މީހުންނާއި މެދު ރީތިކޮށް މުޢާމަލާތްކުރާށެވެ.

މޫސާ ޞިއްދީޤު ޙަސަން 9 ޖޫން 2020 18:30
Flowers

މީހުންނާއި މެދު ރީތިކޮށް މުޢާމަލާތްކުރުމަށްޓަކައި މާތް الله ގެ ވަޙީ ބަސްފުޅު {...وَقُولُوا لِلنَّاسِ حُسْناً...} البقرة: 83. މިއާޔަތަށް ފުންކޮށް ވިސްނާ ފިކުރުކުރުން ހުއްޓެވެ. - މާނާއީ ".. އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސް ބުނާށެވެ!.." ޝައްކެއްނެތް ގޮތުގައި މިއާޔަތުން ދޭހަވާ ގޮތުގައި މީހުންނާއި މެދު ރަނގަޅު ގޮތުގައި މުޢާމަލާތް ކުރުމަކީ ޝަރުޢީ ވާޖިބެކެވެ. ރަނގަޅު ގޮތުގައި މުޢާމަލާތް ކުރުމަށްޓަކައި ބައިވަރު ގިނަ އެއްޗެހިތަކެއް މީހަކަށް ދިނުން މުހިންމެއް ނޫނެވެ. މާބައިވަރު އެއްޗެހިތަކެއް ޚަރަދުކުރުން ލާޒިމެއްނޫނެވެ. އެކަމަކު ކުރާ ކުޑަކުޑަ ކަމަކުންވެސް ރީތިގޮތުގައި މުޢާމަލާތްކުރެވިދާނެއެވެ. މީހުންނާއި ހިނިތުންވުމާއިއެކު ބައްދަލުކުރުމާއި ރީތިގޮތަކަށް ފެނިލުމަކީ ވެސް ރަނގަޅު މުޢާމަލާތެކެވެ. ރީތި ރަނގަޅު މުޢާމަލާތް ކުރާނެގޮތް ބަޔާންކޮށް ދެއްވަމުން ކީރިތި ރަސޫލާ ﷺ ޙަދީޘުކުރައްވަނީ (إِنَّكُمْ لَا تَسعُونَ النَّاسَ بِأَمْوَالِكُمْ، وَلْيَسَعْهُمْ مِنْكُمْ بَسْطُ الْوَجْهِ، وَحُسْنُ الَخُلُقِ) رواه البزار والحاكم. އާދެ، ކަލޭމެންނަކަށް ކަލޭމެންގެ މުދާ މީހުންނަށްދީ، ކިތަންމެ ވަރަކަށް ހޭދަކުރިކަމުގައި ވިޔަސް މީހުން ރުއްސައެއް ނުލެވޭނެއެވެ. އެކަމަކު ހިނިތުންވުމާއިއެކު މީހުންނާއި މެދު ރަނގަޅަށް މުޢާމަލާތްކޮށްފިނަމަ އެމީހުންގެ ރުހުންލިބި ލޯބިހޯދުމަކީ އެހާ ބޮޑުކަމެއް ނޫނެވެ. ވީމާ މުޢާމަލާތް ކުރުމުގައި އެއްވެސް ކަމަކީ ދެރަ ނިކަމެތި ކަމެއް ކަމުގައި ނުދެކޭށެވެ. މޫނު އަލިކޮށް އުފަލުން ތިމާގެ އަނެއް އަޚާއާއި ހިނިތުން ވެލުމާއިއެކު ބައްދަލުކުރުމަކީވެސް ރަނގަޅު މުޢާމަލާތެކެވެ. ހަމުގެ ކުލަ ދޮން ކަޅުވެ، އިސްކޮޅުގެ ތަފާތަކީ ރީތި ރަނަގަޅު މުޢާމަލާތުން މީހާ އެކަހެރިކޮށްލަން ޖެހޭ ކަމެއްނޫނެވެ. އެމީހާ ނިކަމެތިކޮށް އަޅަކަށް ހަދާ، އެންމެފަހުން މީހާގެ ދުވަސް ދުއްވާލުމުގެ ލައިސަންސް ލިބޭކަމެއްވެސް ނޫނެވެ. އަދި މީހާ ފަގީރުވެ މީހެއްގެ އެހީއަށް އެދެންޖެހުމަކީވެސް