ޙައްޖު ގެ ދުވަސްތަކުގެ ޢަދަދަކީ ކޮބައިހެއްޔެވެ؟

މޫސާ ޞިއްދީޤު ޙަސަން 29 ޖުލައި 2020 08:11
Flowers

الله سبحانه وتعالى އެކަލާނގެ ނަބީއާ إبراهيم عليه السلام އަށް ގެފުޅު ބިނާކުރެއްވުމަށް އަމުރުކުރެއްވިއެވެ. އެކަލޭގެފާނު ގެފުޅު ބިނާކުރައްވައި ނިމިވަޑައިގަތުމުން ޙައްޖަށް އައުމަށް މީސްތަކުންނަށް ގޮވާލެއްވިއެވެ. އިބުނުޢައްބާސް رضي الله عنهما ގެ ކިބައިން ވާރިދުވެފައިވާ އަޘަރެއްގައިވެއެވެ. (އަޘަރަކީ ޞަޙާބީންނާއި ތާބިޢީންގެ ފަރާތުން ރިވާވެގެންވާ ބަސްފުޅުތަކެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. (لَمَّا فَرَغَ إِبْرَاهِيْمُ عَليْهِ السَّلامُ مِنْ بِنَاءِ الْبَيْتِ قِيلَ لَه أذِّنْ فِي النَّاسِ بِالْحَجِّ ، قالَ : رَبِّ وَمَا يَبُلُغُ صَوْتِي ؟ قالَ : أذِّنْ وَعَليَّ الْبَلَاغُ . قالَ فَنَادَى إبْرَاهِيْمُ : يَا أيُّهَا الناَّسُ كُتِبَ عَليْكُمُ الْحَجُّ إلَى الْبَيْتِ الْعَتِيْقِ ، فَسَمِعَهُ مِنْ بَيْنَ السَّمَاءِ وَالأرْضِ ، أفَلَا تَرَوْنَ أنَّ النَّاسَ يَجِيْئوْنَ مِنْ أَقْصَى الْأرْضِ يُلبونَ) رواه ابن حجر العسقلاني، في فتح الباري. މާނައީ "އިބްރާހީމުގެފާނު ގެފުޅު ބިނާކުރައްވައި ނިމިވަޑައިގަތުމުން، މީސްތަކުން ގެފުޅަށް އައިސް ޙައްޖުވުމަށް ގޮވާލެއްވުމަށް އެކަލޭގެފާނަށް އެންގެވުނެވެ. އެހިނދު، އެލަކަލޭގެފާނު ދެންނެވިއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންކަލޭގެފާނުގެ އަޑުފުޅު އެމީހުންނަށް ފޯރާނީ ކިހިނަކުންތޯއެވެ؟ މާތް الله ވަޙީކުރެއްވިއެވެ. ކަލޭގެފާނު ގޮވާލައްވާށެވެ. މީސްތަކުންނަށް އަޑުއިއްވުންވަނީ ތިމަންކަލާނގެއަށެވެ. އިބުނުޢައްބާސް رضي الله عنهما ވިދާޅުވިއެވެ. ފަހެ، އެހިނދު އިބްރާހީމުގެފާނު ގޮވާލެއްވިއެވެ. އޭމީސްތަކުންނޭވެ! މާތްވެގެންވާ ގެފުޅަށްގޮސް ޙައްޖުވުމަށް ތިޔަބައިމީހުންގެ މައްޗަށް ފަރުޟުވެއްޖެއެވެ. ފަހެ، އެހިނދު އުޑާއިބިމާއި ދެމެދުގައިވާހާ ބަޔަކަށް އެއަޑުއިވިގެން ހިގައްޖެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައިވާ މީސްތަކުން އެއަޑަށް އިޖާބަދީ ޙައްޖަށް އަންނަތަން ތިޔަބައިމީހުން ނުދެކޭހެއްޔެވެ؟" އެވަގުތުން ފެށިގެން މީސްތަކުން ގެފުޅަށް ޒިޔާރަތްކުރުމަށް ހިތްޖެހުނެވެ. އަދި ކުޅަދާނަކަން ލިބިގެންވާ މީހާގެ މައްޗަށް އޭނާގެ ޢުމުރުން އެއްފަހަރު ޙައްޖުވުމަށް، މާތް الله ފަރުޟުކުރެއްވިއެވެ. (وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا) سورة آل عمران : 97. މާނައީ " އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް ޤަސްދުކޮށްގެންދިއުމީ، (އެބަހީ: ޙައްޖު ވުމަކީ) اللَّه އަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް ވާޖިބެކެވެ." މާތް الله ޙައްޖުވެރިޔާއަށް ދަރުމައާއި ޘަވާބު ލައްވާފައިވާ ފަދައިންނެވެ. ފަހެ، ޙައްޖުގެ ދުވަސްތަކުގެ ޢަދަދާއި ޙައްޖު އަދާކުރާނެގޮތާއި ހައްޖުގެ ދުވަސްތަކުގެ މާތްކަމާއި އިތުރުކަން މިޞަފުޙާތަކުގައި ބަޔާންވެގެން މިވަނީއެވެ.

ޙައްޖުގެ ދުވަސްތަކުގެ ޢަދަދު

އިސްލާމްދީނުގައި ޙައްޖުކުރުމަށް މައްސަރު ތަކެއް ކަނޑައެޅި އެމަސްތަކަށް أَشْهُرُالْحَجِّ ގެ ނަމުން ނަންދެވިފައިވެއެވެ. މާތް اللَّه ވަޙީކުރައްވާފައިވަނީ }الْحَجُّ أَشْهُرٌ مَّعْلُومَاتٌ ۚ فَمَن فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ .{ البقرة : 197. މާނައީ ޙައްޖު ގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރު ތަކެކެވެ. ފަހެ، އެ މައްސަރުތަކުގައި ޙައްޖު ފަރުޟު ކޮށްގެންފި މީހާ (އެބަހީ: ޙައްޖު ވުމަށް ގަސްދުކޮށް އިޙްރާމް ބަނދެފިމީހާ، ދަންނާށެވެ!) ފަހެ ޙައްޖު ވުމުގެ ތެރޭގައި ޖިމާޢުވުމެއް، އަދި އުރެދުމެއް، އަދި އަރާރުންވުމެއްވެސް ނެތެވެ." އެމަސްތަކަކީ ޝައްވާލުމަހާއި ޛުލްޤައިދާމަހާއި ޛުލްޙިއްޖާމަހެވެ. ޙައްޖުގެ މުހިއްމު އަޅުކަންތައް ވަނީ ޙައްޖުމަހުގެ ތެރޭގައެވެ. އެހެންކަމުން މާތް الله ވަނީ ޙައްޖު (ޛުލްޙިއްޖާ) މަސް ވަކިން ޚާއްޞަކުރައްވާ މާތްކުރައްވާފައެވެ. އަދި ޙައްޖުގެ އަޅުކަމަކީ ކަނޑައެޅިފައިވާ ހަ (6 ދުވހުގައި) ދުވަހުގައި އަދާކުރެވޭ އަޅުކަމެއްގެ ގޮތުގައި ލެއްވިއެވެ. ފުރަތަމަ ދުވަހަކީ ތަރުވިޔާގެ ދުވަހު (يوم التروية) ގެ ނަމުން ނަންދެވިފައިވާ ޙައްޖުމަހުގެ އަށްވަނަ (8 ވަނަ) ދުވަހެވެ. އެދުވަހަށް އެނަންދެވުނީ މިނާއާއި ޢަރަފާތުގައި (އެދުވަސްވަރު) ފެން ލިބެން ނުހުންނާތީ ޙައްޖުވެރިން މައްކާއިން ފެން ހޯދާޖަމާކުރާތީއެވެ. ދެވަނަ ދުވަހަކީ ޙައްޖުމަހުގެ ނުވަނަ (9 ވަނަ) ދުވަސްކަމުގައިވާ ޢަރަފާތް (يوم عرفة) ދުވަހެވެ. ތިންވަނަ (3 ވަނަ) ދުވަހަކީ ޙައްޖުމަހުގެ ދިހަވަނަ ދުވަސްކަމުގައިވާ ނަޙްރު (يوم النَّحر) ގެ ދުވަހެވެ. ހަތަރުވަނަ (4 ވަނަ) ދުވަހަކީ 'ޤަރާރުވެގެން ތިބޭ ދުވަހު' (يوم القَرّ) ގެ ނަމުން ނަން ދެވިފައިވާ ޙައްޖުމަހުގެ އެގާރަވަނަ ދުވަހެވެ. ޙައްޖުވެރިން އިފާޟާގެ ޠަވާފުކޮށްނިމި ހަދުޔު ކަތިލައި އަރާމުކުރުމަށް މިނާގައި ހަމަޖެހިލައިގެން ތިބޭތީއެވެ. ކީރިތިރަސޫލާ صلّى الله عليه وسلّم ގެ ޙަދީޘެއްގައިވެއެވެ. ( أَعْظَمُ اْلأيَّامِ عِنْدَ اللهِ يَوْمُ النَّحْرِ ثُمَّ يَوْمُ اْلقَرِّ). رواه أحمد وأبو داود والحاكم وصححه الألباني. މާނައީ " މާތް الله ގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑުވެގެންވާ ދުވަހީ ނަޙްރުގެ ދުވަހެވެ. އެއަށްފަހު މިނާގައި އިސްތިޤްރާރުވެ ތިބޭ (ޤައްރު) ގެ ދުވަހެވެ. ފަސްވަނަ (5 ވަނަ) ދުވަހަކީ ޙައްޖުމަހުގެ ބާރަވަނަ ދުވަހެވެ. އެދުވަހަށް ފުރަތަމަ ނަފިރު (يوم النَّفر الأوّل) ގެ ދުވަހުގެ ނަމުން ނަންދެވިފައިވެއެވެ. ހަވަނަ (6 ވަނަ) ދުވަހަކީ ދެވަނަ ނަފިރު (يوم النَّفر الثاني) ގެ ދުވަހެވެ. އެއީ ޙައްޖުމަހުގެ ތޭރަވަނަ ދުވަހެވެ. އެދުވަހަށް يوم النَّفر އޭކިޔެނީ ޙައްޖުވެރިންގެ ތެރެއިން މިނާއިން މައްކާއަށް އަވަހަށް ދާން ބޭނުންވާ މީހުން ދިއުމަށް ހުއްދަވެގެންވުމުން އެމަގުން އެމީހުން ކަންތައް ކުރާތީއެވެ. ޢީދުވަހަށްފަހުގައިވާ ތިން (އެގާރަ، ބާރަ، ތޭރަ) ދުވަހަކީ އައްޔާމުއްތަޝްރީޤު (أيام التشريق) ގެ ނަމުން ނަންދެވިފައިވާ ދުވަސްތަކެވެ. އެދުވަސްތަކުގައި ކުރަންޖެހޭ ކަންތައް ބަޔާންކުރައްވައި ކީރިތިރަސޫލާ صلّى الله عليه وسلّم ޙަދިޘުކުރައްވާފައިވެއެވެ. (أَيَّامُ التَّشْرِيْقِ أَيَّامُ طُعْمِ وَذِكْرِ) رواه مسلم. "އައްޔާމުއްތަޝްރީޤުގެ ދުވަސްތަކަކީ ކެއުމާއި ޛިކުރުކުރުމުގެ ދުވަސްތަކެވެ."

