ޢީދު ތަކުބީރަކީ ކޮބާ؟

މޫސާ ޞިއްދީޤު ޙަސަން 30 ޖުލައި 2020 17:11
Flowers

ތަކުބީރުގެ މާނައަކީ الله މަތިވެރިކުރުމާއި، އެންމެހާ ޢައިބުތަކުން އެކަލާނގެ ހުސްޠާހިރުކުރުމާއި، އެކަލާނގެއަށް ޡަނާކިއުމެވެ. މުސްލިމު އަޅާ ނަމާދުގެ ތެރޭގައިއާއި ނަމާދަށް ގޮވުމުގައި އަދި ޛިކުރުކުރުމުގެ އާއްމު ޙާލަތްތަކުގައިވެސް الله ގެ މަތިވެރިކަމާއި ބޮޑުކަމަށް އިޤްރާރުވެ އެކަލާނގެ މަތިވެރިކަން ބަޔާންކޮށް ތަކުބީރު ކިޔައިއުޅެއެވެ. އެއީ މިދެއާޔަތުގައިވާ ފަދައިންނެވެ. {وَلِتُكَبِّرُوا اللَّـهَ عَلَىٰ مَا هَدَاكُمْ} البقرة : 185. އަދި {وَرَبَّكَ فَكَبِّرْ} المدثر : 3. ފުރަތަމަ އާޔަތުގެ މާނައީ "އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް ތަކުބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށްޓަކައެވެ." ދެވަނަ އާޔަތުގެ މާނައީ "އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތަކުބީރު ވިދާޅުވާށެވެ!" ފަހެ، "الله أكبر" ގެމާނައަކީ ހަމަކަށަވަރުން އެންމެ ބޮޑީ الله އެވެ. މަތިވެރިކަމާއި މާތްކަން އެންމެ ބޮޑުވެގެންވަނީ الله އަށެވެ. "الله أكبر" އަކީ އޭގެ ޒާތުގައި، މަތިވެރިކަމާއި ބަރަކާތްތެރިކަން އަދި އޭގައި އަޅުކަން އެކުލެވިގެންވާ ކަލިމައެކެވެ. މާތް الله ވަނީ އެކަލިމަ ތަކުރާރުކުރުމަށް އެކަލާނގެ އަޅުތަކުންނަށް ތަރުޣީބު (ހިތްވަރު) ދެއްވާފައެވެ. ފަހެ، އެކަލިމާގައި الله ގެ މަތިވެރިކަން އިޢުލާނުކުރުމާއި އެކަލާނގެ ބޮޑާކަމާއި ތިމާގެ ނިކަމެތިކަން ފާޅުކޮށް އިޤްރާރުވުން ވެއެވެ. އަޅާއަށް އޭނާގެ ކަލާނގެއީ އެންމެ ބޮޑު ކުޅަދުންވަންތަ ކަލާނގެކަން އެނގި އެކަލާނގެއާއި ދޭތެރޭގައި ހީކުރާ ހީކުރުންތައް ރަނގަޅު ވެއެވެ. އެކަލާނގެ އިންޞާފާއި ޢަދުލުވެރިކަމަށް އިތބާރުކުރުން ބޮޑުވެދެއެވެ. މިޝުޢޫރުތަކަކީ މުސްލިމު އަޅާގެ ކިބާގައި އޭނާގެ ކަލާނގެ މަތިވެރިކޮށް، ލޯތްބާއި ކިޔަމަންތެރިކަމާއި ޚުޝޫޢަތްތެރިކަން އިތުރުވެ ޙަމުދާއިޝުކުރުކޮށް ޛިކުރުކުރުމަށް މަގުފަހިވާކަމެކެވެ. ބޮޑެތިކަންތައް ދިމާވުމުންނާއި ބޮޑެތި އެއްވުންތަކުގައި ތަކުބީރު ("الله أكبر") ކިއުން ދީނުގައި ޝަރުޢު ކުރެވިފައިވެއެވެ. އެގޮތުން ދެޢީދު ދެވަހުގައިއާއި ދެޢީދު ދެނަމާދުފަދަ ބޮޑެތި އެއްވުންތަކުގައި ކީރިތިރަސޫލާ صلى اللّه عليه وسلم ތަކުބީރު ކިއުއްވިކަމަށް ޢަބުދު اللّه ބުނި ޢަމުރު رضي الله عنه ގެ ކިބައިން ރިވާވެފައިވެއެވެ. عن النبيّ صلّى الله عليه وسلّم أنّه (كبَّرَ فِيْ عِيْدٍ ثِنتَيْ عَشْرَةَ تَكْبِيْرَةً؛ سَبْعًا فِي الْأُوْلَى، وَخَمْسًا فِيْ الْآخِرَةِ، وَلَمْ يُصَلِّ قَبْلَهَا، وَلاَ بَعْدَهَا). رواه شعيب الأرناؤوط، في تخريج المسند. މާނައީ "(ހަމަކަށަވަރުން އެކަލޭގެފާނު) ޢީދެއްގައި ބާރަ ތަކުބީރު ކިއުއްވިއެވެ. އެއީ ފުރަތަމަ ރަކުޢަތުގައި ރުކޫޢުކުރެއްވުމުގެ ކުރީގައި ހަތް ތަކުބީރާއި ފަހުރަކުޢަތުގައި ރުކޫޢުކުރެއްވުމުގެ ކުރީގައި ފަސް ތަކުބީރެވެ. އަދި އޭގެ ކުރިންވެސް އަދި ފަހުގައިވެސް ނަމާދު ނުކުރައްވައެވެ." އެބަހީ ރުކޫޢު ނުކުރައްވައެވެ.

