Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

އިސްލާމީ ހުޅަނގުގައި ވަޙުދަތު ޤާއިމުކޮށްދެއްވި ލީޑަރު: ޔޫސުފް ބިން ތާޝަފީން

އިސްލާމީ ޙަޟާރަތުގެ ވަރަށް ކުރީ ކޮޅުގައި ހުޅަނގުގައި ޤާއިމުވެގެންދިޔަ އިސްލާމީ ދައުލަތު ވިއްސިވިހާލިވެ، ބައިބަވުން ބޮޑުވެފައިވަނިކޮށް އިސްލާމީ ހުޅަނގުގައި އެއްބައިވަންތަކަން ޤާއިމުކޮށްދެއްވައި އިސްލާމީ ވަޙުދަތުގެ ދިރުން އިސްލާމީ ހުޅަނގަށް ގެނެސްދެއްވި ލީޑަރަކީ ޔޫސުފް ބިން ތާޝަފީނެވެ. އެމަނިކުފާނަކީ ޚުލަފާއުއް ރާޝިދީންގެ ހަވަނަ ބޭފުޅާގެ ގޮތުގައި ބައެއް ތާރީޚު ފޮތްތަކުގައި ލިޔެވިފައިވާ އަގުހުރި އިސްލާމީ ޝަޚުޞިއްޔަތެކެވެ.
ޔޫސުފު ބިން ތާޝަފީން ނިސަބަތްވެވަޑައިގަންނަވަނީ މިޒަމާނުގެ މޮރިޓޭނިޔާއަށެވެ. އެތަނުގައި ދިރިއުޅުނު ލަމްތޫނާ ނަމަކަށް ކިޔުނު ޤަބީލާއަކަށެވެ. އަދި އެޤަބީލާއަކީ އެސަރަހައްދުގައި އިސްލާމީ ދައުލަތެއް ޤާއިމުކޮށް ޣައިރު މުސްލިމު ޤަބީލާތައް އިސްލާމުކޮށް، އެސަރަހައްދުގެ ޢަރަބި ޤަބީލާތައް އެއްތަންކުރި ވަރުގަދަ ޤަބީލާއެކެެވެ. އެޤަބީލާއިން ބިނާކުރި ދައުލަތުގެ ނަމަކަށް އިސްލާމީ ތާރީޚު ފޮތްތަކުގައި ލިޔެފައިވާ ނަމަކީ ދައުލަތުއް ރިބާޠި ވަލް އިޞްލާޙެވެ. ޖިހާދާއި އިޞްލާޙުގެ ދައުލަތެވެ.
ޔޫސުފު ބިން ތާޝަފީނަށް މިދައުލަތުގެ އަމީރުކަން ލިބިވަޑައިގަތުމާއެކު ހުޅަނގު އެފްރިކާ އިސްލާމީ ދިދައިގެ ދަށުގައި އެއްބައިވަންތަކުރެއްވުމުގެ މަސައްކަތް އަވަހަށް ފެއްޓެވިއެވެ. މަސައްކަތްޕުޅު ނިންމަވައިލެއްވީ ހުޅަނގު އެފުރިކާގެ ގިނަ ޤަބީލާތަކެއް އެމަނިކުފާނުގެ ދައުލަތުގެ ތެރެއަށް ގެންނަވައި ދައުލަތް ފުޅާކުރެއްވުމަށް ފަހުއެވެ. އަދި އެދައުތުގެ ވެރި ރަށެއްގެ ގޮތުގައި އޭނާ އިޚުތިޔާރުކުރެއްވީ މަރާކިޝްއެވެ.
އިސްލާމީ ތާރީޚު ލިޔުއްވި މަޝްހޫރު ލިޔުންތެރިޔާ އިބްނު ޚަލްދޫނު ލިޔުއްވާފައިވާ ގޮތުގައި މަޣުރިބުގައި ޔޫސުފު ބިން ތާޝަފީން ބާރު ގަދަވެ ހުޅަނގު އެފުރިކާ އެމަނިކުފާނުގެ އަތްޕުޅު މައްޗަށް ލިބުމާއެކު، "އަމީރުލް މުއުމިނީން"ގެ ލަޤަބު އެމަނިކުފާނަށް ދިނުމަށް އެމަނިކުފާނަށް ތަބާވާ ބައެއް މީހުން ބޭނުންވިއެވެ. ނަމަވެސް އެ ލަޤަބު އެންމެ ޙައްޤުވަނީ އެއިރު ބަލިކަށިވެފައިވާ ޢައްބާސީ ޚިލާފަތުގެ ޚަލީފާއަށް ކަމުގައި ވިދާޅުވެ އެލަޤަބު ނެންގެވުމަށް ޔޫސުފު ބިން ތާޝަފީން އިންކާރުކުރެއްވިއެވެ. އެހިސާބުން އެމަނިކުފާނުގެ އަރިހުގައި އުޅުނު މީހުން އެމަނިކުފާނަށް އަމީރުލް މުސްލިމީން ނުވަތަ މުސްލިމުންގެ އަމީރުގެ ލަޤަބު އަރުވައި އެލަޤަބުން މުޚާޠަބުކުރަން ފަށައިފިއެވެ.
ބަލިކަށިވެ އިންދިރާސްވުމާ ގާތްވެފައިވާ ޢައްބާސީ ޚިލާފަތުގެ ޚަލީފާއެއްގެ ގޮތުގައި އެއިރު ހުންނެވީ އަޙްމަދުލް މުސްތަޡްހިރު ބިއްލާހިއެވެ. ޔޫސުފު ބިން ތާޝަފީނު އޭނާއަށް ބައިޢަތު ހިއްޕަވައި އޭނާގެ ވާލީއަކަށް ވެވަޑައިގަތުމަށް އެދިވަޑައިގަތެވެ. އެހެންކަމުން ޚަލީފާއަށްވުރެ ހުރިހާ ގޮތަކުން ބާރުގަދަ ވެރިއަކަށްވެ ވަޑައިގަތުމާއެކުވެސް ޔޫސުފު ބިން ތާޝަފީން އިޚުތިޔާރުކުރެއްވީ އިސްލާމީ އުންމަދުގެ އެއްބައިވަންތަކަމަށްޓަކައި ޚަލީފާގެ ނަންފުޅުގައި ވެރިކަން ކުރެއްވުމެވެ.
މިޒަމާނުގައި އަންދަލުސްގައި ތިބި މުސްލިމުން ތިބީ ބައިބައިވެފައެވެ. ވިއްސިވިހާލިވެ އެކި ކުދި ދައުލަތްތަކަށް ބެހިފައެވެ. މިބައިބައިވުމުގެ ފައިދާ ނަންގަވައި އަލްފަންސޯ ހަވަނަ މުސްލިމުންގެ ދައުލަތްތަކަށް ހަމަލަދެއްވައި އެދައުލަތްތައް އަޅުވެތިކުރައްވަން ފެއްޓެވިއެވެ. އަންދަލުސްގައި އެއިރު 22 ކުދި ދައުލަތް އޮތެވެ. މިދައުލަތްތަކުގެ ތެރެއިން ބައެއް ދައުލަތްތައް އަލްފަންސޯގެ ބާރުގެ ދަށަށް ގެންނަވައި އަނެއް ބައި ދައުލަތްތަކަށް އުދަގޫކުރައްވައި ދަތިކުރައްވަން ފެއްޓެވުމުން މިއިން ބައެއް ދައުލަތްތަކުގެ ވެރިން ޔޫސުފު ބިން ތާޝަފީންގެ އެހީތެރިކަމަށް އެދިވަޑައިގެންފިއެވެ.
މިފަދައިން އަންދަލުސްގެ ރަސްރަސްކަލުން ޔޫސުފު ބިން ތާޝަފީންގެ މަދަދަށް އެދިވައިޑަގަތް އިރު އެމަނިކުފާނުގެ ޢުމުރުފުޅުން 70 އަހަރުފުޅު ވެއްޖެއެވެ. އެމަނިކުފާނު އެއިރު ހުންނެވީ މަޣުރިބު ކަރައިގައެވެ. ކަނޑު ހުރަސްކުރައްވައި މަޣުރިބުގެ ބޮޑު ލަޝްކަރައިގެން ވަޑައިގެން އަލްފަންސޯގެ 80،000 ހަނގުރާމަވެރިންގެ ލަޝްކަރާ ކުރިމަތިލައްވައި ބަލިކުރެއްވިއެވެ. އެއަށްފަހު އަނބުރައި މަޣުރިބަށް ވަޑައިގެންނެވިއެވެ. މިގޮތަށް އިތުރު ދެފަހަރެއްގެ މަތިން އަންދުލުސަށް ވަޑައިގެން އަންދުލުސްގެ ކުދި ދައުލަތްތައް ސަލާމަތްކުރެއްވިއެވެ. ފަހު ފަހަރު ވަޑައިގެންނެވީ އަންދަލުސްގެ ކުދި ދައުލަތްތަކުގެ ތެރެއިން ދައުލަތެއްގެ ވެރިޔެއް އެމަނިކުފާނަށް ޚިޔާނާތްތެރިވެވަޑައިގަތުމުންނެވެ. މިފަހަރު ވަޑައިގެން ހުރިހާ ދައުލަތްތަކެއް މުރާބިޠީންގެ ބާރުގެ ދަށަށް ގެންނަވައި އަލުން އަންދަލުސްގައި މުސްލިމުންގެ އެއް ދައުލަތް ޤާއިމުކުރައްވައި އިސްލާމީ ވަޙުދަތު ހުޅަނގުގެ އިސްލާމީ ދައުލަތަށް އަނބުރައި ގެނެސްދެއްވިއެވެ. އެދައުލަތުގެ މައްޗަށް ވެރިކަން ހިންގަވަން ދަރިކަލުން ޢައްޔަންކުރެއްވުމަށް ފަހު ޔޫސުފް ބިން ތާޝަފީން ވަޑައިގަތީ މަޣުރިބަށެވެ.
ޢުމުރުފުޅުން 99 އަހަރުފުޅާ ގާތްވެފައިވަނިކޮށް އޭނާ ދުނިޔެ ދޫކުރައްވައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ ހިޖުރައިން 500 ވަނަ އަހަރުގައެވެ. އެއީ މީލާދީ ސަނަތުން 1106 ވަނަ އަހަރެވެ. އެެމަނިކުފާނަށް ފަހު އެމަނިކުފާނު ޤާއިމުކުރެއްވި ދައުލަތުގެ ވެރިއަކަށް އިޚުތިޔާރުކުރެއްވީ އެންމެ ހަގު ދަރިކަލުން ޢަލީ ބިން ޔޫސުފު ބިން ތާޝަފީނެވެ. ޢަލީގެ ވެރިކަމުގައިވެސް މުސްލިމު ހުޅަނގުގެ އެއްބައިވަންތަކަން ދިފާޢުކުރައްވައި ޣައިރު މުސްލިމުންގެ ހަމަލާތަކުން އިސްލާމީ ހުޅަނގު ދަފަރާކުރެއްވިއެވެ.
ޔޫސުފު ބިން ތާޝަފީންގެ ތާރީޚަކީ ހަމައެކަނި ޖިހާދާއި ހަނގުރާމައިގެ ތާރީޚެއް ނޫނެވެ. އެމަނިކުފާނުގެ ވެރިކަމުގައި އިސްލާމީ އުންމަތުގެ ވަޙުދަތު ޤާއިމުކުރެއްވުމުގެ އިތުރަށް، އިސްލާމީ ހުޅަނގުގައި ޢިލްމު ފެތުރުއްވިއެވެ. މިސްކިތްތައް ބިނާކުރައްވައި އައު ޝަހަރުތައް އާބާދުކުރެއްވިއެވެ. ޢުމްރާނީ ތަރައްޤީގެ އައު ދިރިމުއް ގެނެސްދެއްވިއެވެ. ޢަދުލުވެރި ވެރިކަމެއް ޤާއިމުކުރައްވައި، މުސްލިމުންނަށް އިސްލާމީ ބައެއް ވެރިންގެ ކިބައިން ލިބުނު ބޭއިންސާފާއި އަނިޔާ އުފުއްލަވައިދެއްވައި ދުރުކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