ޙައްޖުގެ ކަންތައްތަކުގެ ތެރެއިން އަށްވަނަ ދުވަހާއި އެދުވަހުގެ ކުރީގައި ކުރާކަންތައް

ޠަވާފުލް ޤުދޫމި އަކީ މައްކާއިން ބޭރުން އަންނަ ހައްޖުވެރިޔާ މައްކާއަށް އައުމަށްފަހު ޙައްޖުގެ ކަންތައްތަކުގެ ތެރެއިން ފުރަތަމަ ކުރާއަޅުކަމެވެ. މިކަން ދެމި އޮންނަނީ ޢަރަފާތަށް ދިއުމާއި ހަމައަށެވެ. އަށްވަނަ ދުވަހާއި ނުވަވަނަ ދުވަހުގެ ކުރީގައި ކުރާކަންތަކުގެ ތެރޭގައި މީޤާތުން އިހްރާމްބަނުން ވެސް ހިމެނެއެވެ. ކީރިތިރަސޫލާ صلّى الله عليه وسلّم ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެން ކަންތައްކުރެއްވި ގޮތާއިބެހޭ ގޮތުން عائشة رضي الله عنها ވިދާޅުވެފައިވެއެވެ. (أَنَّ أَوَّلَ شَىْءٍ بَدَأَ بِهِ حِينَ قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ تَوَضَّأَ ثُمَّ طَافَ ثُمَّ لَمْ تَكُنْ عُمْرَةً.) رواه البخارى. މާނައީ "ހަމަކަށަވަރުން ނަބީއާ صلّى الله عليه وسلّم މައްކާއަށް ވަޑައިގެން ފުރަތަމަ ކުރެއްވި ކަމަކީ ވުޟޫކުރެއްވުމެވެ. އެއަށްފަހު ޠަވާފުކުރެއްވުމެވެ. އަދި ޢުމްރާއެއް ނުކުރައްވައެވެ." ޠަވާފުލް ޤުދޫމަކީ ގެފުޅުގައި ކުރެވޭ ތަޙިއްޔަތުލް މަސްޖިދުގެ ބަދަލުގައި ކުރެވޭ ޠަވާފެކެވެ. ޙައްޖުގެ އަޅުކަން އެޠަވާފުން ފެށުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ތަމައްތުޢު ޙައްޖެއް ކުރާމީހެއްނަމަ މީޤާތުން ޢުމްރާއަކަށް އިޙްރާމްބަނދެ ޠަވާފާއި ސަޢުޔުކޮށް ބޯބާލައި ނުވަތަ އިސްތަށި ކުރުކޮށްކޮށާ ޙަލާލުވާނީއެވެ. އަދި އަށްވަނަ ދުވަސް އައުމުން ހިނާ ސާފުތާހިރުވެ ހުވަނދުލާ ޙައްޖަށް ނިޔަތްގަނެ ޙައްޖުގެ އަޅުކަން އަދާކުރާނީއެވެ. ޙައްޖު ޤިރާންއެއް ކުރާމީހެއް ކަމުގައިވާނަމަ މީޤާތުން އިޙްރާމްބަނދެ ޢުމުރާއާއި ޙައްޖަށް އެއްކޮށް ނިޔަތްގަނެ މައްކާއަށް އައުމަށްފަހު ޠަވާފުލްޤުދޫމާއި ސަޢުޔުކޮށް ބޯނުބާލާ ޢީދުދުވަހު ބޮޑުޖަމްރާއަށް ހިލައުކަންދެން މަޑުކުރާނީއެވެ. ޙައްޖު އިފުރާދުކޮށް ކުރާމީހެއްނަމަ އިޙްރާމްބަނދެ ހަމައެކަނި ޙައްޖުގެ ނިޔަތްގަނެ ހައްޖުޤިރާން ކޮށްކުރާމީހާ ކަންތައްކުރާގޮތަށް ކަންތައް ކުރާނީއެވެ. މިދެބައިމީހުން އިތުރަށް އިޙްރާމްބަންނަކަށް ނުޖެހޭނެއެވެ. ދެން ހުރިހާ ޙައްޖުވެރިންވެސް އަށްވަނަ ދުވަހުގެ މެންދުރުން ފިލުމުގެ ކުރިން މައްކާއިން ނުކުމެ މިނާއަށް ދާނީއެވެ. އަދި އެތާގައި މެންދުރުނަމާދާއި ޢަޞްރުނަމާދާއި މަޣްރިބުނަމާދާއި ޢިޝާނަމާދު ޤަޞްރުކޮށް އެނަމާދުތަކުގެ ވަގުތުގައި ކުރުން ސުންނަތްވެގެންވެއެވެ. ހަމައެފަދައިން ތަލްބިޔާ ކިއުން ގިނަކުރުމާއި މިނާގައި ރޭކުރުމަކިވެސް ސުންނަތެކެވެ. މިދުވަސްތަކުގައި އެންމެހާ ފާފަތަކާއި ވިޔާނުދާކަންތަކުން ރައްކާތެރިވެ ތިބުމަކީ ލާޒިމުކެވެ. ނުވަވަނަ ދުވަހު އިރުއެރުމާއިއެކު ތަލްބިޔާ ކިޔަމުން މިނާއއިން ޢަރަފާތަށް ދާނީއެވެ.

ނުވަވަނަ ދުވަހު ކުރާކަންތައް

ޙައްޖުމަހުގެ ނުވަވަނަ ދުހަށް ނަން ދެވިފައިވަނީ "ޢަރާފާތް" ދުވަހުގެ ނަމުންނެވެ. ޙައްޖުވެރިން ޢަރަފާތުގައި މަޑުކުރަންޖެހޭ ވަގުތު ފެށެނީ އެދުވަހުގެ އިރުމެދުން ފިލުމުންނެވެ. އަދި ދިހަވަނަ ދުވަހުގެ ފަޖުރުގެ ކުރިއާއި ހަމައަށް އެވަގުތު ދެމިގެންވެއެވެ. އެދުވަހަކީ ވަރަށްގިނަ އިތުރު މާތްކަންތައް އެދުވަހުގައި އެކުލެވިގެންވަ ދުވަހެކެވެ. އިސްލާމްދީން ފުރިހަމަކުރެއްވިކަމުގެ އުފާވެރި ޚަބަރު މުސްލިމުންނަށް މާތް الله ދެއްވީ އެދުވަހުގައެވެ. އަދި އިސްލާމީ އުއްމަތަށް އެކަލާނގެ ނިޢުމަތްތައް ފުރިހަމަ ކުރެއްވިކަން ވެސް އެންގެވީ އެދުވަހުގައެވެ. ޢުމަރުގެފާނު ވިދާޅުވެފައިވަނީ އަންނަނިވި އާޔަތް ބާވައިލެވުނީ ޢަރަފާތްދުވަހުގައެވެ. {الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا} المائدة : 3. މާނައީ "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދިނެއް އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." އެދުވަހު މާތް الله އެކަލާނެ އަޅުތަކުންގެ ނުބައި ޢަމަލުތަކަށް މަޢާފުދެއްވައި ފާފަފުއްސަވައެވެ. އަދި އެކަލާނގެ އަޅުތަކުން ނަރަކައިން ސަލާމަތްކުރައްވައެވެ.

ޙައްޖުމަހުގެ ނުވަވަނަ ދުވަހުގެ އިރުއޮއްސުމުން، އެބަހީ ދިހަވަނަ ވިލޭރޭ ޙައްޖުވެރިން ޢަރަފާތުން މުޒުދަލިފާއަށް ގޮސް އެތާގައި ރޭކުރުންވެއެވެ. އެކަކު އަނެކަކަށް މާބޮޑަށް ގައިގޯޅިނުވެ މަޑުމައިތިރިކަމާއިއެކު ތަލްބިޔާ ކިޔަމުން ދިއުން ސުންނަތްވެގެންވެއެވެ. އަދި މުޒުދަލިފާއަށް ދެވުމުން ޢިޝާނަމާދުގެ ވަގުތުގައި މަޣުރިބުނަމާދާއި ޢިޝާނަމާދު ފަސްކޮށް، އެއްބަންގިއާއި ދެޤަމަތުން ޤަޞްރުކޮށް ޖަމުޢުކުރާނީއެވެ. އެތާގައި ދަމުނަމާދާއި ވިތުރުކުރންވެސް ސުންނަތްވެގެނެވެއެވެ. ދެން ފަތިސްނަމާދު ވަގުތުޖެހުމުން އެނަމާދުގެ ސުންނަތްކޮށް ފަތިސްނަމާދު ކުރުމަށްފަހު މަޝްޢަރުލް ޙަރާމްއަށް ދިއުމަށް ހިނގައިގަންނާނީއެވެ. މަޝްޢަރުލް ޙަރާމްއަކީ މުޒުދަލިފާގައި ހުންނަ މިސްކިތެވެ. އެތާގައި ޤިބުލައަށް ކުރިމަތިލައި ދެއަތްއުފުލައި ޛިކުރާއި ދުޢާއާއި ތަހުލިލު ތަކުބީރު ގިނަކުރުމަކި ސުންނަތެކެވެ. އެއަށްފަހު އިރުއެރުމުގެ ކުރިން މުޒުދަލިފާއިން ނުކުމެ މިނާއަށް ދިއުމަށް ފަށައިގަންނާނީއެވެ. މަޝްޢަރުލް ޙަރާމްއަށް ދިއުން ޙައްޖުވެރިޔާއަށް ދަތިކަމުގައިވާނަމަ މުޒުދަލިފާގެ ކޮންމެ ތަނެއްގައިވެސް މަޑުކޮށް އެތަނެއްގައި ނަމާދުކޮށް ދުޢާކުރުން އޭނާއަސް ހުއްދައެވެ. އެހެނީ ބަލިމީހުންނާއި އެމީހުންގެ އެހީތެރިން ރޭގަނޑުގެ ދެބައިވުމުން މުޒުދަލިފާއިން ނުކުމެ މިނާއަށް ގޮސް ޖަމްރަތުލް ޢަޤަބާއަށް ހިލައުކުމަށް ކީރިތިރަސޫލާ صلّى الله عليه وسلّم ހުއްދަދެއްވިއެވެ.

