އަޔާ ސޯފިއާ މިސްކިތުގައި ދިރިއުޅުނު މަޝްހޫރު ބުޅާ މަރުވެއްޖެ

އައިޝަތު ހަނާ 8 ނޮވެމްބަރު 2020 20:57
Flowers
އަޔާ ސޯފިއާ ގައި އުޅުނު ބުޅާ

ތުރުކީގެ އިސްތަންބޫލްގައި ހުންނަ އަޔާ ސޯފިއާ މިސްކިތުގައި ދިރިއުޅުނު ގްލީ ނަމަކަށް ކިޔާ ބުޅާ މަރުވެއްޖެއެވެ.

އެ ބުޅާ މަރުވިއިރު އުމުރަކީ 16 އަހަރެވެ. މި ބުޅަލަކީ އެ މިސްކިތަށް ޒިޔާރަތްކުރާ އެންމެންގެ މެދުގައިވެސް ވަރަށް މަޝްހޫރު ބުޅަލެކެވެ. އަހަރަކު އެތައް މިލިއަން މީހުން ޒިޔާރަތް ކުރާ މި މިސްކިތަށް ދާ ގިނަ ބަޔަކު އެ ބުޅަލުގެ ފޮޓޯތައް ނަގާ ސޯޝަލް މީޑިއާގައި އާންމު ކުރެއެވެ. 

އިސްތަންބޫލްގެ މޭޔަރ އަލީ ޔެރްލިކަޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސެޕްޓެމްބަރު 24 އިން ފެށިގެން ގްލީއަށް ދިޔައީ ކްލިނިކެއްގައި ފަރުވާ ދެމުން ކަމަށެވެ. އަދި އުމުރުން ދުވަސްވުމުގެ ސަބަބުން އެ ބުޅާ މަރުވެފައިވާ ކަމަށް އަލީ ވިދާޅުވެފައިވެއެވެ. 

"އަހަރުމެން ދުވަހަކުވެސް ގްލީ ހަނދާން ނައްތައެއް ނުލާނަން" މޭޔަރު އަލީ ވިދާޅުވެފައިވެއެވެ. 

އަޔާ ސޯފިއާ އަކީ ރޫމީން ތުރުކީގައި ވެރިކަން ކުރިއިރު ބިނާކުރި ފައްޅިއެކެވެ. ނަމަވެސް އިސްތަންބުލް ފަތަހަ ކުރެއްވި ސުލްތާން މުހައްމަދު އަލް ފާތިހް، އިސްތަންބުލް ފަތަހަ ކުރެއްވުމަށްފަހު އެ ތަން މިސްކިތަކަށް ބަދަލު ކުރެއްވިއެވެ. އަދި އެކި ޒަމާންތަކުގައި އުސްމާނީ ހިލާފަތުގެ އެކި ރަސްކަލުން ވަނީ އެތަން އިތުރަށް ތަރައްޤީކޮށް މުންނާރުތައް ބިނާކޮށްފައެވެ. ނަމަވެސް އުސްމާނީ ހިލާފަށް އުވުމަށްފަހު ތުރުކީގައި އުފެދުނު ސެކިއުލާ ދައުލަތުން 1934 ވަނަ އަހަރު ވަނީ އެތަނުގައި ނަމާދު ކުރުން ހުއްޓުވައި، ދާރުލް އާސާރަކަށް ބަދަލުކޮށްފައެވެ.

އޭގެ ފަހުން އަނެއްކާވެސް މިއަހަރު ކުރީކޮޅު އަޔާ ސޯފިއާ ވަނީ ދާރުލްއާސާރަކުން މިސްކިތަކަށް ބަދަލު ކުރެވިފައެވެ. 

ކިޔުންތެރިންގެ ހިޔާލު