Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

އިންދިރާ ގާންދީ: އަހަރެއް ތެރޭ އެތައް މިލިއަން މީހުންނަށް ދަރިން ނުލިބޭ ގޮތް ހެދި!

ހަތްދިހައިގެ އަހަރުތަކުގެ މެދުތެރޭ، އެއް އަހަރުތެރޭ، އިންޑިޔާގެ އަދުގެ ތާރީޚު ނުދެކޭފަދަ ގިނަ ޢަދަދެއްގެ ފިރިހެނުން ސްޓެރިލައިޒުކުރެވުނެވެ. ސްޓެރެލައިޒުކުރުމަކީ ފިރިހެނުންނަށް ދަރިން ނުލިބޭ ގޮތް ހެދުމެވެ.
މި ސްޓެރިލައިޒްކުރުމުގެ މަޝްރޫޢު ހިންގީ އިންދިރާ ގާންދީގެ ސަރުކާރުންނެވެ. ސްޓެރިލައިޒުކުރަން މަދަދުދިނީ ހުޅަނގުގެ ޑިމޮކުރަސީތަކެވެ.
ހުޅގަނގު މުފައްކިރުންނަށް އެދުވަސްވަރު ވިސްނިފައި އޮތީ، ދުނިޔޭގެ އާބާދީގެ އަސާސީ ބޭނުންތައް ފުއްދައިދޭވަރަށް ވަސީލަތް ދުނިޔޭގައި ނެތްކަމުގައެވެ. އެ މުފައްކިރުންނަށް ވިސްނުނުގޮތުގައި، ދުނިޔޭގެ އާބާދީ ބިޔަވަމުންގޮސް، އެމެރިކާގެ ގިނަޔަބަކު ބަނޑަށްޖެހި، އިނގިރޭސިވިލާތް ނެތިގެން ހިނގައިދާނެއެވެ. މިފަދަ ފިކުރުތައް ވެގެންދިޔައީ ހުޅަނގުގެ ސިޔާސީވެރިން ބަލައިގަތް، ޤަބޫލުކުރި ފިކުރުތަކަކަށެވެ.
އެމީހުންގެ ނަޒަރު ހުއްޓިގެން ދިޔައީ އިންޑިޔާ އާއި އެފުރިކާގެ ޤައުމުތައް ފަދަ ފަޤީރު ޤައުމުތަކަށެވެ.
1970 ގެ އަހަރުތަކަކީ އިންޑިޔާގައި ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރެކެވެ.
ބޮޑުވަޒީރުކަމުގެ ކޯޅުންގަނޑަކާއިހުރެ ނުކުތް ކުއްލިޙާލަތެއްގެ ދުވަސްކޮޅެކެވެ. މި ކުއްލިޙާލަތުގެ ދުވަސްވަރު މިހާރު މަޝްހޫރުވެފައިވަނީ އިންދިރާ ގާންދީގެ ސަރުކާރުން ހިންގި ލާއިންސާނީ ޚުދުމުހުތާރު ޢަމަލުތަކެއްގެ ސަބަބުންނެވެ.
މިނުތަނަވަސްކަމުގެ ދުވަސްވަރު ފެށުނީ ކޯޓުކޭހަކުންނެވެ.
1971 ގެ ބަރުލަމާނީ އިންތިޚާބުގައި، އިންދިރާ ގާންދީ ކާމިޔާބުކުރައްވައި ބޮޑުވަޒީރަށް ވެވަޑައިގަތެވެ. އެކަމަނާ އިންތިޚާބު ކާމިޔާބުކުރެއްވީ ރާޖް ނަރައިންއާ ވާދަކުރައްވައިގެންނެވެ. ދައުލަތުގެ އިދާރާތައް ފަސާދަކުރައްވައިގެން އިންތިޚާބު ކާމިޔާބުކުރެއްވިކަމަށް ދަޢުވާކޮށް، އެ އިންތިޚާބަކީ "އޮޅުވާލި ވޯޓެއް"ގެ ގޮތުގައި ސިފަކުރައްވައި، ނަރައިން އައްލާހުއާބާދުގެ ހައި ކޯޓަށް އެމައްސަލަ ހުށަހެޅުއްވިއެވެ. އައްލާހުއާބަދު ހައިކޯޓުން މައްސަލަ ނިންމީ ނަރައިން އާއި އެއްކޮޅަށެވެ. އިންދިރާ ގާންދީގެ އިންތިޚާބީ ކާމިޔާބު އެ ކޯޓުން ބާޠިލުކޮށްލިއެވެ. އަދި އިންދިރާ ގާންދީގެ ބަރުލަމާނީ ގޮނޑިން އެކަމަނާ ވަކިކޮށްލެވުނެވެ.
އިންޑިޔާގެ ސުޕްރީމް ކޯޓަށް މިމައްސަލަ ގެންދިޔުމުން އެކޯޓުންވެސް އައްލާހްއާބާދު ހައިކޯޓުގެ ނިންމުން ދެމެހެއްޓިއެވެ. އަދި ބަރުލަމާނީ މެމްބަރެއްގެ ހައިސިއްޔަތުން އިންދިރާ ގާންދީ އަށް ލިބިވަޑައިގަންނަމުން ދިޔަ ހުރިހާ އިނާޔަތްތަށް ހުއްޓުވުމަށްވެސް އެކޯޓުން 1975 ގެ ޖޫން މަހުގެ 24 ވަނަ ދުވަހު ޙުކުމް ކުރިއެވެ.
އޭގެ އެއްދުވަސްފަހުން، 1975 ގެ ޖޫންމަހުގެ 25 ވަނަ ދުވަހު އިންޑިޔާގެ ރައީސް، ފަޚްރުއްދީން ޢަލީ އަޙްމަދު ކުއްލިޙާލަތު އިޢުލާނުކުރެއްވިއެވެ.
މި ކުއްލިޙާލަތުގެ މައިގަނޑު މަޤުޞަދަކީ "ދާޚިލީ ގަޑުބަޑުތައް" މައިތިރިކުރުވުން ކަމަށް އިންދިރާ ގާންދީގެ ސަރުކާރުން ބުންޏެވެ. މި ކުއްލިޙާލަތުގެ ދަށުން އެޅުނު ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅު ތިރީގައި ބަޔާންކުރަމެވެ:
- އިންޑިޔާގެ ނޫސްވެރިންނަށާއި ޚަބަރުފަތުރާ އިދާރާތަކުން ކިޔަމަންވާންޖެހޭ "ޤަވާއިދުތަކެއް" ކަނޑައަޅައި، އެއްވެސް އެއްޗެއް ޝާޢިއު ކުރުމުގެ ކުރިން ޕްރެސް އެޑްވައިޒަރުގެ ހުއްދަ ހޯދުމަށް މަޖުބޫރުކުރެވުނެވެ.
- އިންދިރާ ގާންދީގެ ސިޔާސީ ވާދަވެރިން ހައްޔަރުކުރެވި ޖަލުބަންދުކުރެވުނެވެ. މިއަދުގެ ބީ.ޖޭ.ޕީ. ގެ އޭރުގެ ލީޑަރެއްކަމުގައިވާ އެލް. ކޭ. އަދުވާނީ އެތައްމަހެއް ޖަލުގައި ހޭދަކުރަންޖެހުނެވެ.