ދިހަވަނަ ދުވަހު ކުރާކަންތައް

މިދުވަހު ޙައްޖުވެރިޔާ ޙައްޖުގެ ކަންތަކުގެ ތެރެއިން ގިނަކަންތައްކޮށް ނިންމައެވެ. އިރުއެރުމުގެ ކުރިން މިނާއަށް ގޮސް ޖަމްރަތުލް އަޤަބާއަށް ހިލައުކުންވެއެވެ. މިކަން ދެމިއޮންނާނީ އިރުމެދުންފިލުމުގެ ކުރިއާއިހަމައަށެވެ. ހިލައުކުމަށްފަހު ހަދުޔު ކަތިލާ ބޯބާލައި ނުވަތަ ކުރުކޮށްކޮށާލުން ހުއްޓެވެ. މީގެތެރެއިން އިތުރުކަން ބޮޑުވެގެންވަނީ ބޯބޭލުމެވެ. ހިލައުކާ ބޯބާލައި ނުވަތަ ކުރުކޮށް ކޮށުމަށްފަހު އަނބީންނާއިއެކު ރޭކުރުންފިޔަވައި އިޙްރާމްބަނުމުން ޙަރާމްވި ހުރިހާ ކަމެއް ހުއްދަވާނެއެވެ. މިއީ ފުރަތަމަ ތަހަޢްލުލުވުމެވެ. އޭގެފަހުގައި ގެފުޅަށްގޮސް ޠަވާފުލް އިފާޟަކުރާނީއެވެ. މިޠަވާފަށް ޠަވާފުއްޒިޔާރާއޭވެސް ކިޔެއެވެ. މިއީ އެއާއިނުލައި ޙައްޖު ފުރިހަމަނުވާ، ޙައްޖުގެ ރުކުންތަކުގެ ތެރެއިން އެއްރުކުނެވެ. މުތަމައްތިޢު ހައްޖުވެރިއެއްނަމަ ޞަފާއާއި މަރުވާއާއި ދެމެދު ސަޢުޔުކުރުން ހުއްޓެވެ. ޤާރިން ނުވަތަ މުފުރަދު ޙައްޖުވެރިއެއްނަމަ ފުރަތަމަ މައްކާއަށް އައި ދުވަހު ސަޢުޔުކޮށްފައިވާނަމަ އިތުރަށް ސަޢުޔުކުރާކަށް ނުޖެހޭނެއެވެ. މިދުވަހުގެ ކަންތައް ކުރުމުގައި އެންމެ ރަނގަޅުގޮތަކީ ޖަމުރަތުލް ޢަޤބާއަށް ހިލައުކުމާއި ޒަބަޙަކުރުމާއި ބޯބޭލުމާއި ޠަވާފުކުރުން ތަރުތީބުން ކުރުމެވެ. މިއިންކަމެއް އިސްފަސްވުމަކުން މައްސަލައެއްނެތެވެ. އެމީހެއްގެ ޙައްޖު ޞައްޙަވާހުއްޓެވެ. ޙައްޖުވެރިޔާ ޠަވާފުލް އިފާޟާކޮށް ސަޢުޔުކުރުމުން ދެވަނަ ތަޙައްލުލުވީއެވެ. އަދި އަނބީންނާއިއެކު ރޭކުރުންފަދަ ކުރީގައި ޙަރާމްވި، ހުރިހާކަމެއް ހުއްދަވީއެވެ. އެއަށްފަހު މިނާއަށްގޮސް އައްޔާމުއްތަޝްރީޤު ތިންދުވަހާއި ރޭތަކުގައި ރޭކުރާނީއެވެ. ދިހަވަނަ ދުވަހަކީ ޢީދުދުވަސް ކަމަށްވުމާއިއެކު އެދުވަސް ވަނީ މާތްވެގެންވާ ގިނަގުނަ ކަންތައްތަކުން ޚާއްޞަކުރެވިފައެވެ. އެދުވަހަށް ކީރިތިރަސޫލާ صلّى الله عليه وسلّم ވަނީ "ޙައްޖުލް އަކުބަރު" ގެ ނަމުން ނަން ދެއްވާފައެވެ. އެދުވަހުގައި ޙައްޖުވެރިންނާއި އެނޫންމީހުންވެސް އަޅުކަންތަކާއި އެހެނިހެން ގިނަގުނަ މަނާސިކު އަދާކުރުމަށް އެއްވެއުޅޭތީއެވެ. ابن عمر رضي الله عنهما ގެ ކިބައިން ރިވަވެގެންވާ ޙަދީޘެއްގައިވެއެވެ. (وَقَفَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمَ النَّحْرِ بَيْنَ الْجَمَرَاتِ فِي الْحَجَّةِ الَّتِي حَجَّ وَقَالَ "هَذَا يَومُ الْحَجُّ الْأَكْبَرُ") رواه البخاري. މާނައީ "ނަބީއާ صلّى الله عليه وسلّم އެކަލޭގެފާނު ކުރެއްވި ޙައްޖުގައި ނަޙުރުގެ ދުވަހު ޖަމުރާތަކުގެ މެދުގައި ހުއްޓިވަޑާއިގެން ހުންނަވާ ޙަދީޘުކުރެއްވިއެވެ. މިއީ ޙައްޖުލް އަކުބަރު ނުވަތަ ބޮޑުޙައްޖުގެ ދުވަހެވެ."

