި އެތަކެއް ވިހަ މާއްދާއެއް ހިމެނެއެވެ.
މިބޭނުން ކުރެވޭ ކުލަފުށަކީ ކެމިކަލް ބޭނުންކޮށްގެން އެއްވެސް ހަރުދަނާ އުޞޫލުތަކެއް ނެތި ތައްޔާރުކުރެވޭ ފުށްތަކެއް ނޫނެވެ. އެފުށްތަކުން ޞިއްޙަތަށް ކޮށްފާނެ ގެއްލުން ހަދާވިއްކާފަރާތްތަކެއް ބަޔާނެއް ނުކުރެއެވެ. ނުވެސް އެނގެއެވެ.
ޑރ ގުޕުތާ ލިޔުއްވާ ގޮތުގައި، ތިރީގައި ބަޔާންވެފައިވާ މާއްދާތައް މިފުށުގައި ހިމެނެއެވެ. އެއީ:
- މަލަކައިޓް ގްރީން : ކެންސަރު ބައްޔަށް މަގުފަހިކޮށްދީފާނެކަމަށް ލަފާކުރެވޭ މާއްދާއެއް،
- ރޯޑަމީން : ވިހަ މާއްދާއެއް،
- ޖެންޓިައްން ވައޮލެޓް : ކެންސަރު ބައްޔަށް މަގުފަހިކުރާ މާއްދާއެއް،
- ލެޑް އޮކްސައިޑް : ކެންސަރު ބައްޔަށް މަގުފަހިކޮށްދޭ މާއްދާއެއް، މިމާއްދާތަކެވެ.
މިފަދައިން ކަންކަން ހުރިނަމަ މިނޫންގޮތެއް ބަލަމާތޯ؟
މި ލިއުމާއި ގުޅޭ