Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

ދީނާއި ސިޔާސަތު ވަކިކުރުން: ޝަރުޢީ ނަޒަރަކުން

ޢަލްމާނީން ނުވަތަ ސެކިއުލަރ ވިސްނުމުގެ މީހުން، ދައުލަތާއި ދީނުގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ ނަޒަރިއްޔާ، ތަރުތީބުކޮށްފައިވަނީ އެންމެ އިސްކަމެއްގެ ގޮތުގައި ސިޔާސަތާއި ދީންވަކިކޮށް ދީނާއި ސިޔާސަތުވަކިކޮށްގެނެވެ. އަދި އެމީހުން އަންނަވި މަޝްހޫރު ބުނުން ފެތުރިއެވެ. ސިޔާސަތުގައި ދީނެއްނުވެއެވެ. އަދި ދީނުގައި ސިޔާސަތެއްނުވެއެވެ. މިޢިބާރަތަކީ ބަޙުސްކުރުމާއި ނަޤުދުކުރުމުގެ މަސްރަޙުގައި ސާބިތުނުވާނެ ބަހެކެވެ.
އަދިކިއެއްތޯއެވެ؟ މިބައިމީހުންގެ ތެރެއިން ބައެއް މީހުންނަކީ ދިރިއުޅުމާއި ދީންވަކިކުރުމަށް ގޮވާލާ މީހުންނެވެ. އެބައިމީހުން ދެކޭ ގޮތުގައި ފަރުދެއްގެ ފެންވަރުގައި އެމީހެއްގެ ޟަމީރުގައި މެނުވީ ދީނުގެ ދައުރެއް ނޯންނާނެއެވެ. ދީނުގެ ދާއިރާ އެއަށްވުރެ ތަނަވަސްކުރަން އެދޭނަމަ، މިސްކިތާއި ޗާޗުގެ އިން ފުދެއެވެ. މިފަދަ ސެކިއުލަރިސަމް ނުވަތަ ޢަލްމާނިއްޔަތަށް د. عبد الوهاب المسيري ދެއްވާނަމަކީ ޝާމިލު ޢަލްމާނިއްޔަތުގެ ނަމެވެ. ސިޔާސަތުގައި ދީނެތް ނުވާނެކަމަށް ބުނެވޭ ބަހާމެދުކުރެވޭ ބަޙުސް
ސިޔާސަތުގައި ދީނެއްނެތްކަމަށް ބުނާ ބަހުގެ މުރާދަކީ ކޮބައިހެއްޔެވެ؟ އޭގެ މާނައަކީ ސިޔާސަތަށް ދީނެއް ނެތުމުން ދީނީ އަގުކުރުންތަކާއި ޤަވާޢިދުތަކަށް ތަބާވާން ނުޖެހޭނެ ވާހަކަހެއްޔެވެ؟ އަދި ސިޔާސަތަކީ ކޮންމެ ގޮތަކުން ނަމަވެސް ފައިދާ ހޯދައިގަތުން (Pragmatism) ބެލުން ހެއްޔެވެ؟ އެއީ މާއްދީ ނުވަތަ ވަޠަނީ ނުވަތަ ސިޔާސީ ނުވަތަ ކޮންމެވެސް ބާވަތެއްގެ މަންފާއެއްކަމުގައި ވަނީނަމަ ނިމުނީހެއްޔެވެ؟ އަދި އަވަސް މަޞްލަޙަތަކީ ދީނާއި އެދީނުގެ އުޞޫލުތަކުގެ މަތީގައި ވާއެއްޗެއްކަމުގައި ޤަބޫލުކުރުމެވެ. ސިޔާސަތުގެ ދުނިޔޭގައި މާތްﷲއާއި އެކަލާނގެ އަމުރުފުޅުތަކަށާއި ނަހީފުޅުތަކަށް މަޤާމެއްނެތްކަމަށް ޤަބޫލުކުރުން ހެއްޔެވެ؟
ޙަޤީޤަތުގައި މިބަހުގެ މުރާދަކީ މަކިއަވެލީގެ ނަޒަރިއްޔާއަށް ތަބާވުމެވެ. އެއީ ސިޔާސަތާއި އަޚުލާޤު ވަކިކުރާ ނަޒަރިއްޔާއެކެވެ. އަދި މިނަޒަރިއްޔާ ބުނެދޭ ގޮތުގައި ލަނޑުދަނޑު ރަނގަޅުނަމަ، އެލަނޑުދަނޑި ޙާޞިލުކުރުމަށް ކޮންމެ ވަސީލަތެއް ބޭނުންކުރުންވެސް ރަނގަޅުވާނެއެވެ. އެއީ ޑިކުޓޭޓަރުންނާއި އަނިޔާވެރިވެރިން އެބައިމީހުންގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އެނޫން ގޮތަކަށް ޞިފަކޮށްދީ އެކަންކަން ބަރީއަކުރުމަށް ބޭނުންކުރާ ނަޒަރިއްޔާއެވެ. އަދި ޚާއްޞަކޮށް އެބައިމީހުންނާ އިދިކޮޅު ފަރާތްތަކާ މެދު ހިންގާ ޖަރީމާތައް ޒީނަތްތެރިކުރަނީ މިނަޒަރިއްޔާގެ އެހީގައެވެ. ދައުލަތުގެ އަމާންކަން ދެމެހެއްޓުމުގެ ނަމުގައި ނުވަތަ ކޮންމެވެސް އެފަދަ އެހެން ބަހަނާއެއް ދެއްކުމަށްފަހު، މީހުންގެ ކޮއްތަށް ހުރަސްއަޅައި، އެކި ޒާތުގެ އަދަބުތައްދީ، މީހުންގެ ދިރިއުޅުން ދަތިކުރާކަށް އެއުރެން ޖެހިލުމެއްނުވާނެއެވެ.
އިންސާނިއްޔަތު އެސިޔާސަތަކަށް ބޭނުންވެގެންވާ ސިޔާސަތަކީ މިއީހެއްޔެވެ؟ ނުވަތަ އިންސާނިއްޔަތު ރަނގަޅުކުރާނެ ސިޔާސަތަކީ މިއީތޯއެވެ؟
އިންސާނުންގެ ކަންކަން އިޞްލާޙުގެ މަގަށް އެޅުވޭނީ ދީނީ އަގުކުރުންތަކާއި އަޚުލާޤީ ޤަވާޢިދުތަކުގެ އިމުން ނުނުކުންނަ ސިޔާސަތަކަށެވެ. ހެވާއި ނުބައިގެ މިންގަނޑުގައި ހިފަހައްޓާ ސިޔާސަތަކަށެވެ. އަދި ޙައްޤާއި ބާޠިލުގެ ތިލަފަތް ޤަބޫލުކުރާ ސިޔާސަތަކަށެވެ.
ސިޔާސަތު ދީނާ ގުޅުމުގެ މާނައަކީ ބެލެހެއްޓުންތެރިކަމުގައި ޢަދުލުވެރިވުމާއި މުއްސަނދިކަން ބެހުމުގައި ހަމަހަމަވުމާއި އަނިޔާވެރިޔާގެ މައްޗަށް އަނިޔާ ލިބޭ ފަރާތަށް ނަޞްރުވެރިވުމާއި، ހަމަހަމަ ފުރުޞަތުތަކެއް މީސްތަކުންނަށް ލިއްބައިދިނުމާއި، ޔަތީމުންނާއި ފަޤީރުންނާއި، މަގުގެއްލިފައިވާ މީހުންނާއި، މުޖުތަމަޢުގައި ނިކަމެތިވެގެންވާ ގިންތިތަކަށް ބަލައި އޯގާވެރިވުމެވެ. އަދި ޢާންމު ގޮތެއްގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ނެގެހެއްޓުމެވެ.
ބައެއްމީހުން ޤަބޫލުކުރާ ފަދައިން ސިޔާސަތުގެ ތެރެއަށް ދީން ވަނުމަކީ ސިޔާސަތަށް ނުވަތަ ދީނަށް ހުރި ގެއްލުމެއް ނޫނެވެ.
އެހެނީ ޙައްޤު ދީން ސިޔާސަތުގެ ތެރެއަށްވަންނާނީ މަގުދައްކާ އާރުކާޓީއެއް ގޮތުގައެވެ. ޙައްޤު ގޮތް ބަޔާންކުރާ، މަގުފުރެދުމާއި ނުބައިކަންކަމުން ނެރެދޭ ވާގިވެރިއެއްގެ ގޮތުގައެވެ. އެދީން އަނިޔާއަކަށް ނުރުހޭނެއެވެ. މަކަރާއި ޚިޔާނަތާ އެއްބަހެއް ނުވާނެއެވެ. އަދި އިނދިކީލަވާ ހިނދު ހަނު ނުހުންނާނެއެވެ. އަދި ބަލިކަށި މީހުންގެ މައްޗަށް ބާރުހުރި މީހުން ވެރިވުމަކާ އެއްބަހެއް ނުވާނެއެވެ. އަދި އަދި ބޮޑެތި ވަގުންނަށް ކަމޭހިތުމާއެކު، ކުދި ވަގުންނަށް އަދަބު ދިނުމުގެ އުޞޫލަކާވެސް އެއްބަހެއް ނުވާނެއެވެ.
ސިޔާސަތުގެ ތެރެއަށް ދީންވަދެއްޖެނަމަ، އިންސާނާގެ ނިސްބަތުގައި، އަދި މުޖުތަމަޢުގެ ނިސްބަތުގައި، މަތިވެރި ލަނޑުދަނޑިތަކެއް ހޯދައިދެއެވެ. ﷲ އެއްކައުވަންތަކުރުމާއި، ނަފްސު ޠާހިރުކުރުމާއި ރޫޙާނިއްޔަތު މަތިވެރިކުރުމާއި އަޚުލާޤު ހެޔޮމަގަށް އެޅުވުމެވެ. އަދި މާތްﷲ އިންސާނާ އުފެއްދެވި މަޤުޞަދުތައް ޙާޞިލުކުރަން މަސައްކަތްކުރާނެއެވެ. ﷲއަށް އަޅުކަންކުރުމާއި ބިން އާރާސްތުކުރުމާއި މާތްﷲގެ ޚަލީފާއެއްގެ ވަޒީފާ އަދާކުރުމުގެ އިތުރަށް ޢާއިލީ ގުޅުންތައް ހަރުދަނާކޮށް، އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދީ، އުންމަތުގެ އެއްބައިވަންތަކަން ރައްކާތެރިކޮށް، ދައުލަތުގެ ޢަދުލުވެރިކަން ޤާއިމުކޮށް އިންސާނީ މުޖުތަމަޢުގެ އެކުވެރިކަން އުފައްދާނެއެވެ.
މަތިވެރި ލަނޑުދަނޑިތަކަކަށް މަގުދެއްކުމާއެކު، އެލަނޑުދަނޑިތައް ޙާޞިލުކުރާނެ މަތިވެރި މަންހަޖެއްވެސް ދީނުގެ ސަބަބުން އެގިގެންދާނެއެވެ. އަދި އެމަންހަޖަކީ ދިރިއުޅުމުގެ މައިދާނުގައި ތަންފީޛުކުރެވޭ މަންހަޖެއްކަމުގައިވާނެއެވެ. ހަމައެކަނި ޖަހައިލެވޭ މިސާލުތަކެއް ނުވަތަ ސިކުނޑީގައި ހުރި ފިކުރުތަކެއް ކަމުގައި އެކަންކަން ނުވާނެއެވެ.
އަދި ހަމައެފަދައިން ދީނުގެ ސަބަބުން ސިޔާސަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް، ހެޔޮކަންކަމަށް ނަޞްރު ދިނުމުގެ ޤާބިލުކަމާއި، ބޭނުންޖެހިފައިވާ މީހާއަށް އެހީތެރިވުމުގެ ކުޅަދާނަކަމާއި، އަދި ނިކަމެތި މީހާއަށް ވާގިވެރިވެ، އަނިޔާވެރިޔާގެ އަތުގައި ހިފަހައްޓެމުގެ ކެރިފޯރުންތެރިކަން ލިއްބައިދެއެވެ. އަދި އަނިޔާވެރިވާ މީހާ އޭނާގެ އަނިޔާވެރިކަން ދޫކުރަންދެން އޭނާގެ ކުރިމަތީ ހުރުމުގެ ޤާބިލުކަން ހޯދައިދެއެވެ. ޞައްޙަ ޙަދީސްގައި ކީރިތި ރަސޫލުﷲ(އެކަލޭގެފާނަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ.)ގެ ކިބައިން ރިވާވެގެންވާ ފަދައިންނެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. "انصر أخاك ظالما أو مظلوما". قالوا: يارسول الله، ننصره مظلوما، فكيف ننصره ظالما؟ قال: "تمنعه من الظلم، فذلك نصر له" (1) މާނައީ: ތިބާގެ އަޚާއަށް އަނިޔާވެރިއެއްކަމުގައި އޭނާވާ ޙާލަތުގައި ނުވަތަ އަނިޔާ ލިބޭ މީހެއްކަމުގައި އޭނާވާ ޙާލަތުގައިވެސް ވާގިވެރިވެ، ނަޞްރުދޭށެވެ. އެހިނދު އެކަލޭގެފާނުގެ ޞަޙާބީން ދެންނެވޫއެވެ. އަނިޔާލިބޭ މީހާއަށް ނަޞްރުވެރިވާނެ ގޮތް އަޅުގަނޑުމެން ދަންނަމުއެވެ. އެކަމަކު އަނިޔާވެރިވާ މީހައަށް ނަޞްރުވެރިވާނީ ކިހިނަކުންތޯއެވެ؟ އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. އޭނާ އަނިޔާވެރިވުން މަނާކުރާނީއެވެ. އެއީ އޭނާއަށް ލިބޭ ނަޞްރެކެވެ.
އަދި ހަމައެފަދައިން ދީނުގެ ސަބަބުން ސިޔާސީ މީހުންނަށް، ކުށްފާފައިގެ ސަބަބުން މަލާމާތް ރައްދުކުރާ ނަފްސު ނުވަތަ، ދިރުން ހުރި ޟަމީރު ލިބެއެވެ. އޭގެ ސަބަބުން މުދަލުގެ ތެރެއިން ޙަރާމްއެއްޗެހި ކެއުމާ ދުރުވެއެވެ. ޙަރާމްވެގެންވާ ކަންކަން ޙަލާލުކުރުމާ ދުރުވެއެވެ. ޢާންމު މުދާ ބާޠިލުގޮތުގައި ކެއުމާމެދު، ބިރުހީވެއެވެ. ހަނދިޔާގެ ނަމުގައި ނުވަތަ ފީއެއްގެ ނަމުގައި ރިޝްވަތު ނެގުމާމެދު، ބިރުގަނެއެވެ. އަދި އެއީ (ދީނަކީ) ވެރިކަން ކުރާ ފަރާތުން ޢާންމުންގެ ކިބައިން ނަޞޭޙަތަށާއި ހަމަމަގަށް އެޅުވުމަށް އެދެން ޖެހޭ ސަބަބެވެ. "ތިމަންކަލޭގެފާނަށް ކުށެއް ކުރެއްވުނުނަމަ، ހަމަމަގަށް އަޅުވާށެވެ.) (2) އަދި (ތިޔަބައިމީހުންކުރެ، ތިމަންކަލޭގެފާނުގެ ކިބައިން އިނދިކީލަވުމެއް ފެނިއްޖެ މީހާ، އެކަން ހަމަ މަގަށް އަޅުވާހުށިކަމެވެ.) (3)
އަދި ޢާންމުންނަށް ޙައްޤު ބަސްބުނުމުގެ ޤާބިލުކަން ދީނުގެ ސަބަބުން ލިބެއެވެ. އަދި ވެރިންނަށް ނަޞީޙަތްތެރިވުމާއި، އެމީހުންގެ ކަންކަން ބެލެހެއްޓުމާއި، މަގުން ކަސިޔާރުވާނަމަ، ހަމަމަގަށް އެޅުވުމުގެ ކުޅަދާނަކަން ޢާންމުނަށް ދީން ފޯރުކޮށްދެއެވެ. އަދި މީހަކު ކޮށްފާނެ މަލާމާތަކަށް ފުރައްސާރައަކަށް އެކަމުގައި ނުބަލައެވެ. ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތްތަކުގައި ބަޔާންކުރައްވާފައިވާ ވަޢީދުގެ ތެރެއަށް ނުވަނުމަށެވެ. واتّقُوا فتْنةً لا تُصيبَنَّ الذينَ ظَلمُوا منْكُم خاصَّة واعْلمُوا أنَّ اللهَ شَديدُ العقاب އަންފާލު 25 މާނައީ: ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވީމީހުންނަށް ޚާއްޞަކޮށް ނާންނާނެ، ޢަޛާބަކަށް ބިރުވެތިވާށެވެ. އަދި ﷲއަކީ ޢިޤާބު ގަދަފަދަވެގެންވާ އިލާހުކަން ދަންނާށެވެ. އަދި ރަސޫލުﷲ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.)ގެ އަންނަނިވި ޙަދީސްބަސްފުޅުގެ ތެރޭގައި ނުހިމެނުމަށެވެ. "إذا رأيت أمتي تهاب أن تقول للظالم: يا ظالم، فقد تُوُدِّعَ منهم" (4) މާނައީ: ތިބާއަށް ތިމަންކަލޭގެފާނުގެ އުންމަތް، އަނިޔާވެރިޔާއަށް އޭ އަނިޔާވެރިޔާއޭ ބުނަން ނުކުޅެދިގެންވާ ޙާލުގައި ފެނިއްޖެނަމަ، އެމީހުންގެ ކިބައިން ހުރިހާ ހެޔޮކަމެއް އުފުލިއްޖެއެވެ. މާނައަކީ އަނިޔާވެރިންނާ ދެކޮޅު ހެދުމުގެ ޤާބިލުކަމެއް ނެތުމުން އެބައިމީހުން ކިބައިގައި ހެޔޮކަމެއް ނުވާނެއެވެ. އަދި އެބައިމީހުން ދުނިޔޭގައި ތިބުމެކޭ ނެތުމެކޭ އެއްހަމަވެއެވެ.
ސިޔާސީ ޝަޚުޞިއްޔަތެއް ދީނުގައި ހިފަހައްޓައިފިނަމަ، އޭނާ އެހިފަހައްޓާނީ އިތުބާރުހުރި ބައިވެރިއެއްގައެވެ. ނުވަތަ ބާރުހުރި އަސައެއްގައެވެ. އަޚުލާޤީ ބަލިމަޑުކަމުން ދީން އޭނާ ރައްކާތެރިކޮށްދެއެވެ. ނިފާޤުކަމުގެ ކުނިބުނިން ހިމާޔަތްކޮށްދެއެވެ. އޭނާ ބަހެއް ބުނަނީމަ، ދޮގެއް ނަހަނދާނެއެވެ. އަދި ވަޢުދެއްވެއްޖެނަމަ، އެވަޢުދަކާ ޚިލާފުނުވާނެއެވެ. އަދި އަމާނާތެއް ހަވާލުކުރެވިއްޖެނަމަ، ޚިޔާނާތްތެރިނުވާނެއެވެ. އަދި ޢަހުދުކަށަވަރެއް ހިފައިފިނަމަ، ޣަދަރުވެރިނުވާނެއެވެ. އަދި މީހަކާ ދެބަސްވިޔަސް ހަނޑިހުތުރު ބަހުރުވަ ބޭނުންނުކުރާނެއެވެ. އޭނާގެ އުޅުމާއި ސުލޫކު ހުންނާނީ މަކާރިމުލް އަޚުލާޤާއި މަތިވެރި މިސާލުދެއްކުމުގެ އިމުގައި ހިފެހެއްޓިފައެވެ.
ކާފަރުންނާއެކު، ކީރިތި ރަސޫލުﷲ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްހުރި) އެއްބަސްވުމެއް ވެވަޑައިގެންފައިވަނިކޮށް އެމީހުންނާ ދެކޮޅަށް އެހީތެރިކަމާއި މަދަދު ލިބިވަޑައިގަތުމުން އެމަދަދު ރައްދުކުރެއްވި އިރު އެދެއްކެވި މިސާލު ފަދައިންނެވެ. އެކަލެގެފާނު ޙަދީސްކުރެއްވިއެވެ. "نفي لهم ونستعين الله عليهم"4 މާނައީ:އެބައިމީހުންނަށްޓަކައި ނަފީކުޅައީއެވެ. އަދި އަހަރެމެން ވާއްގަށް މަދަދަށް އެދެނނީ މާތްﷲގެ ޙަޟްރަތުންނެވެ. އަދި ހަނގުރާމައެއްގައި އަންހެނަކު މެރުމާމެދު އިންކާރުކުރައްވައި ޙަދީސްކުރެއްވިއެވެ. : "ما كانت هذه لتقاتل"5 މާނައީ: މިކަނބުލޭގެ މެރުމެއް ތިޔަބައިމީހުންނަކަށް ނުވެއެވެ. އަދި އަންހެނުންނާއި ކުޑަކުދިން ޤަތުލުކުރުން ނަހީކުރެއްވިއެވެ.
މަކަރު ހެދުމާއި އޮޅުވާލުމާއި ނިފާޤުކަމަށް ސިޔާސަތޭ ކިޔާނަމަ، އެއީ އަހަރުމެން ޤަބޫލުކުރާނެ މުޞްޠަލަޙެއް (ޓަރމެއް) ނޫނެވެ. އެއީ ނުބައި ފާޖިރުންގެ ސިޔާސަތެވެ. ހެޔޮކަމުގެ އެންމެހާ އަހުލުވެރިންގެ މައްޗަށް ވާޖިބުވެގެންވަނީ އެފަދަ ސިޔާސަތާ ދުރުހެލިވެ، އެފަދަ ސިޔާސަތު މުޖުތަމަޢިން ބޭރުކުރުމެވެ.
ސިޔާސަތުގެ ތެރެއިން ދީން ނެރެލުމުގެ މާނައަކީ، ސިޔާސަތުގެ ތެރޭގައި ހުރި ހެޔޮކަންކަމަށް ބާރު އަޅާ އެންމެހައި ޞިފަތަކާއި ނުބައިކަންކަމުން ދުރުކޮށްދޭ ޞިފަތައް ސިޔާސަތުން ބޭރުކޮށްލުމެވެ. ސިޔާސަތާ ދީން ވަކިކުރުމަކީ ތަޤުވާއާއި ކިޔަމަންކަމަށް ފޯރުކޮށްދޭ ސަބަބުތަކުން ސިޔާސަތު އެއްކިބާކުރުމާއި، ނުބައިކަންކަމާއި ފާފަތަކަށް މަގު ފަހިކޮށްދޭ ކަންކަމުގެ ތެރެއަށް ސިޔާސަތު ދޫކޮށްލުމެވެ.
ސިޔާސަތު ދީނާ ގުޅުވައިލުމުން، ރައްޔިތުންގެ ކިބައިގައިވާ އީމާންކަމުގެ ބާރު ނުވަތަ ރޫޙާނީ ބާރު މުޖުތަމަޢަށް ޚިދުމަތްކުރުމުގައި ބޭނުންކުރުމުގެ ފުރުޞަތު ލިބެއެވެ. އެއީ އެތެރޭގެ ސިޔާސަތު، ނުބައިމަގުތަކުން ދުރުކޮށް ހެޔޮމަގަށް އަޅުވައި، އިނދިކީލަވުމުގެ ބަދަލުގައި ހަމަމަގުގައި ސާބިތުކުރުވައި، ޙަރާމްކަންކަމުން މިންޖުވެފައިވާ ތާހިރުކަމަކަށް މަގުދައްކައެވެ.
އަދި ހަމައެފަދައިން، ޚާރިޖީ ސިޔާސަތުގައި އެވަޠަނުގެ ދުޝްމަނުންނާއި ވަޠަނާމެދު ނުބައި ރޭވުންތައް ރާވާ މީހުންނާ ދެކޮޅަށް، ވަޠަނުގެ ދިފާޢުގައި، އެރޫޙާނީ ބާރު ރުކުރުވާލެވޭނެއެވެ. އެއީ ދައުލަތުގެ މައްޗަށް ބަޔަކު އަތްގަދަކޮށްފިނަމަ ނުވަތަ ދައުލަތުގެ ކަރާމާތްތެރިކަން ގެއްލިއްޖެނަމަ ނުވަތަ ދައުލަތުގެ ޙައްޤުތައް ނިގުޅައިގަނެވިއްޖެނަމަ ބިން ހޯދުމަށެވެ. މިނިވަންކަން ލިބިގަތުމަށެވެ.
ދީނާއި ދައުލަތް ގުޅުވައިގެން މަސައްކަތްކުރި މުސްލިމުންގެ ރަން ޒަމާންތަކުގައި ފެނިފައިވަނީ އެބައިމީހުން ބިންތައް ފަތަޙަކުރި ތަނެވެ. ބޮޑެތި ބިޔަ ރަސްކަން އެބައިމީހުން ކުރިމަތީ އިދަޖެހުނެވެ. އަދި ޢަދުލުވެރިކަމާއި އިޙުސާންތެރިކަމުގެ ދައުލަތް އެބައިމީހުން ޤާއިމުކުރިއެވެ. އެއަށްފަހު ޤުރުއާނުގެ ހިޔަލުގައި ޢިލްމާއި އީމާންކަމުގެ ޙަޟާރަތު ފެތުރިއެވެ.
މިއަދު އަޅުގަނޑުމެން މިތިބީއެވެ. ޞިހުޔޫނީ ދައުލަތް ނުވަތަ އިސްރާއީލުން އެމީހުންގެ ދައުލަތް ޤާއިމުކުރުމުގައާއި، އެދައުލަތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ޔަހޫދީންގެ މަދަދު ހޯދުމުގައި، އެބައިމީހުންގެ ދީނުގެ ބޭނުން ހިފީ ކިހިނަކުން ހެއްޔެވެ؟ އެމީހުންގެ ޢަލްމާނީންވެސް ޤަބޫލުކުރާ ގޮތުގައި ސިޔާސީކަންކަމުގައި ދީނުގެ ބޭނުންހިފަންޖެހެއެވެ. އެކަމަކު އެމީހުން ދެކޭ ގޮތުގައި ދިރިއުޅުމުގެ ކަންކަމުގައި ދީނަކީ މަރުޖިޢެއްނޫނެވެ.
ކަނާތުފިޔައިގެ ހަރުކަށި މަސީޙީންގެ ތެރެއިން، އެމެރިކާގެ މިހާރުގެ ރައީސް ބުޝް (ދަރިފުޅު)އާއި އޭނާގެ ޖަމާޢަތުގެ މީހުން، އެބައިމީހުންގެ އަނިޔާވެރި ބިމުގައި ބޮޑާވެ ކިނބުރުވެރިވެގަތުމުގެ ސިޔާސަތުތައް ނެގެހެއްޓުމަށް ދީން ބޭނުންކުރަނީ ކޮންފަދައަކުންކަން އެބަފެނެއެވެ. އަޅުގަނޑުމެންނަށް އެންމެ ފަހުން ފެނުނީ ބުޝް އޭނާއަށް ވަޙީ ބާވާލެއްވޭކަމުގައި ދޭހަވާ ފަދަ ޢިބާރާތްތަކަކުން ވާހަކަދެއްކިތަނެވެ. އޭނާ ބުނެފައިވެއެވެ. ޢިރާޤުގައި ހަނގުރާމަކުރުމަށާއި އަފްޣާނިސްތާނުގައި ހަނގުރާމަކުރުމަށް ތިމަންނާގެ ވެރި އިލާހު އެންގެވީއެވެ. އަދިވެސް މިނޫންއެތައް ދޮގު އިލާހީ އަމުރުތަކެއް އޭނާވަނީ އިޢުލާންކޮށްފައެވެ.
ޔޫރަޕުގެ ޢަލްމާނީ ސިޔާސީ ޕާޓީތަކުންވެސް، ދީނުން ނުވަތަ ދީނަށް ނިސްބަތްވެގަނެގެން، ނުވަތަ މަސީޙިއްޔަތުގެ ނަން ބޭނުންކޮށްގެން ބާރު ލިބިގަތުމަށް މަސައްކަތްކުރާ ތަން އަޅުގަނޑުމެންނަށް ފެނިފައިވެއެވެ. އެހެންކަމުން ކުރިސްޓިއަން އެތަށް ޕާޓީތަކެއް ފެނިފައިވެއެވެ. ކުރިސްޓިއަން ޑިމޮކްރެޓިކް ނުވަތަ ކުރިސްޓިއަން ސޯޝަލިސްޓު ޕާޓީ ފަދަ ނަންނަމުގައި ޔޫރަޕުގެ އެތައް ދައުލަތެއްގައި ސިޔާސީ ޕާޓީ އުފައްދާފައިވެއެވެ. ވޯޓުލާ ފަރާތްތަކުގެ ގިނަ ވޯޓުތަކެއް މިފަދަ ޕާޓީތަކުން ކާމިޔާބުކުރެއެވެ. އަދި ބައެއްފަހަރަށް އިންތިޚާބުތަކުގައި ކާމިޔާބު ހޯދައި ވެރިކަންވެސް ކޮށްފައިވެއެވެ.
ދީން ސިޔާސަތާ ވަކިކުރުމަށް ނުވަތަ ސިޔާސަތުގެ ކިބައިން ދީން ދުރުކުރުމަށް މުސްލިމުންގެ ކިބައިން އެކަނި އެދެވެނީ ކީއްވެ ހެއްޔެވެ؟ އެއީ އުންމަތުގެ ބާރުގެ ސިއްރާއި ވަކިވެފައިވާ ޙާލު އަދި ފިޔަކޮށާލެވިފައިވާ ޙާލު ހަތިޔާރެއްނެތް ޙާލުގައި އާރެއް ބާރެއް ނެތް ގޮތުގައިބޭއްވުމަށްތޯއެވެ؟
تحقيق ما للهند من مقولة ނަމަކަށް ކިޔުނު މަޝްހޫރު ފޮތުގައި ފޮތުގެ މުއައްލިފު العلاَّمة البيروني ވިދާޅުވެފައިވެއެވެ. (إن المُلك إذا استند إلى جانب من جوانب مِلَّة (أي دين) فقد توافى فيه التوأمان، وكمل فيه الأمر باجتماع الملك والدين) މާނައީ: މިއްލަތެއްގެ ފަރާތަށް ވެރިކަމެއް ތަބާވާނަމަ ނުވަތަ ރުޖޫޢަވާނަމަ، ނިބޫ ހަމަވާނެއެވެ. އަދި އެވެރިކަމެއްގެ ކަންތައް ފުރިހަމަވާނެއެވެ. އެއީ ދީނާއި ވެރިކަމުގެ ކަންތައް އެކުމުވުމުންނެވެ.
އިބްނުޚަލްދޫނު އޭނާގެ މަޝްހޫރު މުޤައްދިމާގެ މުޖުތަމަޢުތަކުގެ ތެރެއިން ދެބާވަތުގެ މުޖުތަމަޢުގެ ފަރަޤު ބަޔާންކުރައްވާފައިވެއެވެ. އެދެބާވަތަކީ ހަމައެކަނި ދުނިޔަވީ މުޖުތަމަޢާއި ދުނިޔެއާއި ދީނުގެ ކަންކަން ޖަމާވެފައިވާ މުޖުތަމަޢެވެ. ދެވަނަ ބާވަތުގެ މުޖުތަމަޢު ފުރަތަމަ ބާވަތުގެ މުޖުތަމަޢުތަކަށްވުރެ ޠާހިރުވެފައި، ހެޔޮވެގެންވެއެވެ. އެއީ އިޖުތިމާޢީ ޙަޔާތުގައި ދީނުގެ އަސަރު ޤަބޫލުކުރާ މުޖުތަމަޢެކެވެ. އެހެނީ ދީނުގެ އަސަރަކީ ޢާއިލީ ނުވަތަ ޖިންސުގެ އަސަރަށްވުރެ މުހިއްމުކަން ކުޑަ އަސަރެއްނޫނެވެ. އެހެންކަމުން އިބްނުޚަލްދޫންގެ އަރިހުގައި ދައުލަތުގެ އެންމެ ހަރުދަނާ އުޞޫލަކީ ދައުލަތުގެ ކަންކަމުގައި ދީނުގައި ހިފަހައްޓާ ދައުލަތެވެ. ދީނުގައި ސިޔާސަތެއް ނެތްކަމުގައި ބުނާ ބަހާމެދު ކުރެވޭ ބަޙުސް:
ދީނުގައި ސިޔާސަތު އެކުލެވިގެންނުވާ ކަމުގައި ބުނާ ބަހުގެ މުރާދަކީ ކޮބައިތޯއެވެ. އެބަހުގެ މާނައަކީ ދީން މީސްތަކުންގެ ސިޔާސީ ކަންކަމަށް އެއްވެސް ވަރަކަށް އަހަންމިއްޔަތުކަމެއް ނުދިނުމާއި، އިންސާނުންގެ ދިރިއުޅުމުގެ ކަންކަމާ ބެހުމެއްނުވުމާއި، އެމީހުންގެ ދިރިއުޅުގެ ކަންކަން ރޭވުމާއި އެއްބަޔަކު އަނެއްބަޔަކާމެދު އޮންނަ ގުޅުންތަކާ ދީނާ ގުޅުމެއް ނުވުންކަމުގައިވާނަމަ، މިއީ ކުށް ހީއެކެވެ. ހުރިހާ ދީނެއްގައިވެސް މިބައިގައި ކަންކުރާނެ ގޮތްތަކަކަށް މަގުދައްކާފައިވެއެވެ. ބައެއްދީންތަކުގައި ތަންކޮޅެއް ދިގުކޮށްހުރިއިރު، އަނެއްބައި ދީންތަކުގައި އެވާހަކަތައް ހުރީ ޚުލާޞާ ކުރު ގޮތަކަށެވެ. މިދާއިރާގައި އެންމެ ގިނަ ވާހަކަތަކެއް ހުރީ އިސްލާމް ދިނުގައެވެ. އެކަމުގެ މައްޗަށް އަލިއަޅުވައިލާ، ޤުރުއާނާއި ސުންނަތުގައި ގިނަ ޢަދަދެއްގެ ނައްޞުތަކެއް ވާރިދުވެފައިވެއެވެ.
އައްޝައިޚު ޢަލީ ޢަބުދުއްރައްޒާޤު އޭނާގެ ފޮތްކަމުގައިވާ الإسلام وأصول الحكم ގައި ދުނިޔެއަކީ މާތްﷲ ކީރިތި ޤުރުއާނުގައި އެދުނިޔޭގެ ކަންކަން ތަދުބީރުކުރާނެ ގޮތްތަކުގެ މައްޗަށް އާޔަތްތަކެއް ބާވާލައްވާ ވަރަށްވުރެ ނިކަމެތި ތަނެއް ކަމުގައި ވިދާޅުވެފައިވެއެވެ.
ކީރިތި ޤުރުއާނުގައިވާ އެންމެ ދިގު އާޔަތް ބާވައިލެއްވުނީ ދުނިޔޭގެ ކަންކަން ކުރާނެ ގޮތާމެދުގައި ކަން ޝައިޚު ހަނދުމަފުޅު ނެތިވަޑައިގަތީއެވެ. ނުވަތަ ހަނދުމަފުޅު ނައްތަވައިލެއްވީއެވެ. އެއާޔަތަކީ ބަޤަރާ ސޫރަތުގެ 282ވަނަ އާޔަތެވެ. މިއާޔަތުގައިވަނީ ދަރަނީގެ ލިޔުން ލިޔުމާއި ހެކިވުމާ ބެހޭ ވާހަކަތަކެވެ. މިއާޔަތް މަޝްހޫރުވެފައިވަނީ މުދާޔާނާގެ އާޔަތުގެ ގޮތުގައެވެ. މުދާޔަނާއަކީ ދަރަނީގެ މުޢާމަލާތެވެ. އަދި ޢިލްމުވެރިން ބައްލަވައި ތަފްސީރު ކުރައްވާފައިވާ ޙުކުމްތަކުގެ އާޔަތްތައް ސަތޭކައިން ގުނާލެވޭކަންވެސް ޝައިޚު ހަނދުމަފުޅުނެތީއެވެ.
އެކި ދީންތަކުގެ އަހުލުވެރިންވެސް ސިޔާސަތަށް މަގު ދެއްކުމުގައި ބައިވެރިވެފައިވެއެވެ. ޤައިޞަރަށް ޤައިޞަރުގެ ކަންކަން ދޫކޮށްލައި، ﷲއަށް އެކަލާނގެއަށްވާކަންކަން ދޫކޮށްލުމަށް އިންޖީލުގައިވާކަމަށް ބުނާ މަސީޙީ ފައްޅިވެސްމެއެވެ. އަދި ޤައިޞަރުގެ ސިޔާސަތަށް ނުފޯޒު ފޯރުވައި، މަގުދެއްކުމަށް އެއުރެންވަނީ މަސައްކަތްކޮށްފައެވެ. އަދި ކިއެއްހެޔެވެ؟ ޤައިޞަރު ވެރިކަމުން ބާލައިފައިވެސް އެބަހުއްޓެވެ. ދީނާއި ސިޔާސަތު ވަކިކުރުމަކީ މަގު ފުރެދުމެކެވެ.
އަޅުގަނޑުމެންގެ ޝައިޚު އަލްޢައްލާމާ محمد الخضر حسين ސިޔާސަތާ ދީން ވަކިކުރުމަށް ބައެއް ލިޔުންތެރިން ގޮވާލާ ގޮވާލުން ޞިފަކުރައްވާފައިވަނީ މަގު ފުރެދުމެއްކަމުގައެވެ. މިޞިފަކުރެއްވުމަކީ ޝަރުޢީ ގޮތުން ޞައްޙަ ޞިފަކުރެއްވުމެކެވެ. އެހެނީ މިކަމަކީ އުންމަތުގެ ކަންކަމުގައި އިތުރުކުރެވިފައިވާ އައުކަމެކެވެ. ބިދުޢަކެވެ. ކޮންމެ ބިދުޢަކީ މަގުފުރެދުމެކެވެ. ކޮންމެ މަގު ފުރެދުމެއްވެސްވަނީ ނަރަކައިގައެވެ.
އަޅުގަނޑުމެންގެ ޝައިޚު އަލްޢައްލާމާ محمد الخضر حسين (އެކަލޭގެފާނުގެ ޒަމާނުގައި ޝައިޚުލް އަޒުހަރެވެ.) ސިޔާސަތާ ދީން ވަކިކުރުމަށް ބައެއް ލިޔުންތެރިން ގޮވާލާ ގޮވާލުން ޞިފަކުރައްވާފައިވަނީ މަގު ފުރެދުމެއްކަމުގައެވެ. މިޞިފަކުރެއްވުމަކީ ޝަރުޢީ ގޮތުން ޞައްޙަ ޞިފަކުރެއްވުމެކެވެ. އެހެނީ މިކަމަކީ އުންމަތުގެ ކަންކަމުގައި އިތުރުކުރެވިފައިވާ އައުކަމެކެވެ. ބިދުޢަކެވެ. ކޮންމެ ބިދުޢަކީ މަގުފުރެދުމެކެވެ. ކޮންމެ މަގު ފުރެދުމެއްވެސްވަނީ ނަރަކައިގައެވެ.
ނޫރުލް އިސްލާމް ނަމަކަށް ކިޔުނު މަޖައްލާގައި މިމައުޟޫގައި ދިގު މަޒުމޫނެއް ޝެއިޚު ލިޔުއްވާފައިވެއެވެ. އެއަށްފަހު ޝައިޚުގެ رسائل الإصلاح ނަމަކަށް ކިޔުނު ފޮތުގައި އެމަޒަމޫނު ހިމެނުއްވިއެވެ.
މިފުރިހަމަ ޢިލްމީ މަޒުމޫނުގައި ޝައިޚު ލިޔުއްވާފައިވާ ބައެއް ވާހަކަތައް ހިމަނައިލާނަމެވެ.
( އަޅުގަނޑުމެންނަށް އެގޭ ގޮތުގައި ދީނާއި ސިޔާސަތު ވަކިކުރުމަށް ގޮވާލާ މީހުންނަކީ ދެބާވަތެއްގެ މީހުންނެވެ.
ފުރަތަމަ ބާވަތުގެ މީހުން: މިބާވަތުގެ މީހުންނަކީ ސިޔާސަތާއި، ޤަޟާގެ ޙުކުމްތަކެއް ދީނުގައި އެކުލެވިގެންވާކަން ޤަބޫލުކުރާ ބައެކެވެ. އެހެންނަމަވެސް މިޙުކުމްތަކަކީ މަޞްލަޙަތުތައް ދެމެހެއްޓުމަށް އެންމެ އެކަށީގެންވާ ޙުކުމްތަކެއްކަމަށް އެބައިމީހުން ޤަބޫލު ނުކުރެއެވެ. އަދި އެޙުކުމްތަކުގެ ސަބަބުން ސިޔާސަތު އެންމެ ހެޔޮ މަގަށް ގެންދެވޭނެކަމާ ދެކޮޅު ހަދައެވެ. މިފަދަ މީހުން ދީނުގެ ޙުކުމްތަކަށް ފާޅުގައި ފާޑުކިޔާކަށް ޖެހިލުން ނުވެއެވެ. އަދި މުސްލިމުން މިފަދަ މީހުންނަށް މުލްޙިދުންނޭ ކިޔުމާމެދު، އެމީހުން ރުހިގެންފޫއެވެ. އެހެނީ އެބައިމީހުން ޤުރުއާނަށާއި އަދި އެޤުރުއާން އެފަރާތެއްގެ މައްޗަށް ބާވައިލެއްވުނު ފަރާތަށް އީމާން ނުވާކަމަށް އެއްބަސްވެ، އިޤުރާރުވެއެވެ.