ޢީދުގެ ތަކުބީރުތައް

ޢީދުގެ ތަކުބީރަކީ ޢީދުނަމާދުގެ ތަކުބީރުން ބޭރު އެހެން ތަކުބީރުތަކެކެވެ. މީގައި މަފުހޫމު ތަފާތު ދެތަކުބީރެއްވެއެވެ. އެއްތަކުބީރަކީ މުޠްލަޤު ތަކުބީރެވެ. އަނެއް ތަކުބީރަކީ މުޤައްޔަދު ތަކުބީރެވެ.

މުޠްލަޤު ތަކުބީރަކީ ނަމާދުގެ ވަގުތުތަކާއި ގުޅިފައިނުވާ އަދި ނަމާދުގެ ފަހުގައި އެތަކުބީރުވުން ޝަރުޠުވެގެންނުވާ ތަކުބީރެވެ. އެއީ ފިޠުރު ޢީދާއި އަޟްޙާ ޢީދުގެ ވަގުތުގެ ކޮންމެ ވަގުތެއްގައިވެސް ކިއުން ޝަރުޢުވެގެންވާ ތަކުބީރެކެވެ. ފިޠުރު ޢީދުގައި އެތަކުބީރު ކިއުމުގެ ވަގުތަކީ، ކީރިތިޤުރްއާނުގައިވާ ފަދައިން ރޯދަމަހު ފަހުދުވަހުގެ އިރުއޮއްސުނީއްސުރެ އިމާމުމީހާ ޢީދުނަމާދުގެ ޚުޠުބާ ކިޔައި ނިމިއްޖެއުމަށް ދާނދެނެވެ. {وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّـهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ} البقرة : 185. މާނައީ " (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް ތަކުބީރުކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށްޓަކައެވެ." އަޟްޙާ ޢީދުގައި ތަކުބީރު ކިއުމުގެވަގުތަކީ ޙައްޖުމަހުގެ ދިހަދުވަހުގެ ފުރަތަމަ ދުވަހުން (ޙައްޖުމަހުގެ ހަނދު ފެނުމުން) ފެށިގެން އައްޔާމުއްތަޝްރީޤުގެ ފަހުދުވަހުގެ އިރު އޮއްސިއްޖައުމަށް ދާނދެނެވެ. އެއީ ބާޒާރު މަތީގައިއާއި މިސްކިތާއި ގެ ފަދަ ކޮންމެ ތަނެއްގައި އަދި ކޮންމެ ވަގުތެއްގައި ވެސް ކިއުން ޝަރުޢުވެގެންވާ ޛިކުރެކެވެ. {لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّـهِ فِي أَيَّامٍ مَّعْلُومَاتٍ عَلَى مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ} الحج : 28. މާނައީ " އެއީ އެއުރެންނަށްހުރި (ދީނީ އަދި ދުނިޔެވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّه ގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ. ނަޢަމު ސޫފީގެ ނިޢުމަތް އެއުރެންނަށް ދެއްވިކަމަށްޓަކައެވެ." އިބުނު ޢައްބާސު رضي الله عنهما ވިދާޅުވަނީ ކަނޑައެޅިގެންވާ ދުވަސްތަކަކީ ޙައްޖުމަހުގެ ދިހަދުވަހެވެ. އޭގެ ދަލީލަކީ ކީރިތިރަސޫލާ صلى اللّه عليه وسلم ގެ މިބަސްފުޅެވެ. (ما مِن أيَّامٍ أعظَمُ عِندَ اللهِ ولا أحَبُّ إليه مِن العَمَلِ فيهنَّ مِن هذه الأيَّامِ العَشرِ، فأكثِروا فيهنَّ مِن التَّهليلِ والتَّكبيرِ والتَّحميدِ). رواه أحمد. މާނައީ "މި ދިހަދުވަސްތަކުގައި ކުރެވޭ ހެޔޮއަމަލު ފިޔަވައި މާތް الله ގެ ޙަޟްރަތުގައި ލޮބުވެތިވެގެންވާ އެއްވެސް ޢަމަލެއް ނުވެއެވެ. ފަހެ، ތިޔަބައިމީހުން އެދުވަސްތަކުގައި ތަހުލީލާއި ތަކުބީރާއި ތަޙުމީދު ކިއުން ގިނަކުރާ ހުށިކަމެވެ." (ތަހުލީލަކީ: لاَاِلَهَ إلاَّاللهُ އެވެ. ތަކުބީރަކީ: اَللهُ اَكْبَرُ އެވެ. ތަޙުމީދަކީ: اَلْحَمْدُ لِلّهِ އެވެ.) އަދި ބަޤަރާސޫރަތުގެ 203 ވަނަ އާޔަތް ފެށުމުގައިވާ (وَاذْكُرُوا اللَّـهَ فِي أَيَّامٍ مَّعْدُودَاتٍ) ބެހޭގޮތުން އިބުނު رضي الله عنهما ވިދާޅުވަނީ، އެއީ އަޟްޙާ ޢީދުދުވަހުގެ ފުރަތަމަ ދުވަސްފަހުން އަންނަ އައްޔާމުއްތަޝްރީޤުގެ ތިން ދުވަސްކަމުގައެވެ.

މުޤައްޔަދު ތަކުބީރަކީ ފަރުޟު ފަސްނަމާދަށްފަހު ކިޔާ ތަކުބީރެވެ. މިތަކުބީރުތަކަށް "التكبيرات التشريق" ނުވަތަ "ތަޝްރީޤު ތަކުބީރު" އޭވެސް ކިޔެއެވެ. އެނަން ދެވިފައިވަނީ ހައްޖުގެ ދުވަސްވަރު އަޟްހާ ޢީދުދުވަހުގައި އެތަކުބިރުތައް ކިޔާތީއެވެ. މިތަކުބީރުގެ ޙުކުމާއިމެދު ފިޤުހުވެރިންގެ މެދުގައި އިޚްތިލާފުވެފައިވެއެވެ.

ޙަނަފީ މަޛްހަބު ގެ ފިޤުހުވެރިން ވިދާޅުވަނީ އެއްފަހަރު ނަމަވެސް މިތަކުބީރުތައް ކިއުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެކެވެ. އެއަށްވުރެ ގިނައިން ކިއުމަކުން މައްސަލައެއްނެތެވެ. އަދި މިތަކުބީރުތައް ކިޔާނީ، އެކަނި ނުވަތަ ޖަމާޢަތުގައި ފަރުޟު ނަމާދު ކުރުމަށްފަހުގައެވެ. ފިރިހެނުން ތަކުބީރު ކިޔާނީ އަޑުހަރުކޮށެވެ. އަންހެނުންކިޔާނީ މަޑުންނެވެ. ތަކުބީރު ކިޔަންޖެހޭ ވަގުތުތަކާއި ބެހޭގޮތުން އިމާމު އަބޫހަނީފާއާއި އެކަލޭގެފާނުގެ ދެ ދަރިވަރުން (އަބޫ ޔޫސުފު އާއި މުހައްމަދު ބުނި އަލްހަސަން އައްޝައިބާނީ ) ގެ ޚިޔާލު ވަނީ ތަފާތުވެފައެވެ. އިމާމު އަބޫޙަނީފާ ވިދާޅުވަނީ ތަކުބީރުތަކަކީ ޢަރަފާތްދުވަހުގެ ފަތިސްނަމާދުން ފެށިގެން ޢީދުގެ ފުރަތަމަ ދުވަހުގެ ޢަޞްރުނަމާދާއި ހަމައަށް ކިޔާ އަށް (އަށެއް) ތަކުބީރެވެ. އަނެއް ދެބޭކަލުން ވިދާޅުވަނީ އެއީ ޢަރަފާތްދުވަހުގެ ފަތިސްނަމާދުން ފެށިގެން ޢީދުގެ ހަތަރުވަނަ ދުވަހުގެ ޢަޞްރުނަމާދާއި ހަމައަށް ކިޔާ ތޭވީސް ތަކުބީރެވެ.

މާލިކީ މަޛްހަބު ގެ ފިޤުހުވެރިން ވިދާޅުވަނީ ފަރުޟު ފަސްނަމާދު ފަހުގައި މުޤައްޔަދު ތަކުބީރު ކިއުމަކީ މުސްލިމުންގެ މައްޗަށް ސުންނަތްވެގެންވާ ކަމެކެވެ. އެތަކުބީރު ކިއުމުގެ ވަގުތަކީ ނަޙުރުގެ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން ޢީދުގެ ހަތަރުވަނަ ދުވަހުގެ ފަތިސް ނަމާދާއި ހަމައަށެވެ.

ޝާފިޢީ މަޛްހަބު ގެ ފިޤުހުވެރިން ދެގޮތަކަށް ވިދާޅުވެފައިވެއެވެ. ފުރަތަމަ ގޮތަކީ މާލިކީ މަޛްހަބުގެ ފިޤުހުވެރިން ވިދާޅުވި ގޮތެވެ. ދެވަނަ ގޮތަކީ އިމާމު އަބޫޙަނީފާގެ ދެ ދަރިވަރުން ވިދާޅުވި ގޮތެވެ. އެންމެ ފާޅުކަންބޮޑު ގޮތެއްގައި އެބޭކަލުންގެ ފަރާތުން އައިސްފައިވަނީ ފަރުޟު ނަމާދާއި ސުންނަތް ނަމާދަށްފަހު ތަކުބީރު ކިއުމަށެވެ. އަދި ޙައްޖުވެރިޔާ ތަލްބިޔާ ކިއުމުގައި މަޝްޣޫލުވެގެންވާތީ ތަކުބީރު ނުކިޔާ، ހަމައެކަނި ތަލްބިޔާ ކިއުން ސުންނަތް ވެގެންވާ ކަމުގައި ވެސް އެބޭކަލުން ދެކެވަޑައިގަންނަވައެވެ. ޚާއްޞަކޮށް އަޟްޙާ ޢީދުގެ ފުރަތަމަ ދުވަހުގެ ރޭގައެވެ.

ޙަންބަލީ މަޛްހަބު ގެ ފިޤުހުވެރިން ވިދާޅުވަނީ ޝަރުޢުވެގެންވާ ތަކުބީރު ކިއުންވަނީ ހަމައެކަނި ޖަމާޢަތުގައެވެ. ތަކުބީރު ކިޔާނީ އިމާމުމީހާ މީސްތަކުންނަށް ކުރިމަތިލައިގެން އަދި މީސްތަކުން ޤިބުލައަށް ކުރިމަތިލައިގެން ތިބެއެވެ. އެއްފަހަރު ނަމަވެސް މިތަކުބީރުތައް ކިއުމުން ފުދޭނެއެވެ. އެއަށްވުރެ ގިނައިން ކިޔަސް މައްސަލައެއްނެތެވެ. އެކަނި ނަމާދު ކުރާމީހާގެ މައްޗަށް ތަކުބީރު ކިއުމެއްނެތެވެ. އަދި އެބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ތަކުބީރު ކިޔާނީ ޢީދު ނަމާދަށް ފަހުގައެވެ.

ޢީދު ތަކުބީރުގެ ޞީޣާތައް

ތިރީގައި މިވަނީ ފިޤުހުވެރިން ބަޔާންކުރައްވާފައިވާ ޢީދު ތަކުބީރުގެ ޞީޣާތަކުގެ ތެރެއިން ބައެއް ޞީޣާތަކެވެ.

ޙަނަފީ މަޛްހަބު ގެ ފިޤުހުވެރިންގެ އަރިހުގައި ޢީދު ތަކުބީރުގެ ޞީޣާއަކީ: "اَللهُ أَكْبَرُ اَللهُ أَكْبَرُ، لاَ إِلهَ إِلاَّ الله ، وَاللهُ أَكْبَرُ، اَللهُ أَكْبَرُ وَللهِ الْحَمْدُ" މިއެވެ. ތަކުބީރު ކިޔާ މީހާ މިފަދައިން ކިޔާނީ އެއްފަހަރުއެވެ. މިއީ ޢުމަރުގެފާނާއި އިބުނު މަސްޢޫދު رضي الله عنه ގެ އިތުރުން އިމާމު އިސްޙާޤާއި އިމާމު ޘައުރީގެ ވެސް ބަސްފުޅެވެ.

