Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

މަލިކާ ބަލްޤީސް – ދުރުވިސްނޭ ވަރުގަދަ ޝަޚްޞިއްޔަތެއް

މިއީ މަލިކާ ބަލްޤިސް އާއިބެހޭ ގޮތުން ޢަރަބި ބަހުގެ ލިއުންތެރިން ލިއުއްވާފައިވާ އެކިއެކި ވާހަކަތަކަށް ބެލުމަށްފަހު އެވާހަކަތަކުގައި ހުރި ގާތްގަޑަކަށް އެއްވައްތަރެއްގެ ބައިތަކަށް އިއްތިފާގުވާ ބައިތަކުގެ މައްޗަށް އެކުލަވާލެވޭ ޚުލާޞާ ލިއުމެކެވެ. އެވާހަކަތަކުގައިވެސް ހުރިހާ ބައިތަކެއް ހިމެނިފައިނުވާ ހިނދު މިލިއުމުގައި ވެސް އެހުރިހާ ބައިތައް ހިމެނިފައިނެތުން އެކަށިގެންވެއެވެ. މިތާގައި އަލިއަޅުވާލާނީ ކުރުގޮތަކަށް سليمان عليه السلام ގެ ތަޢާރަފަކަށްފުހު، بلقيس ގެ ތަޢާރަފަށެވެ.
ސުލައިމާން އަލައިހިއްސަލާމް
މާތް الله ގެ ނަބިއްޔާސުލައިމާން އަލައިހިއްސަލާމްއަކީ إيشا ގެ ދަރި މާތް الله ގެ ނަބިއްޔާ ދާވޫދު އަލައިހިއްސަލާމް ގެ ދަރިކަލުންސުލައިމާން އަލައިހިއްސަލާމްއެވެ. ނަމަލު ސޫރަތުގެ ގެ 16 ވަނަ އާޔަތުގައި މާތް الله ވަހީ ކުރައްވާފައިވާ ފަދައިން އެކަލޭގެފާނަށް ނަބީކަން ވާރުތަވެފައިވަނީ އެކަލޭގެފާނުގެ ބައްޕާފުޅު ދާވޫދު އަލައިހިއްސަލާމް ގެ ކިބައިންނެވެ. މާތް الله ވަހީ ކުރައްވަނީ (وَوَرِثَ سُلَيْمَانُ دَاوُودَ) النمل : 16- މާނައަކީ "އަދި ދާވޫދުގެފާނުގެ ކިބައިން (ނަބީ ކަމާއި ވެރިކަން) ވާރުތަވީ، ސުލައިމާން ގެފާނަށެވެ." ސުލައިމާނު ގެފާނަކީ ބަނީ އިސްރާއީލު ބާގައިގެ މީހުންގެ ގާތަށް މާތް الله ފޮނުއްވި ރަސޫލު ބޭކަލުންގެ ތެރެއިންވާ ރަސޫލު ބޭކަލެވެ. އަދި އެކަލޭގެފާނަކީ އެމީހުންގެ ތެރޭގައި ހިމެނުނު ރަސްކަލުންކުރެ ބާރުގަދަ އެއް ރަސްކަލެއް ވެސްމެއެވެ. މާތްﷲ ވަނީ ދުނިޔޭގައި އެއްވެސް މީހަކަށް ނުދެއްވާފަދަ ރަސްކަމެއް އެކަލޭގެފާނަށް ދެއްވައި ދޫނިސޫފާސޫއްޕާއި ހުރިހާ ހައިވާނުން ތަކެއްގެ ބަސް އެކަލޭގެފާނަށް އުގަންނަވާ ދެއްވާފައެވެ. އަދި ވަޔާއި ޖިންނި އެކަލޭގެފާނަށް ކިޔަމަންކުރައްވައި ލޯ ފަދަ މައުދަންތައް ވިރުވާ ފެނަށް ހެދުމުގެ ބާރު ވެސް އެކަލޭގެފާނަށް މާތް الله ދެއްވާފައިވެއެވެ. މަލިކާ ބަލްޤީސް އާއިއެކު ސުލައިމާނުގެ ގެފާނުގެ ވާހަކައަކީ ކީރިތި ޤުރުއާނުގައި ގައި އައިސްފައިވާ ވާހަކަތަކުގެ ތެރެއިން މަޝްހޫރު އެއްވާހަކައެކެވެ.
މަލިކާ ބަލްޤީސް
މަލިކާ ބަލްޤީސްއަކީ ސަބާ ގެ ރަސްގެފާނު އަލްހަދްހާދު ބިން ޝަރްޝަބީލު ގެ ދަރިކަނބަލެކެވެ. ތާރީހު ފޮތްތަކުގައި ވާގޮތުން އެކަމަނާގެ މަންމާފުޅަކީ ޖިންނިންގެ ތެރެއިން ވާ ބިލްޤިމަތި ބިންތި ޝީސާން އޭ ކިއުނު ކަނބަލެކެވެ. ابن مردويه އެވެ، ކިއުނު ބޭކަލަކު عثمان بن حاضرކިއުނު ބޭކަލެއްގެ ކިބައިން ރިވާކުރައްވާފައިވެއެވެ. (كَانَتْ أُمُّ بَلْقِيْس اِمْرَأةٌ مِنَ الْجِنِّ، يُقالُ لَهَا بَلْقَمَةُ بِنْتِ شَيْصَان) – الدرالمنثورفي التفسيرالمأثور
އެކަމަނާގެ ބައްޕަ އަވަހާރަވުމުގެ ކުރިން ވަނީ އޭނާއަށްފަހު ބަލްޤީސް އަށް ވެރިކަމުގެ ވަސިއްޔަތް ކުރައްވާފައެވެ. وصية ކުރައްވަމުން ރަސްގެފާނު ވިދާޅުވެފައިވަނީ "އަހަރެން މިވަނީ ފިރިހެނުން ފެނި އެމީހުންގެ މޮޅުކަމާއި އުޅޭނޫޅޭގޮތް އެގިފައެވެ. އަދި އެމީހުންގެ ރަސްކަންވެސް އަހަރެން ވަނީ ތަޖުރިބާކޮށްފައެވެ. އަހަރެން ހުވާކޮށްފައި ބުނަމެވެ. علم އާއި حلم އާއި ބިނާކުރަނިވި خيال ގެ ގޮތުން بلقيس ފަދަ މީހަކު އަހަރެން ނުދެކެވެ."
އެކަމަނާގެ ބައްޕާފުޅު ނިޔާވުމަށްފަހު بلقيس މުޅި يمن ކަރައިގެ ވެރިކަމަށް އިސްވެވަޑައިގަތެވެ. އަދި حميرގެ ރަސްކަލުންވެސް އެކަމަނާއަށް ކިޔަމަންވެ އެކަމަނާއަށް تبع ވިއެވެ. އޭގެފަހުގައި بابل އާއި فارس ކަރައާއި عراق އަށް لشكرއާއިގެން ވަޑައިގެން އެތަންތަނުގެ أهل ވެރިންވެސް އެކަމަނާއަށް تبع ކުރުވައި އެތަންތަނަށް أميرން عين ކުރައްވިއެވެ. އަދި އެބުރި يمن އަށް ވަޑައިގެން يمن ގެ އެތެރެއާއި ބޭރުގައި ވެރިކަން ހިންގަވަން ފެއްޓެވިއެވެ.
