Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

ކޮރޯނާ ވައިރަސް – ދަސްވިކަންތަކާއި ލިބުނު ފައިދާތައް

ކޮންމެ ޙާލަތެއްގައިވެސް މާތް الله އަށް ޙަމްދުކުރަން ޖެހެއެވެ. ޝުކުރު ކުރަންޖެހެއެވެ. ސިއްރާއި ފައުޅުގައެވެ. ފުރިހަމަ ޞިއްތާއި ބަލިމަޑުކަމުގެ ޙާލަތުގައެވެ. އެންމެހާ ތަކެތި ހައްދަވާ ފުރިހަމަ ކުރެއްވީތީއެވެ. މިންވަރު ކުރައްވައި މަގުދެއްކެވީތީއެވެ. މާތް الله ވަޙީކުރައްވަނީ {الَّذِي خَلَقَ فَسَوَّى * وَالَّذِي قَدَّرَ فَهَدَى * وَالَّذِي أَخْرَجَ الْمَرْعَى * فَجَعَلَهُ غُثَاءً أَحْوَى } [الْأَعْلَى: 2 – 5. މާނައި "އެކަލާނގެއީ (އެންމެހާ ތަކެތި) ހައްދަވައި، ދެން އެހެއްދެވުން ފުރިހަމަކުރެއްވި ރަސްކަލާނގެއެވެ.* އަދި އެކަލާނގެއީ (އެންމެހާ ތަކެތި) މިންވަރުކުރައްވައި، ދެން (އެތަކެއްޗަށް) މަގުދެއްކެވި ރަސްކަލާނގެއެވެ.* އަދި އެކަލާނގެއީ، ފަތްޕިލާވެލި ފެޅުއްވި ރަސްކަލާނގެއެވެ.* އަދި އެކަލާނގެ އެތަކެތި، ކަޅުކުލައިގެ ހިކި ކުނޑިތަކެއް ކަމުގައި ލެއްވިއެވެ." މާތް الله ރަސޫލުން ފޮނުއްވައި އެބޭކަލުންނަށް ވަޙީ ބާވައިލެއްވިއެވެ. މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓައެވެ. އެކަލާނގެއަށް ކިޔަމަންތެރިވެ ދީނުގައި ފައިތިލަ ސާބިތުވެ ތިބުމަށެވެ. ޝަރީޢަތާއި އެއްގޮތަށް ޢަމަލުކުރުމަށެވެ. އެކަލާނގެ ބާވައިލެއްވި ފޮތް ކިޔަވައި ދެނެގަންނަން ޖެހޭތީއެވެ. އާޚިރަތް ދުވަހުގެ އިމްތިހާނުން ފާސްވެ ހިތާމައާއި މޮޅިވެރިކަން ފިލައިދާހުށީ އެއިރުންނެވެ. މަތިވެރިވެގެންވާ ސުވަރުގެ ލިބުންވަނީ އެގޮތުގައެވެ. މާތް الله ވަޙީކުރައްވަނީ { فَاسْتَمْسِكْ بِالَّذِي أُوحِيَ إِلَيْكَ إِنَّكَ عَلَى صِرَاطٍ مُسْتَقِيمٍ * وَإِنَّهُ لَذِكْرٌ لَكَ وَلِقَوْمِكَ وَسَوْفَ تُسْأَلُونَ } الزُّخْرُفِ: 43- 44. މާނައީ "ފަހެ، ކަލޭގެފާނަށް އިއްވަވާ وحى އެއްގައި ކަލޭގެފާނު ހިފަހައްޓާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ވަނީ، ސީދާވެގެންވާ ތެދުމަގެއްގެ މަތީގައެވެ.* އަދި ހަމަކަށަވަރުން، އެ قرآن އަކީ ކަލޭގެފާނަށާއި، ކަލޭގެފާނުގެ قوم ގެ މީހުންނަށް ލިބުނު شرف އެކެވެ. އަދި ނިކަންހުރެ ތިޔަބައިމީހުންނާއި سؤال ކުރައްވާނެތެވެ."
މާތް الله އަކީ އެކަލާގެ އަޅުތަކުންނާއި މެދު އެންމެ އޯގާވަންތަ ކަލާނގެއެވެ. އިންސާނުންނަށް އެކަން އިޙްސާސް ވެފައި ނެތުމުން އެއުރެންނާއި ދިމާވާ ކަންތައް ތަފާތުވެއެވެ. އެމީހުން ނުރުހޭ ކަންތައް ބައެއްފަހަރު އެމީހުންނަށް ފައިދާހުރި ކަމަކަށްވެއެވެ. އަދި އެމީހުން އެދޭ ކަންތައް ބައެއްފަހަރު އެމީހުން ބޭނުންނުވާ، ނުރުހޭ ކަމަކަށް ވެދެއެވެ. އެކަން އަންގަވާފައި ވަނީ މިއާޔަތުގައެވެ. { وَعَسَى أَنْ تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَكُمْ وَعَسَى أَنْ تُحِبُّوا شَيْئًا وَهُوَ شَرٌّ لَكُمْ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ } الْبَقَرَةِ : 216. މާނައީ "އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި الله ހުރިހާ ކަމެއް ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ." ފުރަތަމަ ބޮޑު ނުބައި ކަމެއްގެ ގޮތުގައި ފެށި، އެންމެފަހުން ބޮޑުވެގެންވާ ހެޔޮކަމެއްގެ ގޮތުގައި ފެނިފައިވަނީ ކިތައްކަންތައް ހެއްޔެވެ؟ ނިކަން ދެކޭށެވެ! ޔޫސުފުގެފާނު ވަޅަކަށް ވައްޓާލެވި އަޅެއްގެ ގޮތުގައި ވިއްކާލެވުނެވެ. އެކަލޭގެފަނު ޖަލަށް ވަޑައިގަންނަވަން ޖެހުނެވެ. ފަހެ، އެކަންވެފައިވަނީ އެކަލޭގެފާނަށް ލިބެންހުރި ބޮޑުވެގެންވާ ޝަރަފެއްގެ ފެށުމަކަށެވެ. މީހުން އެމީހުންގެ ބޭނުންތައް ހުށަހެޅުމަށް އެކަލޭގެފާނުގެ އަރިހު ދަންނަވަން ޖެހުމަށެވެ. އެމީހުންގެ ކާބޯތަކެތި ހޯދުމުގައި މުޢާމަލާތް ކުރެވޭ އިސްފަރާތްކަމުގައި ވުމަށެވެ. الله تعالى ގެ އޯގާވަންތަކަން ދެކޭށެވެ. { وَقَدْ أَحْسَنَ بِي إِذْ أَخْرَجَنِي مِنَ السِّجْنِ وَجَاءَ بِكُمْ مِنَ الْبَدْوِ مِنْ بَعْدِ أَنْ نَزَغَ الشَّيْطَانُ بَيْنِي وَبَيْنَ إِخْوَتِي إِنَّ رَبِّي لَطِيفٌ لِمَا يَشَاءُ إِنَّهُ هُوَ الْعَلِيمُ الْحَكِيمُ } يُوسُفَ : 100 މާނައީ "އަދި ތިމަން ޖަލުން ނެރުއްވުމާއި، ތިމަންނާއާއި، ތިމަންގެ أخންނާ ދެމެދު شيطانއާ ނުބައިކޮށްފުމަށް ފަހުގައި، بدوىންގެ ދިރިއުޅުމުން ތިޔަބައިމީހުން ގެންނެވިކަމާއި، މިހުރިހާ ކަމެއްގައި ތިމަންނާއަށް އެކަލާނގެ ރަނގަޅުގޮތް މެދުވެރިކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމަކަށް އޯގާވަންތަ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ." މިއީ ހައްދަވާ ބޮޑުކުރައްވާ އެއްކައުވަންތަ ކަލާނގެ އޯގާތެރިކަމެވެ. ދުރުވިސްނޭ ބުއްދިވެރިން ދެކޭގޮތުގައި އެއީ އިންސާނާ ގަބޫލުކުރަންޖެހޭ ގޮތެވެ. އަތްމަތި ދަތިވެ ކިތަންމެ ބޮޑުގެއްލުމެއް ލިބުނަސް ހެވެ. މުދާތައް ފަނާވެ ލޯބިވެރިން ވަކިވެ ފުރާނަތައް ގެއްލުނަސް މެއެވެ. ފަހުން ލިބޭނޭ އުފާވެރިކަމަކަށް އުއްމީދު ކުރެވޭތީއެވެ.
