ތިމާއަކީ އެންމެ މޮޅު މީހާ ކަމަށް ހީނުކޮށް އެފަދަ މީހަކަށް ވުމަށް މަސައްކަތް ކުރޭ!

މޫސާ ޞިއްދީޤު ޙަސަން 5 އޯގަސްޓު 2020 19:27
Flowers

އިންސާނާގެ ހިތަށް އަރައެވެ. "އަހަރެން ކުރާނީ ކޮންކަމެއްހެއްޔެވެ؟ އަހަރެންނަށް ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟ މިހާރަށްވުރެ ބޮޑަށް ރަނގަޅަށް، އަހަރެން މިކަން ކުރާނީ ކިހިނެއްހެއްޔެވެ؟" މޮޅު މީހަކަށް ވުމަށްޓަކައެވެ. މީހުން ޝައުޤުވެރިވާ ފަރާތަކަށްވުމަށެވެ. ޝަރަފާއި ޤަދަރުގެ ދަހިވެތިކަމުގައެވެ. އެފަދަ މީހުންނަށް އޮތް އެންމެ ރަނގަޅު ނަސޭހަތަކީ "ފަހަރެއްގައި ވެސް ތިމާއަކީ އެންމެ މޮޅު މީހާ ކަމުގައި ހީނުކުރާށެވެ. އެކަމަކު އެފަދަ މީހަކަށް ވުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއްކަމުގައި ދަންނާށެވެ." 

އެންމެ މޮޅު މީހާ ކަމުގައި ނުވިނަމަވެސް އެމީހަކަށް ވުރެ މޮޅު މީހަކަށް ވެވިދާނެއެވެ. އެހެނީ ދުނިޔޭގައި އެއްވެސް މީހަކަށް، އޭނާއަކީ އެންމެ މޮޅު މީހާކަމުގެ ދަޢުވާ ކުރުމުގެ ޙައްޤު ލިބިފައިނުވެއެވެ. {وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ } يوسف : 76 - މާނައީ "އަދި ކޮންމެ ޢިލްމުވެރިޔެއްގެ މައްޗަށް (ހުރިހާކަމެއް) މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ވޮޑިގެންވެއެވެ." މިއާޔަތުގެ ތަފުސީރުގައި އިބުނު ޢައްބާސު رَضِيَ اللهُ عَنْهُمَا ވިދާޅުވަނީ "يَكُوْنُ هَذَا أَعْلَمُ مِنْ هَذَا، وَهَذَا أَعْلَمُ مَنَ هَذَا، وَاللهُ فَوْقَ كُلِّ عَالِم." - މާނައީ 'މިމީހާއަކީ ދެން ހުރި މީހާއަށްވުރެ ބޮޑަށް ދަންނަ މީހެއް ކަމުގައި ވެދާނެއެވެ. އަދި ދެންހުރި މީހާއަކީ ވެސް މިމީހާއަށް ވުރެ ބޮޑަށް ދަންނަ މީހެއް ކަމުގައި ވެދާނެއެވެ. އަދި الله ވޮޑިގެންވަނީ ދަންނަ ހުރިހާ ބައެއްގެ މަތީގައެވެ.' އެބަހީ: އެކަކަށްވުރެ ބޮޑަށް ދަންނަ އަނެކަކު ހުންނާނެއެވެ. އަދި އޭނާއަށް ވުރެ ބޮޑަށް ދަންނަ އެހެން މީހަކު ހުންނާނެއެވެ. މިހެންގޮސް މާތް الله ވަނީ އެންމެ ބޮޑަށް ދެނެވޮޑިގެންވާ ކަލާނގެކަމުގައެވެ.