بلقيس އުޅުއްވި ސަބާ އަކީ މިހާރު މައުރިބު އޭކިޔޭ ރަށެވެ. އެކަމަނާ އެތާގައި، ވެރިކަން ހިންގެވީ ހިތްވަރުގަދަކަމާއި ޙިކްމަތްތެރިކަމާއިއެކު ކަންކަން ރާއްވަވައި ތަދްބީރު ކުރައްވައިގެންނެވެ. ޞަންޢާގެ އިރުމަތީ ފަރާތުގައި ފެން ޖަމާވާ މަޝްހޫރު ސައްދު މައުރިބު (މައުރިބު ޑޭމް) މަރާމާތުކުރައްވައި އެކަމަނާގެ ގަނޑުވަރު ބިނާ ކުރެއްވިއެވެ. އަހަރުގެ ކޮންމެ ދުވަހަކުވެސް ގަނޑުވަރު ތެރެއަށް އަވިދޭގޮތަށް އެގަނޑުވަރުގައި ތިންސަތޭކަ ފަސްދޮޅަސް ކުޑަދޮރު ބެހެއްޓެވިއެވެ. قصر بلقيس – ނުވަތަ بلقيس ގެ ގަނޑުވަރު ގެނަމުން ނަންދެވިފައިވާ އެ ގަނޑުވަރުގެ އަސަރުތައް މިއަދާއި ހަމައަށްވެސް ފެންނާން އެބަހުއްޓެވެ. އެކަމަނާގެ ވެރިކަމުގެ ދުވަސްވަރު ރައްޔިތުންގެ ދިރިއުޅުން ތަނަވަސްވެ ދަނޑުވެރިކަމާއި ވިޔަފާރި ކުރިއަރައި ދައުލަތުގެ މާލީ ޙާލަތު ރަގަޅުވެ މުއްސަދި ވެފައި ވެއެވެ. އެކަމަނާގެ ބައްޕާފުޅު ވިދާޅުވިހެން ޢިލްމުވެރިވެރިއަކަށްވެ ޙިލްމުލިބުމުން ދުރުވިސްނޭނެކަން ކަށަވަރެވެ. ކުރިއަށް ރާއްވަވަން އެގިވަޑައި ގަންނަވާނެއެވެ. ރައްޔިތުންނަށް ފައިދާކުރާނެ ކަންތައް އިޙްސާސް ކުރެއްވޭނެއެވެ.
ބަލްޤިސް އަކީ ވަރުގަދަ ސިޔާސީ މުދައްބިރެކެވެ. އަދި އެކަމަނާގެ ރަސްކަން ކިތަންމެ ބޮޑުވެ ފުޅާވިކަމުގައިވިޔަސް އެކަމަނާއަކީ އެހެން އަންހެން ބޭކަނބަލުންގެ ކިބާގައިވެސް ހުންނަ އޯގާވެރިކަމާއި މަޑުމައިތިރިކަން އެކަމަނާގެ ޠަބީޢަތުގައިވެސްވާ، އާދަޔާއި ޚިލާފު ރީތި ބޭފުޅެކެވެ. އަދި ތުރުކުރައްވާ ފޭރާމަކީވެސް ޖަރީކުރެވިފައިވާ އެހާމެ ރީތި ފޭރާމެވެ. ޠަބީޢީ ރީތިކަމުގެ މައްޗަށް އިތުރު ރީތިކަމެއް ގެނެސް ދީފައިވަނީ އެހެންގެންނެވެ.
ތާރީޚު ޢިލްމުވެރިން ملكة بلقيس ގެ ޙަޔާތަށް ނަޒަރު ހިންގަވަމުން ލިއުއްވަނީ އެކަމަނާގެ ދިރިއުޅުއްވުމަކީ ރަނިކަމުގެ ތަފާތު ހުރިހާ ވައްތަރެއްގެ ދިރިއުޅުން ޝާމިލްވާ ދިރިއުޅުއްވުމެއްކަމުގައެވެ. ކޮންމެ ދިމާއަކުން ބަލާލިއަސް ރަނިކަމުގެ ސިފަތައް ފާޅުވެއެވެ. ރަނިކަމުގެ ޢަބާއާއި އަސްލު ފަށުވި ފޭރާން ތުރުކުރެއްވިއެވެ. ރަނިކަމުގެ ޢަބާ ތައްޔާރުކުރުމަށް ބޭނުންވާ ޚާއްޞ ފަށުވި އެތެރެކުރަނީ ޗައިނާ އާއި އިންޑިއާގެ ބައެއް ހިސާބުތަކުންނެވެ. ފޭރާން ތައްޔާރުކުރުމަށް ބޭނުންވާ އުއި ތައްޔާރުކުރެވެނީ އެފްރިކާ ކަރައިގައެވެ. އަދި ރަނިކަމުގެ ތާޖު ވަނީ ޖަވާހިރާއި ރަނާއި ރިހިން ޒީނަތްތެރި ކުރެވިފައެވެ.
