ކީރިތި ޤުރުއާނުގެ މާނަ އަދި ޤުރުއާނާއި ޙަދީސްގެ ތަފާތު

ޝިފްޒާން އަހްމަދު 24 އޭޕްރީލު 2020 17:29
Flowers

ޤުރުއާން މިލަފްޒު ޢަރަބި ބަހުގައި ނެގިފައިވަނީ "ފުޢުލާނު" މިވަޒަނަށެވެ. މިއީ ކަންކަމުގެ މަޞްދަރުގެ ގޮތުގައި ބޭނުންކުރެވޭ ވަޒަނެކެވެ. ޤުރުއާން މިލަފްޒު ނިސްބަތްވާ ކަމަކީ "ޤަރައަ" ނުވަތަ ކިޔަވައިފި މިލަފުޒެވެ. އެހެންކަމުން ޤުރުއާނުގެ ލަފުޒީ މާނައަކީ ކިޔެވުމެވެ. މިމާނާގައި މިލަފްޒު މާތްﷲވަނީ ޤުރުއާނުގައިވެސް ބޭނުންކުރައްވާފައެވެ. 

އެކަލާނގެ ވަޙީކުރައްވައެވެ. لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ ﴿﴾ إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ ﴿﴾ فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ ﴿﴾ ثُمَّ إِنَّ عَلَيْنَا بَيَانَهُ ﴿﴾ (ޤިޔާމާ 16-18) މާނައީ: އެ قرآن ލިބިވަޑައިގަތުން އަވަސްކުރެއްވުމަށް ކަލޭގެފާނުގެ ދޫފުޅު، އެ قرآن އާއިގެން حركات ތެރި ނުކުރައްވާށެވެ! ހަމަކަށަވަރުން، އެ قرآن (ކަލޭގެފާނުގެ ހިތްޕުޅަށް) جمع ކުރެއްވުމާއި، އަދި އެ قرآن ކިޔަވައިވިދާޅުވުމުގެ ކުޅަދާނަކަން ދެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ. ފަހެ، ތިމަންރަސްކަލާނގެ (جبريل ގެފާނު މެދުވެރިކުރައްވައި) އެ قرآن ކިޔަވައިދެއްވާހިނދު، ފަހެ، ކަލޭގެފާނު އެ ކިޔަވައިދެއްވުމާ تبع ވެވަޑައިގަންނަވާށެވެ!

ޤުރުއާނުގެ ލަފްޒީ މާނައިން ބޭރުވެ، ޤުރުއާނަކީ މަތިވެރިވެގެންވާ ކީރިތި ފޮތަށް ޚާއްޞަ ނަމަކަށް ވިއެވެ. އެއީ މާތްﷲ އެފޮތަށް އެނަން ދެއްވުމުންނެވެ. ކީރިތި މާތްﷲ އެކަލާނގެ ފޮތުގައި ޤުރުއާނު މިލަފްޒު އެންމެ ގިނައިން ބޭނުންކުރައްވާފައިވަނީ މިމާނަައިގައެވެ. އެކަލާނގެ ވަހީކުރައްވައެވެ. إِنَّ هَـٰذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ (އިސްރާ:09)  މާނައީ: ހަމަކަށަވަރުން، މި قرآن، އެންމެ ސީދާ މަގަށް މަގުދައްކައެވެ.

ކީރިތި ޤުރުއާނަށް ޤުރުއާނުގެ ނަމުން ނަންދެވުމުގައި އެފޮތަކީ ދޫތަކުން ކިޔަވާ ފޮތަކަށްވާ ވުމަށް ރިޢާޔަތްކުރައްވާފައިވެއެވެ. އަދި ޤުރުއާނަށް ފޮތުގެ ނަމުން ނަން ދެއްވުމުގައި އެފޮތަކީ ޤަލަންތަކުން ލިޔެވި ޞަފްޙާތަކުގައި ދެލިކުރެވޭ ފޮތެއް ކަމުގައިވާ ވުމަށް ރިޢާޔަތްކުރައްވާފައިވެއެވެ. މިމާތް ފޮތުގެ ދެ ނަމަކީވެސް ޙަޤީޤަތުގެ މައްޗަށް ބިނާވެ ދެވިފައިވާ ދެނަމެވެ. ހަމައެހެންމެ މިދެނަމުން މިމާތް ފޮތަށް ނަންދެއްވުމުގައި، ދެގޮތެއްގައި މިފޮތް ރައްކާތެރިކުރައްވާނެ ކަމުގެ މައްޗަށް އިޝާރާތް ލިބެއެވެ. އެއީ ޤުރުއާނު ހިތުން ދަސްކުރާ މުސްލިމުންގެ ހިތްތަކާއި އެމީހުންގެ ދޫތަކުގައެވެ. އަދި ޤުރުއާން ލިޔެވި ޗާޕުކުރެވޭ ކުރެވުމުންނެވެ. 

އެހެންކަމުން މުސްލިމުންގެ ގާތުގައި ޤުރުއާން ހިތުދަސް ޙާފިޒެއްގެ ކިޔެވުމަށް އިތުބާރު ލިބެނީ އޭނާގެ ކިޔެވުން ލިޔެފައިވާ މުޞްޙަފުތަކުގައި ހުރި ޢިބާރާތާ އެއްގޮތްވެގެންނެވެ. އަދި މީހަކު ޤުރުއާނުގެ ނަމުގައި ލިޔާ ޢިބާރާތެއް މުސްލިމުން ޤުރުއާނު ކަމުގައި ބަލައިގަންނަނީ އެތައް ޖީލަކަށް ވާރުތަވަމުންދާ ގޮތަށް ޞައްޙަ ސަނަދުން ރިވާވެފައިވާ ޤުރުއާނުގެ މުތަވާތިރު ރިވާޔަތާ އެލިޔުން އެއްގޮތްވެގެންނެވެ. އެހެންކަމުން މިދެމަގުންވެސް ޤުރުއާނަށްވަނީ މާތްﷲގެ ޢިނާޔަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރުވެފައެވެ. 