އައްޔާމުއްތަޝްރީޤުގެ ތިންދުވަހު ކުރާކަންތައް

އައްޔާމުއްތަޝްރީޤުގެ ތިންދުހަކީ އަޟްޙާޢީދު ދުވަހަށްފަހު އަންނަ ތިންދުވަހެވެ. އެދުވަސްތަކަށް ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކޭ ވެސް ކިޔެއެވެ. އެތިންދުވަހަށް އައްޔާމުއްތަޝްރީޤުއޭ ކިޔެނީ އެދުވަސްތަކުގައި މީސްތަކުން އަޟްޙިޔާއާއި ހަދުޔުގެ މަސްތައް އަވީލައި މަސް ހިއްކުމުގެ ކަންތަކުގައި އުޅޭތީއެވެ. އައްޔާމުއްތަޝްރީޤުގެ ރޭތަކުގައި މިނާގައި ރޭކުރުމާއިމެދު ދަންނަބޭކާލުން ވަނީ ދެބަސްވެފައެވެ. ޙަނަފީ ދަންނަބޭކަލުންގެ ނަޡަރުގައި އެއީ ސުންނަތެކެވެ. އަށްވަނަ ދުވަހުގެރޭ މިނާގައި ރޭކުރުމަކީ ސުންނަތެއްކަމުގައިވާއިރު އައްޔާމުއްތަޝްރީޤުގެ ރޭތަކުގެ ހުކުމަކަށްވެސް ވާނީ އެހުކުމްކަމުގައި އެބޭކަލުން ދެކެއެވެ. އަދި ޙައްޖުވެރިންނަށް ފެންބޯންދިނުމަށް މައްކާގައި ރޭކުރުން، ކީރިތިރަސޫލާ صلّى الله عليه وسلّم ޢައްބާސްގެފާނަށް ހުއްދަ ދެއްވުމަކީވެސް އެކަމުގެ ދަލީލެއްކަމުގައި އެބޭކަލުން ވިދާޅުވެއެވެ. މާލިކީ، ޝާފިޢީ، އަދި ޙަނަފީ ދަންނަބޭކަލުންގެ ޖުމްހޫރު ދަންނަބޭކަލުން ވިދާޅުވަނީ މިނާގައި ރޭކުރުމަކީ ވާޖިބެއްކަމުގައެވެ. އަދި ޙައްޖުގެ ވާޖިބެއް ދޫކޮށްފިމީހާގެ މައްޗަށް ލޭދިނުން ވާޖިބުވާނެއެވެ. އެއީ ބަކަރިއެއް ކަތިލުމެވެ. މާލިކީ އަދި ޝާފިޢީ ދަންނަބޭކަލުން ވަނީ ޖަމަލަށް ކާންދޭ މީހުން މިނާގައި ރޭނުކުރިއަސް ހުއްދަކަމުގައެވެ. އެކަމަކު ފެންބޯންދޭ މީހުން މިނާގައި ރޭނުކުރިއަސް ހިލައުކަން މިނާއަށް އަންނަން ޖެހޭނެއެވެ. އެބޭކަލުން ދެކޭގޮތުގައި ގިނަރޭތަކުގައި މިނާގައި ރޭކުރުމަކީ ވާޖިބެކެވެ. އެތިން ދުވަސްހުގެ މާތްކަމާއި މަތިވެރިކަން ވަރަށް ގިނަ ގޮތްގޮތުން ވާރިދުވެފައިވެއެވެ.

ނަހުރުގެ ދުވަހަށްފަހު މާތް الله ގެ ޙަޟްރަތުގައި މާތްކަމާއި މަތިވެރިކަން އެންމެ ބޮޑުވެގެންވާ ދުވަސްތަކަކީ އައްޔާމުއްތަޝްރީޤުގެ ދުވަސްތަކެވެ. އެއީ މާތް الله އަށް ޛިކުރުކޮށް ޝުކުރުކުރުމުގެ ދުވަސްތަކެވެ. ކީރިތިރަސޫލާ صلّى الله عليه وسلّم ގެ ޙަދީޘެއްގައިވެއެވެ. (أيامُ التشريقِ أيامُ أكْلٍ وشُرْبٍ وذِكْرِ اللهِ). رواه مسلم. މާނައީ "އައްޔާމުއްތަޝްރީޤުގެ ދުވަސްތަކަކީ ކެއިންބުއިމާއި ޛިކުރުކުރުމުގެ ދުވަސްތަކެވެ." އެދުވަސްތަކަކީ އެހެން ދުވަސްތަކަށްވުރެ ގިނައިން ޛިކުރުކޮށް ތަކުބީރުކިއުން ސުންނަތްވެގެންވާ ދުވަސްތަކެވެ. މުއުމިނާ ޛިކުރުކުރުމުން ހިތްހަމަޖެހުން ލިބިގަނެއެވެ. ކެއިންބުއިމުން ހަށިގަޑުގެ ދުޅަހެޔޮކަން ހޯދައެވެ. ފަހެ، ހަށިގަނޑުގެ ނިޢުމަތުން ހިތުގެ ނިޢުމަތަށް އެހީތެރިވެދެއެވެ. އައްޔާމުއްތަޝްރީޤުގެ ދުވަސްތަކަކީ ސުވަރުގޭގައި ހޭދަކުރާ ދުވަސްތަކާއި އެއްވައްތަރު ދުވަސްތަކެއްކަމުގައި ބެލެވެއެވެ. ޤިޔާމަތް ދުވަހުގެ ނިޢުމަތްތައް ލިބިގަތުމުގެ ގޮތުން އިންސާނާ އެދުވަސްތަކުގައި ދުނިޔެވީ ޝަހުވަތްތެރިކަމުން ދުރުވެގެންވާތީއެވެ. ޙައްޖުވެރިޔާ އިޙްރާމް ބަނދެގެން ހުންނަ ދުވަސްތަކުގައި އޭނާއަށް ޙަރާމްކުރެވިގެންވާ ކަންތަކުން ދުރުވެ ހުންނަފަދައިންނެވެ.

