އިސްލމީ ތާރީޚުގެ ތެރެއިން ޙައްޖަށް ބުރޫއެރި ބައެއް ޙާދިސާ

ޝިފްޒާން އަހްމަދު 30 ޖުލައި 2020 12:37
Flowers
ބައެއް ޙައްޖާޖީން ކަޢުބަތުﷲ ގެފުޅުގެ އަރިހުގައި

ކޮރޯނާވައިރަސްގެ ވަބާއީ ބަލިމަނޑުކަން ދުނިޔެއަށް ފެތުރި ދުނިޔޭގެ ގިނަ ކަންތައްތަކަކަށް ބަދަލު އައިސްފައިވެއެވެ. މުސްލިމުންނާ މިއަހަރުގެ ހައްޖު މޫސުމް ބައްދަލުކުރީ މިދެންނެވި ބަދަލުތަކުގެ ތެރެއިން ބަދަލަކާއެކުއެވެ. މިއަހަރު ހައްޖުގައި ބައިވެރިވަނީ ސަޢޫދީ ޢަރަބިއްޔާގައި ތިބި ބޭރު ފަރާތްތަކާއި ސައޫދީ މީހުންނެވެ. ޖުމްލަ 10،000 މީހުން ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވެއެވެ. އެހެން ޤައުމުތަކުން ހައްޖަށް ދިއުމުގެ ފުރުޞަތު މިއަހަރު ނުލިބެއެވެ. 

އިސްލާމީ ތާރީޚުގައި ހައްޖަށް އެކި މިންވަރަށް އެކި ފަހަރު މަތިން ބުރޫ އަރާފައިވެއެވެ. ނަމަވެސް ގިނައިން ހައްޖަށް ބުރޫއަރަން މެދުވެރިވެފައިވަނީ ސިޔާސީ ސަބަބުތަކާހުރެއެވެ. ނުވަތަ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. އެއިން ބައެއް ހާދިސާތައް މިލިޔުމުގައި ނަންގެނެލަނީ މިއަދު ދިމާވެފައިމިވާ އިސްތިސްނާއީ ހާލަތަކީ އިސްލާމީ ތާރީޚުގައި އެކި ސަބަބުތަކަށްޓަކައި މެދުވެރިވެފައިވާ ޙާލަތެއް ކަމުގައި ދަންނަވައިލުމުގެ ގޮތުންނެވެ. 

ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން ހައްޖަށް ބުރޫއެރުން

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުން ހުއްޓުނު ނުވަތަ އެކަމަށް އެކި މިންވަރުން ބުރޫއެރި އެންމެ މުހިއްމު ސަބަބަކީ ސިޔާސީ ހަމަނުޖެހުމެވެ. ޚާއްޞަކޮށް ޙިޖާޒާއި ޙިޖާޒުގެ ވަށައިގެންވާ ސަރަހައްދުތައް ނުވަތަ އިސްލާމީ އެހެން ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ހިނގި ސިޔާސީ ހަމަނުޖެހުންތަކެވެ. މިދެންނެވި ފަދައިން ހައްޖަށް ބުރޫއެރި ހާދިސާއަކަށް ތާރީޚުގައި އެންމެ ފުރަތަމަ ލިޔެވުނު އެއް ހާދިސާއަކީ އަމަވީ ޚިލާފަތުގައި ޢަބްދުﷲ ބިން ޒުބައިރާއި އަމަވީންގެ މެދުގައި ހިނގި ސިޔާސި ހަމަނުޖެހުމުގައި މައްކާގެ އަހުލުވެރިންނަށް ހައްޖުގައި ބައިވެރިނުވެވުނު ހާދިސާއެވެ. އެގޮތުން ހިޖުރައިން 73 ވަނަ އަހަރުގައި ޙައްޖާޖު ބިން ޔޫސުފު އައްޘަޤަފީ މީސްތަކުންނާއިގެން ހައްޖުވިއިރު، އިބްނުއްޒުބައިރު ހުންނަވަން ޖެހިވަޑައިގަތީ ބަންދުވެވަޑައިގެންނެވެ. އިބްނުއްޒުބައިރާއި އެކަލޭގެފާނަށް ތާއީދުކުރާ މީހުންނަށް އެއަހަރުގެ ހައްޖުގައި ބައިވެރިވެވަޑައިނުގެންނެވުނު ކަމުގައި އައްޠަބަރީ އޭނާގެ ތާރީޚެވެ ކިޔުނު ފޮތުގައި ލިޔުއްވާފައިވެއެވެ. 