ބަލްޤިސްގެ ވާހަކަ
ހުދުހުދު سليمان ގެފާނަށް ملكة بلقيس ގެ ތަޚުތު ސިފަކޮށްދީފައިވާގޮތުން، އެތަޚުތަކީ އެދެއްގެ ސިފާގައި ހަތަރުފައި ޖަހާފައި، ޒުމަރުޖުދާއި ޒަބަރުޖުދު އަދި ޔާގޫތާއި ޔަމަނުކަރައިގެ ފީރޯޒު ފަދަ އަގުބޮޑު ޖަވާހިރުތަކާއި ރިހީގެ ރޮދިތަކުން ޒީނަތްތެރިކުރެވިގެންވާ އެއްޗެކެވެ. سليمان ގެފާނަށް ملكة بلقيس ގެ ތަޚުތު ސިފަކޮށްދެމުން ހުދުހުދު سليمان ގެފާނަށް ދެންނެވި ވާހަކަ ކީރިތި ޤުރްއާނުގައި މާތް الله ވަހީކުރައްވާފައިވަނީ : (وَجِئْتُكَ مِنْ سِبَأٍ بِنَبَأٍ يَقِيْنٍ َ إنِي وَجَدْتُّ امْرَأةً تَمْلِكُهُمْ وَأُوْتِيَتْ مِنْ كُلِّ شَيْءٍ وَلَهَا عَرُشٌ عَظِيَمٌ ) النمل : 22-23 – މިފަދައިންނެވެ. މާނައީ "ކަލޭގެފާނު އަރިހަށް ތިމަންއައީ (ޔަމަނު ކަރައިގެ) ސަބާއިން ޔަގީންވެގެންވާ ޚަބަރަކާއިގެންނެވެ. އެތާގެ މީހުންގެ މައްޗަށް ރަނިކަން ކުރައްވާ ކަމަނާއަކު ހަމަކަށަވަރުން، ތިމަން ދުށީމެވެ. ހުރިހާ އެއްޗެއް އެކަމަނާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި އެކަމަނާއަށް ބޮޑުވެގެންވާ ތަޚުތެއް ވެއެވެ."
ملكة بلقيس ގެ ޙަޔާތުގައި ހިގާފައިވާ އެންމެ މަޝްހޫރު އެއްވާހަކައަކީ އެކަމަނާއާއި އެކަމަނާގެ ރައްޔިތުންގެ ޙަޔާތް ބަދަލުކޮށްލި ހާދިސާއެވެ. އެއީ މާތްﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށް سليمان ގެފާނުގެފާނުގެ ދީން ގަބޫލުކުރައްވައި އެދީނަށް ވަންނަވައި سليمان ގެފާނާއި އެކަމަނާއާއި ދެމެދު ހިގާފައިވާ މަޝްހޫރު ވާހަކައެވެ. ކީރިތި ޤުރްއާނާއި ތައުރާތަކީ ސަބާގެ ރާނީގެ ވާހަކައިގެ އަސާސީ ދެމަސްދަރެވެ. ތައުރާތުގައި ' ملكة سبأ ' - ނުވަތަ ' ملكة تيمنا ' - ޔަޢުނީ ' ملكة الجنوب ' ގެ ވާހަކަ އައިސްފައިވެއެވެ. އަދި އެކަމަނާ سليمان ގެފާނަށް އަގުބޮޑު ހަދިޔާ ފޮނުއްވި ވާހަކައާއި އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތް ކުރެއްވި ވާހަކަ އައިސްފައިވެއެވެ. ހަމައެފަދައިން ކީރިތި ޤުރްއާނުގައިވެސް ސަބާގެ ރާނީގެ ވާހަކަ އައިސްފައިވެއެވެ. ކީރިތި ޤުރްއާނުގައި سليمان ގެފާނުގެފާނާއިއެކު އައިސްފައިވާ އެކަމަނާގެ ވާހަކާގައި އެކަމަނާގެ ބުއްދިވެރިކަމާއި ހިކުމަތްތެރިކަމުގެ ވާހަކަ ސިފަކުރައްވާފައިވެއެވެ. ވާހަކަ ފެށިފައިވަނީ سليمان ގެފާނަށް ލަޝްކަރުގެ ތެރެއިން ހުދުހުދު ހުންނަންވާ ތަނުން އޭތި ފެނިވަޑައިނުގަތުމުން ކޯފާވެވަޑައިގެން އޭތި ސަލާމަތްވާނޭ، އެކަށޭނަ އުޒުރަކާއިއެކު ނޫނީ އަތުވެއްޖެނަމަ އުގޫބާތް ދެއްވާނެކަމަށް ނުވަތަ ގަތުލު ކުރައްވާނެކަމަށް ވިދާޅުވެފައި ވަނިކޮށް އޭތި ސަބާގެ ރާނީއާއި ބެހޭގޮތުން ގެނައި އާދަޔާއި ޚިލާފު ވާހަކަ އިންނެވެ. ހުދުހުދު سليمان ގެފާނަށް ދެންނެވިއެވެ. މާތްﷲ ފިޔަވައި އިރަށް އަޅުކަންކުރާ ކާފިރު ގައުމެއްގެ ބަޔަކު ސަބާ އޭ ކިއުނު ރަށުން ފެނުނުކަމަށާއި އެބައިމީހުންގެ ވެރިއަކީ އަންހެނެއްކަމުގައެވެ. އެވާހަކަ މިއާތުން ވަރަށް ސާފުކޮށް އެގެއެވެ. {فَمَكَثَ غَيْرَ بَعِيدٍ فَقَالَ أَحَطتُ بِمَا لَمْ تُحِطْ بِهِ وَجِئْتُكَ مِن سَبَإٍ بِنَبَإٍ يَقِينٍ * إِنِّي وَجَدتُّ امْرَأَةً تَمْلِكُهُمْ وَأُوتِيَتْ مِن كُلِّ شَيْءٍ وَلَهَا عَرْشٌ عَظِيمٌ * وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ اللَّـهِ وَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ فَصَدَّهُمْ عَنِ السَّبِيلِ فَهُمْ لَا يَهْتَدُونَ{ النمل : 22-24 - މާނައީ "ފަހެ، އެދޫނި މާދުރުނޫން ތަނެއްގައި ކުޑައިރުކޮޅެއްވަންދެން އުޅެފައި (އަތުވެއްޖެއެވެ.) ދެން އޭތި ދެންނެވިއެވެ. ކަލޭގެފާނަށް އެގިވަޑައިނުގަންނަވާ ކަންތައްތަކެއް ތިމަންނާއަށް އެގިއްޖެއެވެ. ކަލޭގެފާނުގެ އަރިހަށް ތިމަންމިއައީ، (يمنކަރައިގެ) سبأ އިން يقين ވެގެންވާ خبرއަކާއިގެންނެވެ. * އެތާނގެ މީހުންގެ މައްޗަށް ރަނިކަން ކުރައްވާ ކަމަނާއަކު ހަމަކަށަވަރުން، ތިމަން ދުށީމެވެ. ހުރިހާ އެއްޗެއް އެކަމަނާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި އެކަމަނާއަށް ބޮޑުވެގެންވާ تخت އެއް ވެއެވެ. * އެކަމަނާއާއި، އެކަމަނާގެ قوم ގެމީހުން، الله ފިޔަވައި އިރަށް سجدة ކޮށް އުޅޭތީ ތިމަން ދުށީމެވެ. އަދި شيطانއާ އެއުރެންނަށް އެއުރެންގެ عمل ތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެއުރެން އެއްކިބާކުރިއެވެ. ފަހެ، އެއުރެންނަކަށް ތެދުމަގެއް ނުލިބެއެވެ." އެހިނދު سليمان ގެފާނު އެރާނީއަށް ސިޓީފުޅެއް ލިއުއްވިއެވެ. އެސިޓީފުޅުގައި އިރަށް އަޅުކަންކުރުން ދޫކޮށް އަރަހުށި ކުޅަދުންވަންތަ މާތްﷲ އަށް އަޅުކަންކުރުމަށް ގޮވާލާ ފައިވެއެވެ. ބޮޑާނަހާކާ އިސްލާމްދީން ޤަބޫލުކުރުމަށްވެސް ގޮވާލާފައިވެއެވެ. އަދި ހުދުހުދާއި ހަވާލުކޮށް އެރަނިކަމަނާއަށް އެސިޓީފުޅު ފޮނުއްވިއެވެ. ސިޓީފުޅު ލިބުމުން ރާނީ ވެރިކަމުގެ ތެރޭގައި ހިމެނޭ ބޮޑުންނާއި ކަންކުރަންވާ ގޮތަކާއިމެދު މަޝްވަރާ ކުރެއްވިއެވެ. އެމީހުންގެ ބާރާއި މުދާވެރިކަމާއި ގަދަފަދަ ހަގުރާމަވެރިންނާއި އަދިވެސް ބޭނުންވާނޭ އެހެނިހެން ކަންތައްތައް ހުރިއިރުވެސް މަޝްވަރާގެ އުސޫލަށް ތަބަޢަވުމުން ދޭހަވަނީ އެކަމަނާގެ ޑިޕޮލޮމެސީގެ ފުރިހަމަކަމެވެ. މިކަންތައް ކުރެއްވި އިރު سليمان ގެފާނުގެ ލަޝްކަރުގެ ބާރުހުރި ވަރަކާއި އިގްތިސާދީ ފުދުންތެރިކަމެއް ރަނިކަމަނާއަކަށް އެގިވަޑައި ނުގަންނަވައެވެ. އެހެންކަމުން سليمان ގެފާނު ހުށަހެޅުއްވި ކަންތައް ނުކޮށްވޭތޯ އެކަލޭގެފާނަށް އަގުބޮޑު ހަދިޔާތަކައެއް ފޮނުއްވެވިއެވެ. އެހިނދު سليمان ގެފާނު އެހަދިޔާތައް އެކަމަނާއަށް ރައްދުކުރައްވައި ބޮޑުވެގެންވާ ލަޝްކަރަކާއިއެކު އެކަމަނާއާއި ހަގުރާމަކުރެއްވުމަށް ވަޑައިގަންނަވާނޭ ކަމަށް ވަޢުދުވެވަޑައިގެންފިއެވެ. ރާނީގެ ވަފުދުގެ މީހުން އެބުރި އައިސް، سليمان ގެފާނުގެ ހައިބަތާއި ބާރުގެ ގަދަކަމާއި ލަޝްކަރުގެ ބިޔަކަމުގެ ވާހަކަ އެކަމަނާއަށް ދަންނަވާ، އެބައިމީހުންނަށް ކުރިމަތުވާނޭ ނުރައްކަލުން ސަލާމާތްވުމަށް سليمان ގެފާނުގެ ރުހުން ހޯއްދެވުމަށް سليمان ގެފާނުގެ އަރިހަށް ވަޑައިގަތުމަށް އެދުނެވެ. އެހިނދު އެކަމަނާ سليمان ގެފާނުގެ އަރިހަށް ވަޑައިގަތުމުގެ އިންތިޒާމު ހަމަޖައްސަވައި ދަތުރު ފެއްޓެވިއެވެ. سليمان ގެފާނަށް އެކަން އެގިވަޑައިގަތުމުން އެކަލޭގެފާނުގެ ކުޅަދާނަފުޅުކަމާއި ލިބިވަޑައިގެންފައިވާ ބާރުގެ ބޮޑުކަން އެކަމަނާއަށް ދެއްކެވުމަށްޓަކައި އެކަމަނާ ވަޑައިގަތުމުގެ ކުރިން އެކަމަނާގެ ތަޚުތު އެތަނަށް ގެނައުމަށް ގަސްދުކުރެއްވިއެވެ. އަދި ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި ތަޚުތު ގެނެވި އެއަށް ކުޑަކުޑަ ބަދަލެއް ގެނެވިއްޖެއެވެ. އޭގެފަހުގައި ފެން މަތީގައި ބިއްލޫރީގެ ގަޑުވަރެއް ބިނާކުރުމަށް ލަޝްކަރުގެ މީހުންނަށް އަންގަވައި ވަރަށް ރީތި ގަޑުވަރެއް ބިނާކުރެއްވިއެވެ. އެކަމަނާ سليمان ގެފަނުގެ އަރިހަށް ވަޑައިގަތް އިރު އެކަމަނާގެ ތަޚުތު ކަހަލަ ތަޚުތެއް އެތަނުން ފެނިވަޑައިގަތުމުން ޙައިރާންވެވަޑާއިގެން ހިތާހިތާ ސުވާލުކުރެއްވިއެވެ. ' އެތަޚުތު މިތަނަށް ގެނައީ ކިހިނެއް ހެއްޔެވެ. ނުވަތަ އެއާއި އެއްގޮތަށް އެހާ ފުރިހަމަކޮށް މީތި ހެދީ ކިހިނެއްހެއްޔެވެ.' މިދެކަމަކީވެސް އެކަމަނާ ދެކެވަޑައިގަންނަވާ ގޮތުން މުސްތަހީލު ދެކަމެވެ. ކީރިތި ޤުރްއާނުގައި ވާރިދުވެފައިވާ ފަދައިން އެހިދު سليمان ގެފާނު އެކަމަނާއާއި ސުއާލު ކުރެއްވިއެވެ. ( فَلَمَّا جَاءَتْ قِيلَ أَهَٰكَذَا عَرْشُكِ ۖ قَالَتْ كَأَنَّهُ هُوَ) النمل: 42 - މާނައަކީ "ފަހެ، އެކަމަނާ ވަޑައިގަތުމުން ދެންނެވުނެވެ. ކަމަނާގެ تخت ވަނީ މިފަދައިންތޯއެވެ. އެކަމަނާ ދެންނެވިއެވެ. އެއާއި މިއާ ހަމަ އެއްފަދައެވެ." އަދި سليمان ގެފާނު ތައްޔާރުކުރައްވާފައިވާ ބިއްލޫރިގެ ގަޑުވަރަށް بلقيس ވަދެވަޑައިގަތް ހިނދު، ހެދުންކޮޅު ހިއްލަވާލެއްވިއެވެ. އާއްމުކޮށް އެހެންމީހުން ވެސް ފެންގަނޑުގަނޑަށް ފައިބާ ބީދައިން ކަންތައްކުރާ ގޮތަށެވެ. އެކަމަނާގެ ހެދުންކޮޅުވެސް ތެމިދާނެތީ ބިރުފުޅުވެވަޑައިގެންނެވެ. އެއިރު އެކަމަނާ ހިންގަވާފައި ވަޑައިގަންނަވަނީ ހިގަހިގާއޮތް ފެންގަޑެއްގެމަތީގައި، އޮމާން ބިއްލޫރިންވާ ތަޅުންގަޑެއްގެ މަތިން ކަމަށް سليمان ގެފާނު ވިދާޅުވިއެވެ. އިހުގެ ފޮތްތަކުގައި އާއި ކީރިތިޤުރްއާނުގައި ވެސް އައިސްފައިވާ ފަދައިން އެކަމަނާ އެގަނޑުވަރުގެ ފުރިހަމަކަމާއިމެދު ވަރަށްބޮޑަށް ޢަޖައިބުވެވަޑައިގެންނެވިއެވެ. އެފަދަ ތަނެއް ބިނާކުރުމަކީ އިންސާނުންނަށް އެކަށީގެންވާ ކަމެއްނޫންކަމަށް ދެކެވަޑައިގެންނެވެ. އަދި އެހިނދު މާތް الله ގެ ކުޅަދުންވަންތަކަމަށް އިޢުތިރާފުވެޑައިގަތުމާއިއެކު سليمان ގެފާނުގެ ދީނަށް ވަދެވަޑައިގެންނެވިއެވެ.
މި ލިއުމާއި ގުޅޭ