ޖީއެމްއާރުން ކުނިއެޅި ސަރަހައްދުގައި ރައީސް ޔާމީން ތަރައްޤީކުރެއްވި ޕާކިން އޭރިއާގައި 21 ޖެޓު

އިބްރާހިމް އާދަމް 6 ނޮވެމްބަރު 2020 15:16
Flowers
އެއާޕޯޓުގެ ފޮޓޯއެއް

ހުޅުލޭގައި އޮންނަ ދިވެހިރާއްޖޭގެ މައި އެއާޕޯޓު ކުރީގެ މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރަށް ދިނުމުން، ހުޅުލޭގެ އިރުމަތީގައި އޮތް ސަރަހައްދެއް ބިނާކުރީ ކުނި އަޅާށެވެ. 

ކުރީގެ އިޤުތިޞާދީ ވަޒީރު އަދި ރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާ މެންބަރު މުޙައްމަދު ސަޢީދު މިއަދު ކުރެއްވި ޓުވީޓެއްގައި އެ ސަރަހައްދުގެ އެއިރުގެ ޙާލަތާއި މިހާރުގެ ޙާލަތު ވިދާޅުވެދެއްވާފައިވެއެވެ. މިހާރު އެ ސަރަހައްދުގައި އަމިއްލަ ޖެޓުތައް ޕާކުކޮށްފައިވާ ފޮޓޯއަކާއި އެ ސަރަހައްދު ސާފުކޮށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިގަތް ޒަމާނުގެ ފޮޓޯއެއް ހިއްސާކުރައްވައި ކުރެއްވި ޓުވީޓުގައި އެ ސަރަހައްދާ ގުޅޭ ބައެއް ޙަޤީޤަތްތައް ސަޢީދު ވިދާޅުވެދެއްވިއެވެ. 

ސަޢީދު ވިދާޅުވި ގޮތުގައި އެ ސަރަހައްދަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ބައިނަލްއޤުވާމީ އެއާޕޯޓު ހިންގުން އިންޑިޔާގެ ޖީއެމްއާރާ ހަވާލުކުރުމުން ކުނި އެޅުމަށް އެ ކުންފުނިން ބޭނުންކުރި ސަރަހައްދެކެވެ. އެތަނުގައި ހުރި ކުނި ނެގުމަށްފަހު އެތަން ތަރައްޤީކުރުމުގެ މަސައްކަތް ފެށީ ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށް ސަޢީދު ވިދާޅުވިއެވެ. 

އެއާޕޯޓު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއް ރައީސް ޔާމީން ސަރުކާރުން ފައްޓާފައިވަނީ ޖީއެމްއާރު އަތުން އެއާޕޯޓު ނެގުމުގެ ސަބަބުން ބަދަލުގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ޑޮލަރެއް ދޭންޖެހުމުން އެ ފައިސާ ދައްކާފައިކަން މިހާރުގެ އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ. 

ސަޢީދު ފާހަގަކުރެއްވި ގޮތުގައި ހުޅުލޭ އިރުމަތީ ސަރަހައްދުގައި ޖީއެމްއާރުން އަޅާފައިވާ ކުނިތައް ނެގުމަށްފަހު އެ ސަރަހައްދު ސާފުކޮށް ޖެޓުތައް ޕާކުކުރާނެ ޚާއްޞަ ޞަރަހައްދެއް ޤާއިމުކުރެއްވީ ރައީސް ޔާމީނުގެ ސަރުކާރުންނެވެ. އަދި މިހާރު އެ ސަރަހައްދުގެ ފޮޓޯއިން އެތަނުގައި އަމިއްލަ މީހުންގެ 21 ޖެޓު ޕާކުކޮށްފައިވާ މަންޒަރު ފެންނަކަން ސަޢީދު ފާހަގަކުރެއްވިއެވެ. 

ބައިނަލްއަޤުވާމީ އެއާޕޯޓު ތަރައްޤީކުރަން ރައީސް ޔާމީނުގެ ވެރިކަމުގައި ފެއްޓެވި މަސައްކަތަކީ އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޤާބިލުކަން އިތުރުވާނެ މަޝްރޫޢެއް ކަމުގައި ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ކުރެޑިޓު ރޭޓިން އެޖެންސީތަކުގެ ތެރޭގައި ހިމެނޭ ފިޗް ރޭޓިންސްއިން ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު