Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

ދަރުމައާއި ބަރަކާތުގެ ޚަޒާނާ: ޢަރަފާތު ދުވަސް!

ދުވަސްތަކާއި ރޭތަކާއި މަސްތަކާއި އަހަރުތައް ފާއިތުވަމުން ނިމެމުންދަނީ ހަލުއިކޮށެވެ. ދުވަހާއި ރެއާއި މަސްތަކުގެ މައްޗަށް އެކުލެވިގެންވާ ވަގުތަކީ، އިންސާނުން އެބައިމީހުންގެ އަޖަލުގެ ދަންފަޅި ހަމަކުރުމަށް ކުރާ ދަތުރުގައި މަޑުކޮށްލާ ގިމަތަތަކެކެވެ. އަދި ޢަމަލުތައް މިންކުރެވޭ މިންގަނޑެކެވެ. އެހެންކަމުން އެމަސްތަކާއި ދުވަސްތަކުގެ ތެރޭ މާތްކަމާއި މަތިވެރިކަމުގައި ތަފާތުތަކެއް މާތްﷲ ލެއްވިއެވެ. ހެޔޮކަމުގެ ދުވަސްތަކެވެ. ކިޔަމަންތެރިކަމުގެ މޫސުންތަކެވެ. ރަމަޟާން މަހާއި ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހާއި ޢަރަފާތު ދުވަހެވެ. އަހަރުގެ އެހެން މަސްތަކާއި ދުވަސްތަކުގެ މައްޗަށް މިދުވަސްތައްވަނީ މާތްކުރައްވާފައެވެ.ޢަރަފާތް ދުވަހަކީ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަހެއް:
މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. : (لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ) [سورة الحج:28] މާނައީ: އެއީ އެއުރެންނަށްހުރި (دينى އަދި دنيوى) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّه ގެ اسم ފުޅު ހަނދުމަކޮށް އުޅުމަށެވެ. މިއާޔަތުގައިވާ ކަނޑައެޅި އެނގިގެންވާ ދުވަސްތަކަކީ ކޮބައިކަން ބަޔާންކޮށްދެއްވައި މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި ޢަބްދުﷲ ބިން ޢައްބާސް ވިދާޅުވެފައިވަނީ އެއީ ޙައްޖުމަހުގެ ފުރަތަމަ 10 ދުވަސްކަމުގައެވެ. ޢަރަފާތު ދުވަހަކީ އެ ދިހަ ދުވަހެއް ގަންދެއްވައި މާތްﷲ ބަސްފުޅު ވަޙީކުރައްވާފައިވާ މަތިވެރި 10 ދުވަހުގެ ތެރެއިން އެއް ދުވަހެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (وَلَيَالٍ عَشْرٍ ) [سورة الفجر:2]. މާނައީ: އަދި ދިހަ ރޭ ގަންދެއްވަމެވެ. މިއާޔަތުގައި އެވާ ދިހަ ރެއަކީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ދިހަ ރޭ ކަމުގައި އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންވެއެވެ.
ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އެދުވަސްތަކުގައި ހެޔޮ ޢަމަލުކުރުމަށް މާތްﷲ ލޯބިވެވޮޑިގެންވާ ދިހަ ދުވަހެވެ. އެކަން ބަޔާންކުރައްވައި ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާ ޙަދީސްކުރައްވާފައިވެއެވެ. “އަޟްޙާގެ ދިހަ ދުވަހުގައި ކުރާ ހެޔޮ ޢަމަލަށްވުރެ މާތްﷲގެ ޙަޟްރަތުގައި ސާފުވެގެންވާ އަދި ދަރުމަ މަތިވެރިގެންވާ ޢަމަލެއް ނުވެއެވެ.”މިއްލަތް ފުރިހަމަކުރެއްވި ދުވަސް:
އިސްލާމް ދީނުގެ އެންމެހައި އަސާސީ ޙުކުމްތަކެއް ބަޔާންކުރައްވައި، އެދީނުގެ މަތިވެރި ބިންގާ ފުރިހަމައަށް ބިނާވެ ނިމިއްޖެކަން މާތްﷲ އެންގެވީ މިއަދު ފަދަ ޢަރަފާތު ދުވަހެއްގައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ( الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا) [ سورة المائدة:3] މާނައީ: މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.
މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނުގެ އަރިހުގައި ޔަހޫދީއަކު ދެންނެވިއެވެ. ތިޔަބޭކަލުންގެ ފޮތުން ވިދާޅުވާ އާޔަތެއް، ތިމަންމެން ޔަހޫދީންގެ މައްޗަށް ބާވައިލެއްވުނުނަމަހީ، އެއާޔަތް ބާވައިލެއްވުނު ދުވަސް ޢީދެއްކަމުގައި ތިމަންމެން ހަމަޖެއްސީމުހެވެ. ތިމަންކަލޭގެފާނު އެއީ ކޮން އާޔަތެއްތޯ ސުވާލުކުރެއްވުމުން އޭނާ ކިޔެވީ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ މިއާޔަތެވެ. ޢުމަރުގެފާނު އިތުރަށް ވިދާޅުވިއެވެ. އަހަރުމެންނަށް އެދުވަސް އެނގެއެވެ. އެއާޔަތް ބާވައިލެއްވުނީ ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ ޢަރަފާތު ބިމުގައި ހުންނަވަނިކޮށް ހުކުރުދުވަހެއްގައެވެ. ޢުމަރުގެފާނުގެ މިބަސްފުޅުން އެގޭ ގޮތުގައި އިސްލާމްދީނުގެ އަސާސްތައް ފުރިހަމަވެ، އެދީނުގެ ކުރިން ބާވައިލެއްވުނު ސަމާވީ ދީންތަކުގެ މައްޗަށް އެދީން އުފުއްލެވި މަތިވެރިކުރެވުނު އުފާވެރި ޚަބަރު މުސްލިމުންނަށް ލިބުނީ މިފަދަ ބަރަކާތްތެރި ޢަރަފާތު ދުވަހެއްގައެވެ.ޢަރަފާތް ދުވަހުގެ ރޯދަ:
ޢަރަފާތް ދުވަސް ހިމެނެނީ ޙައްޖުމަހުގައި ރޯދަހިފުމަށް ސަލާމާއި ޞަލަވާތްލެއްވުނު ކީރިތި ރަސޫލާ ބާރުއެޅުއްވި 9 ދުވަހުގެ ތެރޭގައެވެ. އެ 9 ދުވަހަކީ އެދުވަސްތަކުގައި ރޯދަ ހިއްޕެވުމަށް އެކަލޭގެފާނު ރައްކާތެރިވެވަޑައިގެންނެވި ދުވަސްތަކެކެވެ. ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ އަނބިއަނބި ކަބަލުންގެ އަރިހުން ރިވާވެފައިވާ ޙަދީސެއްގެ މާނައިގަައިވަނީ ނަބިއްޔާ ޢާޝޫރާ ދުވަހާއި ޙައްޖުމަހުގެ ނުވަ ދުވަހުގެ ރޯދައަށް ރައްކާތެރިވެވަޑައިގަންނަވާ ކަމުގައެވެ. އަދި އިމާމް ބުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވާ މަތިވެރި ޙަދީސް ބަސްފުޅެއްގައި ޢަރަފާތު ދުވަހުގެ ރޯދައާ މެދު ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ ޙަދީސްކުރައްވާފައިވަނީ މިފަދައިންނެވެ. يكفر السنة الماضية والسنة القابلة މާނައަކީ އެރޯދައަކީ ނިމިދިޔަ އަހަރާއި ފެށިގެން ކުރިމަތިން އަންނާން އޮތް އަހަރުގެ ކުށްތަކަށް ކައްފާރާއެއްކަމުގައި ވެއެވެ.
މިއަދަކީ މިއަހަރުގެ ޢަރަފާތު ދުވަހެެވެ. ދުވަހުގެ ސަވާބާއި ދަރުމަ ހޯދުމަށް އަޅުކަމާއި، ދުޢާކުރުމުގައި ގިނަ ވަގުތު ހޭދަކޮށް، މާތްﷲގެ ޙަޟްރަތަށް ކުއްތަންވާންވީއެވެ. މިއޮތީ ދަރުމައާއި ކުއްތަންވުމާއި ދިންނެވުމުގެ ދުވަހެއް ކުރިމަތިވެފައެވެ. މިދުވަސް މެދުވެރިވެ، މިއޮހޭ ބަރަކާތާއި ދަރުމައިން ކުޑަ މިންވަރެއްވެސް ނުލިބޭނީ ހާދަހައި ނިކަމެތި، ނާކާމިޔާބު އިންސާނަކަށެވެ.
މި ލިއުމާއި ގުޅޭ