ފޮތްތެރިންނަށް: ލޯޑް އޮފް ދި ރިންގްސްގެ ދުނިޔެއާ ގުޅޭ ޓޯލްކީންގެ މުޅިން އައު ލިޔުންތަކެއް

ޙުސައިން އަފްޝަން 20 ނޮވެމްބަރު 2020 09:19
Flowers
"ލޯޑް އޮފް ދި ރިންގްސް"ގެ މުއައްލިފު ޖޭއާރްއާރް ޓޯލްކިއެން

މަޝްހޫރު ޚިޔާލީ ވާހަކަ "ލޯޑް އޮފް ދި ރިންގްސް" ވާހަކައިގެ ދުނިޔެއާ ގުޅޭ ގޮތުން އެ ވާހަކައިގެ މުއައްލިފު ޖޭ.އާރް.އާރް. ޓޯލްކީން ލިޔުއްވައިފައިވާ ލިޔުންތަކުގެ ތެރެއިން މިހާތަނަށް ޝާއިޢުކޮށްފައިނުވާ އައު ލިޔުންތަކެއް އަންނަ އަހަރު ޝާއިޢުކުރާނެ ކަމުގައި "ދި ގާޑިއަން" ނޫހުން ބުނެފިއެވެ. މި ލިޔުންތަކުގައި މި ވާހަކައިގެ ދުނިޔެއާ ގުޅޭ ގޮތުން މިހާތަނަށް ހާމަވެފައިނުވާ ބައެއް ކަންކަން ހާމަވާނެ ކަމަށްވެސް އެ ނޫހުން ރިޕޯޓުކުރިއެވެ.

މި ލިޔުންތަކަކީ ޓޯލްކީން އެސްޓޭޓުން ޝާއިޢުކުރުމަށް ހުއްދަދީގެން ޝާއިޢުކުރާ ލިޔުންތަކެކެވެ. އަންނަ އަހަރުގެ ޖޫން މަހުގައި މި މަޒުމޫނުތައް ޝާއިޢުކުރަނީ "ދަ ނޭޗާ އޮފް މިޑްލް-އާތު" ގެ ނަމުގައެވެ. މިޑްލްއާތަކީ ލޯޑް އޮފް ދި ރިންގްސް އަދި ހޮބިޓު ސިލްސިލާ ނާވިލުތަކުގައި ޞިފަކޮށްދީފައިވާ ޚިޔާލީ ދުނިޔެއަށް މުއައްލިފު ދެއްވާފައިވާ ނަމެވެ. މި ލިޔުންތައް އެއް ފޮތެއްގެ ގޮތުގައި ޝާއިޢުކުރާ ހާޕާކޮލިންސް ކުންފުނިން ބުނި ގޮތުގައި މި ލިޔުންތަކަކީ ކިޔުންތެރިން "ލޯޑް އޮފް ދި ރިންގްސް"އާއި، "އަންފިނިޝްޑް ޓޭލްސް"ގެ ދުނިޔެއަށް ގެންގޮސްދޭނެ ލިޔުންތަކެއް ކަމުގައެވެ.

ޓޯލްކީން މިޑްލްއާތާ ގުޅޭ ގޮތުން ލިޔުއްވައި ޝާއިޢުކުރެއްވި ފުރަތަމަ ސިލްސިލާއަކީ 1937 ވަނަ އަހަރުގައި ޝާއިޢުކުރެއްވި "ދި ހޮބިޓް"އެވެ. އޭގެ ފަހުން 1954 ވަނަ އަހަރުގައާއި 1955 ވަނަ އަހަރުގައި އޭނާ ވަނީ "ދި ލޯޑް އޮފް ދަ ރިންގްސް" ސިލްސިލާ ޝާއިޢުކުރައްވާފައެވެ. އެހެންނަމަވެސް ހާޕާކޮލިންސްގެ ޑިރެކްޓާ ކްރިސް ސުމިތު ވިދާޅުވީ ޓޯލްކީން އަވަހާރަވުމުގެ ކުރިން ފާއިތުވި މަދު އަހަރުތަކުގެ ކުރިން ފާއިތުވި ދިހަވަރަކަށް އަހަރު އޭނާ އުފެއްދެވި ޚިޔާލީ ދުނިޔެއާ ގޮތުން ގިނަ ޢަދަދެއްގެ ލިޔުންތައް ލިޔުއްވާފައިވާ ކަމުގައެވެ.

ސްމިތު ވިދާޅުވި ގޮތުގައި ޓޯލްކީންއަށް "މިޑްލްއާތު"އަކީ ހޯދާ ބަލަން ހުޅުވިފައި އޮތް ތަނަވަސް ދުނިޔެއެކެވެ. އަދި "ދި ނޭޗަރ އޮފް މިޑްލް-އާތު"ގައި ޝާއިޢުކުރާ ލިޔުންތަކަކީ ޓޯލްކިއެން އުފެއްދެވި ޚާއްޞަ ދުނިޔޭގައި އޭނާ ކުރެއްވި ދަތުރުތަކެއްގެ ޞިފާކުރުންތައް ކަމުގައިވެސް ސްމިތު ވިދާޅުވިއެވެ.

މި މަޒުމޫނުތަކުގައި މުއައްލިފު އަލިއަޅުވައިލައްވާ ކަންކަމުގެ ތެރޭގައި އެލްފުންގެ އަބަދީ ޙަޔާތާއި އަލުން ދިއުމާއި، މިޑްލްއާތުގެ ދޭވަތައިންނާއި، އެ ދުނިޔޭގައި ދިރިއުޅޭ ބައެއް ޖަނަވާރާއި އެ ދުނިޔޭގެ ބައެއް ބިންތަކާއި އެ ބިންތަކުގެ ޠަބީޢަތް ފަދަ މައުޟޫޢުތައް ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު