ޙައްޖުވެރިން އަރަފާތު ބިމަށް ޖަމާވާން ފަށައިފި

ހަޔާ ޔޫސުފް 30 ޖުލައި 2020 11:26
Flowers
އަރަފާތު ބިމުގައި ހައްޖުވެރިން ޖަމާވާން ފަށާފައި

ބުރާސްފަތި ދުވަހުގެ ފަތިސްނަމާދަށްފަހު ހައްޖުވެރިން ޢަރަފާތު ފަރުބަދައަށް އަރައި އެބިމުގައި ޖަމާވުމަށް މިނާއިން ދަތުރުކުރަން ފަށައިފިއެވެ. އަރަފާތުގައި ތިބުމަކީ ޙައްޖުގެ އެންމެ މަތިވެރި ރުކުނެވެ. 

މެންދުރު ނަމާދު ވަގުތު ޖެހުމުން ނަމްރާ މިސްކިތުން ހައްޖުވެރިންނަށް ޙައްޖުގެ ޚުޠުބާ އިވިގެން ދާނެއެވެ. އެއަށްފަހު މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢުކޮށް ޤަޞްރުކޮށް ކުރާނެއެވެ. ނަމާދުން އަވަދިވުމަށްފަހު ހައްޖުވެރިން ހުސްވާނީ ޒިކުރުކުރުމާއި ދުޢާކުރުމަށެވެ. މަޣުރިބު ނަމާދާ ހަމައަށް އެގޮތަށް އަރަފާތު ބިމުގައި ތިބުމަށްފަހު ހައްޖުވެރިން އެބިމުން މުޒްދަލިފާއަށް ދަތުރުފަށާނެއެވެ. އެއަށްފަހު އެމީހުން މަޣުރިބާއި އިޝާ ޖަމްޢުކޮށް ކުރާނީ މުޒްދަލިފާގައެވެ. އަދި އެމީހުން ރޭކުރާނީވެސް މުޒްދަލިފާގެ ބިމުގައެވެ. 

ޙައްޖުގެ މަނާސިކުތައް އަދާކުރަން ފަށާފައިވަނީ އިއްޔެއެވެ. ފަތިސް ނަމާދަށްފަހު ޙައްޖުވެރިންވަނީ މައްކާއިން މިނާއަށް ދަތުރުކޮށްފައެވެ. އަދި އެމީހުން ރޭގަނޑު ހޭދަކުރީ އެތަނުގައެވެ. އާންމުކޮށް ހައްޖުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްވުރެ ގިނަ ފިޔަވަޅުތައް މިއަހަރުގެ ހައްޖު މޫސުމުގައި ކޮރޯނާވައިރަސްއިން ސަލާމަތްވުމުގެ ގޮތުން އަޅާފައިވެއެވެ. 

ސައޫދީ އަރަބިއްޔާގެ އިދާރާތަކުން އިޚުތިޔާރުކުރި ހައްޖާޖީންގެ އަދަދަކީ 10،000 ހައްޖުވެރިންނެވެ. ފާއިތުވި އަހަރުގައި ހައްޖުގެ އަޅުކަމުގައި ސަޢޫދީއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 މިލިއަން މުސްލިމުން ޖަމާވިއެވެ. 

ޙައްޖުގައި ބައިވެރިވާ ކޮންމެ ހައްޖުވެރިއަކަށް މުހިއްމު ތަކެތި ފޯރުކޮށްދީފައިވެއެވެ. އެގޮތުން ފޭސް މާސްކާއި، އިހުރާމާއި، މުސައްލައިގެ އިތުރަށް ކުނޑަވެސް ފޯރުކޮށްދީފައިވެއެވެ. 

މިއަހަރު ހައްޖުވާ ހައްޖުވެރިންގެ ތެރޭގައި ހިމެނޭ ސައޫދީގައި ދިރިއުޅޭ ބޭރު އެހެން ޤައުމުތަކުގެ މީހުންގެ ނިސްބަތަކީ ޙައްޖުވެރިންގެ ތެރެއިން 70% އެވެ. އަދި ސައޫދީ މީހުންގެ ގޮތުގައި ހައްޖުގައި ބައިވެރިވަނީ 30% މީހުންނެވެ. 

މައްކާއަށް ވާސިލުވުމުގެ ކުރިން ހައްޖުވެރިންވަނީ ކޮރޯނާ ވައިރަސް ހުރިތޯ ބެލުމަށް ޓެސްޓުކޮށްފައެވެ. ހައްޖު ނިމުމުން ހައްޖުވެރިން ކަރަންޓީނު ފުރިހަމަކުރަންޖެހޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު