މުސްލިމުންގެ ޙަޔާތުގައި އިސްކުރަންޖެހޭ ކަންތައްތައް

ޝިފްޒާން އަހްމަދު 13 ނޮވެމްބަރު 2019 16:31
Flowers

ކީރިތި ޤުރްއާނަކީ މުސްލިމުންގެ ދުސްތޫރެވެ. މުސްލިމުންގެ މަގަށް އަލިކަންދޭ ނޫރެވެ. މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އެ ޤުރްއާނުގައި ﷲ ތަޢާލާ ބާރުއަޅުއްވާފައިވާ ކަންކަމަށް އިސްކަން ދިނުމެވެ. އީމާން ކަމުގެ އަޞްލުތަކާއި، މަތިވެރި ޚުލްޤުތަކާއި، ރިވެތި މުޢާމަލާތާއި، އެނޫންވެސް އަޅުކަމުގެ އަޞްލުތަކާއި މުޢާމަލާތުތަކުގައި ވެސް އެންމެ ފުރަތަމަ ބަލަން ޖެހޭނީ ޤުރްއާނުގައި އިސްކަންދީފައިވަނީ ކޮންކަމަށް ތޯއެވެ.

فضيلة الشيخ الدكتور يوسف القرضاوي – حفظه الله تعالى - ވިދާޅުވެފައިވެއެވެ. އެހެން ހުރިހައި ކަމަކަށްވުރެ އިސްކަންދީ އެންމެބޮޑަށް ރިޢާޔަތް ކުރަން ޖެހޭކަންކަން ކަނޑައެޅުމުގައި އަހަރެމެން ރުޖޫޢަވާން ޖެހޭ މިންގަނޑަކީ ޤުރްއާނެވެ. އަހަރެމެން ކަމަކަށް އިސްކަންދީ ސަމާލުވާން ޖެހޭނީ ޤުރްއާނުގައި އެކަމަކަށް އިސްކަންދީފައިވާ މިންވަރަށެވެ. ޤުރްއާނުގެ މޫރިތި އާޔަތްތަކުގައި ތަކުރާވެ، އެ ޤުރްއާނުގައިވާ އިލާހީ އަމުރުފުޅުތަކާއި ނަހީތަކުގައި ބާރުއަޅުއްވާފައިވާ، އެކަމެއްގައި ވަޢުދުތަކެއް ނުވަތަ ވަޢީދު އައިސްފައިވާ ކަންކަމަކީ އެހެން ހުރިހައި ކަމަކަށްވުރެ އިސްކުރަން ޖެހޭނެ ކަންކަމެވެ. އަހަރެމެންގެ ފިކުރާއި، ސުލޫކާއި، ކަންކަން މިންކުރުމުގައި އެހެން ހުރިހައި ކަމަކަށްވުރެ ބޮޑަށް އެފަދަކަންކަމަށް އިސްކަން ދޭންވާނެއެވެ.

މިގޮތުން ( ކީރިތި ޤުރްއާނަށް ނަޒަރު ކުރާއިރު) އަހަރެމެން އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންތައްތައްކަމުގައިވަނީ ﷲ تعالى އާއި، އެ އިލާހުގެ ނަބިއްޔުއްނާއި ރަސޫލުންނަށާއި، އާޚިރަތްދުވަހަށާއި، ސުވަރުގެ އާއި ނަރަކައިގެ ޘަވާބާއި ޢަޛާބަށް އީމާންވުމެވެ. އަޅުކަމާއި ދީނީ ޝިޢާރުތަކަށް ބަލާނަމަ، ނަމާދު ކުރުމާއި، ޒަކާތް ދިނުމާއި، ރޯދައާއި ޙައްޖާއި، ﷲ ހަނދުމަކުރުމުގެ ގޮތުން ތަސްބީޙު ކިޔުމާއި، އެކަލާނގެއަށް ޙަމްދުކުރުމާއި، ތައުބާވެ ފާފަތައް ފުއްސެވުމަށް އެދުމާއި، ﷲ އަށް ވަކީލު ކުރުމާއި، އެ އިލާހުގެ ރަޙްމަތަށް އުއްމީދު ކުރުމާއި، ޢަޛާބަށް ބިރުވެތިވުމާއި، ނިޢުމަތްތަކަށް ޝުކުރުވެރިވުމާއި މުޞީބާތްތަކާއި ބަލާތަކަށް ކެތްތެރިވުމަކީ އެންމެ އިސްކަމެއް ދޭންޖެހޭ ކަންކަމެވެ. މަތިވެރި އަޚްލާޤާއި ރީތި ސިފަތަކުގެ ތެރެއިން ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ޢިއްފަތްތެރިކަމާއި، ލަދުވެތިކަމާއި، ހިތްތިރިކަމާއި، ދީލަތިކަމާއި، މުއުމިނުންގެ މައްޗަށް ހަރުކަށި ނުވުމާއި ކާފިރުންގެ ކުރިމަތީ ނިކަމެތި ނުވުމާއި، ނިކަމެތީންނަށް އޯގާތެރިވުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި، އަވަށްޓެރިންނަށް ކަމޭހިތުމާއި، ފަޤީރު މިސްކީނުންނާއި ޔަތީމުންނާއި ދަތުރުވެރިންނަށް އެހީތެރިވުމަކީ އެންމެ ހެޔޮ ސިފަތަކެވެ. އިސްވެބުނެވުނު ހުރިހައި ކަމަކީ ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި އެކަންކަމުގެ މައްޗަށް އިލާހީ އިރުޝާދުތައް އައިސްފައިވާ ކަންކަމެވެ.

