މަލާމާތްކުރުމަކީ ރުޅިވެރިން އުފައްދާކަމެއް!

މޫސާ ޞިއްދީޤު ޙަސަން 19 ޖޫން 2020 09:05
Flowers

ދެމީހެއްގެ ދޭތެރޭގައި ނުވަތަ އެއްބަޔަކު އަނެއްބަޔާއި މެދު އޮންނަ ގުޅުމަކީ ރައްޓެހިކަމާއި ރަހުމަތްތެރިކަމެވެ. ގުޅުމެއް ނުވާނަމަ ނުވަތަ އެކަކުއަނެކަކަށް ކާކުކަން ނޭގޭނަމަ އެއީ ބީރައްޓެހިކަމެވެ. ބީރައްޓެއްސަކަށް މާލާމާތްކުރެވުން ނާދިރުކަމަކާއިގާތެވެ. އަދި އެފަދަކަމެއް ހިނގިޔަސް އެކަންވާނީ ރުޅިވެރިކަމެއްގެ ގޮތުގައެއްނޫނެވެ. އެފަދަކަންތައް ވާނީ ޖޯކުގެ ބީދާގައެވެ. މަލާމާތްކުރުމާއި ނޭއްގަނިކަން އާއްމުގޮތެއްގައި ފެށެނީ ދަންނަމީހުންނާއި އެކުވެރިންގެ މެދުގައެވެ.

 ނުވަތަ އެބައެއްގެ މެދުގައި ދުޝްމަންކަމެއް ނުވަތަ ކުރީއްސުރެ އުފެދިފައިވާ ނުރުހުމެއްގެ ސަބަބުންނެވެ. މިފަދަކަންތައް ޢިއްޒަތާއި ގަދަރުވެރިންގެ މެދު ހިނގައެވެ. އަދި ގަދަރުވެރިންނާއި ނިކަމެތިންނާއި މެދުވެސް ހިނގައެވެ. ހަމައެގޮތަށް އާދައިގެ ނިކަމެތި މީސްމީހުންގެ މެދުގައިވެސް ހިނގަމުން ދެއެވެ. މިއީ ހުރިހާ މުޖްތަޢެއްގައި ވެސް މިހާރު ފެންނަމުންދާ ބޮޑުބައްޔެކެވެ. މިނުބައިކަންތައް އެންމެ ބޮޑެތި ގައުމުތަކުގެ މީހުންނާއި އެންމެ ކުދި ނިކަމެތި ގައުމުތަކުގެ މީހުންގެ މެދުގައި ވެސް ވަނީ ރޯނގާއެއްފަދައިން ފެތުރިފައެވެ. އޭގެ ނުބައިކަން ކެންސަރު ބައްޔަށްވުރެވެސް ނުރައްކަލެވެ. މިކަމަށް ފަރުވާއެއް ބޭނުންވާކަމަށް ބުނާމީހުން މަދެއްނޫނެވެ. އެއީ ހިތްހެޔޮ، ހެޔޮއެދޭ މީހުންނެވެ. އެފަދަ މީހުންނަށް ޝުކުރު ޙައްޤެވެ. ކޮންމެ ބައްޔަކަށް ބޭހެއް ވެޔޭ ބުނާ ބީދައިން މިބައްޔަށްވެސް ފަރުވާއެއް ވާނެކަން ޔަގީނެވެ. (لِكُلِّ دَاءٍ دَوَاءٌ فَإِذَا أُصِيبَ دَوَاءُ الدَّاءِ بَرَأَ بِإِذْنِ اللَّهِ عَزَّ وَجَلَّ) رواه مسلم. މާނައީ "ކޮންމެ ބައްޔަކަށް ބޭހެއްވެއެވެ. ބަލީގެ ބޭހާއި ދިމާވުމުން މަތިވެރި މާތް الله ގެ އިޒުނަފުޅާއިއެކު ބަލިރަގަޅުވެދެއެވެ." މަލާމާތްކުރުމާއި ނޭތްގާނިކަމާއި ފުރައްސާރަ ކުރުމަކީވެސް ބައްޔެކެވެ. މިބަލީގެ ފަރުވާއަކީ އިޙްތިރާމާއި ގަދަރުކުރުމެވެ. ލޯތްބާއި މަޢާފުކުރުނެވެ. ތަހުޒީބާއި ތަމައްދުނެވެ. ތަންދޮރުފިލުމާއި ލަދުވެތިމަކެވެ. ކިޔަމަންގަތުމާއި ތަޤްވާވެރިކަމެވެ. މާދަމާއަށްޓަކައި ކުރާހެޔޮ ކޮންމެ ޢަމަލަކީވެސް އެކަމުގެ ފަރުވާއެވެ. އެކަމަކު އިންސާނާ މީގެ އެއްވެސްކަމަކަށް ފަރުވާލެއް ނުބެހެއްޓިއެވެ. އެންމެފަހުން ދުނިޔެވީ ވަގުތީ އުފާތަކަށް ހެއްލި އާޚިރަތް ހަނދާން ނައްތާލިއެވެ. {يَعْلَمُونَ ظَاهِرًا مِنْ الْحَيَاةِ الدُّنْيَا وَهُمْ عَنْ الآخرة هُمْ غَافِلُونَ} الروم : 7. މާނައީ "ދުނިޔޭގެ ދިރިއުޅުމުން އެއުރެންނަށް އެނގެނީ ބޭރުފުށުގެ ކަންތަކެވެ. އަދި އެއުރެންވަނީ، آخرة ދުވަހާމެދު غافل ވެގެންވާ ބަޔަކު ކަމުގައެވެ."