އެގާރަވަނަ ދުވަހާއި ބާރަ ވަނަދުވަހު ކުރާކަންތައް

ޙައްޖުމަހުގެ އެގާރަވަނަ ދުވަހާއި ބާރަވަނަ ދުވަހު ޙައްޖުވެރިޔާ ތަރުތީބުން ޖަމްރާތަކަށް ހިލައުކަން ފަށައެވެ. ފުރަތަމަ ހިލައުކާނީ ކުޑަޖަމްރާއަށެވެ. ދެން މެދުޖަމްރާއަށެވެ. އޭގެފަހުގައި ބޮޑުޖަމްރާއަށެވެ. އެއިން ކޮންމެ ޖަމްރާއަކަށް އުކާނި ހަތް ހިލައެވެ. އެގާރަވަނަ ދުވަހާއި ބާރަވަނަ ދުވަހުންކުރެ ކޮންމެ ދުވަހެއްގައިވެސް ހިލަ އުކަން ފަށާނީ އިރުމެދުން ފިލުމުންނެވެ. މާލިކީ، ޝާފިޢީ، ޙަނަފީ އަދި ޙަންބަލީ މަޒުހަބުގެ ޖުމްހޫރު ދަންނަބޭކަލުންގެ އަރިހުގައި އޭގެކުރިން ހިލަ އުކުން ހުއްދަ ވެގެންނުވެއެވެ. އަދި މެދު ޖަމުރާއަށް ހިލަ އުކުމަށްފަހު ދުޢާކުރުމަށް ހުއްޓިހުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އަވަސްކުރަން ބޭނުން މީހާ ބާރަވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން މިނާއިން ނުކުމެދިއުމަކުން މައްސަލައެއްނެތެވެ. އަދި މީހުން ގިނަވުމުގެ ސަބަބުން ލަސްވުމަކުންވެސް މައްސަލައެއްނެތެވެ. ފަހެ އެމީހުން މައްކާއަށް ގޮސް ޠަވާފުލްވަދާޢު ކުރާނީއެވެ. އެއީ ޙައްޖުގެ ވާޖިބެކެވެ. ޙައިޟުވެރިންނާއި ނިފާސްވެރިންނަށް ޠަވާފުލްވަދާޢު ކުރުމެއްނެތެވެ. އަވަސްކުރަން ބޭނުންނުވާ މީހާ އަދި އިތުރު އެއްރޭ މިނާގައި ރޭކުރުން ހުއްޓެވެ. އެއީ ތޭރަވަނަ ދުވަހުގެރެއެވެ. ބާރަވަނަ ދުވަހަށް ފުރަތަމަ ނަފިރުގެ ދުވަހުން ނަން ދެވިފައިވެއެވެ. އަވަސްކުރާ މީހާ ތޭރަވަނަ ދުވަހު ޖަމްރާތަކަށް ހިލަ އުކާކަށް ނުޖެހޭނެއެވެ. އެއިރުން އޭނާ ހިލަ އުކާފައިވާނީ ހަމައެކަނި އައްޔާމުއްތަޝްރީޤުގެ ދެދުވަހުއެވެ. އޭނާ އަވަސްކުރުމުގެ ސަބަބުން ތޭރަވަނަ ދުވަހުގެ ހިލަ އުކުން އޭނާގެ މައްޗަކަށް ނުވެއެވެ.