ކީރިތި ޤުރުއާނުގައި އެކަމަކަށް އަހައްމިއްޔަތުކަން ދީފައިވާ މިންވަރަށްވުރެ ބޮޑަށް އެއްވެސް ކަމަކަށް އަހަރެމެންގެ އަމިއްލަ ނަފުސުތަކުން އެކަން ބޮޑުކޮށްގެން ނުވާނެއެވެ. މިސާލެއްގެ ގޮތުން އިސްރާ ގެ ހާދިސާ އަށް ވިސްނަމާތޯއެވެ. ކީރިތި ޤުރްއާނުގައި އެކަމުގެ ވާހަކަ އައިސްފައިވަނީ އެންމެ އާޔަތެކެވެ.( ކީރިތި ޤުރްއާނުގެ އެންމެ އާޔަތެއްގައިވެސް ވަކިކަމެއްގެ މައްޗަށް އިޝާރާތްކުރެވިފައިވާނަމަ އެކަމުން ދޭހަވަނީ އެކަމެއްގެ މުހިއްމުކަމެވެ) މިއާއި ޚިލާފަށް މުސްލިމުން ދީނުގެ ދިފާޢުގައި ކުރި ހަނގުރާމަތަކުގެ ވާހަކަ އެތައް ސޫރަތެއްގެ އެތައް އާޔަތެއްގައި ވާރިދުވެފައި ވެއެވެ. (މިކަމުން އަހަރެމެންނަށް އެނގެންޖެހޭ އެއްޗަކީ ދީނުގެ މަގުގައި ޖިހާދު ކުރުމާއި ހަނގުރާމައިގެ ޙުކުމްތައް ދެނެގަތުމަކީ އިސްރާ ގެ ޙާދިސާއަށްވުރެ މުސްލިމުން ދެނެގަތުން މުހިއްމު ކަންތައްތަކެއް ކަމެވެ) މިދެކަމާއި ޚިލާފަށް ކީރިތި ނަބިއްޔުގެ ޢީދު މީލާދަކީ ޤުރްއާނުގައި އެކަމާއި ގުޅޭގޮތުން އެއްވެސް އާޔަތެއް ވާރިދުވެފައިވާ ހާދިސާއެއް ނޫނެވެ. އެކަމަކީ ސަލާމް ލެއްވި ޢީސާގެ ފާނު އުފަންވުންފަދަ މުޢުޖިޒާތެއް ނޫނެވެ. އެކަމުން ދޭހަވާ އެއްޗަކީ އެ ހާދިސާއަކީ އެކަމާއި ގުޅުވައިގެން މުސްލިމުންގެ ދިރިއުޅުމުގައި ކަންތައްތަކެއް ކުރަންޖެހޭ ހާދިސާއެއް ނޫންކަމެވެ. އެކަމާއި ގުޅުވައިގެން މުސްލިމުންގެ މައްޗަށް ވާޖިބު ނުވަތަ ސުއްނަތް ވެފައިވާ އަޅުކަމެއް ނެތެވެ.

އިސްވެ ބުނެވުނު މިންގަނޑަކީ އަހަރެމެން އޮޅުވާލައިގެން ވާނެ މިންގަނޑެއް ނޫނެވެ. އެހެނީ ކީރިތި ޤުރްއާނަކީ މި މިއްލަތު ނަގަހައްޓާ ތަނބެވެ. ދީނުގެ އަސްލެވެ. އިސްލާމްދީނުގެ ޙުކުމްތަކުގެ މަޞްދަރެވެ. މި މަޞްދަރާއި ވިދިގެން އަންނަނީ މާތް ނަބިއްޔު ގެ ސުއްނަތެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (إنَّ هذا القُرْآنَ يَهْدِي للتِي هِيَ أَقْوَمُ) (الإسراء: 9) " ހަމަކަށަވަރުން މި ޤުރްއާން އެންމެ ސީދާ މަގަށް މަގު ދައްކައެވެ" އެހެން އާޔަތެއްގައި ވެއެވެ. (قَدْ جاءَكم مِنَ اللهِ نورٌ وكتابٌ مبينٌ. يَهدِي به اللهُ مَنِ اتَّبَعَ رِضْوَانَه سُبُلَ السلامِ ويُخْرِجُهُم مِّنَ الظلماتِ إلى النورِ بإذنِه ويَهدِيهم إلى صِرَاطٍ مستقيمٍ) (المائدة: 15ـ16) " ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުން ނޫރަކާއި، ބަޔާން ވެގެންވާ ފޮތެއް ތިޔަބައިމީހުންގެ ގާތަށް އަތުވެއްގެއެވެ. ﷲ، އެކަލާނގެ ރުއްސަވާ މަގަށް ތަބާވީމީހަކަށް ސަލާމަތުގެ މަގުތައް އެފޮތުން ދައްކުވައެވެ. އަދި އެކަލާނގެ އިޛްނަފުޅާއި އެކު އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް އެބައިމީހުން ނެރުއްވައި، އަދި ސީދާވެގެންވާ ތެދުމަގަށް އެބައިމީހުނަށް މަގުދައްތަކެވެ" އަދި النحل ސޫރަތުގެ 89 ވަނަ އާޔަތުގައި ވަނީ (ونزَّلْنا عليكَ الكتابَ تِبْيَانًا لِكُلِّ شَيْءٍ وَهُدًى وَرَحْمَةً وَبُشْرَى للمُسْلِمِينَ) "އަދި ކޮންމެކަމެއް ބަޔާންކޮށްދެއްވާގޮތުގައި، އަދި ހިދާޔަތެއް ކަމުގައި، އަދި ރަޙްމަތެއްކަމުގައި، އަދި މުއުމިނުންނަށް އުފާވެރި ޚަބަރެއްކަމުގައި ތިމަން ﷲ ކަލޭގެ ފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ"

މިއާޔަތްތަކުން އެނގޭ ގޮތުގައި ކީރިތި ޤުރްއާނުގައިވަނީ ހުރިހައިކަމެއްގެ އަސްލުތައް ބަޔާން ކުރައްވާފައެވެ. އެއީ ހަރުދަނާ ވަރުގަދަ އަސާސެއްގެ މަތީ މިދީން ޤާއިމު ވުމަށެވެ. މުސްލިމުންގެ ޙަޔާތުގެ ހުރިހައިކަމެއްގެ މައިގަނޑު އުސޫލުތައް ކީރިތި ޤުރްއާނުން އެނގެން އޮންނާނެއެވެ. ސީދާ ގޮތުންނާއި، ވިސްނައިގެން ހޯދޭނެ ގޮތުގައެވެ. މުސްލިމުންގެ ފުރަތަމަ ޚަލީފާގެ ބަސްފުޅެއްގައި ވާފަދައިންނެވެ. " ޖަމަލު ބަންނަ ވާގަނޑު ތިމަންނަގެ އަތުން ގެއްލުނު ކަމުގައި ވިއަސް (އެކަމުގައި ޢަމަލުކުރަންވީގޮތް) ކީރިތި ޤުރްއާނުން ފެންނާނެއެވެ." 

ކިޔުންތެރިންގެ ހިޔާލު