މަލާމާތްކޮށް ފުރައްސާރަކުރުމަކީ ނުބައި އާދައެކެވެ. އެކަމުން އޯގާތެރިކަމާއި ކުލުނުވެރިކަން ނައްތާލައެވެ. ނަފުރަތުކުރުމާއި ދެކޮޅުވެރިވުމަށް މަގުހުޅުވާލައެވެ. މީހުންގެ މެދުގައި ރުޅިވެރިކަމާއި ގޯނާކުރުމަށް ހިތަވްރުދީ އަޑުއުފުލާލެވެއެވެ. އެއީ ކިހާވަރެއްގެ ނުބައިކަމެއްކަން ނޭގިތިބެއެވެ. ނޫނީ އެނގިތިބެ ގަސްތުގައެވެ. ކޮންމެ ގޮތެއްގައި ވިޔަސް މިފަދަކަންތައް ފެށެންދިމާވާ ސަބުބުވެސް އެނގެން އެބަޖެހެވެ.

މިނުބައި އާދައާއި ބެހޭ މަޢުލޫމާތު އެއްކުރައްވާ ބާޙިޘުން ވިދާޅުވަނީ މީހަކު އަނެކަކަށް މަލާމާތްކުރަނީ އެމީހާ ގޯސްކަމެއް ކުރުމުންކަމަށް ފަހަރެއްގައި ހީކުރެވިދާނެވެ. އެކަމަކު އެއީ އެއްވެސް ހާލެއްގައި ރަގަޅު ހީއެއްނޫނެވެ. މީހުން އަނެކާއަށް މަލާމާތްކުރަނީ އެބަޔަކު ތިބިމަގާމު ނުވަތަ އެބަޔެއްގެ ހައްޘިއްޔަތު އަނެކާގެ ސަބަބުން ގެއްލިދާނެކަމުގެ ބިރުހީވާތީއެވެ. މީހާގެ ނަފުސު ކޮންޓްރޯލް ނުވުމުން އެހެން މީހުންނަށް ނަފުރަތުކޮށް މަލާމާތްކުރެއެވެ. އެމީހަކާއި ދިމާވެފައިވާ އުނދަގޫކަމެއް ހައްލުނުކުރެވުމުން އެހެން މީހުންނަށް އެއްޗެހި ކިޔެއެވެ. ދިމާވާ ހިތްދަތިކަމަކުން އަރާނުގެނެވުމުގެ ސަބަބުންވެސް އެހެންމީހުންނަށް މަލާމާތްކޮށް ހަޖޫޖަހާގޮތް މެދުވެރިވެއެވެ. މިއީ މަލާމަތްކުރުން ނުހުއްޓި ދެމިގެންދާ އެންމެބޮޑު އެއްސަބެބެވެ. (އަލްބަޔާން ނިއުސް : 20 ޖެނުއަރީ 2010) އެއްވެސް ބަޔަކު ތިމަންނަމެންނަކީ ދެންތިބި މީހުންންނަށްވުރެ މޮޅުބައެއްކަމަށް ހީކޮށް މަލާމާތް ނުކުރާށެވެ. އެކަން ނަހީކުރައްވާ މާތް الله ވަޙީކުރައްވަނީ {يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِنْ قَوْمٍ عَسَى أَنْ يَكُونُوا خَيْرًا مِنْهُمْ وَلَا نِسَاءٌ مِنْ نِسَاءٍ عَسَى أَنْ يَكُنَّ خَيْرًا مِنْهُنَّ وَلَا تَلْمِزُوا أَنْفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ وَمَنْ لَمْ يَتُبْ فَأُولَئِكَ هُمُ الظَّالِمُونَ} الحجرات : 11. މާނައީ "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަކެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ." މިއާޔަތުގެ ޝަރަޙާގައި އައްސަޢުދީ އޭނާގެ ތަފްސީރުގައި ލިއުއްވަނީ ބަހަކުން ވިޔަސް އަދި ކަމަކުންވިޔަސް އެއްވެސް މުއުމިނަކު ތިމާގެ އަނެއް އަޚާ ނިކަމެތިވާނެފަދަ ކަމެއް ކޮށްގެން ނުވާނެއެވެ. ފަހެ، އެއީ ޙަރާމްވެގެންވާ ކަމެކެވެ. އެއްވެސް ހާލެއްގައި ހުއްދަކަމެއްނޫނެވެ. އަދި އެއީ މަލާމާތްކުރާ މީހާގެ ނަފުސުގެ ބޮޑާކަމަށް ދަލީލުކުރާކަމެކެވެ. މީހަކު އޭނާގެ މުސްލިމު އަޚާ ދެރަކޮށް ނިކަމެތިކޮށްލުމަށްވުރެ ބޮޑަށް އޭނާއަށް ކުރެވޭނެ ވަކިނުބައި ކަމެއްނެތެވެ. ކީރިތިރަސޫލާ صلى الله عليه وسلم ގެ ޙަދީޘުފުޅެއްގައިވެއެވެ. ( بِحَسْبِ امْرِئٍ مِنَ الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ) رواه مسلم. މާނައީ "މީހަކު އޭނާގެ މުސްލިމު އަޚާ ނިކަމެތިކުރުން ނުބައިކަމެއްގެ ގޮތުގައި އޭނާއަށް ފުދެއެވެ." މީހުންނަށް ޣީބަބުނެ ފުރައްސާރަކުރުމަކީ އިސްލާމްދީން މަނާ ކުރައްވާފައިވާ ކަންތަކެވެ. އެއީ ގެއްލުންހުރި ވިޔާނުދާކަމެއްކަން ކީރިތިޤުރްއާނުގައި އަންގަވާފައިވެއެވެ. މާތް الله ވަޙީކުރައްވަނީ {وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ} الهمزة : 1. "غيبة ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުއްޓެވެ."