ކޮރޯނާވައިރަސް ޑިޒީސް- CORONAVIRUS DISEASE 2019(ކޮވިޑް-19) ބަލިމަޑުކަމުގެ ވަބާ މިވަނީ މުޅިދުނިޔެއަށް ފެތުރި ދުނިޔެ ހަމަހިމޭން ކޮށްފައެވެ. ގިނަ ބައެއްގެ ފުރާނަވަނީ ވަކިވެގޮސްފައެވެ. އަދިވެސް ވަކިވާ ފުރާނަތައް ދަނީ އިތުރު ވަމުންނެވެ. ގައުމުތައް ވަނީ ބޮޑެތި މާލީ ގެއްލުންތަކާއި ކުރިމަތިލާންޖެހިފައެވެ. ވިޔަފާރިތަކަށް އަސަރުކޮށް ވަޒީފާތައް ގެއްލިއްޖެއެވެ. ބޯހިޔާވަހިކަމުން ވަނީ މަޙުރޫމުވެފައެވެ. ކާބޯތަކެތި ލިބޭނެގޮތެއްނެތި ގޮތްހުސްވެ އާދޭސްކުރުމަށް ވަނީ މަޖުބޫރުވެފައެވެ. ދަތުރުފަތުރުގެ ގުޅުން ކެޑި ދުނިޔެވަނީ ހުއްޓިފައެވެ. ކާރފިޔޫ ހިންގި އަދި ދިގުދެމިގެންވާ ފުރަބަންދު (ލޮކްޑައުން) ތައް ވަނީ ގާއިމުކޮށްފައެވެ. މިނިވަންކަން ވަނީ ހަނިވެފައެވެ. އަދި މިނޫންވެސް ކިތަންމެކަމެކެވެ. މިހުރިހާ ކަންތަކާއެކުވެސް މިކަންކަމުގައި ވަނީ އިންސާނާއަށް ހެޔޮގޮތެވެ. ފައިދާއާއި ނަފާހުރި ކަންތަކެވެ. ކޮރޯނާވައިރަހާއި ގުޅިގެން ނުވަތަ އޭގެ ސަބަބުން އިންސާނާއަށް ވަނީ ކަންތައްތަކެއް އެނގި ދަސްވެފައެވެ. އެހުރިހާ ކަމެއްގައިވެސް އޭނާއަށް ހުރީ ލާބައާއި މަންފާއެވެ. އަދި ހަމައެއާއިއެކު މިޙާލަތުގައި ކޮރޯނާވައިރަހާއި ބެހޭ ގޮތުން ތަފާތު އެހެން ވާހަކަތައް ވެސް ދެކެވި ތަފާތު ގަބޫލުކުރުންތައް މީހުންމެދުގައި ވަނީފެތުރިފައެވެ. ކޮރޯނާވައިރަހަކީ ބަޔަކު އުފެއްދި އެއްޗެއްކަމަށް އެއްބަޔަކު ބުނިއިރު އަނެއްބަޔަކު ބުނީ އެއީ ގުދުރަތީގޮތުން އުފެދުނު އެއްޗެއްކަމަށެވެ. ގޮތްނޭނގޭ ނުރައްކާތެރި ބޮޑުވަބާއެއްގެ ގޮތުގައި ބައެއްމީހުން ކޮރޯނާވައިރަސް ސިފަކުރިއިރު އަނެއްބައެއްގެ ކާރީ އެއީ އާދައިގެ ރޯނގާއެކެވެ. އެހެންބަލިތަކާއިއެކު އުޅެވޭގޮތަށް ކޮރޯނާވައިރަހާއިއެކު ވެސް އުޅެވޭނެކަމަށް ބަޔަކު ދަޢުވާކުރާއިރު އެނޫން މީހުން އެކަމާއި ދެކޮޅުހަދާ އެއަށް ފިލަނީއެވެ. ބަޔަކު އެއާއި ދެކޮޅަށް މުޒާހަރާކުރި އިރު އެނެއްބަޔަކު ކޮރޯނާވައިރަހަކީ ކަލާނގެކަމަށް ގަބޫލުކޮށް އަޅުކަންވެސް ކޮށްފިއެވެ. ވީމާ މިތާގައި ކޮރޯނާއިން ހާސިލުވި ބައެއްކަންތަކަށް ބަލާލުން މުހިއްމުކަމުގައި ދެކެމެވެ.
މިބަލިމަޑުކަމާއި ގުޅިގެން އިންސަނާއަށް މާތް الله ގެ ކުޅދުންވަންތަކަމުގެ އިޙްސާސްކުރެވިއްޖެއެވެ. ބަލި ފެތުރުމުން މުޅި ދުނިޔެ ވަނީ ހުއްޓިފައެވެ. الله تعالى މަތިވެރިކަން މީސްތަކުންގެ ހިތަށް ވަދެއްޖެއެވެ. ލޮލަށް ނުފެންނަ ކުޑަކުޑަ ނިކަމެތި ވައިރެހެއްގެ ސަބަބުން އެކަލާނގެ ޤުދުރަތްތެރިކަން ކަށަވަރުވިއެވެ. ހަދާނެގޮތް ހުސްވެ ހަދާނެ ނަހަދާނެ ގޮތެއް ނޭގިތިބި ކާފިރުންނާއި ފޮތުގެ އަހުލުވެރިންނަށް އިމާންކަމުގެ ނޫރު ގެނެސްދީފިއެވެ. މާތް الله އަކީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ދެނެވޮޑިގެންވާ ކަލާނގެއެވެ. އެކަން އަންގަވާ ވަޙީކުރައްވަނީ { لِتَعْلَمُوا أَنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا } الطَّلَاقِ : 12. މާނައީ "ހަމަކަށަވަރުން الله އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަމާއި، ހަމަކަށަވަރުން، الله ގެ علم ފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާކަން ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ." އަދި އެންމެންގެ މައްޗަށް ބާރުފޯރުވެވޭނެ ފަރާތަކީވެސް އެކލާނގެކަން އަންގަވައެވެ. ވަޙީކުރައްވަނީ { تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ } الْمُلْكِ: 1. މާނައީ "އެކަލާނގެ يد قدرة ފުޅުގައި ވެރިކަންވާ ރަސްކަލާނގެ މަތިވެރިވެ ވޮޑިގެންފިއެވެ. އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ."