މާލިކީ މަޛްހަބު ގެ ފިޤުހުވެރިންގެ އަރިހުގައި ތަކުބީރު ކިއުމަށް ޝަރީޢަތުގައި އަމުރުވެވިގެންވާ ދެ ޞީޣާއެއް (ދެގޮތެއް) ވެއެވެ. އެއްގޮތަކީ ތަކުބީރު ކިޔާމީހާ : "اَللهُ أَكْبَرُ اَللهُ أَكْبَرُ " މިފަދައިން ކިއުމެވެ. އަނެއްގޮތަކީ ތަކުބީރު ކިޔާމީހާ " اَللهُ أَكْبَرُ اَللهُ أَكْبَرُ ، لاَ إِلهَ إِلاَّ اللهُ ، وَاللهُ أَكْبَرُ، اَللهُ أَكْبَرُ وَللهِ الْحَمْدُ" މިފަދައިން ކިއުމެވެ. އަދި މިގޮތަށް ތަކުބީރު ތިންފަހަރު ތަކުރާރު ކުރަންވާނެއެވެ.

ޝާފިޢީ މަޛްހަބު ގެ ފިޤުހުވެރިންގެ އަރިހުގައި ތަކުބީރުގެ ޞީޣާއަކީ " اَللهُ أَكْبَرُ اَللهُ أَكْبَرُ، لاَ إِلهَ إِلاَّ اللهُ ، وَاللهُ أَكْبَرُ، اَللهُ أَكْبَرُ وَللهِ الْحَمْدُ ، اَللهُ أَكْبَرُ كَبِيْراً، وَاْلحَمْدُ للهِ كَثِيْراً، وَسُبْحَانَ اللهِ بُكْرَةً وَأَصِيْلاً، لاَ إِلهَ إِلاَّ اللهُ وَحْدَهُ، صَدَقَ وَعْدَهُ، وَنَصَرَ عَبْدَهُ، وَأَعَزَّ جُنْدَهُ، وَهَزَمَ الْأَحْزَابَ وَحْدَهُ". މިއެވެ.

ޙަންބަލީ މަޛްހަބު ގެ ފިޤުހުވެރިންގެ އަރިހުގައި ތަކުބީރުގެ ޞީޣާއަކީ " اَللهُ أَكْبَرُ اَللهُ أَكْبَرُ، لاَ إِلهَ إِلاَّ اللهُ ، وَاللهُ أَكْبَرُ، اَللهُ أَكْبَرُ وَللهِ الْحَمْدُ ". އަދި ތަކުބީރު ކިޔާމީހާ، މިތަކުބީރު ކިޔާނީ ދެފަހަރުއެވެ.

ޢީދު ނަމާދުގައި ކިޔާ ޢީދު ތަކުބީރުތައް

ޢީދު ނަމާދުގައި އިތުރަށް ކިޔާ ތަކުބީރުތަކާއި ބަހޭގޮތުން ތަފާތު އޮނަވިހި ގޮތަކަށް އައިސްފައިވާކަމަށް އަލްޢައިނީ ވިދާޅުވެފައިވެއެވެ. (ޢަލްޢައިނީ އަކީ ނަންފުޅަކަށް محمود بن أحمد بن موسى އޭ ކިއުނު ببدر الدين العيني ގެ ނަމުން މަޝްހޫރުވެފައިވާ، ޙަލަބުގެ ކާރީ ރަށަކަށް، 2 ރަމަޟާން 762ހ. ގައި އުފަންވެ ވަޑައިގެން، 855ހ. ގައި އަވަހާރަވެފައިވާ، ޢަޤީދާގެ ޢާލިމެއްގެ އިތުރުން ޝަރުޢީ ޤާޟީއެކެވެ.) އަލްޢައިނީ ވިދާޅުވަނީ ފަހަރެއްގައި މިތަފާތަކީ ތަފާތު ޙާލަތްތަކާއި ގުޅިގެން ކީރިތިރަސޫލާ صلى اللّه عليه وسلم ތަފާތުކޮށް ކަންތައް ކުރެއްވުމުގެ ސަބަބުން ފިޤުހުވެރިންގެ މެދުގައި އުފެދިފައިވާ ޚިލާފެއް ކަމަށް ވެދާނެކަމަށެވެ. ދެޢީދު ދެނަމާދުގައި އިތުރަށް ކިޔާ ތަކުބީރުތަކާއި ބަހޭގޮތުން ހަތަރު މަޛްހަބުގެ ފިޤުހުވެރިންގެ ބަސްފުޅުތައް ތިރީގައި މިވަނީއެވެ.