މި ކަންކަމުގެ ތެރެއިން، ފާހަގަކޮށްލެވޭ އެންމެ އިހާނެތި ފިޔަވަޅުތަކުގެ މޭސްތިރިޔަކަށްވީ އިންދިރާ ގާންދީގެ ފިރިހެންދަރިކަލުން، ސަންޖޭ ގާންދީއެވެ. އިންޑިޔާގެ ފަގީރު ފިރިހެނުން "ސްޓެރިލައިޒު" ކުރުމުގެ މަޝްރޫޢެއް ފެށުނެވެ. ސްޓެރިލައިޒުކުރުމަކީ މީހަކަށް ދަރިން ނުލިބޭގޮތް ހެދުމެވެ. އިންޑިޔާގެ ކުދި އަވަށްތަކުގެ މީހުން ފުލުހުން ހައްޔަރުކޮށް ގަދަކަމުން ސްޓެރިލައިޒުކުރަން ގެންދިޔަކަމުގެ ޚަބަރުތައް ލިބިފައިވެއެވެ.
ކުއްލިޙާލަތުގެ ދުވަސްވަރު، އެއް އަހަރުތެރޭ 6.2 މިލިޔަން އިންޑިޔާ ފިރިހެނުން ސްޓެރިލައިޒްކުރެވިފައިވެއެވެ. މިއީ ހިޓުލަރުގެ އަނިޔާވެރި ސަރުކާރުން ސްޓެރިލައިޒްކުރި މީހުންގެ ޢަދަދަށްވުރެ 15 ގުނަ އިތުރު އަދަދެކެވެ. 2،000 މީހުން މި ސްޓެރިލައިޒޭޝަން ކުރުމުން މަރުވެފައިވެއެވެ.
ސްޓެރިލައިޒްކުރުމުގެ ސިޔާސަތު އިންޑިޔާއިން ހިތްވަރުލިބުނީ ހުޅަނގުގެ ޤައުމުތަކުގެ އެހީ އާއި ސަޕޯޓުންނެވެ.
ސްޓެރިލައިޒޭޝަން މަޝްރޫޢުތައް ހިންގުމަށްވޯރލްޑް ބޭންކުން 66 މިލިޔަން ޑޮލަރގެ ލޯނެއް އިންޑިޔާއަށް ދިނެވެ. ހަމަ މިބީދާއިން، ހުޅަނގުގެ ޑިމޮކުރެޓިކް ގިނަ ޤައުމުތަކުން ދިޔައީ ސްޓެރިލައިޒޭޝަން ބޭނުންކޮށްގެން އިންޑިޔާގެ އާބާދީ ކޮންޓުރޯލުކުރުމަށް ގޮވާލާ ޕުރެޝަރުކުރަމުންނެވެ. 1965 ގައި، އެމެރިކާގެ ރައީސް ލިންޑަން ބީ. ޖޮންސަން ތަދުމަޑުކަމެއްގައި ޖެހިފައިވާ އިންޑިޔާއަށް އެހީ ފޯރުކޮށްދިނީ ސްޓެރިލައިޒޭޝަން މަޝްރޫޢެއް އިންޑިޔާއިން ޤާއިމުކުރަން އެއްބަސް ކުރުވާފައެވެ.
ކުއްލި ޙާލަތުގެ ދުވަސްވަރު ސްޓެރިލައިޒޭޝަން ގެ މަޝްރޫޢުއަށް ތާޢީދުކޮށް މަދަދު ދިނީ ހުޅަނގުގެ ޑިމޮކުރަސީތަކުންނެވެ.
ސްޓެރިލައިޒުކުރުމަކީ އިންޑިޔާގެ ސަރުކާރުގެ ސިޔާސަތުތަކުން ނެތިގޮސްފައިވާ ކަމެއް ނޫނެވެ. ރަސްމީ ހިސާބުތައް ދައްކާގޮތުގައި، 2013 އާއި 2014 ދެމެދު އިންޑިޔާއިން ވަނީ 4 މިލިޔަން މީހުން ސްޓެރިލައިޒްކޮށްފައިއެވެ. މިފަދަ ސްޓެރިލައިޒޭޝަންތަކުގައި 700 މީހުން ވަނީ 2009 އާއި 2012 ދެމެދު މަރުވެފައެވެ.
މި ލިއުމާއި ގުޅޭ