މުޙައްމަދު ބިން ޢަބްދުﷲ ބިން އަލްޙަސަން ނުވަތަ މަޝްހޫރު ނަންފުޅުންނަމަ، އައްނަފްސުއް ޒަކިއްޔާއާއި އެކަލޭގެފާނުގެ އަޚު އިބްރާހީމް އިންޤިލާބަކަށް ގޮވައިލެއްވުމާއެކު، އެއިންޤިލާބު މިޞްރާއި ޝާމާއި އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިއުމުގެ ސަބަބުން، ޢައްބާސީންގެ ފަރާތުން މިޞްރުގެ ވާލީއެއްގެ މަޤާމުގައި ހުންނެވި ޔަޒީދު ބިން ޙާތިމް އަލްމުހައްލަބީ އަލްއަޒަދީ، މީސްތަކުން ޙައްޖަށް ދިއުން މަނާކުރެއްވިއެވެ. އެއީ ހިޖުރައިން 105 ވަނަ އަހަރުއެވެ. މިޞްރާއި ޝާމުން އެކަކުވެސް ޙައްޖަށް ނުދެއެވެ. އައްސުޔޫޠީ ވިދާޅުވި ގޮތުގައި ޢައްބާސީންނާ ދެކޮޅަށް ޙިޖާޒުގައި އަލްޙަސަންގެ ދަރިފަސްކޮޅުން ފެއްޓެވި އިންޤިލާބާއެކު، ޙައްޖަށް ޝާމާއި މިޞްރުން މީހުން ނުދެއެވެ. 

އަދި ހަމައެހެންމެ އިބްނުލް ޖައުޒީ އޭނާގެ ތާރީޚު ފޮތް އަލްމުންތަޡިމުގައި ލިޔުއްވާފައިވާ ގޮތުން ހިޖުރައިން 401 ވަނަ އަހަރު ޢިރާޤުން އެއްވެސް މީހަކު ޙައްޖަށް ނުދެއެވެ. ސަބަބަކަށް މެދުވެރިވީ ޢައްބާސީ ޚިލާފަތުގެ މަރުކަޒު ކަމުގައިވާ ޢިރާޤުގެ އެތެރޭގައި ސިޔާސީ ހަމަނުޖެހުން ބޮޑުވުމެވެ. އެގޮތުން މޫޞަލުގެ ވާލީއަކަށް ހުރި ޤަރްވާޝް ބިން މުޤައްލަދުލް ޢުޤައިލީ ފާޠިމީ ދައުލަތަށް ބައިއަތު ހިފައި ޢައްބާސީ ވެރިކަމާ ދެކޮޅަށް ނުކުތުމެވެ. އަދި އޭގެ އިތުރަށް ދިޖުލާ ކޯރުން ބަންޑުންވެ، އެތައް އަވަށަކާއި ކޯއްޓޭއެއް ފެނުގައި ގެނބުމަކީވެސް އެއަހަރު ހައްޖަށް އިރާގު މީހުން ނުދިޔަ ސަބަބެކެވެ. 

ހަމައެއަހަރު މިޞްރުން އެއްވެސް ޙައްޖުވެރިއެއް ޙައްޖަށް ނުދާ ކަމުގައި އަލްމަޤްރީޒީ "އިއްތިޢާޡުލް ޙުނަފާ" ނަމަކަށް ކިޔުނު ފޮތުގައި ލިޔުއްވާފައިވެއެވެ. މީސްތަކުން އެއަހަރު ހައްޖަށް ނުދިޔަ ސަބަބެއް ކަމުގައި ބުނެފައިވަނީ ފަލަސްޠީނުގެ ވާލީއަކަށް ފާޠިމީ ދައުލަތުގެ ފަރާތުން ކަނޑައަޅާފައި ހުރި ޙައްސާން ބިން އަލްޖައްރާހު ފާޠިމީ ދައުލަތަށް އޮތް ބައިއަތު ޙިޖާޒުގެ އަޝްރާފުންނަށް ބަދަލުކުރެއްވުމެވެ. 

މިދެންނެވި ފަދައިން ސިޔާސީ އެކި ވާދަވެރިކަމާއި، ސިޔާސީ ހަމަނުޖެހުންތަކާއި އިންޤިލާބުތަކުގެ ސަބަބުން އިސްލާމީ ދުނިޔޭގެ އެކި ހިސާބުތަކުން ޙައްޖުވުމަށް އެކި މިންވަރަށް ތާރީޚުގެ އެކި ދުވަސްވަރު ބުރޫއަރާފައިވެއެވެ. 

ތަތާރުންނާއި ޙައްޖަށް ބުރޫއެރުން 

މަޣޫލުން ނުވަތަ ތަތާރުން ޢައްބާސީ ޚިލާފު ބިމާ ހަމަކޮށް ފުނޑައިލީ ހިޖުރައިން 656 ވަނަ އަހަރުއެވެ. އެއަހަރު އެމީހުން ޢިރާޤުގެ ބޮޑު ބައަކަށް ވެރިއެވެ. އެމީހުން އެއަށްފަހު އުޅުނީ ހުޅަނގަށް ފެތުރުމަށެވެ. ނަމަވެސް މިޞްރުގައި ތިބި މަމާލީކުން އެމީހުންނާ ކުރިމަތިލައި އެމީހުން ހުއްޓުވިއެވެ. އަދި އިރާޤަށް އެމީހުން ރައްދުކުރިއެވެ. އެދުވަސްވަރު ތަތާރުން ޢިރާޤަށް ވެރިވެފައިވުމުގެ ސަބަބުން އެސަރަހައްދުން އެއްވެސް ހައްޖުވެރިއެއް ހައްޖަށް ގޮސްފައިނުވެއެވެ. ޢިރާޤުން ޙައްޖުވެރިންނަށް ޙައްޖަށް ނުދެވި ދިހަ އަހަރު ފާއިތުވިއެވެ. ތަތާރަށް އެމީހުން ވެރިވުމަށްފަހު ޢިރާޤުން ބަޔަކު ޙައްޖަށް ފުރަތަމަ ފަހަރަށް ދިޔައީ އެމީހުން ބަޣުދާދަށް ވެރިވިތާ ފުރިހަމަ 10 އަހަރު ފަހުން ކަމަށް އަލްޖަޒަރީ ލިޔުއްވިއެވެ. 

މަޣޫލުން ބަޣުދާދުގެ މައްޗަށް ވެރިވެ، އެތަނުގައި އެމީހުންގެ އަމިއްލަ ދައުލަތެއް ޤާއިމުކުރިއެވެ. އަދި ހިޖުރައިން 8 ވަނަ ޤަރުނުގެ ކުރީކޮޅުގައި ގިނަ ތަތާރުންތަކެއް އިސްލާމްދީނަށް ވަނެއވެ. އެހެންނަމަވެސް ތަތާރުންގެ ރަސްގެފާނު އަބޫ ސަޢީދު ޚުދަބަންދާ ނުވަތަ ޚަރްބަންދާ އަވަހާރަވުމަށްފަހު، އަނެއްކާވެސް ޙައްޖު ދަތުރުތައް ހުއްޓުނެވެ. ސަބަބަކަށްވީ އެމީހުންގެ މެދުގަައި ވެރިކަމަށް އައުމަށް ހިނގަން ފެށި ހަމަނުޖެހުންތަކެވެ. 