ތޭރަ ވަނަދުވަހު ކުރާކަންތައް

މާލިކީ، ޝާފިޢީ، އަދި ޙަންބަލީ މަޒުހަބުގެ ޖުމްހޫރު ދަންނަބޭކަލުންގެ އަރިހުގައި ތޭރަވަނަ ދުވަހުގެ އިރު މެދުން ފިލުމުން އަވަސް ކުރަން ބޭނުންނުވާ މީހާގެ މައްޗަށް ތިން ޖަމުރާއަށް ހިލަ އުކުން ވާޖިބެވެ. އަބޫޙަނީފާ ވަނީ އޭގެކުރީގައިވެސް ހިލަ އުކުން ހުއްދަ ކުރައްވާފައެވެ. ހިލަ އުކުމުގެ ވަގުތު ދެމިގެންވަނީ އިރު އޮއްސުމާއި ހަމައަށެވެ. އެހެނީ ޙައްޖުގެ ހުރިހާ މަނާސިކުތައް ނިމޭވަގުތަކީ ހައްޖުމަހުގެ ތޭރަވަނަ ދުވަހުގެ އިރު އޮއްސޭ ވަގުތެވެ. އެދުވަހު ޖަމްރާތަކަށް ހިލަ އުކުމަށްފަހު ޙައްޖުވެރިޔާ މިނާއިން ނުކުމެ މައްކާއަށް ދިއުމަށް ފަށައިގަންނާނީއެވެ. އެދުވަހުގައި ނުކުމެދިއުމަށް ކިޔަނީ ދެވަނަ ނަފިރުގެ ދުވަހެވެ. ނަފިރުވެރިން މިނާއިން ނުކުމެ މައްކާއަށް ދިއުމުގައި ވާދީ މުޙައްޞަބު ނުވަތަ ވާދީ އަބްޠަޙަށް ފޭބުން ޖުމްހޫރު ދަންނަބޭކަލުންގެ އަރިހުގައި ސުންނަތްވެގެންވެއެވެ. އެވާދީއަކީ މައްކާއަށް ވަންނަ ދެފަރުބަދަ ދެމެދުގައި އަލްހަޖޫން މަޤްބަރާއާއި ހަމައަށްވާ ސަރަޙައްދެވެ. ފަހެ، މެންދުރު، ޢަޞްރު، މަޣްރިބު އަދި ޢިޝާ ނަމާދު ކުރާނީ އެތާގައެވެ. ޙަނަފީ މަޒުހަބުގެ ދަންނަބޭކަލުން ވިދާޅުވަނީ އެތާގައި އެނަމާދުތައް ކުރުމަކީ ސުންނަތެއް ކަމުގައެވެ. ކީރިތިރަސޫލާ صلّى الله عليه وسلّم ގެ ސުންނަތާއި އެއްގޮތަށް ޢަމަލުކުރުމުގެ ގޮތުންނެވެ. މިހާރު އެތަންވަނީ މައްކާގެ އާބާދީގެ ތެރެއަށްވަދެ ޢިމާރާތްތައް ބިނާވެ، ހައްޖުވެރިން އެސަރަހައްދުގައި އުޅޭ ސަރަހައްދަކަށްވެފައެވެ. އެތާގައި ނަމާދުކުރުން ސުންނަތްކަމަށް ދެކެވަޑައިގަންނަވާ ބޭކަލުންގެ ދަލީލަކީ ޢާއިޝަތުގެފާނު ވިދާޅުވި ބަސްފުޅެވެ. އެކަމަނާ ވިދާޅުވެފައިވަނީ (إنَّمَا نَزَلَ رَسُوْلُ اللَّهِ صلَّى اللَّهُ عليْهِ وسلَّمَ المُحَصَّبَ ليَكونَ أسمَحَ لِخروجِهِ وليسَ بِسُنَّةٍ فَمَنْ شَاءَ نَزَلَهُ وَمَنْ شَاءَ لَمْ يَنْزلْهُ) رواه أبي داود. މާނައީ "ހަމަކަށަވަރުން رسول اللَّه صلَى اللَّه عليه وسلم ވާދީ އަލްމުޙައްޞަބަށް ފައިބާވަޑައިގަތެވެ. އެއީ އެތަނުން ނުކުތުމަށް ފަސޭހަވާނެތީއެވެ. އަދި އެއީ ސުންނަތެއްނޫނެވެ. ފައިބަން ބޭނުންމީހަކު ފައިބާނީއެވެ. ފައިބަން ބޭނުންނުވާ މީހަކު ނުފައިބާނީއެވެ."

ޙައްޖުވެރިޔާ މައްކާގައި ޙައްޖުގެ އެންމެހާ މަނާސިކަކުން ނިމުމަށްފަހު ޠަވާފުލް ވަދާޢުކުރުން ހުއްޓެވެ. އަދި ޠަވާފުލް ވަދާޢަށްފަހު ލަސްނުކޮށް ވަގުތުން މައްކާއިން ނުކުތުން ވާޖިބެވެ. އަދި ޢުޒުރެއް މެދުވެރިވެގެންނޫނީ މައްކާގައި މަޑުނުކުރުން ހުއްޓެވެ. މިއީ ޖުމްހޫރު ދަންނަބޭކަލުން ދެކެވަޑައިގަންނަވާ ގޮތެވެ. ޠަވާފުލް ވަދާޢުކުރުމަށްފަހު ދެދުވަހަށްވުރެ ގިނަދުވަހު މަޑުކޮށްފިނަމަ އަލުން ޠަވާފުކުރަން ޖެހޭނެއެވެ. ދެދުވަހު މަޑުކުރުމަށްފަހު ޠަވާފުލް ވަދާޢު އަލުން ނުކުރާނަމަ އެޙާލަތުގައި އޭނާގެ މައްޗަށް ލޭ ދިނުން (ބަކަރިއެއް ކަތިލުން) ވާޖިބުވާހުއްޓެވެ. އެއީ ހައްޖުގެ ވާޖިބުތަކުގެ ތެރެއިން ވާޖިބެއް ދޫކުރީތީއެވެ. والله أعلم.

ކިޔުންތެރިންގެ ހިޔާލު