މިބަލިމަޑުކަމުގެ ސަބަބުން މާތް الله ގެ އަޅުތަކުންނަށް އެކަލާނގެ މިންވަރު ކުރައްވާފައިވާ ނިޢުމަތްތައް އެނގި ހަނދާނަށް ގެނެވިއްޖެއެވެ. އޭގެ ބޭނުންތެރިކަން އެނގިއްޖެއެވެ. ޚާއްޞަކޮށް ބޭނުން އިރެއްގައި ބޭނުން ތަނަކަށް ގޮސް އުޅުމާއި ދަތުރުފަތުރުގެ މިނިވަންކަމެވެ. މިއީ ވަރަށް ގިނަ މީހުން އެކަންތަކާއި ދޭތެރޭގައި ޣާފިލުވެ، އެކަމުގެ އަގު ވަޒަންކުރުން ހަނދާންނެތިފައިވާ ކަމެކެވެ. މިހާލަތުގައި ގެއިން ބޭރަށް ނުކުތުން މަނާކުރެވި ރަށްތަކާއި ގައުމުތައް ފުރަބަންދު ކުރެވިއްޖެއެވެ. ބަލިފެތުރުން ހުއްޓުވުމަށްޓަކައެއެވެ. ދުނިޔެ ދޫކޮށްދާ މީހުންގެ އަދަދު މަދުކުރުމަށެވެ. މިހާހިސާބުން އިންސާނާއަށް ވިސްނުނެވެ. މާތް الله އިންސާނާއަށް ދެއްވާފައިވާ މިބޮޑު ނިޢުމަތްތަކުގެ މަތިވެރިކަމާއެވެ! އެނިޢުމަތްތަކަށް ޝުކުރުކުރުން ހަނދާން ނައްތާލާ ފަރުވާކުޑކުރެވުނީ ކިހިނަކުންބާވައެވެ! މިއާޔަތް ބާވައިލެވިފައިވަނީ އެފަދަކަންތައް ހަނދާންކޮށް ދެއްވުމަށެވެ. { وَإِنْ تَعُدُّوا نِعْمَتَ اللَّهِ لَا تُحْصُوهَا إِنَّ الْإِنْسَانَ لَظَلُومٌ كَفَّارٌ } إِبْرَاهِيمَ : 34. މާނައީ " الله ގެ نعمة ތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ نعمة ތައް عد د އެއް ނުކުރެވޭ ހުއްޓެވެ. ހަމަކަށަވަރުން، އިންސާނާއީ، އަނިޔާވެރިވުން ބޮޑު، شكر ކުރުން ނެތްމީހެކެވެ."
މިބަލިމަޑުކަމުގެ ސަބަބުން އެއްކޮށް އުޅޭ ޢާއިލާތަކުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. ޢާއިލާގެ އެންމެންނަށް ބޭރަށް ނުދެވި ގޭގައި މަޑުކުރަން ޖެހުމުންނެވެ. ބަލިމަޑުކަމުގެ ކުރިން ގޭގެއަކީ ހޮޓާތަކެކޭ އެއްފަދައެވެ. ވަންނަ މީހުންނާއި ނުކުންނަ މީހުންގެ ގުޅުމެއް ނޯވެއެވެ. އެއްގެއެއްގައި އުޅޭ މީހުން އެކަކު އަނެކަކަށް ނުފެނި، ވީގޮތެއްނޭގި އެތައް ދުވަހެއް ހޭދަވެފައިވެއެވެ. ބޮޑެތި މީހުންނާއި ޒުވާނުން އެމީހުންގެ ރޭތައް ހޭދަކޮށްފައިވަނީ ރައްޓެހީންނާއިއެކު ކޮފީތަކުގައެވެ. ދުވާލު ނިދުމުގައެވެ. ނުވަތަ ވަޒީފާގައެވެ. ކުޑަކުދިން އެކުދީންގެ ވަގުތާއި ވިސްނުން ބޭނުންކުރީ ގޭމުތައް ކުޅުމުގައެވެ. ދެންތިބި ފުރާވަރުގެ ކުދިން ތިބީ ސޯޝަލް މީޑިއާގެ ތެރެއަށް ގެއްލި ޣަރަޤުވެފައެވެ. މިހާލަތުގައި ތިއްބާ މިބަލިމަޑުކަން ވަނީ ޢާއިލާގެ އެންމެން އެއްތަންކޮށް ހާލުއަހުވާލު އެނގޭގޮތް ހަދާފައެވެ. ވަގުތު ބޭކާރުގޮތުގައި ހޭދަނުކުރުމަށް މާތްރަސޫލާ ﷺ ވަނީ އުއްމަތަށް އިރުޝާދު ދެއްވާފައިވެއެވެ. (اِغْتَنِمْ خَمْسًا قَبْلَ خَمْسٍ شَبَابَكَ قَبْلَ هَرَمِكَ وَصِحَّتَكَ قَبْلَ سَقَمِكَ وَغِنَاكَ قَبْلَ فَقْرِكَ وَفَرَاغَكَ قَبْلَ شَغَلِكَ وَحَيَاتَكَ قَبْلَ مَوْتِكَ) رواه الحاكم. މާނައީ "ވަގުތު ފާއިތުވުމުގެ ކުރިން ފަސްކަމެއްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާށެވެ. : މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ބޭނުމާއި، ބަލިވުމުގެ ކުރިން ފުރިހަމަ ޞިއްހަތުގެ ބޭނުމާއި، ފަޤީރުވުމުގެ ކުރިން މުއްސަދިކަމުގެ ބޭނުމާއި، ކަމަކާއި މަޝްޣޫލުވުމުގެ ކުރިން ހުސްވަގުތުގެ ބޭނުމާއި، އަދި މަރުވުމުގެ ކުރިން ދުނިޔޭގައި ދިރިހުރި ދުވަސްތަކުގެ ބޭނުމެވެ." ވަގުތުގެ މުހިންމުކަން އެންގެވުމުގެ ގޮތުން عصر ސޫރަތުގައި ޒަމާން ގަންދެއްވާ މާތް الله ހުވާ ވަޙީކުރައްވާފައިވެއެވެ. އެއަށްފަހު އިންސާނާވަނީ ގެއްލުމާއި ހަލާކުގެ ތެރޭގައިކަން އެންގެވިއެވެ. އެކަމަކު ހެޔޮޢަމަލު ކުޅަ މީހުންނާއި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް ކެތްތެރިވި މީހުން ވަނީ އޭގެތެރެއިން އިސްތިސްނާ ކުރައްވަފައެވެ.
މިބަލިމަޑުކަން ވަރަށް ގިނަމީހުންނަށް ދުނިޔޭގެ ޙަޤީޤަތް ދަސްކޮށްދީފިއެވެ. ދުނިޔެއަކީ އެއްވެސް އަގެއްހުރި އެއްޗެއްނޫންކަމެވެ. ދުނިޔޭގައި ކުރި ހުރިހާ އުއްމީދެއްވަނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފިލައިގެން ގޮސްފައެވެ. އެނގުމަކާއިނުލައެވެ. މިވަބާ މީހުންގެ ދިރިއުޅުން ބަދަލުކޮށްލިއެވެ. ދުނިޔޭގެ ނިޒާމު ގެއްލުވާލިއެވެ. އެންމެންގެ ލޯ ކުރިމަތީގައެވެ. ގިނަމީހުން ހީކޮށްގެންތިބީ ދުނިޔޭގެ އުފަލާއި އަރާމަކީ އަބަދު އެމީހުންނާއިއެކު ވާނޭ އެއްޗެއްކަމަށެވެ. އެއީ ވަގުތީ އުފަލެއް ލިއްބައިދޭ އެއްޗެއްކަމުގައި ނުދެކެއެވެ. އެކަމަކު މާތް الله ވަނީ މާކުރިން ދުނިޔޭގެ ޙަޤީޤަތް އަންގަވާފައެވެ. ވަޙީކުރައްވަނީ { وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ } الْحَدِيدِ : 20. މާނައީ "ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއްކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ." ހަމަ މިބަލިމަޑުކަން މީސްތަކުންނަށް މަރު ހަނދާންކޮށްދީ އިންޒާރުދިނެވެ. ޣާފިލުވެ އަންތަރީސްކަންމަތީ ތިއްބައެވެ. ކުރިން އެނގުމަކާއި ނުލައި އެމީހުންގެ އެކުވެރިންނާއި އައިސް ކުރިމަތިލިއެވެ. އެމީހުންގެ ލޯކުރިމަތީގައި މަރުވެގެން ވެއްޓޭތަން ފެނުނެވެ. މަރަކީ އެއިން ފިލައިގެން ދެވޭނެ އެއްޗެއްނޫންކަން މާތް الله ވަނީ އަންގަވަފައެވެ. { قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ ثُمَّ تُرَدُّونَ إِلَى عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ } الْجُمُعَةِ : 8. މާނައީ "ކަލޭގފާނު ވިދާޅުވާށެވެ! ހަމަކަށްވަރުން، އެކަމަކުން ތިޔަބައިމީހުން ފިލަންދުވާ މަރު (ދަންނާށެވެ!) ފަހެ، އެ މަރު ތިޔަބައިމީހުންނާއި ބައްދަލުކުރާނެކަން ކަށަވަރެވެ. ދެން ތިޔަބައިމީހުން ރައްދުކުރައްވާހުށީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ." މިފަދަ ކުއްލި ހާދިސާތަކަކީ ކޮންމެ ބުއްދިވެރިއަކު އެއިން ޢިބްރަތް ލިބިގަނެ ވިސްނަންޖެހޭ ކަންތަކެވެ. އަދި މަރުވުމުގެ ކުރިން ހެޔޮ ޢަމަލުކޮށް ތައްޔާރުވެ ތިބެންޖެހެވެ. މަރު އަންނާނީ ކުއްލިއަކަށެވެ. ދުނިޔެވީ ކަންކަމުގައި ޣާފިލުވެ ތިއްބައެވެ.
މިބަލިމަޑުކަން މީހުންނަށް ޚަރަދު ކުރާނެގޮތާއި އަތްމަތީ ގެންގުޅޭތަކެތި ބޭނުންކުރާނެގޮތް ދަސްކޮށްދީފިއެވެ. އޭގެ ކުރިން ވަރަށްގިނަ މީހުންނާއި ޒުވާނުންގެ ގިނަ އަދަދެއްގެ ބައެއްތިބީ އިސްރާފުކުރުމާއި ބޭކާރު ކަންތައް ކުރުމަށް އާދަވެފައެވެ. ރެސްޓޯރަންޓްތަކާއި ކޮފީޝޮޕްތައް ފުރާލާފައި ތިބީ ގޭގައި ކައްކާތަކެތި ނުބައިވެގެނެއް ނޫނެވެ. ކޮރޯނާވައިރަހުގެ ފުރަބަންދާއިއެކު ތަންތަނަށް ދިއުން ހުއްޓި ގޭގައި މަޑުކުރަން މަޖުބޫރުވިއެވެ. އިސްރާފުކުރުމާއި ބެލުމެއްނެތި ޚަރަދުކުރުން ހުއްޓިއްޖެއެވެ. އެކަމަކު މާކުރީގައިވެސް { وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ } الأعراف : 31. މިއާޔަތް އޮންނަކަން އެނގެއެވެ. މާނައީ "އަދި ތިޔަބައިމީހުން، ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ. " ކޮރޯނާ ވަބާގެ ސަބަބުން ކާތަކެތި އިސްރާފުކުރުން ހުއްޓުނު ފަދައިން ޒީނަތްތެރިވާން ބޭނުންކުރާ ސާމާން ބޭނުންކުރުން ވެސް ވަނީ މަދުވެފައެވެ. ގޭތެރޭގައި އުޅެންޖެހުމުގެ ސަބަބުން އެއެއްޗެހީގެ ބޭނުންކުރާކަށް ނުޖެހެއެވެ. މިއީ ފުރަބަންދުގެ ސަބަބުން ބޮޑުވި ޚަރަދުގެ ކޮންމެވެސް މިންވަރެއްގެ ފޫބެއްދުމެކެވެ.
މިބަލިމަޑުކަން މިސްކިތާއި މިސްކިތުގައި ޖަމާޢަތުގައި ކުރެވޭ ނަމާދުގެ މުހިއްމުކަން މުސްލިމުންނަށް އިޙްސާސްކޮށްދީފިއެވެ. ކޮރޯނާވައިރަސްގެ ސަބަބުން ވަނީ މިސްކިތްތައް ބަންދުކުރެވި ހުކުރުނަމާދާއި ޖަމާޢަތުގައި ނަމާދުކުރުން މަނާކުރެވިފައެވެ. ގައިގޯޅިވުމުން، އެނގުމަކާއިނުލައި ފަސޭހަކަމާއިއެކު ގައިންގަޔަށް އަރާ މިނުރައްކާތެރި ބަލި އެކެއެއްގެ ފަރާތުން އެނެކަކަށް ނަގުލުވެދާނެތީއެވެ. މިސްކިތްތައް ބަންދުވުމުން ނަމާދުކުރާ މީހުންނަށް ވަނީ ވަރަށް ފުން އަސަރެއްކޮށްފައެވެ. މިސްކިތަށް ނުދެވި، ޖަމާޢަތުގައި ނަމާދު ނުކުރެވިގެން ރޮއި ހިތާމަކުރި މީހުންވެސް ތިއްބެވެ. ދީނުގެ މިޝިޢާރުގެ މަތިވެރިކަން ހިތަށް އަރާތީއެވެ. މާތް الله ވަޙީކުރައްވަނީ { ذَلِكَ وَمَنْ يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ} الْحَجِّ : 32. މާނައީ "(ކަންހުރިމަގީ) އެއީއެވެ. އަދި الله ގެ شعائرތަކަށް (އެބަހީ: هدي ކަތިލުމާއި، أضحية ކަތިލުމާއި، حج ގެ عمل ތަކާއި، އެނޫންވެސް دينى أمرތަކަށް) މާތްކޮށް ހިތާމީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ تقوى ވެރިކަމުގެ ތެރެއިންނެވެ." ކޮރޯނާވައިރަސް އައުމުގެ ކުރީގައި ބައެއް މީހުން ނަމާދުކުރަމުން އައިސްފައިވަނީ އެހެންވެސް އަޅުކަންކުރާ ބީދައިންނެވެ. މިސްކިތުގެ އަހައްމިއްޔަތުކަން އެހާބޮޑަށް އިޙްސާސްވުމެއް ނެތިއެވެ. ހުކުރުނަމާދާއި ޖަމާޢަތުގެ ނަމާދުގެ މާތްކަމުގެ ވިސްނުމެއްވެސް ނެތިއެވެ. މުއުމިނުންގެ ޙަޔާތުގައި އެއީ ކިހާވަރެއްގެ މުހިއްނު ކަމެއްކަން ނޭގިއެވެ. މިކަހަލަ ކަންތަކެއްގެ ތެރޭގައި ތިއްބާ ކޮރޯނާވައިރަސް، މާތް الله ގެ މިނިޢުމަތްތައް ހަނދާކޮށް ދީފިއެވެ. އަދި