މަޣޫލުންގެ ތެރެއިން ތައިމޫރު ވެރިކަން އޭޝިޔާގެ މެދު ސަރަހައްދުގައި އުފަންވެގެން އައުމާއެކު، އުޒްބެކް ލީޑަރު ތައިމޫރުލޭންގެ ޤިޔާދަތުގައި ޝާމަށް ހަމަލާދިނީ ހިޖުރައިން 802 ވަނަ އަހަރެވެ. އަދި ޖެހިގެން އައި 803 ވަނަ އަހަރު ޝާމަށް އޭނާ ހަމަލާދިނެވެ. 805 ވަނަ އަހަރު އަނާޟޯލަށް ހަމަލާދިނެވެ. މިއިން ކޮންމެ ހަމަލައެއްގައި ގިނަ އަދަދެއްގެ މީހުން ކަތިލައި، އުމްރާނީ ގިނަ ގެއްލުންތަކެއް ދީފައިވެއެވެ. އެޒަމާނުގެ އެންމެ ބޮޑެތި ޤަތުލު ޢާންމުތަކުގެ ތެރޭގައި މިހަމަލާތައް ގުނެއެވެ. އެއިން އެންމެ މަޝްހޫރު އެއް ހާދިސާއަކީ ދިމިޝްޤުގައި ހުޅުޖެހުމެވެ. އަލްފާސީ ލިޔުއްވި ގޮތުގައި ހިޖުރައިން 803 ވަނަ އަހަރު ޝާމުން އެއްވެސް ބަޔަކު ހައްޖަށް ނުދެއެވެ. 

އަލްމަޤުރީޒީ ވިދާޅުވެފައިވަނީ 804 ވަނަ އަހަރު ޝާމާއި ޔަމަނާއި ޢިރާޤުން އެއްވެސް މީހަކު ހައްޖަށް ނުދާ ކަމުގައެވެ. އެއަހަރު ހައްޖުނުވާ ސަބަބެއް އޭނާ ސާފުކޮށްނުދެއްވައެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެއަހަރު ހައްޖަށް މީހުން ނުދިޔަ މައިގަނޑު ސަބަބަކީ ތައިމޫރުން ދެމުންދިޔަ ހަމަލާތަކުގެ ސަބަބުން އަމާންކަން ގެއްލިގެން ދިއުމެވެ. 

މަގުފޭރުމާއި ހައްޖަށް ބުރޫއެރުން

އިސްލާމީ ތާރީޚުގައި ހައްޖަށް ބުރޫއެރި ހަމައެކަނި ސަބަބަކީ ސިޔާސީ ހަމަނުޖެހުމާއި، ބޭރުން ކުރިމަތިވި ސަލާމަތީ ގޮންޖެހުންތަކެއް ނޫނެވެ. އެހެންނަމަވެސް އިޖުތިމާޢީ އަމާންކަން ނެތުމަކީވެސް ޙައްޖަށް ބުރޫއެރުމަށް މެދުވެރިވި ސަބަބެކެވެ. އެގޮތުން ހައްޖުވެރިންގެ މުދަލުގެ ދަހިވެތިކަމުގައި ނުވަތަ ހައްޖާޖީންނަށް ހަމަލާދީގެން މަރުކަޒީ ވެރިކަމުގައި ތިއްބަވާ ވެރިންގެ އަތުން ފައިސާ ހޯދުމަށް މަގުފޭރޭ މީހުން ހައްޖުވެރިންނަށް ހަމަލާދިނުމުގެ ސަބަބުންވެސް ހައްޖަށް ބުރޫއަރާފައިވެއެވެ. 

