ނޮވެންބަރު 3ގެ ތަޙުޤީޤު މަރުހަލާގައި ރައީސް ޔާމީން އަދާކުރެއްވި ދައުރަކީ ކޮބައިކަން އެނގޭތަ؟

އައިޝަތު ހަނާ 4 ނޮވެމްބަރު 2020 10:24
Flowers
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ދިވެހިންގެ ޚާއިނުންގެ ބަޔަކު ތަމަޅަ ހަނގުރާމަވެރިންގެ ޖަމާޢަތަކާ ގުޅިގެން ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލައިގެ ތަޙުޤީޤު މަރުހަލާގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން މަސައްކަތްކުރެއްވިއެވެ. 

"ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއިރު މި މައްސަލާގައި ހައްޔަރުކުރި ތަމަޅައިންގެ ތެރެއިން ގިނަ މީހުންނަށް އިނގިރޭސި ބަހެއް ނޭނގެއެވެ. އެހެންކަމުން އެ މީހުން ދައްކާ ވާހަކަ ތަރުޖަމާކޮށް ބަޔާން ނެގުމަށް މެޑްރާސްއިން ތަރުޖަމާނުން ގެނައެވެ. އަދި އެމީހުންގެ ފަރާތުން ވަކީލުންގެ ގޮތުގައި މަސައްކަތްކުރި ބައެއް ވަކީލުންނަކީވެސް މެޑްރާސުން ގެނެވުނު މީހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

އެހެންކަމުން މި މީހުންގެ ބަޔާންތައް އިނގިރޭސި ބަހުން ލިޔެވި، އެކުލަވައިލާ ތައްޔާރުކުރުމުން އެ ބަޔާންތައް ދިވެހި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތްކުރުމަށް ޚާއްޞަ ޓީމެއް އެކުލަވައިލެވުނެވެ. އެ ޓީމުގައި އެންމެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީން ހިމެނިވަޑައިގަތެވެ. އެމަނިކުފާނުގެ އިތުރަށް މި ކޮމިޓީގައި ތިއްބެވި ބައެއް ބޭފުޅުންނަކީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި ފަހުން ޤައުމީ ޔުނިވަރސިޓީގެ ޗާންސެލާ ޑރ.މުޙައްމަދު ލަޠީފު އަދި މިހާރުވެސް ސަފީރެއްގެ މަޤާމުގައި ހުންނެވި ޙަސަން ޞާބިރު ފަދަ ބައެއް ބޭފުޅުންނެވެ. 

އަދި ޝަރީޢަތުގެ މަޖިލިސްތަކުގައި ތަމަޅަ ހަނގުރާމަވެރިން ދައްކާ ވާހަކަ މެޑްރާސްއިން ގެނައި 3 ވަކީލުން އިނގިރޭސި ބަހަށް ތަރުޖަމާކުރުމުން ރައީސް ޔާމީނާއި ޑރ.ލަޠީފާއި ޞާބިރު އެ ވާހަކަތައް ދިވެހި ބަހަށް ތަރުޖަމާކުރައްވައެވެ. 

ދިވެހި ބަހުން ދައްކާ ވާހަކަތައް ލިޔުމަށް ސަރުކާރުގެ އޮފީސްތަކުން 15 ވަރަކަށް ސެކްރެޓަރީން އެތަނަށް ގެންނަވާފައިވެއެވެ. އެއީ އަތުލިޔުން ރީތި ބޭފުޅުންނެވެ. ނޮވެންބަރު 3 ވަނަ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ޢާންމުނަށްވެސް ހުޅުވާލައިގެންނެވެ. މި އަޑުއެހުންތައް އަހަރެއްހައި ދުވަހަށް ދެމިގެން ދިޔައެވެ. 

ކިޔުންތެރިންގެ ހިޔާލު