މާލިކީ މަޛްހަބާއި ޙަންބަލީ މަޛްހަބު ގެ ފިޤުވެރިން ވިދާޅުވަނީ ދެޢީދު ދެނަމާދުގައިވެސް ފުރަތަމަ ރަކުޢަތުގައި ހަށަންބަން ތަކުބީރު ފިޔަވައި ހަ ތަކުބީރާއި، ދެވަނަ ރަކުޢަތަށް ތެދުވަމުން ކިޔާ ތަކުބީރު ފިޔަވައި ހަތަރު ތަކުބީރު ކިޔަން ޖެހޭނެކަމަށެވެ. އެބޭކަލުންގެ ދަލީލަކީ އިބުނު ޢުމަރުގެ رضي الله عنهما ބަސްފުޅެވެ. (شَهِدْتُ الْأضْحَى وَالفِطْرَ مَعَ أبِي هُرَيْرَةَ، فَكبَّرَ فِي الرَّكْعَةِ الْأُوْلَى سَبْعَ تَكْبِيْرَاتٍ قَبْلَ الْقِرَاءَةِ، وَفِي الْآخِرَةِ خَمْسَ تَكْبِيْرَاتٍ قَبْلَ الْقرَاءَةِ) رواه شعيب الأرناؤوط، في تخريج المسند، عن نافع مولى ابن عمر. މާނައަކީ (އިބުނު ޢުމަރު رضي الله عنهما ވިދާޅުވިއެވެ.) "ތިމަންކަލޭގެފާނު އަބޫހުރައިރާ އާއިއެކު ޢަޟްހާ ޢީދާއި ފިޠުރު ޢީދުގައި ބައިވެރިވީމެވެ. ފަހެ، އެކަލޭގެފާނު ކިޔެވުމު (އެބަހީ: އަލްޙަމުދު) ގެ ކުރިން ހަތް ތަކުބީރު ކިއުއްވިއެވެ. އަދި ދެވަނަ ރަކުޢަތުގައި ކިޔެވުމު (އެބަހީ: އަލްޙަމުދު) ގެ ކުރިން ފަސް ތަކުބީރު ކިއުއްވިއެވެ." މިއެވެ. އަދި މިދެ މަޛްހަބުގެ ފިޤުހުވެރިން ވިދާޅުވަނީ އެއީ މަދީނާގެ އަހުލުވެރިން ޢަމަލުކުރަމުން އައިސްފައިވާ ގޮތް ވެސް ކަމުގައެވެ.

ޙަނަފީ މަޛްހަބު ގެ ފިޤުވެރިންނާއި އިމާމު އަހްމަދު ގެ އެއްރިވާޔަތުގައި ވިދާޅުވަނީ ޢީދު ނަމާދުގެ ދެރަކުޢަތުގައި، އިތުރަށް ކިޔަންޖެހެނީ ހަ ތަކުބީރެވެ. އެއީ ފުރަތަމަ ރަކުޢަތުގައި ތިން ތަކުބީރާއި ދެވަނަ ރަކުޢަތުގައި ތިން ތަކުބީރެވެ. އެބޭކަލުންގެ ދަލީލަކީ އިބުނު މަސްޢޫދު رضي الله عنه ކަންތައް ކުރެއްވި ގޮތްކަމަށް މަސްރޫޤުގެ ކިބައިން އައިސްފައިވާ މިވާހަކައެވެ. (كاَنَ يُعَلِّمُهُمْ التَّكْبِيْرَ فِي الْعِيْدَ يْنِ تِسْعَ تَكْبِيْرَاتٍ : خَمْسٌ فِي الْأُوْلَى ، وَأرْبَعٌ فِي الثَّانِيَةِ ، وَيُوَالِي بَيْنَ الْقِرَاءَتَيْنِ). رواه ابن عبدالبر، في الاستذكار. މާނައީ "(އިބުނު މަސްޢޫދު) އެބޭކަލުންނަށް ދެޢީދުގައި ނުވަ ތަކުބީރު ކިޔަން ދަސްކޮށް ދެއްވައެވެ. ފުރަތަމަ ރަކުޢަތުގައި ފަސް ތަކުބީރާއި ދެވަނަ ރަކުޢަތުގައި ހަތަރު ތަކުބީރެވެ. އަދި ދެޤިރާއަތުގެ ދެމެދުގައި (ދެރަކުޢަތުގައި އަލްޙަމުދު ކިއުމުގައި) ގުޅުވާލައްވައެވެ. މާނައަކީ ފުރަތަމަ ރަކުޢަތުގައި ހަށަންބަން ތަކުބީރު ކިއުއްވުމާއިއެކު ޢީދުގެ ތިން ތަކުބީރާއި ރުކޫޢުގެ ތަކުބީރު ކިއުއްވައެވެ. ދެވަނަ ރަކުޢަތުގައި ޢީދުގެ ތިން ތަކުބީރާއި ރުކޫޢުގެ ތަކުބީރު ކިއުއްވައެވެ.