އެގޮތުން ރައްޔިތުންގެ މެދުގައި ސަރުކާރުތަކަށް ރުހުން ބޮޑުވާ ސަބަބެއް ކަމުގައި މަގުފޭރޭ މީހުންގެ ކިބައިން ހައްޖާޖީން ދިފާޢުކުރުން ހިމެނިފައި އޮތެވެ. އިބްނު ޢަސާކިރު އޭނާގެ ތާރީޚު ދިމިޝްޤްއޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވަނީ މިޞްރުގެ އަމީރު ޚުމާރަވައިހް އިބްނު ޠޫލޫނު ދިމިޝްޤުގެ ވާލީއަކަށް ސަޢުދުލް އަޢުރަސް ހަމަޖެއްސެވި ކަމުގައެވެ. އަދި އޭނާގެ އެންމެ ބޮޑު ކާމިޔާބަކީ ޝާމުން ހައްޖަށް ދާން ހުރި މަގުތަކުގެ މައްޗަށް ވެރިވެފައިވާ އަޢުރާބީން ކިބައިން ސަލާމަތްކޮށް މަގު ފޭރޭ މީހުން ކިބައިން ހައްޖާޖީންނަށް އަމާންކަން ހޯދައިދިނުން ކަމުގައެވެ. އަދި އެކަމުގެ ސަބަބުން ސަޢުދަކީ ދިމިޝްޤުގެ އަހުލުވެރިން ލޯބިކުރި ވެރިއަކަށް ވެވަޑައިގެންނެވި ކަމުގައިވެސް އިބްނު ޢަސާކިރު ލިޔުއްވައެވެ. 

އެހެންނަމަވެސް ހުރިހާ ފަހަރަކު މަރުކަޒީ ސަރުކާރުތަކަށް މިފަދަ މަގުފޭރޭ ޤަބީލާތައް ހަންމަތަނުވެއެވެ. އެގޮތުން އަލްމަޤްރިޒީ ލިޔުއްވި ގޮތުގައި، ހިޖުރައިން 415 ވަނަ އަހަރުގެ ޛިލް ޤަޢިދާ މަހު މަޣުރިބުގެ ޙައްޖުވެރިން މިޞްރަށް އައެވެ. އެމީހުން މިޞްރުން ޙައްޖަށް ނުކުތީ މިޞްރުގެ އަހުލުވެރިންނާ ނުލައެވެ. އެމީހުން މިޞްރުން ނުކުތްތަނާއި މަގު ފޭރޭ ބަޔަކު އެމީހުންނަށް ހަމަލާދީ އެތައް ބަޔަކު ހައްޔަރުކޮށް، މުދާ ފޭރި ބޮޑެތި ގެއްލުންތައް ދީފިއެވެ. އެކަމުގެ ސަބަބުން މިޞްރުން އެއްވެސް ޙައްޖުވެރިއެއް އެއަހަރު ޙައްޖަށް ނުދެއެވެ. އިބްނުލް ޖައުޒީ ވިދާޅުވި ގޮތުގައި ހިޖުރައިން 422 ވަނަ އަހަރު މަގުފޭރުން އާންމުވެ އަމާންކަން ގެއްލުމުގެ ސަބަބުން އިރާޤާއި ޚުރާސާނުން އެއްވެސް މީހަކު އެއަހަރު ޙައްޖަށް ނުދެއެވެ. 

ސިޔާސީ އަދި ސަލާމަތީ ސަބަބުތަކަށްޓަކައި ޙައްޖުގެ މަތިވެރި އަޅުކަމަށް އެކި ފަހަރު މަތިން ބުރޫއަރާފައިވެއެވެ. އިސްވެ ދެންނެވުނީ އެއިން ބައެއް ޙާލަތްތަކެވެ. މިފަދައިން ޙާދިސާއެއް މެދުވެރިވި ހުރިހާ ޙާލަތްތަކެއް ތަފުސީލުކޮށް އެއް ލިޔުމުގައި ޖަމާކުރެވޭ މިންވަރަށްވުރެ ގިނައެވެ. 

ކިޔުންތެރިންގެ ހިޔާލު