މާތް الله ގެ ލޯތްބާއި ރުއްސެވުން ލިބިގަންނާނީ ކިހިނެއް؟

މޫސާ ޞިއްދީޤު ޙަސަން 5 ޖޫން 2020 19:01
Flowers
ބަޔަކު ދުއާ ކުރަނީ. ފޮޓޯ:މިހާރު

މާތް الله އަށް އީމާންވާންޖެހޭ ޙައްޤުގޮތުގައި އީމާންވާ މުއުމިނު އަޅާ ދެކޭގޮތުގައި އޭނާ ދުނިޔޭގައި ވުޖޫދުވެ ހުރުމުގެ އެންމެ ބޮޑުބޭނުމަކީ އެކަނލާގެ ލޯތްބާއި ރުއްސެވުން ލިބުމެވެ. އޭނާގެ ހުރިހާ ވަގުތަކާއި ކުރާ ހުރިހާ ކަމެއްގެ އަމާޒަކީ އެލޯބި ހާސިލުކުރުމެވެ. އޭނާގެ ދަރަޖަ މަތިވެރިވުން އެދޭތީއެވެ. އެއްކައުވަންތަކަމުގެ ރިސާލަތުގެ އެންމެ ބޮޑު މަޤްޞަދަކީވެސް އެއީކަމަށްވާތީއެވެ. އީމާންކަމުގެ ފޮނިމީރުކަން ލިބޭނީ އެހެން ހުރިހާ ބަޔަކަށް ވުރެބޮޑަށް މާތް الله އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށް ކުރާ ލޯބި އިތުރުވެގެންނެވެ. މިޙަދީޘުން އެގޭފަދައިން އީމާންކަމުގެ ފޮނިމީރުކަން ލިބިގެންވާ ތިންވައްތަރެއްގެ ބައެއްގެ ތެރެއިން އެއްވައްތަރުގެ ބަޔަކީ އެއީއެވެ. (ثَلَاثٌ مَنْ كُنَّ فِيهِ وَجَدَ بِهِنَّ حَلَاوَةَ الْإِيمَانِ : مَنْ كَانَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا ...........) رواه البخاري.

ޝައްކެއްނެތް ގޮތުގައި މާތް الله ގެ ލޯބިވެވޮޑިގަތުން ހާސިލުވާ ކޮންމެ ކަމަކީ ރަސޫލާ صلى الله عليه وسلم ގެ ލޯތްބަށް ވާސިލުވާ ކަމެކެވެ. އަދި ރަސޫލާ صلى الله عليه وسلم ދެކެ އަޅާ ވާލޯބި، މާތް الله ގެ ލޯބީގައި ދެމިހުރުމަށް ބާރު އަޅައެވެ. އަދި ހަމައެ ލޯބިން ޤިޔާމަތް ދުވަހު ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ކަމުގައިވާ ފިރުދައުސް އަށް ވަނުގެ ނަސީބު ލިބެއެވެ.

الله تعالى ގެ ލޮބުވެތިކަމާއި އެކަލާނގެ ރުއްސެވުމަށް، އަޅާ ވާސިލުވުމުގައި ތަފާތު ގޮތްތަކެއްވެއެވެ. މާތް الله މަޢުރިފާކޮށް ދެނެގަންނަން ޖެހޭ ހައްޤުގޮތުގައި ދެނެގަތުމީ އެންމެ މުހިއްމު އެއްބަޔެވެ. އެކަލާނގެ ރިވެތިވެގެންވާ ނަންފުޅުތަކާއި މަތިވެރިވެގެންވާ ސިފަތައް ހޯދާ ދެނެގަތުމެވެ. އަޅާ އެކަންތައް تطبيق ކުރުމަށް މަސައްކަތް ކުރުމެވެ. ހުރިހާ ހާލަތެއްގައި އަދި ހުރިހާ ވަގުތެއްގައި ވެސް މާތް الله ގެ ޛިކުރުކުރުންމަތީ ދެމިހުރުމުން މާތް الله ގެ ލޯތްބާއި ރުހިވޮޑިގަތުން ލިބެއެވެ. މާތް الله އަށް ޛިކުރުކުރުން މަތީ ދެމިހުރުމަކީ އެކަލާނގެދެކެ ލޯބިވާކަމުގެ އެންމެ ބޮޑު އެއްނިޝާނެވެ. {يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا * وَسَبِّحُوهُ بُكْرَةً وَأَصِيلًا} الأحزاب : 41-42 - މާނައީ "އޭ ايمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން الله ހަނދުމަކުރާށެވެ! * އަދި ހެނދުނާއި، ހަވީރު އެކަލާނގެއަށް تسبيح ކިޔައި އުޅޭށެވެ!" އަޅާ އޭނާގެ ޚާލިޤުގެ ޛިކުރު ކުރުމުގައި ދެމިހުރުމަކީ އޭނާއަށް ޚާލިޤުގެ ނިޢުމަތްތައް އިޙްސާސްވުމުގެ ދަލީލެކެވެ. الله تعالى ގެ ނިޢުމަތްތަކަށްޓަކައި އެކަލާނގެއަށް ލޯބިވުމަކީ އެކަލާނގެއަށް އަދާކުރާ ޙަމްދާއި ޝުކުރުގެ ތެރެއިންވާ ކަމެކެވެ." {وَإِنْ تَعُدّوْا نِعْمَةَ اللَّهِ لاَ تُحْصُوْهَا إِنَّ اللَّهَ لَغَفُوْرٌ رَحِيْمٌ} النحل : 18 މާނައީ "ތިޔަބައިމީހުން الله ގެ نعمة ހިމަނައި، عدد ކުރަން އުޅުނަސް، ތިޔަބައިމީހުންނަކަށް އެ نعمة ހިމަނައި عددއެއް ނުކުރެވޭނެއެވެ. ހަމަކަށަވަރުން، اللهއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ." ގިނަގިނައިން ކީރިތިޤުރްއާން ކިޔަވައި އޭގެ މާނަ ވިސްނައި ތަދައްބުރުކޮށް އުޅުމަކީ މާތް الله ގެ ލޯބިލިބި އެކަން އިތުރުވާ ކަމެކެވެ. ޤުރްއާން ކިޔެވުމުގައި ދެމިހުރުމުން އަޅާއަށް އޭނާ ހެއްދެވިފަރާތަށް ކުއްތަންވުމާއި އޭގެ ފޮނިމީރުކަން އިހްސާސްވެއެވެ.

މާތް الله ރުހިވޮޑިގެންނުވާ، އެކަލާނގެ ކޯފާއަށް ހުށަހެޅޭ ކޮންމެކަމަކުން ދުރުވެގަތުމަކީ އެކަލާނގެ ރުއްސެވުން ލިބޭނެކަމެކެވެ. އެހެނީ މާތް الله އެކަލާނގެ އަޅުތަކުންގެ މައްޗަށް ޣީރަތްތެރިވެ ވޮޑިގެންވެއެވެ. އެކަލާނގެ އަޅުތަކުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގެންވާ ހިނދު އެއަޅުތަކުން، ނަހީކުރެވިގެންވާ ޙަރާމްކަންތައް ކުރުމަށް އެކަލާނގެ ރުހިވޮޑިގެންނުވެއެވެ. { وَلَا يَرْضَىٰ لِعِبَادِهِ الْكُفْرَ} الزمر : 7 - މާނައީ "އަދި އެކަލާނގެ އަޅުން كافر ވުމަކަށް އެކަލާނގެ ނުރުއްސަވަތެވެ."

ކީރިތިރަސޫލާ ދެކެ ލޯބިވުމުގައި ވެސް ތަފާތު ގިނަ ގޮތްތަކެއްވެއެވެ. އެކަލޭގެފާނުގެ އުޅުއްވުން (ސީރަތު) ހުރީ ކިހިނެއްތޯ ހޯދާބަލައި އެކަލޭފެގާނުގެ މާތް އަޚްލާޤުފުޅާއި އެކަލޭގެފާނުގެ މާތްސުންނަތަށް ތަބަޢަވެ އެއާއިއެއްގޮތަށް އުޅުމަކީ އެކަލޭގެފާނަށް ލޯބިވުމެވެ. މީސްތަކުންނަށް އެކަލޭގެފާނުގެ ސުންނަތް ދަސްކޮށްދީ އޮޅުންފިލުވައިދިނުމާއި ސުންނަތާއި ޚިލާފުކަންތައް ބުނެދިނުމަކީ އެކަލޭގެފާނު ދެކެ ލޯބިވުމެވެ. އެކަލޭގެފަނަކީ ރިވެތި އަޚްލާޤާއި މާތްސިފަތަކުގައި އެފަދަ ދެވަނައެއް ނުވާ މާތްބޭކަލެކެވެ. މިއާޔަތް ދަލީލުކޮށްދެނީ އެކަމަށެވެ. {لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَاللهَ كَثِيْرًا} الأحزاب : 21 - މާނައީ "ހަމަކަށަވަރުން، اللهގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވިއެވެ. (އެއީ) الله ދަރުމައާއި، آخرة ގެ ثواب އަށް އެދޭ، އަދި ގިނަގިނައިން الله ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ." އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިއުމަކީ މީގެތެރެއިން ވަރަށް މުހިއްމު އެއްކަމެވެ. ހަމައެފަދައިން އެކަލޭގެފާނުގެ އާލުވެރި ބޭކަލުންނާއި އަޞްޙާބު ބޭކަލުން ދެކެ ލޯބިވެ އެބޭކަލުންގެ ޙައްޤުގައި ނޭދެވޭ އެއްވެސް ކަމެއް ކުރުމުން ދުރުވެގަތުން ވެއެވެ. އެކަލޭފެގާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަށް މާތް الله ވަނީ އަމުރުކުރައްވާފައިވެއެވެ. {يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا} الأحزاب : 56 – މާނައީ "އޭ إيمان ވެއްޖެ މީސްތކުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނު މައްޗަށް صلوات ލެއްވުން އެދި دعاء ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دعاء ކުރާށެވެ!"

އަޅުތަކުންނަށް ލޯބިވެވޮޑިގެންވުމާއި ބަދަލަކާއި ނުލައި އެބައިމީހުންނަށް ދީލަތިވެ ވޮޑިގެންވުމީ މާތް الله ގެ ސިފަފުޅުތަކުގެ ތެރެއިންވާ މާތް އެއްސިފަފުޅެވެ. ލޯބިވާ މިހަކާއި ކާރިވުމަކީ އިންސާނީ ޠަބީޢަތުގައިވެސް ވާކަމަކަށްވީހިނދު މާތް الله އަޅާއާއި ކުއްތަންވެވޮޑިގަތުން، އެކަލާނގެ ސިފަކުރައްވާގޮތް ނިކަން ދެކޭށެވެ. އަޅުކަން ކުރުމުގައި އަޅާ މާތް الله އާއި ކުއްތަންވުން އެކަލާނގެ ސިފަކުރައްވަނީ މިފަދައިންނެވެ. (إذا تقرَّب العبدُ إليَّ شِبراً تقرَّبتُ إليه ذِراعاً، وإذا تقرَّب إليَّ ذِراعاً تقرَّبتُ منه باعاً، وإذا أتاني مَشياً أتَيتُه هَروَلَةً) رواه البخاري މާނައީ "އަޅާ ތިމަންކަލާނގެއާއި ކައިވަތެއްގެ މިންވަރަށް ކައިރި ވެއްޖެނަމަ ތިމަން ކަލާނގެ އެއަޅާއިއާއި މުށެއްގެ މިންވަރު ކުއްތަންވަމެވެ. އޭނާ ތިމަންކަލާނގެ އާއި މުށެއްގެ މިންވަރަށް ކައިވެރިވެއްޖެނަމަ ތިމަންކަލާނގެ އޭނާއާއި ބުމައެއްގެ މިންވަރަށް ކުއްތަންވަމެވެ. އޭނާ ތިމަންކަލާނގެ ޙަޟްރަތަށް އޭނާ ހިނގާފައި އަންނަނަމަ ތިމަންކަލާނގެ އޭނާގެ ކާރިއަށް ދުވެވޮޑިގަންނަވަމެވެ." މިއިން އިންސާނާއަށް ލިބޭ ހިތްހަމަޖެހުމުގެ މިންވަރު އިޙްސާސް ކުރެވެއެވެ. އޭނާގެ މަތިވެރިކަމާއި ގަދަރު އެގެއެވެ. އަދި އިންސާނާއަށް މާތް الله ފަރުޟުކުރެއްވި ކަންތަކުގެ އިތުރުން ސުންނަތްކަންތައް ކުރުމުގައި ދެމިހުރުމަކީ މާތް الله ގެ ރުއްސެވުމާއި ލޯބި އިތުރުވެ އެއަށްވުރެ މަތިވެރި ޝަރަފުލިބޭ ކަމެކެވެ. ޤުދުސިއްޔަ ޙަދީޘެއްގައި އައިސްފައިވެއެވެ. (مَا يَزَالُ عَبْدِي يَتَقَرَّبُ إليَّ بَالنَّوَافِلِ حَتَّى أُحِبَّهُ فَإذا أحْبَبْتُهُ كُنْتُ سَمْعَهُ الّذِيْ يَسْمَعُ بِهِ وَبَصَرَهُ الّذِيْ يُبْصِرُ بِهِ وَيَدَهُ الّتِيْ يبْطِشُ بِهَا وَرِجْلَهُ الّتِيْ يَمْشِي بِهَا وَإنْ سَألَنِيْ لَأُعْطِيَنَّهُ وَلَئِنِ اسْتَعَاذَنِيْ لَأُعِيْذَنَّهُ) رواه البخاري - މާނައީ "ތިމަންކަލާނގެ އަޅާ ސުންނަތްކަންތައް ކުރުމުގައި ތިމަންކަލާގެ އާއި ކުއްތަންވުމުގައި ދެމިހުންނަހާ ހިނދަކު ތިމަންކަލާނގެ އޭނާދެކެ ލޯބިވެވޮޑިގެންވަމެވެ. ފަހެ، ތިމަންކަލާނގެ އޭނާ ދެކެ ލޯބިވެ ވޮޑިގަތުމުން އޭނާގެ އަޑުއެހުމަކީ ތިމަންކަލާނގެ އަޑުއެއްސެވުން، އަދި އޭނާގެ ފެނުމަކީ ތިމަންކަލާނގެ ފެނިވޮޑިގަތުން އަދި އޭނާގެ އަތާއި އޭނާގެ ފަޔަކީ ތިމަންކަލާނގެ އަތްޕުޅާއި ފައިންޕުޅު ކަމުގައި ވެދެއެވެ. އަދި އޭނަ ތިމަންކަލާނގެ ހަޟްރަތުން އެއްޗަކަށް އެދިފިނަމަ ތިމަންކަލާނގެ އެއެއްޗެއް ދެއްވާހުށީމެވެ. އަދި ތިމަންކަލާނގެ ޙަޟްރަތުން ސަލާމަތްތެރިކަމަށް އެދިއްޖެނަމަ ތިމަންކަލާނގެ އޭނާއަށް ސަލާމަތްތެރިކަން ދެއްވާހުށީމެވެ."

މާތް الله ގެ ޙަޤީޤީ އަޅަކީ އޭނާގެ ހިތް އަލިވެ ސާފުވެގެންވާ މީހާއެވެ. އެކަލާނގެ ރުހިވޮޑިގެންވާ ކަންތައް އެގި އެކަންތަކުގެ މަތީގައި ދެމިހުންނަމީހާއެވެ. ކޯފާވެވޮޑިގެންވާ ކަންތައް ހޯދާބަލައި އެކަންތަކުން ދުރުވެގެންވާމީހާއެވެ. އަހަރެމެންގެ ހިތާއި ދުލުގައި ނޫރުލެއްވުން އެދި އަހަރެމެން މާތް الله އަށް ދުޢާކުރަންޖެހެވެ. އަދި ލޮލާއި ކަންފަތާއި އަހަރެމެންގެ ހަފަރާތުގައިވެސް ނޫރުލެއްވުން އެދި އަބަދު ދަންނަވަން ޖެހެއެވެ. އަހެރެމެންގެ ނަފުސުގައި ނޫރުލައްވައި އެއީ މަތިވެރިވެގެންވާ ނޫރެއްކަމުގައި ލެއްވުން އެދި ދުޢާ ކުރަން ޖެހެއެވެ. މިމާނަ އެކުލެވޭ ދުޢާއެއްގެ ގޮތުގައި ކީރިތިރަސޫލާ صلى الله عليه وسلم ގެ އަރިހުން ތިރީގައި މިވާދުޢާ ވާރިދުވެފައި ވެއެވެ. އެއީ ތާއަބަދު ކިއުން އާދަކުރުން ރަގަޅު ދުޢާއެކެވެ. (اَلّلهُمَّ اجْعَلْ فِي قَلْبِي نُوْراً، وَفِي لِسَانِي نُوْراً، وَفِي بَصَرِي نُوْراً، وَفِي سَمْعِي نُوْراً، وَعَنْ يَمِيْنِي نُوْراً، وَعَنْ يَسَارِي نُوْراً، وَمِنْ فَوْقِي نُوْراً، وَمِنْ تَحْتِي نُوْراً، وَمِنْ أمَامِي نُوْراً، وَمِنْ خَلْفِي نُوْراً، وَاجْعَلْ لِي فِي نَفْسِي نُوْراً، وَأَعْظِمْ لِي نُوْراً) رواه الألباني، في صحيح الجامع.

ކިޔުންތެރިންގެ ހިޔާލު