އެމީހާ ނިކަމެތިކޮށް ދެވަނަ ދަރަޖައަށް ވައްޓާލަން ޖެހޭކަމެއްނޫނެވެ. ކޮންމެ މީހަކު ދެކެވެސް ހިނިތުންވާށެވެ. ކަމޭހިތާށެވެ. ކަޅެއް ދޮނެއް ނުބަލާށެވެ. މޮޅެއް ދެރައެއް ތަފާތު ނުކުރާށެވެ. ވެރިއެއް، ރައްޔިތެއްތޯ ބެލުމަކާއި ނުލައެވެ. ޢަރަބީއެއް ޢަޖަމީއެއްގެ ފަރަގު ނުދެކޭށެވެ. ކީރިތިރަސޫލާ ﷺ ގެ މިޙަދީޘުފުޅު ވިދާޅުވާށެވެ. (لَا تَحْقِرَنَّ مِنَ الْمَعْرُوفِ شَيْئًا، وَلَوْ أَنْ تَلْقَى أَخَاكَ بوَجْهٍ طلق) أخرجه مسلم في صحيحه. އާދެ، "ރަގަޅު ކަންތަކުގެ ތެރެއިން އެއްވެސް ކަމަކީ ދެރަ ނިކަމެތި ކަމެއްކަމުގައި ނަހަދާށެވެ. އެއީ ތިމާގެ އަޚާއާއި ހިނިތުންވެ ބައަދަލުވުން ކަމުގައި ވިޔަސްހެވެ." ކީރިތި ރަސޫލާ ﷺ ގެ ސީރަތުން އަހަރެމެން ވަނީ މިފަދަ ކިތަންމެ ކަމެއް ފެނި، އެނގި ދަސްވެފައިވެއެވެ. ހަމައެކަނި މުސްލިމުންނާއި މެދުގައެއްނޫނެވެ. މުސްލިމުނޫން މީހުންނާއި މެދުވެސް އެކަލޭގެފާނު މުޢާމަލާތް ކުރައްވާފައިވަނީ އޭގެ އެންމެ ރީތި ރަނގަޅު ގޮތުގައެވެ. އެކަލޭގެފާނުގެ ދުޝްމަނުންވެސް ވަނީ އެކަމަށް ހެކިވެ ތަޢުރީފުކޮށްފައެވެ. އެކަލޭގެފާނުގެ ޚުލްޤުގެ ރީތިކަމާއި މުޢާމަލާތް ކުރެއްވި ގޮތުގެ ރަނގަޅުކަން ނިކަން ދެކޭށެވެ. މައްކާ ފަތަހަކުރެއްވި ދުވަހުއެވެ. އޭގެކުރީގައި އެކަލޭގެފާނަށް ޖެއްސުންކޮށް އުނދަގޫކުރި މައްކާގެ މީހުންނާއި ދޭތެރޭގައެވެ. އެކަލޭގެފާނަށް ބޮޑެތި އަނިޔާކުރި ޤުރައިޝް ވަންހައިގެ ކާފިރުންނާއި މެދުގައެވެ. އެމީހުން އެކަލޭގެފާނަކީ މޮޔައެއްކަމަށާއި ސިހުރުވެރިއެއްކަމަށް އަދި ކާހިނެއްކަމަށް ވެސް ހެދިއެވެ. މައްކާގެ އެންމެހާ މީސްތަކުން، ދެން އެކަލޭގފާނު ކަންތައް ކުރައްވާނޭ ގޮތަކާއި މެދު ކަންބޮޑުވެ ވިސްނަން ތިއްބެވެ. އެކަލޭގެފާނު ހައްދާވާނޭގޮތެއް ނޭގި ގޮތް ހުސްވެފައެވެ. ކޮންމެ ގޮތަކަށް ކަންހިގާދިޔަކަމަށް ވިޔަސް ކުރާނެ ޝަކުވާއެއްނެތި، ބުނާނެ ހަމައެކައްޗެއް ވެސް ނެތްހާލު މާޔޫސްވެފައެވެ. އެހާއިރުން ޢާލަމުތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވެވުނު މާތް ސާހިބާ محمد ﷺ ޙަދީޘުކުރެއްވީ ކިކޭތޯއެވެ. އެކަލޭގެފާނު ޙަދީޘުކުރެއްވީ ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް ވިދާޅު ބަސްފުޅެވެ. ބަދަލު ނުހިއްޕަވާނެ ވާހަކައާއި ދެރަކޮށް ނިކަމެތިކޮށް ނުލާނެ ވާހަކައެވެ. އާދެ، "މިއަދު ތިޔަބައިމީހުންގެ މައްޗަށް މަލާމާތެއް ދެރަބަހެއް ނެތެވެ." މާތް الله އެބަސްފުޅު ކީރިތިޤުރްއާނުގައި ނަގުލުކުރައްވާފައިވަނީ މިފަދައިންނެވެ. {لاَ تَثْرِيْبَ عَلَيْكُمُ الْيَوْمَ} يوسف: 92 – މިއީ ކާފަރުންވެސް އެކަލޭގެފާނުގެ މާތްކަމާއި ޚުލްޤުހެޔޮކަން އަދި މީހުންނާއި މެދު އެކަލޭގެފާނުގެ މުޢާމަލާތުގެ ރަނގަޅުކަމާއި ރީތިކަން ދައްކުވައިދޭ ނަމޫނާއެއްކަމުގައި އިއުތިރާފުވާ ސަބަބެވެ. ކުރީޒަމާނުގައި މީހުން އެކަން ގަބޫލުކުރިފަދައިން މިޒަމާނުގެ ކާފިރުން ވެސް ވަނީ އެކަމަށް ހެކިވެފައެވެ. އެމެރިކާގެ އެސްޓްރޯފިޒިކްސް އާއި ތާރިޚުގެ ޢިލްމުވެރިއެއްކަމުގައިވާ މައިކަލް އެޗް. ހާރޓް ދުނިޔޭގެ އެންމެ ވަރުގަދަ ސަތޭކާ ލީޑަރުންގެ ލިސްޓުގައި ފުރަތަމަ ނަމަކަށް މުސްލިމުންގެ ރަސޫލާ محمد ﷺ ގެ ނަންފުޅު ލިއުނީ އެފަދަ ކިތަންމެ ސަބަބުތަކަށްޓަކައިކަން ކަށަވަރެވެ.

ވެރިންނާއި މުއައްޒަފުން، އެކަކު އަނެކަށް އިޙްތިރާމްކުރުމާއި ރަނގަޅުގޮތުގައި މުޢާމަލާތްކުރުމަކީ ރީތި އަޚްލާޤުގެ ތެރެއިން ވާކަމެކެވެ. މިއީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ޢަމަލީ މައިދާނުގައި ކޮންމެހެން ބޭނުންކަމެކެވެ. ތިމާގެ އެކުވެރި ރައްޓެހީންނާއި، އެކުގައި މަސައްކަތްކުރާ މީހުންނަށް އިހްތިރާމްކުރަންޖެހެއެވެ. އެމީހުންނަށް ނަޞޭހަތްތެރިވެ، ނަޞޭޙަތް ލިބިގަންނަން ޖެހެއެވެ. ހަމައެފަދައިން އޮފީސްތަކަށާއި އިދާރާތަކަށް ޚިދުމަތް ލިބިގަންނަން އަންނަ މީހުންނަށް އިޙްތިރާމް ކުރަންޖެހެއެވެ. އެމީހުންނާއި މެދު ކުރެވޭ މުޢާމަލާތް ވާންޖެހެނީ ރީތި ރަނަގަޅު މުޢާމަލާތަކަށެވެ. އޭގެސަބަބުން އޭނާއާއި އޮފީސް ނުވަތަ އިދާރާގެ ވެރިންނަށް، ޚިދްމަތް ލިބިގަންނަމީހާގެ ލޯތްބާއި އިޙްތިރާމް ލިބި އެމީހުންގެ ގަދަރު އުފުލޭނެއެވެ. އަދި ޚިދުމަތް ދެމިއޮންނާނީ އެފަދަ މުޢާމަލާތުގެ ސަބަބުންނެވެ. މުޖްތަމަޢުގެ ހަމަޖެހުން ގާއިމުކޮށްދީ، ނޭއްގާނި ކަމާއި ނުތަނަވަސްކަން ނަތްތާލާ ފަރުވާއަކީ އެހެންމީހުންނާއި މެދު ކުރެވޭ ރަނގަޅު މުޢާމަލާތެވެ. ހަރުކަށިމާއި ހިތްނުބައިކަމަކީ، މީހުން އެފަދަ މީހަކަށް ނަފުރަތު ކުރާނެކަމެކެވެ. އެފަދަ މީހުން ދެކެ ފޫހިވެ ދުރުހެލިވާނެއެވެ. މީހުންނާއި މެދު އޯގާތެރިވެ ރަނގަޅު މުޢާމަލާތް ކުރުމާއި މަޝްވަރާކުރުމަށް ދީނުގައި އިރުޝާދުދީފައިވެއެވެ. އެކަކު އަނެކަކަށް މާފުކޮށް ޚިޔާލުހޯދަން ދީނުގައި އަންގަވާފައިވެއެވެ. އޭގެސަބަބުން ގުޅުން ބަދަހިވެ އޯގާތެރިކަން އާލާވާތީއެވެ. އެންމެންގެ ހިތްހެޔޮވެ، ހިތްނިޔަތް ޚަލާޞްކުރުމަށް މަގުފަހިވާތީއެވެ. އެކަން ދޭހަވެ އެނގެނީ މިއާޔަތުންނެވެ. {فَبِمَا رَحْمَةٍ مِّنَ اللّهِ لِنتَ لَهُمْ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لاَنفَضُّواْ مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الأَمْرِ} آل عمران : 159 – މާނައީ "އެއުރެންނަށް ކަލޭގެފާނު އޯގާތެރިވެވަޑައިގަތީ، الله ގެ حضرة ން ލެއްވި رحمة އެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلقފުޅު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައިގެންނެވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިގައްޖެއީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفو ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުންއެދި ދަންނަވާށެވެ! އަދި، ކަންތަކާއި ކަލޭގެފާނު އެއުރެންނާއި مشورة ކުރައްވާށެވެ!"

އެކަކު އަނެކަކާއި ރީތިކޮށް މުޢާމަލާތް ކުރާނީ ކިހިނެއްކަން އިސްލާމްދީން ވަނީ އެދީނުގެ އަހުލުވެރިންނަށް ދަސްކޮށްދީފައެވެ. އަދި ކިއެއްތަ! މުޅި އިންސާނިއްޔަތަށް ވެސް އެކަންތައް ވަނީ އިޢުލާނުކުރެވިފައެވެ. ވާހަކަ ދެއްކުމުގެ އަދަބުތަކަށް ރިޢާޔަތްކުރުމާއި ވާހަކަ ދައްކާމީހާއަށް އިޙްތިރާމްކުރުމެވެ. ޔަޢުނީ ވާހަކަ ދައްކާމީހާއަށް ކަނުލައި އެހުމާއި އޭނާގެ ވާހަކަ މެދުކަޑާނުލުންފަދަ ކަންތަކުން ދުރުހެލިވުމެވެ. އަދި ރީތިބަހުން މީހުންނާއި ވާހަކަ ދެއްކުމަކީ އެންމެ މުހިއްމު އެއްކަމެވެ. {...وَقُولُواْ لِلنَّاسِ حُسْناً...} سورة البقرة : 83. "އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސް ބުނާށެވެ!" އަދި މުޢާމަލާތްކުރުމުގައި އިޙްތިރާމްކުރުމާއި އެކެއްގެ މަޝްވަރާ އަނެކަކު ހޯދުމެވެ. {وَشَاوِرْهُمْ فِي الأَمْرِ} آل عمران : 159. މިއާޔަތް ދޭހަކޮށްދެނީ މަޝްވަރާގެ މުހިއްމުކަމެވެ. އަނެއްކަމަކީ ހަދިޔާ ބަދިޔާ ބަދަލުކުރުމާއި އެކަކު އަނެކަކަށް ސަލާމް ގަލާމްކޮށް އުޅުމެވެ. (تَهادَوْا فإنَّ الهديَّةَ تُذْهِبُ وَحَرَ الصدر( رواه الترمذي. މާނައީ "އެކަކު އަނެކަކަށް ހަދިޔާ ބަދިޔާ ކުރާށެވެ. އެއީ ހިތްނުތަނަވަސްކަމާއި ރުޅިވެރިކަން ދުރުކޮށްލާކަމެކެވެ." އަދި އެހެން ޙަދީޘެއްގައިވެއެވެ. (أوَلَا أدُلّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوْهُ تَحَابَبْتُمْ؟ أَفْشُوْا السَّلاَمَ بَينَكمْ( رواه مسلم. އެކަކު އަނެކަކާއި ސަލާމްކޮށް އުޅުމުން އެމީހުންގެ މެދުގައި ލޯބި އުފެދޭނެކަން މިޙަދީޘުންއެގެއެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އަވަށްޓެރިންނަށް ކަމޭހިތައި ރަގަޅު ގޮތުގައި ކަންތައް ކުރުމަކީ ވެސް ރީތި މުޢާމަލާތުގެ ތެރެއިން ވާކަމެކެވެ. އެކަން އަންގައިދެނީ ކީރިތިރަސޫލާ ﷺ ގެ މިބަސްފުޅުންނެވެ. (إنْ كُنْتُمْ تُحِبُّوْنَ أَنْ يُحِبُّكُمُ اللهُ وَرَسُوْلُهُ فَحَافِظُوْا عَلَى ثَلَاثِ خِصَالٍ : صِدْقُ الْحَدِيْثِ وَأدَاءُ اْلأَمَانَةِ وَحُسْنُ الْجِوَارِ) قال الالبانى فى السلسة الصحيحة. "ތިޔަބައިމީހުން الله އާއި ރަސޫލާގެ ލޯބި ލިބިގަތުމަށް އެދޭނަމަ ތިންކަމަކަށް ރައްކާތެރިވާށެވެ. އެއީ ތެދުބުނުމާއި އަމާނާތް އަދާކުރުމާއި އަވަށްޓެރިންނާއި ދޭތެރޭ ރަގަޅަށް މުޢާމަލާތްކުރުމެވެ." ފަހު ކަމެއްގެ ގޮތުގައި ދަންނަވަން އޮތީ، ޖާހާއި މަންސަބުގެ ވަރަށް ގިނަމީހުން ހަނދާން ނައްތާލާ ކަމެއްގެ ވާހަކައެވެ. ބައެއް މީހުން އެކަމަކާއި ދޭތެރޭ މާބޮޑުފަރުވާލެއް ނުބަހައްޓާކަމެކެވެ. އާދެ، މީހުންނާއި ބައްދަލުކުރުމުގައި ނުވަތަ ބައްދަލުވުމުގައި ހިނިތުންވެ ހުރެ އުފަލުން ބައްދަލުކުރުމެވެ. މުޢާމަލާތްކުރުމުގައި މާބޮޑުކަމެއްގެ ގޮތުގައި މިކަން ހީނުކުރެވުނަސް އެއީ ވަރަށްބޮޑު މަތިވެރި ކަމެކެވެ. ކީރިތިރަސޫލާ ﷺ (وَلَوْ أَنْ تَلْقَى أَخَاكَ بوَجْهٍ طلق) أخرجه مسلم في صحيحه. މިފަދައިން ޙަދީޘުކުރައްވާފައިވަނީ އެކަމަށް އިޝާރާތް ކުރައްވާފައެވެ. والله اعلم .

ކިޔުންތެރިންގެ ހިޔާލު