ލިބިފައިވާ ކުޅަދާނަކަމާއި ހުނަރުވެރިން ބޭނުންކޮށް ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް ބައެއް މީހުންނަކަށް އެމީހުން އެދޭމިންވަރާއި ގާތަކަށްވެސް ނުދެވެއެވެ. އަބަދުވެސް ހުރެވެނީ ހުރި ހިސާބުގައެވެ. ހުރި ފިޔަވަޅު މަތީގައެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅެއެވެ. އެޅޭނެ ގޮތެއްވެސް ނުފެނެއެވެ. އެކަމަކު އެދަނޑިވަޅުގައި، އޭނާއަށްވުރެ ޢިލްމާއި ވިސްނުމުގެ ގޮތުން މާދަށް މީހުން ވެސް ކުރިއަރައިގެން ގޮސް މާމަތީ ދަރަޖައާއި މަގާމުތަކުގައި ތިބޭތަން އޭނާއަށް ފެނެއެވެ. އަދި ކެނޑިނޭޅި ދަނީ ކުރިއަރަމުންނެވެ. ކާމިޔާބަކަށްފަހު ކާމިޔަބެއް ހާސިލުކުރަމންނެވެ. އަދި އެމީހުން ހީވެސް ނުކުރާ މިންވަރަށް ކުރިއަރައިގެން ގޮސް މާމޮޅު މީހަކަށް ވެދެއެވެ. އަނެއް މީހަކު ރެއާއި ދުވާލު ވާރެއާއި އަވީގައި ދައު އޮއްސައިގެން ކުރާމަސައްކަތުން ލިބޭ ފައިދާއެއް ނުފެނެއެވެ. ހުރިހާ ވަސީލަތްތަކެއް ލިބިހުރެ ދުވާލު ހަތަރުދަމު މަސައްކަތް ކުރުމުންވެސް ހުރެވެނީ ހަމަ ހުރިތާގައެވެ. މިއީ ދުނިޔެވީ، މާއްދީ ކަންތަކަށް ބަލާލުމުން ފެންނަ މަންޒަރުތަކާއި ހީވާހީވުން ތަކެވެ. މިފަދަ މީހުންނަށް ދޭންއޮތް ނަސޭހަތަކީ އެފަދަ ކުށްހީތައް ކުރާ މީހުންގެ ތެރެއިން ތިބާ ނުވާށެވެ. އެހެން މީހުންނަށް ބަރޯސަވާ މީހެއްކަމުގައި ނުވާށެވެ. ކޮންމެ ކަމެއްގައި، ކޮންމެ ވަގުތެއްގައި އުޒުރު ދައްކާ މީހަކަށް ނުވާށެވެ. އަދި ކިއެއްތަ، ތިބާއަށް ކުރިއަށް ނުދެވުމުގެ ސަބަބު ހޯދާށެވެ. ނަފުސަށް އިތުބާރު ކުރާށެވެ. ނުބައިކޮށް ކުރެވުނީ ކޮންކަމެއްތޯ ބަލާށެވެ. ތިމާގެ ނަފުސަށް ރުޖޫޢަވާށެވެ. ފަރުވާކުޑަކުރެވުނު ތަންތަނުގައި އިނގިލި އަޅައި އެހެން މީހުންގެ މަސައްކަތަށް ރަނގަޅަށް ބަލާށެވެ. އެއިރުން ކުރެވުނު ކުށް ފެނި، ކާމިޔާބީގެ އައްސޭރި ތަނަވަސްވެ ހާމައަށް އޮންނަތަން ފެންނާނެއެވެ. ކޮންމެ މީހަކުވެސް އަނެކާ ދެކެ ރުޅިނައިސް ދިރިއުޅެވޭތޯ ބަލަން ޖެހޭނެއެވެ. އަނެއްމީހާގެ މައްޗަށް ބޮޑާނުވެ ލޮބުވެތިވެކަމާއިއެކު ހިތްހަމަޖެހުން ފާޅުކުރަން ޖެހޭނެއެވެ. ތިމާއަށްވުރެ ދަށްދަރަޖައިގެ މީހުންނަށް ދޯކާނުދީ ކަންކަމުގައި ކުރިއަށް ދާންޖެހެއެވެ. އަދި އެފަދައިން ތިމާއަށްވުރެ މަތީދަރަޖައިގެ މީހުން ދެކެ ހަސަދވެރިވެގެން ވެސް ނުވާނެއެވެ. ތިމާ ކުރަންޖެހޭ ކަމަކީ، ތިމާ އެފަދަ މީހަކަށް ވުމަށް މަސައްކަތް ކުރުމެވެ. އެމީހުންނަށާއި އެމީހުންގެ ކާމިޔާބީތަށް އިހުތިރާމް ކުރުމާއިއެކުގައެވެ.

ޢިލްމާއި ހިލްމާއި ޙިކުމަތްތެރިކަން، އަދި ރިޒުގާއި މުދަލާއި ޞިއްހަތަކީ ކޮންމެ މީހަކަށް ވެސް މާތް اللَّه މިންވަރުކުރައްވާ މިންވަރަކަށް ލިބޭ އެއްޗެކެވެ. މާއްދީ ކަންތައް ދޫކޮށް އޭގެ އަނެއްފަރާތަށް ބަލާލުމުން ބަހާއި ޢަމަލުގައި ތެދުވެރިވެއްޖެ މީހާއަށް ނުލިބޭނެ ހެޔޮކަމެއް ނެތްކަން ޝަރީޢަތުން ސާބިތުވެއެވެ. އަދި އެއީ އާދައިގެ ކުޑަކުޑަ ހެޔޮކަމެއް ނޫންކަން ވެސް އެނގެއެވެ. ހިތަށް ނުގެވޭހާ ގިނަ ހެޔޮކަންތަކެވެ. قال تعالي {يُؤْتِي الْحِكْمَةَ مَنْ يَشَاءُ وَمَنْ يُؤْتَ الْحِكْمَةَ فَقَدْ أُوتِيَ خَيْرًا كَثِيرًا وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ} البقر : 269. - މާނައީ "އެކަލާނގެ އިރާދަކުރައްވާ މީހަކަށް ޙިކުމަތް ދެއްވައެވެ. އަދި، (އެމީހަކަށް) ޙިކުމަތް ދެއްވި މީހާއަށް ފަހެ، ގިނަވެގެންވާ ހެޔޮކަން ލިބިއްޖެކަން ކަށަވަރެވެ. ބުއްދީގެ އަހުލުވެރިން މެނުވީ، ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ." މިތާގައި ޙިކުމަތުގެ އެއް މުރާދަކީ ބަހާއި ޢަމަލުގައި ތެދުވެރިވުން ކަމުގައި ދަންނަބޭކަލުން ވިދާޅުވެފައިވެއެވެ. ވީމާ ބަހާއި ޢަމަލުގައި ތެދުވެރިވެއްޖެ މީހާ ޙިކުމަތްތެރި މީހަކަށް ވެއްޖެކަން ކަށަވަރެވެ. މާތް اللَّه އިންސާނާއަށް ދެއްވާފައިވާ ޢިލްމުގެ މިންވަރު ކީރިތިޤުރްއާނުގައި ބަޔާންވެފައިވެއެވެ. { وَمَا أُوتِيتُمْ مِنَ الْعِلْمِ إِلَّا قَلِيلاً } [الإسراء: 85. - މާނައީ "އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) ޢިލްމުގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ." މުދަލާއި ރިޒުގަކީ މާތް اللَّه އިރާދަކުރައްވާ ފަރާތަކަށް އިރާދަކުރައްވާ މިންވަރަކަށް ލިބޭ އެއްޗެކެވެ. މާތް اللَّه އަށް ބިރުވެތިވެ ތަޤުވާވެރިވާ މީހާގެ ހިތާމަ ފިއްލަވައި ހީވެސް ނުކުރާހާ ގޮތްގޮތުން އެމީހާއަށް އެކަލާނގެ ރިޒުގުދެއްވައެވެ. {وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا * وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ} الطلاق : 2-3 – މާނައީ "އަދި اللَّه އަށް ތަޤުވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒުގު ދެއްވާނެތެވެ." މުދަލަކީ އިންސާނާގެ ޙަޔާތުގައިވާ އެންމެ ބޭނުންވާ އެކައްޗެވެ. {زُيِّنَ لِلنَّاسِ حُبُّ الشَّهَوَاتِ مِنَ النِّسَاءِ وَالبَنِينَ وَالقَنَاطِيرِ المُقَنْطَرَةِ مِنَ الذَّهَبِ وَالفِضَّةِ وَالخَيْلِ المُسَوَّمَةِ وَالأَنْعَامِ وَالحَرْثِ ذَلِكَ مَتَاعُ الحَيَاةِ الدُّنْيَا وَاللهُ عِنْدَهُ حُسْنُ المَآَبِ.} آل عمران : 14. – މާނއީ " އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި ޖަމަލާއި، ދަނޑުބިމާއި، މިތަކެއްޗަށް އެދުމުގެ ލޯބި، މީސްތަކުންނަށް ޒީނަތްތެރި ކުރެއްވިއެވެ. އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ ތަކެއްޗެވެ. ނަމަވެސް އެނބުރިދަނިވި ރިވެތިވެގެންވާ ތަންވަނީ اللَّه ގެ ޙަޟްރަތުގައެވެ." ދިރިއުޅުމުގައި މީހާއަށް އެންމެ ބޭނުންތެރި މުހިއްމު އެއްޗަކީ މުދަލެވެ. ހަލާލުގޮތުގައި މުދާ ހޯދުމަކީ ކުރަންޖެހޭ ކަމެކެވެ. މާތް اللَّه އަންގަވާފައިވާ ތެދު މަގުގައި ދެމިހުރުމަށް ސިއްހަތު ސަލާމަތުން ހުންނަންޖެހެއެވެ. ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވާން ޖެހެއެވެ. ހެޔޮ ޢަމަލުކޮށް ޞަދަޤާތް ކުރަންޖެހެއެވެ. މިއީ ގުނާ ޢަދަދު ނުކުރެވޭހާ އަޖުރާއި ޘަވާބު ލިބޭކަމެކެވެ. ލިބިފައިވާ ޢިލްމަށް ޢަމަލުކުރާ މީހާއާއި މުއްސަނދި މުއުމިން މީހާގެ ދަރަޖަ ކީރިތިރަސޫލާ صلى الله عليه وسلم ވަނީ އެއްވަރު ކުރައްވާފައެވެ. އެފަދައިން މުދަލަކީ މާތް اللَّه ގެ ޙަޟްރަތަށް ކުއްތަންވުމުގައި ބޭނުންވާ އެންމެ ބޮޑު އެއްވަސީލަތެވެ. އަދި މުއްސަނދިންނާއި ޢިލްމުގެ އަހުލުވެރިންނަކީ މީހުން އެންމެ ހަސަދަވެރިވެސް ވާފަރާތްތަކެވެ. ކީރިތިރަސޫލާ صلى الله عليه وسلم ގެ ޙަދީޘެއްގައިވެއެވެ. (لا حَسَدَ إِلاّ في اثْنَتَيْنِ: رَجلٌ آتَاهُ الله مَالاً فَهُوَ يُنْفِقُ منهُ آنَاءَ اللّيْلِ وآنَاءَ النّهَارِ، وَرَجُلٌ آتَاهُ الله القُرْآنَ فَهُوَ يَقُومُ بِهِ آنَاءَ اللّيْلِ وَ آنَاءَ النّهَار). متفق عليه. - މާނައީ "ދެވައްތަރެއްގެ ބަޔަކަށް މެނުވީ ހަސަދަވެރިވުމެއް ނެތެވެ. އެއީ މާތް ﷲ އެމީހަކަށް މުދާ ދެއްވުމުން ރެއާއި ދުވާލު އެމުދާ ހޭދަކުރާމީހާ އާއި އެމީހަކަށް މާތް ﷲ ޤުރްއާނުގެ ޢިލްމު ދެއްވުމުން ރެއާއި ދުވާލުގެ ވަގުތު އެޤުރްއާން ކިޔެވުމުމާއި ކިޔަވައި ދިނުމުގައި ހޭދަކުރާމީހާއެވެ." މާތް اللَّه މުދާދެއްވުމުން ތަވާޟުޢުވެރިވެ އެމުދާ ހެޔޮގޮތުގައި ހޭދަކޮށް ޝުކުރު އަދާކުރާ މީހުން ތިބޭ ފަދައިން ކިބުރުވެރިވެ ބޮޑާވުމަކީ ވެސް އިންސާނުންގެ ކިބައިގައި ހުންނަކަމެއްކަން ކީރިތިޤުރްއާނުން އެނގިފައިވެއެވެ. {إِنَّ قَارُونَ كَانَ مِنْ قَوْمِ مُوسَى فَبَغَى عَلَيْهِمْ وَآَتَيْنَاهُ مِنَ الْكُنُوزِ مَا إِنَّ مَفَاتِحَهُ لَتَنُوءُ بِالْعُصْبَةِ أُولِي الْقُوَّةِ إِذْ قَالَ لَهُ قَوْمُهُ لَا تَفْرَحْ إِنَّ اللَّهَ لَا يُحِبُّ الْفَرِحِينَ}.القصص : 76. – މާނައީ "ހަމަކަށަވަރުން، ޤާރޫނަކީ، މޫސާގެފާނުގެ ގައުމުގެ މީހުންގެ ތެރެއިންވީ މީހެކެވެ. ފަހެ، އޭނާ އެއުރެންގެ މައްޗަށް ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ އޭނާއަށް ގިނަވެގެންވާ (މުދާތަކުގެ) ޚަޒާނާތައް ދެއްވީމެވެ. ހަމަކަށަވަރުން، ވަރުގަދަ ޖަމާޢަތެއްގެ މީހުންނަށް، އެ ޚަޒާނާތަކުގެ ތަޅުދަނޑިތައް އުފުލުންވަނީ ބުރަވެފައެވެ. އޭނާގެ ގައުމުގެ މީހުން އޭނާއަށް ބުނިހިނދެވެ. (ކިބުރުވެރިވުމުގެ ގޮތުން) އުފާ ނުކުރާށެވެ! ހަމަކަށަވަރުން، ބޮޑާވުމުގެގޮތުން އުފާކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ." ތިމާއަކީ އެންމެ މޮޅު ކުޅަދާނަމީހާ ކަމުގައި ފެނުމަކީ ނުރައްކާތެރި ކަމެއްކަން މަތީގައިވާ އާޔަތުން އެނގި ސާފުވެއެވެ. قَالَ سُفِيَانَ بُنِ عُيَيْنَةَ : "مَنْ رَأَى أَنَّهُ خَيْرٌ مِنْ غَيْرِهِ فَقَدِ اسْتَكْبَرَ، ثُمَّ ذَكَرَإِبْلِيْسَ." – މާނައީ ސުފިޔާނު ބުނި ޢުޔައިނާގެ ވިދާޅުވިއެވެ. 'މީހަކަށް އޭނާއަކީ އެންމެ ރަގަޅު މީހާކަމުގައި ފެނިއްޖެނަމަ ފަހެ، އެމީހާ ބޮޑާވެގެންފިއެވެ. ދެން އޭގެފަހުގައި އިބްލީސް ބޮޑާވެގަތްގޮތުގެ ވާހަކަ ވިދާޅުވެދެއްވިއެވެ.' (ސުފިޔާނު ބުނި ޢުޔައިނާއަކީ 107ހ. ގައި ކޫފާގައި އުފަންވެ ވަޑައިގެން 198ހ. ގައި ނިޔާވެލައްވާފައިވާ، ޒުހުދުވެރި، ވަރަޢުވެރި، މަޝްހޫރު ޙަދީޘު ޢިލްމުވެރިއެއް ކަމުގައިވާ ދީނީ އިމާމެކެވެ.)   

ކިޔުންތެރިންގެ ހިޔާލު
ހުއްދަ
އަލްޣިބްޠާ އަކީ ހުއްދަ ކަމެއްކަމުގައި ވިޔަސް ޙަސަދައަކީ ހުއްދަ ކަމެއް މޫނެވެ.