ދެވަނަ ބާވަތުގެ މީހުން: މިބައިމީހުން ޤަބޫލުކުރާ ގޮތުގައި ސިޔާސަތާއި ޤަޟާގެ ޙުކުމްތަކެއް ދީނުގައި ހުރިކަން ޤަބޫލުކުރުމަށްފަހުގައި، އެއާ ދެކޮޅުހަދައި، އެޙުކުމްތަކަށް ފާޑު ކިޔާނަމަ، ދީނާއި ސިޔާސަތު ވަކިކުރަން އުޅޭ އުޅުން ފާޅުވާނެއެވެ. އެހެންކަމުން އެކަން ކުރަން އުޅޭ މީހާގެ ގަސްތު ފަޟީޙަތްވެ، އޭނާގެ ބޭނުންވާކަންތައް ޙާޞިލުނުކުރެވި ނާކާމިޔާބު ވެދާނެއެވެ. މިބައިމީހުން އެހެން މަގެއް ހޯދައެވެ. އެއީ އެބައިމީހުން ހީކުރާ ގޮތުން ކާމިޔާބުވުމާ މާ ގާތް ގޮތެކެވެ. އެއީ އިސްލާމް ދީނަކީ ހަމައެކަނި ތައުޙީދާއި އަޅުކަމުގެ މައްޗަށް އެކުލެވިގެންވާ ދީނެއްކަމަށް ދަޢުވާކުރުމެވެ. އަދި އެދީނުގެ އެތެރޭގައި ޤަޟާއާއި ސިޔާސަތާ ގުޅުންހުރި ޙުކުމްތަކެއް ނުހުންނާނެކަމަށް އެބައިމީހުން ބުނެއެވެ. އަދި މިކަން ސާބިތުކޮށްދިނުމަށްޓަކައި އެބައިމީހުންނަށް ކުޅަދާނަވީ ވަރަކަށް އޮޅުންތައް އެއްކުރެއެވެ. އެއީ މީސްތަކުންގެ ތެރެއިން ތަންދޮރު ނުދަންނަ މީހުންނާއި ހަމަނުޖެހޭ މީހުން ހައްލައިލުމަށެވެ.
މިއީ ދީނާއި ސިޔާސަތު ވަކިކުރުމަށް ގޮވާލާ މީހުންނަށް ހިނގަން އޮތް ދެމަގެވެ. މިދެމަގުވެސް ވެރިންނަށް މަޖުބޫރުކުރުވަނީ އިސްލާމީ އުންމަތަށް އެއުންމަތުގެ ޝަރީޢަތާ ޚިލާފަށް ޤާނޫނުތައް ހެދުމަށެވެ. އަދި އުންމަތް ހެޔޮ މަގުގައި ލެހެއްޓެވުމަށްޓަކައި، މާތްﷲ އެއުންމަތުގެ ޙައްޤުގައި ރުހިވޮޑިގެންނެވި ގޮތާ ނޫން ގޮތެއްގައި ހިފުމަށެވެ. މިދެބާމަގަކީވެސް އެދުންތަކުގެ ސިޔާސަތު ކަމުދިޔުމުންނާއި، އިސްލާމީ ޝަރީޢަތުގެ މަތިވެރި ޙުކުމްތައް ރަނގަޅަށް ބަލައި ދިރާސާ ނުކުރެވުމުން އުފަންވި ދެމަގެވެ.
އިސްލާމްދީންވަނީ ޤަޟާއާއި ވެރިކަމާ ގުޅުންހުރި ޙުކުމްތަކަކާއި އުޞޫލުތަކެއް ގެނެސްދެއްވާފައެވެ. އެއުޞޫލުތައްވަނީ ސިޔާސަތުގެ ތުންމަތީގައި ޙިކުމަތުގެ މަތިޖަހާފައެވެ. އެއަށް އިންކާރުކުރާނީ ޤުރުއާނާއި ސުންނަތް ނޭނގޭ ޚުލަފާއުއް ރާޝިދީންގެ ސިޔަރަތު ބަލައިފައިނުވާ މީހެކެވެ. އެބޭކަލުންވަނީ ކޮންމެ ޙާދިސާއެއްވެސް ޝަރީޢަތުގެ ތިލަފަތުން ކިރާލައްވައިފައެވެ. އަދި ޚިޔާލުތަފާތުވުންތަކުގައި އެބޭކަލުން ރުޖޫޢަވެވަޑައިގަންނަވަނީ ކީރިތި ޤުއާނަށާއި ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ ސުންނަތަށެވެ.
އަދި ޤުރުއާނަކީ އެޤުރުއާނުގެ ދަޢުވަތަކީ މަދަނީ މުޢާމަލާތްތަކުގެ ތެރެއަށް ވަންނަ ދަޢުވަތެއްކަމާއި، އަދި ސިޔާސީ ބާރަށް މަގު ދައްކާ ދަޢުވަތެއްކަމުގެ މައްޗަށް ޤުރުއާނުން ހެކި ދެއްކެވިއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ اللَّهِ حُكْماً لِقَوْمٍ يُوقِنُونَ) (المائدة:50) މާނައީ؛ "ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقين ކުރާ ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟" ﷲގެ ޝަރީޢަތާ ޚިލާފު ކޮންމެ ޙުކުމަކީ ޖާހިލިއްޔަ ޙުކުމްތަކުގެ ޢާއިލާއަށް ނިސްބަތްވާނެ ޙުކުމެކެވެ. އަދި މާތްﷲގެ ވަޙީ ބަސްފުޅުގައި ޔަޤީންކުރާ ބަޔަކަށް މާތްﷲގެ ޙުކުމަށްވުރެ މޮޅި ކޮން ޙުކުމެއްތޯ ސުވާލުކުރައްވާފައިވުމުން، އަޅުތަކުންގެ ވެރި އިލާހުގެ ޙުކުމްތަކުގެ ހެޔޮކަމާމެދުގައި ޝައްކުކުރާ ބަޔަކު ބަޙުސްކޮށް ދެބަސްވެދާނެކަން ދޭހަވެއެވެ. އަދި އެޙުކުމްތަކުގެ ބަދަލުގައި ޖާހިލިއްޔަ ޒަމާނުގެ ޙުކުމްތައް ފަދަ ޙުކުމްތަކެއް ގެންނަން އުޅެދާނެއެވެ. އެއީ މޮޅު ރަނގަޅު ބައެއްކަމަށް އެބައިމީހުންނަށް ޤަބޫލުކުރެވިފައިވާ ބަޔަކާ ތަބާވުމުގެ ގޮތުންނެވެ. އެބައިމީހުންނަށް އެމޮޅުކަމަށް ފެނުނު ބައެއްގެ ރަނގަޅު ޞިފަތަކާއި ނުރަނގަޅު ޞިފަތައް ވަކިކުރާކަށް އެއުރެންނަކަށް ނޭނގެއެވެ.