ޝާފިޢީ މަޛްހަބު ގެ ފިޤުވެރިން ވިދާޅުވަނީ ޢީދު ނަމާދުގައި އިތުރު ބާރަ ތަކުބީރުވާކަމަށެވެ. އެއީ ފުރަތަމަ ރަކުޢަތުގައި ހަށަންބަން ތަކުބީރާއި ނުލައި ހަތް ތަކުބީރާއި ދެވަނަ ރަކުޢަތުގައި ރުކޫޢުގެ ތަކުބީރާއި ނުލައި ފަސް ތަކުބީރެވެ. އެބޭކަލުންގެ ދަލީލަކީ ކީރިތިރަސޫލާ صلى اللّه عليه وسلم ގެ ކިބައިން، ޢަމުރު ބުނި ޝުޢައިބުގެ ކާފާފުޅުގެ ފަރާތުން ވާރިދުވެފައިވާ ޙަދީޘެވެ. (أنَّ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَبَّرَ فِيْ عِيْدٍ اِثْنَتَيْ عَشْرَةَ تَكْبِيْرَةً سَبْعًا فِي الْأُوْلَى وَخَمْسًا فِي الَآخِرَةِ وَلَمْ يُصَلِّ قَبْلَهَا وَلَا بَعْدَهَا) رواه البخاري، في تنقيح تحقيق التعليق. މާނައީ "ހަމަކަށަވަރުން ރަސޫލު الله صلى اللّه عليه وسلم ޢީދެއްގައި ބާރަ ތަކުބީރު ކިއުއްވިއެވެ. އެއީ ފުރަތަމަ ރަކުޢަތުގައި ހަތް ތަކުބީރާއި ދެވަނަ ރަކުޢަތުގައި ފަސް ތަކުބީރެވެ. އަދި އޭގެ ކުރިންވެސް އަދި ފަހުންވެސް ނަމާދު ނުކުރައްވައެވެ." އެބަހީ ރުކޫޢު ނުކުރައްވައެވެ.

އަދި ހަމައެފަދައިން ޚަޠީބުމީހާ ޢީދު ނަމާދުގެ ޚުޠުބާ ތަކުބީރުން ފެށުމާއި އަދި ޚުޠުބާގެ މެދުތެރެއިން ތަކުބީރު ކިއުން ޝަރުޢުވެގެންވެއެވެ. ޙަނަފީ، ޝާފިޢީ، އަދި ޙަންބަލީ މަޛްހަބުގެ ގިނަ ފިޤުހުވެރިން، ފުރަތަމަ ޚުޠުބާގައި، މެދުނުކެނޑި ޖެހިޖެހިގެން ނުވަ ފަހަރު، އަދި ދެވަނަ ޚުޠުބާގައި، މެދުނުކެނޑި ޖެހިޖެހިގެން ހަތް ފަހަރު ތަކުބީރު ކިއުން ކަނޑައަޅާފައިވާއިރު މާލިކީ މަޛްހަބުގައި ޚުޠުބާގައި ވަކިޢަދަދަކަށް ތަކުބީރު ކިއުން ކަނޑައަޅާފައެއް ނުވެއެވެ. އަދި ޙަނަފީ މަޛްހަބުގައި އިމާމުމީހާ މިންބަރުން ފޭބުމުގެ ކުރިން ސާދަ ތަކުބީރު ކިއުން މުސްތަޙައްބު ވެގެންވެއެވެ.