އީމާންކަމުގެ އަހުލުވެރިންގެ ހިތްތަކުގައި އިތުރު ޝައުޤުވެރިކަމެއް އުފައްދައިފިއެވެ. ހުކުރުނަމާދާއި ޖަމާޢަތުގައި ނަމާދުކުރުމަށް މިސްކިތަށް ދިއުމުގައެވެ. މިބަލިމަޑުކަމުގެ ސަބަބުން އެޅިފައިވާ ހުރަސްތައްނެތި ކުރީގެ ހާލަތަށް ރުޖޫޢަވުމުން މިސްކިތްތައް އަލުން އާރާސްތުވެ އިމާމުންގެ ރީތިކިޔެވުން އަޑުއިވިގެން ދިއުމަކީ އެންމެންގެވެސް އެދުމެވެ. މިއާޔަތުން މިސްކިތްތަކުގެ ބޭނުން ދޭހަވެއެވެ. ﴿ فِي بُيُوتٍ أَذِنَ اللَّهُ أَنْ تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ * رِجَالٌ لَا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَنْ ذِكْرِ اللَّهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ * لِيَجْزِيَهُمُ اللَّهُ أَحْسَنَ مَا عَمِلُوا وَيَزِيدَهُمْ مِنْ فَضْلِهِ وَاللَّهُ يَرْزُقُ مَنْ يَشَاءُ بِغَيْرِ حِسَابٍ ﴾ [النُّورِ : 36 - 38. މާނައީ "އެތަންތާގައި، އެކަލާނގެ ނަންފުޅު ހަނދުމަކުރުމަށާއި، އެތަންތަން މަތިވެރިކޮށް އުފުލުމަށް، الله إذن ދެއްވާފައިވާ ގެތަކެއްގައެވެ. (އެބަހީ: މިސްކިތްތަކެއްގައެވެ.) ހެނދުނާއި ހަވީރު، އެތާނގައި އެކަލާނގެއަށް تسبيح ކިޔައި އުޅެތެވެ.* އެއީ ފިރިހެނުންތަކެކެވެ. (އެބަހީ: تسبيح ކިޔައި ނަމާދުކޮށް އުޅެނީ ފިރިހެނުންތަކެކެވެ.) ވިޔަފާރިއެއް ނުވަތަ އެހެންވެސް ވިއްކުމެއް الله ގެ މަތިން ހަނދުމަކުޅައުމުންނާއި، ނަމާދު قائم ކުޅައުމުންނާއި، زكاة ދިނުމުން، އެއުރެން مشغول ކޮށް ދުރުކޮށެއް ނުލަތެވެ. އެދުވަހެއްގައި، ހިތްތަކާއި، ލޯތައް އެފުށްމިފުށަށް އެނބުރިއުޅޭދުވަހަށް، އެއުރެން ބިރުވެތިވެތެވެ.* އެއުރެން عمل ކުޅަ އެންމެހެޔޮގޮތަށް، الله އެއުރެންނަށް ހެޔޮ ޖަޒާ ދެއްވުމަށްޓަކައެވެ. އަދި އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން، އެއުރެންނަށް އިތުރުކޮށްދެއްވުމަށްޓަކައެވެ. الله، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ވކި މިންވަރެއްނެތި رزق ދެއްވަތެވެ."
މިބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ތިމާވެށްޓަށް ވަރަށް ބޮޑެތި ފައިދާތައް ކޮށްފިއެވެ. މިނިވަންކަމާއިއެކު ދަތުރުފަތުރުކޮށް އުޅުނުއިރު ތަންތަނަށް އުކަމުންދިޔަ ކުނިބުނިތައް މަދުވިއެވެ. ކާރުޚާނާތަކުގެ މަސައްކަތް ހުއްޓާލުމުން ޖައްވަށް ދޫކުރަމުން ދިޔަ ވިހަގޭސް މަނާވިއެވެ. ފްލައިޓްތައް ޕާކްކޮށްލުމުން ވައިގެތެރެއަށް ދޫކުރަމުންދިޔަ އާވި މަދުވިއެވެ. ރޭލުތައް މެދުކަޑާލުމުން ދުންއެރުން މަދުވިއެވެ. ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައް ހުއްޓުމަކަށް އައުމުން ޖައްވު ނުސާފުވާތީ ދެކެވުނު ވާހަކަ ހިނދުކޮޅަކަށް ނަމަވެސް މަޑުޖެހުނެވެ. މިއީ މާތް الله ގެ އިރާދަފުޅެވެ. { إِنَّ رَبَّكَ فَعَّالٌ لِمَا يُرِيدُ } هُودٍ : 107. ވަޙީކުރައްވާފައިވަނީ އެކަން ހަނދާންކޮށް ދިނުމަށެވެ. މާނައީ "ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ."
