ކައުންސިލް އިންތިޚާބު ފަސްކޮށްފި

ޙުސައިން އަފްޝަން 12 މާރިޗު 2020 17:44
Flowers

ކައުންސިލް އިންތިޚާބު ބާއްވާ މުއްދަތު އޭޕްރީލް މަހުގެ 4 ވަނަ ދުވަހުން އެމަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފި ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

އިންތިޚާބު ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ރާއްޖޭގައި އިޢުލާނުކުރުމަށް ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ އަމީން ނިންމަވައި އެކަން އިޢުލާނު ކުރެއްވުމާ ގުޅިގެން ކަމުގައި އެ ކޮމިޝަނުން ބުނެފައިވެއެވެ. 

ދިވެހިރާއްޖޭގައި ޞިއްޙީ ނުރައްކަލުގެ ޙާލަތު އިޢުލާނުކުރީ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަަކަށެވެ. 

މިއަދު އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަނުގެ ރައީސް އަޙުމަދު ޝަރީދު މަޢުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ މިއަދު ސަރުކާރުގެ ފަރާތުން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާ ގުޅިގެން އެކޮމިޝަނުގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސް އެބައްދަލުވުމުގައި އިންތިޚާބުގެ ވޯޓުލުން ފަސްކުރަން ނިންމަވާފައިވާ ކަމުގައެވެެ. 

އިންތިޚާބުގެ ވޯޓުލުން ފަސްކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުން އެމަހުގެ 18 ވަނަ ދުވަހަށެވެ. އަދި އެތާރީޚަކީ ޤާނޫނީ ގޮތުން އިންތިޚާބު އެކޮމިޝަނަށް ފަސްކުރެވޭނެ އެންމެ ފަހު ތާރީޚު ކަމުގައިވެސް ޝަރީފު ވިދާޅުވިއެވެ. އެއަށްވުރެ ފަހުގެ ތާރީޚަކަށް ފަސްކުރެވޭނީ ކޯޓު އަމުރަކުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

އޭޕްރީލް 18 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި އޮތް ޙާލަތު ރަނގަޅުނުވެއްޖަނަމަ، އެއަށްވުރެ ފަސް ތާރީޚަކަށް އިންތިޚާބު ލަސްކުރުމަށްޓަކައި ކޯޓަށް އިލެކްޝަންސް ކޮމިޝަނުން ދާނެ ކަމުގައިވެސް ޝަރީފު ވިދާޅުވިއެވެ. 

އިތުރަށް ޝަރީފު ވިދާޅުވީ ފަސްކުރަން ހަމަޖެއްސެވީ ހަމައެކަނި އިންތިޚާބުގެ ވޯޓުލުމެވެ. އިންތިޚާބުގައި މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށާއި ފުރިހަމަކޮށްފައިވާ މަރުހަލާތަކަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އިންތިޚާބަށް ފުރިހަމަކުރަންޖެހޭ ގިނަ ތައްޔާރީތަކެއް މިހާރުވެސް ފުރިހަަމަވެފައިވާނެ ކަމުގައާއި އިތުރު ތައްޔާރީތަށް މިހާރު މަޑުޖައްސާލާފައިވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު
ހެވާ
އެވަރު ވިސްނުންކަންވެސް ރަނގަޅު.