Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

ދަރިންނަށް ޅައިރުއްސުރެ މަސައްކަތް ދަސްކޮށްދީ، މަސައްކަތަށް ލޯބި ޖައްސަންޖެހޭ: ހުކުރު ޚުޠުބާ

ކީރިތި ރަސޫލާއަކީ ހުރިހާ ގޮތަކުންވެސް މާތްﷲ އަޅަމެންނަށް ދެއްކެވި މަތިވެރި ނަމޫނާއެވެ. އެކަލޭގެފާނު ތުއްޕުޅު އިރުން ފެށިގެން މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. އަދި އެހެން މީހުންނަށް މަސައްކަތް ކޮށްދިނުމާއި ވިޔަފާރީގެ މަސައްކަތުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ. މިއަދުގެ ހުކުރުޚުޠުބާގައި އަލިއަޅުއްވާ ލައްވާފައިވަނީ ދަރިންނަށް މަސައްކަތް ދަސްކޮށްދީ، މަސައްކަތަށް ލޯބި ޖައްސާ ހީވާގި ބަޔަކަށް ހެދުމުގެ މައްޗަށެވެ.
ދަރިން އަމިއްލައަށް ކުރެވޭވަރުގެ ކަންތައްތައް އަމިއްލައަށް ކުރުވާ މަސައްކަތް ކުރުމުގެ އާދަ ހަރުލެއްވުމަށް އިސްލާމްދީން ބާރުއަޅައެވެ. ގޭތެރޭގައާއި މުޖްތަމަޢުގެ މަސައްކަތުގައި ބައިވެރިވުމުގެ ރޫޙު އަށަގަންނުވަން ޖެހެއެވެ. ބޭނުންތެރި، ހުއްދަ އެއްވެސް މަސައްކަތެއް ކުރުމަށް ޖެހިލުންވިޔަ ދީގެން ނުވާނެއެވެ. މިއަދުގެ ހުކުރު ޚުޠުބާގައި ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން މިކަމަށް މިސާލު ނަންގަވާފައިވެއެވެ. އެގޮތުން މަސްޖިދުއްނަބަވީ ބިނާކުރެއްވުމުގައި ކީރިތި ރަސޫލާ ހިލަ އުފުއްލެވުމާއި ވެލި އުފުއްލެވުންފަދަ ކަންކަމުގައި އަޞްޙާބު ބޭކަލުންނާއެކު ޢަމަލީގޮތުން މަސައްކަތްޕުޅު ކުރައްވާފައިވާކަން ބަޔާންކޮށްފައިވެއެވެ. އަޙްޒާބު ހަނގުރާމަ ފެށުމުގެ ކުރިން ޚަންދަގު ކޮނުމުގައި އެހެން މުސްލިމުންނެކޭ އެއްފަދައިން ޢަމަލީ ގޮތުން ކީރިތި ރަސޫލާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަދުގެ މުޖްތަމަޢުން ފެންނަމުންދަނީ ތެދުވެރިކަމެއް، ފަރުވާތެރިކަމެއްނެތި ފައިސާގެ ދަހިވެތިކަމުގައި ފަރުވާކުޑަކޮށް މަސައްކަތް ކުރުމުގެ ސަބަބުން ވެރިފަރާތަށް ބަރުދާސްތު ނުކުރެވޭފަދަ ބޮޑެތި ގެއްލުން ލިބެމުންދާތަން ކަމުގައި ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ. މުޖްތަމަޢުގެ ތެރެއިން މިފަދަ ނުބައި ވިހަ އަސަރުތައް ފިލަިއގެންދާނީ، މުސްލިމުންގެ ޅަދަރިންނާއި ޒުވާނުންގެ މެދުގައި މަސައްކަތްތެރިކަމާއި ، މަސައްކަތްތެރިކަމުގެ އަޚްލާޤުގެ އޮށް އިންދިގެން ކަމަށް ހުކުރު ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.
ޤައުމެއް ތަރައްޤީވެ ކުރިއަރައިގެންދާނީ ޤައުމެއްގެ ދަރިންނަކީ ގޯތިގެދޮރުގެ މަސައްކަތާއި އަމިއްލަ މަސައްކަތުން ފެށިގެން ޤައުމީ ފެންވަރުގެ އެންމެހާ މަސައްކަތްތަކަށް ދާންދެން ކުރަން ފަސްނުޖެހޭ، މުރާލި، ހީވާގި ކެރޭ ހަރުދަނާ ބަޔަކަށް ވެގެންކަން ކަށަވަރެވެ. އެހެންކަމުން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް އިންސާނުން ބިނާކުރުމުގެ މަސްއޫލިއްޔަތު ކަނޑައެޅިފައިވާ ފަރާތްތަކުން މިކަންކަމުގެ މައްޗަށް ސަމާލުކަން ދިނުމަށް ހުކުރު ޚުޠުބާގައި ގޮވާލައްވާފައިވެއެވެ.
މި ލިއުމާއި ގުޅޭ