ޢީދު ތަކުބީރުގެ މާތްކަން

ދެޢީދުގައި ތަކުބީރު ކިއުމުގެ ޙިކުމަތުގެ ތެރެއިން الله ގެ ޛިކުރު ކުރުމާއި އެކަލާނގެ މަތިވެރިކަން ދެނެގަނެ އެކަމަށް އިޢުތިރާފުވުންވެއެވެ. އެއީ ހިތްތަކުގައި الله ގެ މަތިވެރިކަމާއި އެކަލާނގެ ބޮޑުކަން އިޙްޔާކުރުމެވެ. އެކަލާނގެ އެއްކައުވަންތަކަމަށް އެންމެން ތަވައްޖުހުވުމެވެ. އެކަލާނގެއަށް ކިޔަމަންގަތުމާއި އެކަލާނގެ ދެކެ ލޯބިވުމާއި ހަމައެކަނި އެކަލާނގެ އަށް ވަކީލުކުރުމެވެ. ފަހެ، އެކަލާނގެއީ އެކަލާނގެއަށްވުރެ ބޮޑު އެހެން އެއްވެސް ކަލަކުނުވާ ރަސްކަލާނގެއެވެ. އެކަލާނގެއީ އެކަލާނގެ ފިޔަވައި އެހެން އެންމެންނަކީ އެކަލާނގެ އަޅުތަކުން ކަމުގައިވާ، މަތިވެރި ރަސްކަލާނގެއެވެ. އަޅާއަށް މިކަންތައް ފަހުމުވުމުން الله ގެ އަމުރުތަކަށް ކިޔަމަންގަނެ، ނަހީކުރެއްވި ކަންތަކުން ދުރުވެއެވެ. އޭގެ ސަބަބުން މާތް الله އަށް ޙަމުދުކޮށް، ޛިކުރުކުރުމާއި ތަކުބީރު ކިއުމަށް އޭނާގެ ދޫ އާދަވެއެވެ. އޭނާގެ ގުނަވަތައް ހަރަކާތްކުރާނީ އެކަލާނގެއަށް އަޅުކަން ކުރުމާއި އެކަލާނގެ މަތިވެރިކަން ބަޔާންކޮށް އެކަލާނގެ ހަޟްރަތުގައި މަޑުމައިތިރިކަމާއި މޮޅިވެރިކަމުގައެވެ. ދެޢީދު ފަދައިން ތަކުބީރު ކިއުން މާތް الله ޝަރުޢު ކުރައްވާފައިވާ ތަންތަނުގައި ތަކުބީރު ތަކުރާރުކުރުމަކީ މުސްލިމު އަޅާގެ ނަފުސާއި އޭނާގެ ދިރިއުޅުމަށް އީމާންކަމުގެ މަތިވެރި އަސަރު ފޯރާކަމެކެވެ. އޭގެ ސަބަބުން އޭނާގެ އީމާންކަން އާވެއާލާވެއެވެ. އޭނާ ހެއްދެވި ރަސްކަލާނގެއާއި ދެމެދު އޮންނަ ގުޅުން ބަދަހިވާފަދައިން މީޘާޤުލް ޣަލީޡު ވަރުގަދަވެ އިތުރުވެގެންދެއެވެ. ހިތްދަތިވާ ދަނޑިވަޅުތަކުގައި ތަކުބީރު ކިއުމުން އިންސާނާގެ ހިތަށް ހަމަޖެހުން ލިއްބައިދެއެވެ. ގޮތްހުސްވެ ހަދާނެގޮތް ނޭގިވާ ހާލަތްތަކުގައި ހަމަހިމޭންކަން ގެނެސްދެއެވެ. ފަހެ، ދީނުގައި ޝަރުޢު ކުރެވިފައިވާ (ކަނޑައެޅިފައިވާ) ވަގުތުތަކުގައި އިންސާނާ ތަކުބީރު ކިއުމަށް ދަހިވެތިވެ ތަކުބީރު ކިޔާކަމުގައި ވާނަމަ އޭނާއާއި الله އާއި ދެމެދުގައިވާ ގުޅުމަށް ހީނުކުރަފަދަ ރަނގަޅު އަސަރު ކުރާނެއެވެ. އަދި އެކަލާނގެ މަތިވެރިކަމާއި ޖަލާލުވަންތަކަން އިހްސާސްވެ އެކަލާނގެއަށް ޚުޟޫޢަތްތެރިވެ އޭނާގެ ހުރިހާކަމެއް އެކަލާނގެއާއި އިސްތިސްލާމު ކުރާނެއެވެ.  

ކިޔުންތެރިންގެ ހިޔާލު