ޙަޖަރު ސޫރަތުގައި މާތްﷲ ވަޙީކުރައްވައެވެ. إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ (ޙަޖަރު:09) މާނައީ:ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ.

ޤުރުއާނުގެ އިޞްޠިލާޙީ މާނައެއް ބަޔާންކުރެއްވުމަށް ޢިލްމުވެރިން މަސައްކަތްކުރައްވާފައިވެއެވެ. ޑރ.މުޙައްމަދު ޢަބްދުﷲ އައްދައްރާޒު އޭނާގެ އައްނަބައުލް ޢަޡީމެވެ ކިޔުނު ފޮތުގައި ލިޔުއްވާފައިވާ ފަދައިން ކީރިތި ޤުރުއާނުގެ ފުރިހަމަ ތަޢުރީފެއް ލިޔެ ބަޔާންކުރުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އެހެންކަމުން ޢިލްމުވެރިން ބަޔާންކުރައްވާފައިވަނީ އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ފިކުރީ އަދި މަންޠިޤީ އާލާތްތައް (ލޮޖިކަލް ޓޫލްސް) ބޭނުންކުރައްވައިގެން ޤުރުއާނު އެހެން އެއްޗެއްސާ ވަކިކުރެވޭނެ ތަޢުރީފެކެވެ. 

އެގޮތުން އެންމެ ގިނައިން ޤުރުއާނުގެ ޢިލްމުގައި ކީރިތި ޤުރުއާނުގެ ތަޢުރީފުގައި ބުނެވެނީ ޤުރުއާނަކީ ސަލާމާއި ޞަލަވާތްލެއްވުނު މުޙައްމަދުގެފާނުގެ މައްޗަށް މާތްﷲ ބާވައިލެއްވި، އެކިޔެވުމުން އަޅުކަމެއް ކަމުގައިވާ،  އެކަލާނގެ ކަލާމްފުޅެވެ. 

ޙަދީސް ބަސްފުޅުތަކަށް ބަލާއިރު ޑރ.މުޙައްމަދު ޢަބްދުﷲ އައްދައްރާޒް ޙަދީސް މައިގަނޑު ދެބައަކަށް ބައްސަވައެވެ. ފުރަތަމަ ބައަކީ ތައުފީޤީ ބައެކެެވެ. އެއީ ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާއަށް، މާތްﷲގެ ވަޙީ ބަސްފުޅުން ދޭހަވެވަޑައިގެންނެވި ދޭހަފުޅެއް ނުވަތަ ކައުނާމެދު އެކަލޭގެފާނު ވިސްނެވި ވިސްނުންފުޅެއްގެ މައްޗަށް ވިދާޅުވާ ބަސްފުޅެވެ.

ދެވަނަ ބައަކީ ތައުފީޤީ ބައެކެވެ. އެއީ އެބަސްފުޅުގައި އެކުލެވިގެންވާ މާނަތައް މާތްﷲގެ ޙަޟްރަތުން ލިބިވަޑައިގެން މީސްތަކުންނަށް އެކަލޭގެފާނު ބަޔާންކޮށްދެއްވަނީއެވެ. މިޙާލަތުގައި، އެބަޔާންކުރައްވާ ކުރެއްވުމުގައި އެކުލެވޭ ޢިލްމާއި މާނަ ނިސްބަތްކުރެވޭނީ އެތަކެތި އެކަލޭގެފާނަށް އުނގަންނަވައިދެއްވި ހުސްޠާހިރުވަންތަ އިލާހަށެވެ. ނަމަވެސް ޢިބާރާތްތަކާއި ލަފުޒުތަކަކީ އެކަލޭގެފާނުގެ އަމިއްލަ ބަސްފުޅެވެ. އެހެނީ ބަސްތައް ރައްދުކުރެވެނީ އެބަސްތައް އެކުލަވައި ތަރުތީބުކޮށް ޖުމަލައަކަށް އަމުނައިލި ފަރާތަކަށެވެ. މިޙާލަތުގައި ބަސްތައް ރައްދުވާނީ މާތް ނަބިއްޔާއަށެވެ. 

މިފަދައިން ޤުދުސިއްޔަ ޙަދީސުގައިވެސް ބުނެވޭނީ އެ ޙަދީސުގެ މާނައަކީ މާތްﷲއަށް ނިސްބަތްވާ އެއްޗެއް ކަމުގައެވެ. ނަމަވެސް ލަފްޒު ނިސްބަތްވަނީ ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާއަށް ކަމުގައެވެ. ޤުދުސިއްޔަ ޙަދީސާއި އެހެން ޙަދީސްގެ ތަފާތަކީ އެޙަދީސް މާތް ރަސޫލާ ސީދާ މާތްﷲއަށް ނިސްބަތްކުރައްވާ ކަމެވެ. ނަމަވެސް ކީރިތި ޤުރުއާނާ ޤުދުސިއްޔަ ޙަދީސްގެ ތަފާތަކީ އެޙަދީސްތައް ކިޔެވުން އަޅުކަމެއް ކަމުގައި ނުވާތީއެވެ. އަދި އެޙަދީސްތައް ލިޔެވިފައިވާ ފަތްފުއްތަކުގައި ބީހި އުފުލުމަށް ވުޟޫކުރަންވެސް ނުޖެހޭ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު