Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

ހުކުރު ޚުޠުބާ: ހިޖުރައިން މުސްލިމު އުންމަތަށް ގިނަގުނަ ފިލާވަޅުތަކެއް ފޯރުކޮށްދޭ

މިއަދުގެ ހުކުރު ޚުޠުބާގައި މާދަމާއަކީ ހިޖުރީ އައު އަހަރެއް ފެށޭ ދުވަސްކަމާއި އެހެންކަމުން މިފަދަ ދުވަހެއްގައި ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާ މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވުމާމެދު ފުންކޮށް ވިސްނައިލަން ޖެހޭކަން ފާހަގަކުރައްވާފައިވެއެވެ. އޭގެ އިތުރުން ޚުޠުބާގައި ފާހަގަކޮށްފައިވަނީ ހިޖުރައަކީ ތިމާގެ ވަޒަން ދޫކޮށް އެހެން ރަށަކަށް ނުވަތަ ވަޠަނަކަށް ދިއުމަށްވުރެ ފުޅާ ތަނަވަސް މާނައެއް އެކުލެވިގެންވާ ބަހެއް ކަމުގައެވެ. އަދި ސަލާމާތް ޞަލަވާތް ލެއްވުނު މާތް ނަބިއްޔާގެ ޙަދީސް ބަސްފުޅުތަކަށް ނަޒަރުހިންގައިލުމުން ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ އުރެދުންތައް ދޫކޮށް، ދަރުމައާއި ސަވާބު ލިބެނެވި މަގަށް ރުޖޫޢަވުން ކަން އެނގޭ ކަމުގައި ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
އަދި އޭގެ އިތުރުން މިއަދު ޚުޠުބާގައި ފާހަގަކޮށްފައިވަނީ ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރާގައި މުސްލިމުންނަށް އަގުހުރި އެތައް ފިލާވަޅެއް ލިބެން ހުރިކަމެވެ. އެގޮތުން ޚުޠުބާގައި ފާހަގަކޮށްފައިވާ އެންމެ ފުރަތަމަ ފިލާވަޅަކީ ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ދަރުހެވެ. އެއީ ސަލާމާއި ޞަލަވާތްލެއްވުނު ކީރިތި ރަސޫލާ އެކަލޭގެފާނު އެންމެ ލޯބިކުރެއްވި ފަސްގަނޑުދޫކުރައްވައި، ދީނަށްޓަކައި ހިޖުރައަށް ވަޑައިގެންނެވުމުން ލިބޭ އަގުހުރި ފިލާވަޅެވެ. އަދި ބައެއް ޞަޙާބީން އެބޭފުޅުންގެ މުޅި މުދާ އެކީ ދޫކުރައްވައި ހިޖުރައަށް ނުކުމެވަޑައިގެންނެވުން އެއީ ހިޖުރައިން މުސްލިމުންނަށް ލިބޭ އަގުހުރި ދަރުހެކެވެ. އެބޭކަލުންގެ މުދަލަށްވުރެ އިސްލާމްދީނުގެ އަގު އެބޭކަލުން އަރިހުގައި އުފުލިފައި މަތިވެރިކަމުގެ ދަރުހެވެ.
ހިޖުރައިގެ ފިލާވަޅުތަކުގެ ތެރެއިން ޚުޠުބާގައި ދެވަނައަށް ފާހަގަކޮށްފައިވަނީ ކަމެއް ކާމިޔާބުވުމުގައި އެކަމަކަށް ތައްޔާރުވުމުގެ ބޭނުންތެރިކަމެވެ. އެގޮތުން ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ ހިޖުރައަށް ތައްޔާރުވެވަޑައިގެންނެވި ގޮތާއި އެކަމުގައި ގެންގުޅުއްވި ރޭވުންތެރިކަން ޚުޠުބާގައި ތަފުޞީލުކޮށް ބަޔާންކޮށްދީފައިވެއެވެ. ޚުޠުބާގައި އިތުރަށް ފާހަގަކޮށްފައިވަނީ ހިޖުރައިގެ ފިލާވަޅުތަކުގެ ތެރޭގައި ދަތިކަމާއި އުދަގުލުގައިވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަމާއެކު ތިބޭ ތިބުން ހިމެނޭކަމުގައެވެ.
އެގޮތުން ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ އަދި މާތްﷲ އެބޭކަލުންނަށް ރުއްސުންލެއްވި ޞަޙާބީންނަށް ކުރިމަތިވެވަޑައިގެންނެވި ދުއްތުރާއާއި އުދަގުލާއި ދަތިތަކުގައިވެސް އީމާންކަމުގެ ވައުފަށުގައި ގަދައަށް ހިއްޕަވައި، ސާބިތުވެވަޑައިގެންނެވުން ޚުޠުބާގައި ފާހަގަކޮށްފައިވަނީ ހިޖުރައިން މުސްލިމުންނަށް ލިބޭ މަތިވެރި ޢިބުރަތެއް ކަމުގައެވެ. އަދި ހަމައެއާއެކު، ކަންކަމަށް ތައްޔާރުވުމާއެކު، އެކަންކަމުގައި މާތްﷲއަށް ވަކީލުކުރުމުގެ މުހިއްމުކަމަކީވެސް ހިޖުރައިން ލިބޭ އިބުރަތެއް ކަމުގައި ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ސަލާމާއި ޞަލަވާތްލެއްވުނު ކީރިތި ރަސޫލާ އެކަމުގައި ދެއްކެވި ނަމޫނާ މިއަދު ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
ޚުޠުބާ ނިންމާލާފައިވަނީ މުޙައްރަމް މަހުގެ 10ވަނަ ދުވަސް ނުވަތަ ޢާޝޫރާ ދުވަހު ރޯދައިގެ ސަވާބާއި ދަރުމަ ހަނދުމަކޮށްދެމުންނެވެ. އެގޮތުން ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާގެ ނަބަވީ އިރުޝާދުފުޅުތަކުން އެދުވަހު ރޯދަހިފުމަކީ ފާއިތުވި އަހަރުގެ ފާފަތައް ފުއްސަވާ، އެކުށްތަކަށް ކައްފާރާއެއްކަން ބަޔާންވެފައިވާކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
މި ލިއުމާއި ގުޅޭ