މިބަލިމަޑުކަމުގެ ސަބަބުން ނޭވާލުމުގެ ނިޒާމާއި އެއަށްބޭނުންވާ ވައި (އޮކްސީޖަން) ގެ އަގު ވަރަށް ބޮޑަށް ވަޒަންކުރެވުނެވެ. މާބޮޑު ވިސްނުމެއްނެތި ރެއާއި ދުވާލު ކައިބޮއި ނޭވާލަމުން އައި މީހުންގެ ކިބައިންނެވެ. ބަލިޖެހި ބަލިން ޝިފާލިބުނު މީހުންގެ ޢަމަލާއި ބަހުންނެވެ. އަދި ބަލިޖެހިފައިވާ މީހުން ކާރީގައި އުޅެންޖެހި އެމީހުންގެ ހާލަތު ފެނިދެނިވި މީހުންގެ ފުށުންނެވެ. ހަމަކަށަވަރުން އެއީ މާތް الله ގެ ނިޢުމަތެކެވެ. މަދުބަޔަކަށްނޫނީ އެނިޢުމަތުގެ އަގު ވަޒަންނުކުރެވެއެވެ. ބައެއް ގައުމުތަކުގައި ބަލިޖެހޭމީހުން ގިނަވެ ނޭވާލުމަށްޓަކައި ވެންޓިލޭޓަރުގެ ދަތިކަން ކުރިމަތިވީހިނދު ނޭވާލުމަކީ ކިހާ މުހިއްމު ކަމެއްކަން އެގުނެވެ. ހަގީގީ ހާދިސާއެއްގެ އަޑުއައްސަވާށެވެ. އިޓަލީގެ ނުވަދިހަ ތިން އަހަރުގެ އަންހެނަކު ނޭވާލުމަށްޓަކައި ވެންޓިލޭޓަރާއި ގުޅަން ދުވާލަކަށް ފަސްސަތޭކަ ޔޫރޯ ދައްކަންޖެހުނެވެ. ރަގަޅުވެ ފަސޭހަކާމާއިއެކު ނޭވާ ލެވުން ރޯންފެށިއެވެ. އަދި ބުންޏެވެ. "އަހަރެން މިރޮނީ ދުވާލަކަށް ފަސްސަތޭކަ ޔޫރޯ ދައްކަން ޖެހުނީތީއެއްނޫނެވެ. އެހެނެއްކަމަކު އަހަރެން މިރޮނީ އަހަރެން ނޭވާލުމަށްޓަކައި، ނުވަދިހަ ތިން އަހަރު ވަންދެން الله تعالى ގެ ވައި ހިލޭ ބޭނުންކުރެވުނީތީއެވެ. އަހަރެން الله تعالى އަށް ދަރާފައިވާ ދަރަނީގެ ބޮޑުކަމާއި އަހަރެން އެކަލާނގެއަށް ޝުކުރުކޮށްފައި ނުވާކަން ކަލޭމެންނަށް އެނގޭހެއްޔެވެ؟".
މާތް الله ގެ ކުޅަދުންވަންތަކަމާއިމެދު ވިސްނަންޖެހެއެވެ. ދިމާވެ ބައްދަލުކުރާ ކަންތަކާއިމެދު ފިކުރުކުރަންޖެހެއެވެ. ހެޔޮނިޔަތުގައެވެ. ކިތަންމެ ކުޑަކަމެއް ވިޔަސް އެކަމަކީ އެކަލާނގެ ކުޅަދުންވަންތަކަމުން ދިމާވިކަމެއް ކަމުގައެވެ. ހިތުގެއަޑިން ގަބޫލުކޮށް އިންކާރުކުރުމަކާއި ނުލައެވެ. އިންސާނާއަށް އޭގެ ކުޑަވެސް ބާރެއް ނެތްކަން އެނގިހުރެއެވެ. މުއުމިނުންނަށް އޮތީ މާތް الله އާއިދޭތެރޭ ރަނގަޅުހީކުރުމެވެ. އެއްވެސްކަމަކާއި މެދު މާޔޫސްނުވުމެވެ. ޖާހިލިއްޔަ ޒަމާނުގައި މީހުން الله އާއިމެދު ހީކުރިފަދަ ނުބައި ހީކޮށްގެން ނުވާނެއެވެ. {يَظُنُّونَ بِاللَّهِ غَيْرَ الْحَقِّ ظَنَّ الْجَاهِلِيَّةِ يَقُولُونَ هَلْ لَنَا مِنَ الْأَمْرِ مِنْ شَيْءٍ قُلْ إِنَّ الْأَمْرَ كُلَّهُ لِلَّهِ } آل عمران : 154. މާނައީ " الله އާއިމެދު އެއުރެން حق ނޫންގޮތްތައް ހީކުރެތެވެ. (އެއީ) ޖާހިލީޒަމާނުގެ ހީކުރުމެވެ. އެއުރެން ބުނެތެވެ. ކަންތަކުގެ ތެރެއިން (އެބަހީ: نصرދެއްވުންފަދަ ކަންތަކުގެ ތެރެއިން) އެއްވެސްކަމެއް ތިމަންނަމެންނަށް ވޭތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ހުރިހާކަމެއް މިލްކުވެވޮޑިގެންވަނީ الله އަށެވެ."
(މިލިއުން އެކުލަވާ ލެވިފައިވަނީ އައްޝައިޚު އައްދަކްތޫރު އިބްރާހީމް ބިން މުޙައްމަދު އަލްޙަޤީލް، 6 ރަމަޟާން 1441 (ހުކުރު) ދުވަހު ސަޢޫދީ އަރަބިޔާގެ ރިޔާޒުގެ، ޙައްޔުއްރަޙްމާނިއްޔާ އަލްޣަރުބިއްޔާގެ، ޖާމިޢު ފަހުދު އަލްމުޤައިލް ގައި ދެވާފައިވާ ޚުޠުބާ އަސްލަކަށް ބަލައިގެން އެހެން ލިއުންތަކާއި އެހެނިހެން ޚަބަރުތަކުގެ އަލީގައެވެ.)
މި ލިއުމާއި ގުޅޭ