އިންސާނާއަކީ ހަނދާންނެތޭ މަޚްލޫޤެކެވެ. އިންސާނާއަށް "إنسان" އޭ ކިޔެނީވެސް އެހެންވެއެވެ. ނުބައިކަންތަކަށް ހުށަހެޅެނީ އެދެވިގެންވާ ކަންތައް ހަނދާނުން ކައްސާލާތީއެވެ. ހަނދާންނެތޭ މީހުންނަށް ހަނދާންކޮށްދިނުމަކީ ކުރަންޖެހޭކަމަކެވެ. ހެޔޮ ރަނގަޅުކަމަކަށްވާތީއެވެ. ހަނދާންކޮށް ދިނުމަކީ ފައިދާކުރާނެކަމެވެ. } وَذَكِّرْ فَإنِّ الذّكِرَى تَنْفَعُ اْلمُؤْمِنِيْنَ{ الذاريات :55 . މާނައީ "ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، مؤمنންނަށް މަންފާކުރާނޭ ކަމެކެވެ." އަދި މަޢާފުކޮށް ޞުލްޙަވެރިވުމަކީ މާތް الله ގެ ޙަޟްރަތުގައި އަޖުރު ބޮޑުވެގެންވާ ކަމެކެވެ. ވީމާ ކުރެވުނު މަލާމާތެއްގެ ސަބަބުން ރުޅިވެރިކަމެއް އުފެދި ހިތްކިލަނބު ވެފައިވާނަމަ މަޢާފުކޮށް ޞުލްޙވެރިވުމަށް އަވަސްވެގަންނާށެވެ. އެކަމުން ދަރުމައާއި ސަވާބު ލިބިގަންނާށެވެ. މާތް الله ވަނީ އޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައެވެ. ވަޙީކުރައްވަނީ }فَمَنْ عَفَا وَأصْلَحَ فَأجْرُهُ عَلَى اللّهِ{ الشورى : 40 . މާނައީ "ފަހެ، (ނުބައިކަމެއްކޮށްފި މީހާއަށް) عفوކޮށް، صلح ވެރިވެގަތްމީހާގެ ثواب ވަނީ، الله ގެ حضرة ގައެވެ." މާތް الله އެފަދަބައެއް ގެއްލެނިވެރި ނުކުރައްވާނެތެވެ. އެފަދަ މީހުންނަށް ހުރީ ހެޔޮގޮތެވެ. މީހުންގެ ރުހުމާއި އިއްޒަތެވެ. އޭގެ ހެއްކެއްގެ ގޮތުގައި މިޙަދީޘުފުޅު ފުދެއެވެ. (وَمَا زَادَ اللّهُ تَعَالَى عَبْداً بِعَفْوٍ إلاَّ عِزاً) رواه مسلم. އާދެ، މާތް الله އެކަލާނގެ އަޅަކު މީހަކަށް މަޢާފުކޮށްފިނަމަ އެކަލާނގެ އެއަޅާއަށް ގަދަރާއި ޢިއްޒަތް އިތުރުކޮށް ދެއްވާނެކަން ކަށަވަރެވެ.    

ކިޔުންތެރިންގެ ހިޔާލު