އަދިވެސް މާތްﷲ ވަޙީކުރައްވާފައިވެއެވެ.(وَأَنِ احْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ وَلا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَنْ يَفْتِنُوكَ عَنْ بَعْضِ مَا أَنْزَلَ اللَّهُ إِلَيْكَ( (المائدة:49) މާނައީ؛ "އަދި اللَّه ބާވައިލައްވާފައިވާ حكم ން އެއުރެންގެ މެދުގައި ކަލޭގެފާނު حكم ކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ! އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއް آية ން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ!" މިއާޔަތުގައި މީސްތަކުންގެ މެދުގައި ޖެހޭ ކަންކަން މާތްﷲގެ ފޮތުގައިވާ ޙުކުމްތަކާ އެއްގޮތަށް ނިންމުން ފަރުޟު ކުރެއްވިއެވެ. އަދި އެބައިމީހުންގެ ހިތްތަކަށް އީމާންތެރިކަން ނުވަންނަ މީހުން އެބައިމީހުންގެ ހަވާނަފްސުގެ އެދުންތަކާ އެއްގޮތްވާ ގޮތަށް ޙުކުމްތައް އުފެއްދުމަށް ޙާކިމާ ކިބައިން އެދޭނެކަމުގެ ޚަބަރު ދެއްވިއެވެ. އަދި އެއިގެ އިތުރަށް ޝަހުވަތުގެ މަޅީގައި ޖެހިގެން މާތްﷲގެ ބައެއް ޙުކުމްތަކަށް ފުރަގަސް ދިނުމާމެދު ވެރިންނަށް މިއާޔަތުގައި އިންޒާރުކުރައްވާފައިވެއެވެ. އަދި އެފަދަ މީހުންގެ ވާހަކަތައް އަޑު އެހުމުގައި ޙާކިމާއަށް ފިތުނަވެރިކަމެއް ވާކަން ބަޔާންކުރައްވައި އިންޒާރުކުރެއްވިއެވެ. އަދި މާތްﷲގެ ޙުކުމުގެ ބަދަލުގައި އެބައިމީހުން އެދޭ ޙުކުމަކުން ޙުކުމްކުރުމުގެ ނުބައިކަމާމެދު އިންޒާރުދެއްވައެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الظَّالِمُونَ) [المائدة:45] މާނައީ: މާތްﷲ ބާވައިލެއްވި ތަކެތިން (ޙުކުމްތަކުން) ޙުކުމް ނުކުރާ މީހުން ދަންނާށެވެ. ފެހެ، އެބައިމީހުންނަކީ އަނިޔާވެރިންނެވެ. ،އަދި އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. (وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْفَاسِقُونَ) [المائدة:47] މާނައީ: މާތްﷲ ބާވާލެއްވި ތަކެތިން (ޙުކުމްތަކުން) ޙުކުމް ނުކުރާ މީހުން ދަންނާށެވެ. ފަހެ އެބައިމީހުންނަކީ ފާސިޤުންނެވެ. ، وفي آية ثالثة: (وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ)(المائدة:44)މާނައީ؛ މާތްﷲ ބާވައިލެއްވި ތަކެތިން ޙުކުމް ނުކުރާ މީހުން ދަންނާށެވެ. ފަހެ، އެބައިމީހުންނަކީ ކާފަރުންނެވެ.
އަދި ކީރިތި ޤުރުއާނުގައި އަޅުކަމާއި ޢަޤީދާގެ ޙުކުމްތަކުގެ ތެރޭގައި ނުހިމެނޭ އެތައް ޙުކުމްތަކެއް ވާރިދުވެފައި އެބަހުއްޓެވެ. އެގޮތުން ވިޔަފާރިއާއި ރިބާއާއި ހެކިބަހާ ގުޅުންހުރި ޙުކުމްތަކެވެ. އަދި ކާވެންޏާއި ވަރިއާއި ލިޢާންކުރުމާއި ޡިހާރުކުރުމުގެ ޙުކުމްތަކެވެ. އަދި ޔަތީމުންނާ ގުޅުންހުރި ޙުކުމްތަކާއި ވަޞިއްޔަތާއި ތަރިކަމުދަލުގެ ޙުކުމްތަކެވެ. ޤިޞާޞްއާއި ދިޔައާއި ވައްކަންކުރާ މީހާގެ އަތް ކެނޑުމާއި ޒިނޭކުރާ މީހާއާއި ޒިނޭއާ ދުރުވެގެންތިބޭ މީހުންނަށް ޤަޛުފުކުރާ މީހާގައި ޙައްދު ޖެހުމާއި ބިމުގައި ފަސާދަކުރާ މީހުންނަށް ދޭނެ އަދަބުތައް ޤުރުއާނުން އެގެން އެބަހުއްޓެވެ.)
އަދި ޝައިޚު މިތަނުގައި ހަނގުރާމައާއި އަމާންކަމުގެ ޙާލަތާ ގުޅުންހުރި ޙުކުމްތައް ބަޔާންކުރާ އާޔަތްތައް މިތަނުގައި ގެނެސްދެއްވިއެވެ. އަދި ބައިނަލް އަޤުވާމީ ގުޅުންތައް ބަޔާންކޮށްދޭ އާޔަތްތައް ހިމެނުއްވިއެވެ.
އަދިވެސް ޝައިޚު ވިދާޅުވިއެވެ. (ޖިނާއީ ކަންކަމާއި މުޢާމަލާތުގެ ކަންކަމުގައާއި އަދިވެސް މިފަދަ އެހެނިހެން ގިނަކަންތައްތަކެއްގައި ކީރިތި ރަސޫލާގެ ސުންނަތުގައި ތަފްޞީލު ޙުކުމްތަކެއް ވާރިދުވެފައިވެއެވެ. މިކަންކަމުން އަޅުގަނޑުމެންނަށް އެގެނީ ދީނާ ސިޔާސަތު ވަކިކުރުމަށް ގޮވާލާ މީހުންނަށް ތަޞައްވަރު ކުރެވިގެން އުޅެނީ އިސްލާމް ދީން ނޫން ދީނެއްކަމެވެ.
އަދި ޝަރީޢަތުގެ މަޤުޞަދުތައް އެންމެ ރަނގަޅަށް އެގިވަޑައިގަންނަވާ ބޭފުޅުންކަމުގައިވާ، ނަބިއްޔާގެ ޞަޙާބީންގެ ސިޔަރަތުގައި ސިޔާސަތުގައި ޝައްކެއް ނެތް މިންވަރުގެ ބާރެއް ދީނަށް ލިބިފައިވާކަން ޔަޤީންކޮށްދޭ ދަލީލުތަކެއް އެބަހުއްޓެވެ. އެހެނީ އެބޭކަލުން ޚަލީފާއަކަށް ބައިޢަތު ހިއްޕެވުމުގައި މާތްﷲގެ ފޮތަށާއި ކީރިތި ރަސޫލާގެ ސުންނަތަށް ޚަލީފާ ތަބާވެވަޑައިގަތުން ޝަރުޠުކުރައްވައެވެ.
......................................................
އަޞްލު ލިޔުއްވީ: އަލްޢައްލާމާ ޑރ.ޔޫސުފުލް ޤަރަޟާވީ
ތަރުޖަމާ: ޝިފްޒާން އަޙްމަދު
މަރުޖިޢުތައް
1 رواه البخاري في المظالم (2444) عن أنس، وأحمد في المسند (11994).
2 އަބޫބަކުރުގެފާނު ޚިލާފަތާ ޙަވާލުވެވަޑައިގެންދެއްވި ޚުޠުބާގެ ތެރެއިން ބައެއް.
3 ޢުމަރުގެފާނުގެ ބަސްފުޅެއް.
4 رواه أحمد في المسند (6786) عن عبد الله بن عمرو
5 رواه مسلم في الجهاد والسير (1787) عن حذيفة بن اليمان
މި ލިއުމާއި ގުޅޭ