"ޖިހާދު"ގެ މާނައަކީ ގަދައަޅައި މަސައްކަތްކުރުމެވެ.

އަބޫ ޔުމްނާ
Flowers

ރާއްޖޭގައި ދީނީ "ހަރުކަށި" ފިކުރު ފެތުރުމުގެ ސަބަބުތައް ދިރާސާކުރުމުގެ ނަމުގައި ޢީލްމީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާނުކޮށް ރިޕޯޓެއްގެ ސިފައިގައި އެމްޑީއެން ނަމަކަށް ކިޔާ ޖަމާޢަތަކުން ޢާއްމުކުރި ލާދީނީ "ހާސަރު"ގައި، ޖިހާދުގެ މައްސަލަ ފާހަގަކޮށްފައިވެއެވެ. އިސްލާމީ ތަޢުލީމާއި ދީނީ އިރުޝާދުތަކުގެ ވާހަކަތަކަކީ ޖިހާދުކުރުމަށްޓަކައި ބޭރު ޤައުމުތަކަށް ދާން ބާރު އަޅާކަމެއް ކަމަށް މާނަކުރެވޭ ގޮތަށެވެ. އަދި جِهَادގެ މާނައަކީ ހަނގުރާމައާއި ތަޅައިފޮޅުމާއި ހަމަނުޖެހުން ހިންގުންކަމަށް ދޭހަވާ ފަދަ ގޮތަކަށެވެ.

އެހެންކަމުން ޖިހާދުގެ ވާހަކަދައްކާ މީހުންނަށް ޖިހާދަކީ ކޯއްޗެއްކަން އެނގޭތޯ ނުވަތަ ނޫންތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދުނެވެ.

މި ވާހަކަ ފަށައިގަތުމުގެ ކުރީން އަޅުގަނޑަކީ ޢަރަބި ބަހުގެ މާހިރެއް ނޫންކަމަށް އިޚުލާޞްތެރިކަމާއެކު އެއްބަސްވަމެވެ. ނަމަވެސް ބަސްފޮތްތަކުން އެކި ލަފުޒުތަކުގެ މާނަ ދެނެގަތުމުގެ ނިޢުމަތް ﷲ ދެއްވައިފައިވާތީ ބަސްފޮތްތަކުގެ އެހީގައި ބަލައިލީމެވެ. މި ބަލައިލި ބަލައިލުމުގައި އެނގި ހާމަވީ "جِهَاد" މި ލަފުޒަކީ "جَهَدَ" މި ލަފުޒުގެ އަޞްލުން އުފެދިފައިވާ އެތައްއެތައް ލަފުޒެއްގެ ތެރޭގައި ހިމެނޭ ލަފުޒެއްކަމެވެ. اِجْتِهَاد، اِجْهاد، جَهَدَ، أجْهَد، مَجْهُود، مُجَاهَدَة، جاهَدَ، مُجْهِد، أجْهَد، اِجْتَهَد މިއީ ހައްތާ ވެސް މި ފަދަ ލަފުޒުތަކެކެވެ. "جِهَاد" މި ލަފުޒު ވެސް އައިސްފައިވަނީ މި ދެންނެވި އަޞްލުންނެވެ.

މި ލަފުޒުގެ ޢާއްމު މާނައަކީ ކެރި ކުޅަދާނަވެގެންވީ ވަރަކަށް މަސައްކަތް ކުރުމެވެ. ނުވަތަ ގަދައަޅައި ހިތްވަރުލައި މަސައްކަތް ކުރުމެވެ. ތަޢުލީމު ހޯދާން ކުރާ މަސައްކަތަކީ ވެސް ޖިހާދެކެވެ. ތިމާގެ ހަވާ ނަފުސު އެދޭ އެދުންތަކަށް ތިމާގެ ނަފްސު ހެއްލުންތެރިވެ ދޫވެގެން ނުދިޔުމަށްޓަކައި ގަދައަޅައި ކުރާ ހިތްވަރާއި މަސައްކަތަށް ނަފްސުގެ ޖިހާދޭ ނުވަތަ جهاد النفسއޭ ކިޔެއެވެ. ޖިހާދުގެ އަނެއް މާނައަކީ ﷲގެ މަގުގައި ކުރެވޭ ހަނގުރާމައެވެ. جهاد في سبيل الله އެވެ. ދުޝްމަނުންގެ ބަޔަކާ އިދިކޮޅަށް ކުރެވޭ ހަނގުރާމައެވެ. މި ގޮތަށް ކުރެވޭ ހަނގުރާމަ ވާންޖެހޭނީ ދިފާއީ ހަނގުރާމައަކަށެވެ. އުދުވާނީ ހަނގުރާމައަކަށް ވެގެން ނުވާނެއެވެ. އިސްލާމް ދީނުގައި ޖިހާދުގެ ނަމުގައި ޢުދުވާނެއް ނިހިންގާނެއެވެ. ދިފާޢީ ގޮތުން ކުރާ ޖިހާދުގައި ވެސް ތަންތައް ހަލާކުކޮށެއް ނަހަދާނެއެވެ. ގަސްގަހާގެއްސަށާއި ޖަނަވާރަކަށް ގޯނާއެއް ނުކުރާނެއެވެ. ކުޑަކުދީންނާއި މުސްކުޅީންނާއި އަންހެނުންނަށް ޙިމާޔަތް ދޭނެއެވެ. އަޅުވެރީންނަށް އިޙުތިރާމްކުރާނެއެވެ. ހަނގުރާމައިގެ މާނައިގައި ޖިހާދުގެ ލަފްޒު ކީރިތި ޤުރުއާނުގައި ބޭނުން ކުރެވޭއިރު އާންމު ގޮތެއްގައި "މާތްﷲގެ މަގުގައި" މި އިބާރާތް އިތުރުކުރެވިފައި ވެއެވެ. އާދެ، ޖިހާދަކީ، މާތްﷲގެ މަގުގައި ކުރެވޭ ހަނގުރާމައެވެ. ދިފާއީ ހަނގުރާމައެކެވެ. ދުޝްމަނުން ޢަދާވާތްތެރިވެ ޢުދުވާނެއް ފަށައިފި ނަމަ، އެ މީހުން ބަލިކުރެވެންދެން ނުވަތަ އެ މީހުން އަމާންދެންދެން ނުވަތަ އެ މީހުން ކިޔަމަންތެރިކަމުގެ ދަށަށް އަތުވެއްޖައުމަށް ދާންދެން ޖިހާދުކުރުމަކީ ވާޖިބެކެވެ.

އާދޭހެވެ! ހަނގުރާމައިގެ މާނައިގައި "ޖިހާދު" އިސްލާމީ އެކިއެކި ފޮތްތަކުގެ ނައްސުތަކުގައި ބޭނުންކުރެވިފައި ވާކަމީ ހަޤީޤަތެކެވެ. ކީރިތި ޤުރުއާނުގައްޔާއި ހަދީސް ފޮތްތަކުގައްޔާއި ތާރީޚީ ފޮތްތަކުގައްޔާއި އަދި ފިގުހީ ފޮތްތަކުގައި ވެސް "ޖިހާދު" ހަނގުރާމައިގެ މާނައިގައި ބޭނުންކުރެވިފައި އެބަހުއްޓެވެ. މި ދެންނެވި ނައްސުތަކުގެ ތެރެއިން ކީރިތި ޤުރުއާނުގައި ހަނގުރާމައިގެ މާނައިގައި ޖިހާދު ބޭނުންކުރެވޭ އިރު، އެ ލަފްޒުގެ މާނަ ދެނެގަތުމާ ބެހޭ ގޮތުން މުހިއްމު ނުކުތާތަކެއް އެބަ ހުއްޓެވެ.

މިކަމާ ގުޅޭ ގޮތުން ޑރ. ޢަބްދުލްޣަފޫރު ޢަބްދުލްމަޖީދު ވިދާޅުވެފައިވަނީ "ކީރިތި ޤުރުއާނުގައި "ޖިހާދު"ގެ ވާހަކަތައް އައިސްފައިވަނީ ވަކި ސިޔާގެއްގެ، އޮނިގަނޑެއްގެ ތެރޭގައެވެ. ތާރީޚީ-އިޖުތިމާއީ އޮނިގަނޑެއްގެ ތެރޭގައެވެ. ތާރީޚީ ގޮތުން ވަކި ދުވަސްވަރެއްގައި މުޖުތަމައުގައި ހިނގަމުން ދިޔަ ހާދިސާތަކެއްގެ އޮނިގަނޑުތެރޭގައެވެ. ކީރިތި ޤުރުއާނުގައި ހަނގުރާމަކުރުމުގެ މާނައިގައި ޖިހާދުކުރުން ބޭނުންކުރެވިފައިވާ ގޮތުގެ މާނަ ފަހުމްކޮށް ދެނެގަތުމަށްޓަކައި މިކަމުގެ ސިޔާގު ނުވަތަ އޮނިގަނޑު ދެނެގަންނަން ޖެހެއެވެ."

ޖިހާދުގެ ޙަޤީޤީ މަނަ ދެނެގަތުމަށްޓަކައި ބޭނުންކުރާނެ އޮނިގަނޑެއް ދެނެގަންނާނީ ކިހިނެއްތޯ ސުވާލު އުފައްދަވަމުން އޭގެ ޖަވާބު ވެސް ޑރ. ޢަބްދުލްޣަފޫރު ދެއްވައިފައިވެއެވެ. އޭނާ ވިދާޅުވެފައިވެއެވެ. "މި އޮނިގަނޑުން ކޮންމެވެސް މިންވަރެއް ޖިހާދާ ބެހޭ އާޔަތްތަކުގެ ކުރީގައި އޮތް އާޔަތްތަކުންނާއި އަދި އޭގެ ފަހުގައި އޮތް އާޔަތްތަކުން އެނގެން އޮވެއެވެ. ނަމަވެސް، އެކަމުގެ ތަފްސީލު ކީރިތި ޤުރުއާނުގައި ބަޔާންކުރެވިފައެއް ނެތެވެ. އެހެން ކަމަށް ވިޔަސް، އެންމެ ފުރަތަމަ ކީރިތި ޤުރުއާން އެބޭކަލުންގެ މައްޗަށް ބާވާލެއްވުނު ބޭކަލުންނަށް މި އޮނިގަނޑަކީ ކޮބައިކަން ރަނގަޅަށް އެނގިވަޑައިގަންނެވިއެވެ. އަދި އެކަން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވެއްޖެ ހާލަތެއްގައި އެކަން ކީރިތި ރަސޫލާ ބަޔާންކޮށްދެއްވައެވެ. އެހެންވެ، ކީރިތި ޤުރުއާނުގެ އާޔަތްތައް ފަހުމުކޮށްގަތުން އެބޭކަލުންނަކަށް އުނދަގޫފުޅެއް ނުވެއެވެ. މި އޮނިގަނޑުގެ ވާހަކަ، ފަހުން، ހަދީސް ފޮތްތަކުގައްޔާއި، ތަފްސީރުފޮތްތަކުގައި ބަޔާންކުރެވުނެވެ. އަދި ޤުރުއާނުގެ އާޔަތްތައް ބާވާލައްވަން މެދުވެރިވި ސަބަބުތައް ބަޔާންކުރުމުގެ ޚާއްސަ އިލްމީ ދާއިރާއެއް އުފެދި އެ ރޮނގުގައި ފޮތްތައް ލިޔެވި، މި ނަންގަތް އޮނިގަނޑުގެ ވާހަކަ އެ ފޮތްތަކުގައި ވެސް ބަޔާން ކުރެވުނެވެ."

ކަން އޮތީ މިހެންކަމުގައި ވާއިރު، އިސްލާމް ދީނަށް ތައުހީނުކޮށް ކައު ރަސޫލާއަށް ފުރައްސާރަކޮށް ﷲ ގެ ވޮޑިގެންވުމާމެދު ޝައްކުއުފައްދަމުން "މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް" ނަމަކަށް ކިޔާ ހައްދުފަހަނަޅައިފައިވާ ޖަމުޢިއްޔާއަކުން ޖިހާދަކީ ބިރުވެރިކަން އުފައްދާ ޢުދުވާނެއްގެ ގޮތުގައި ސިފަކޮށްފައިވަނީ އެ މީހުންގެ ޖާހިލުކަމުންނެވެ. އެމީހުންގެ ކިބައިގައި އިސްލާމީ ތަޢުލީމުގެ ކަންފުޅެއް ވެސް ނެތީމައެވެ.

މިކަމުން ދޭހަވަނީ ދިވެހިރާއްޖޭގެ ތަޢުލީމީ މަންހަޖުގައި ޖިހާދުގެ ވާހަކަ އިތުރުކުރާންޖެހޭ ކަމެވެ. އެހެނީ ޖިހާދުގެ ޙާލަތެއް ދިމާޥެއްޖެ ނަމަ އެއީ ފަރުޟެކެވެ. ނަމަވެސް ބައެއް މީހުންނަށް ޖިހާދުގެ މާނައާއި ޖިހާދުގެ މަޤުޞަދާއި ޝަރުޠުތައް ނޭގި ޖިހާދުގެ ވާހަކަ ދައްކާތީ ޖިހާދުގެ މުޤައްދަސްކަމާއި މާތްކަމަށް ބައެއް މީހުންގެ ހިތުގައި ޤަދަރު ކުޑަވެއެވެ.

އިސްލާމީ ޤައުމަކަށް ޖިހާދު ކުރެވޭނީ ޙާކިމާގެ އަމުރަށެވެ. ނަމަވެސް ކާފަރުން އިސްލާމީ ޤައުމެއްގެ ޙާކިމާ ޝަހީދުކޮށްލައި އެ ޤައުމަކަށް އަތްގަދަކޮށް އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސް މުސްލިމުންނާ ދެކޮޅަށް މަސައްކަތްކުރާނަމަ، މުސްލިމުންގެ ދިފާޢުގައި ޙާކިމާގެ އަމުރެއް ނެތަސް ޖިހާދުކުރެވިދާނެއެވެ. އެހެނީ އެޙާލަތުގައި ޙާކިމާ ވަނީ ޝަހީދުކޮށްލެވިފައެވެ. ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ކުރެއްވީ އެފަދަ ޖިހާދެކެވެ. ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާގައި ދީނާއި ޤައުމުގެ ދިފާޢުގައި ކުރީ ވެސް ޖިހާދެކެވެ. އެއީ ޙާކިމާގެ އިޛުނަޔާއެކު ކުރެވުނު ޖިހާދެކެވެ. ދީނުގެ ދިފާޢުގައި ހަމަ ތިބެލައިފައި ޢުދުވާނެއް ހިންގުމަކީ ނުވަތަ، ދުނިޔޭގެ އެދުމަށްޓަކައި ތަޅާއިފޮޅުމަކީ ނުވަތަ ތިމާމެންނާ ޢަދާވާތްތެރިކަމެއް ނެތި އެކުވެރިކަމާއެކު އުޅޭ ޢައިރު މުސްލިމަކަށް ޙަމަލާ ދިނުމަކީ ޖިހާދެއް ނޫނެވެ. އެއީ އިސްލާމް ދީން ނަހީކުރާ ކަންކަމެވެ. ހަގީގަތުގައި ޖިހާދުގެ އެންމެ މުޤައްދަސް މާނައަކީ އިސްލާމް ދީން ޙިމާޔަތްކުރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމެވެ. ޢުދުވާނު ހިންގުމެއް ނޫނެވެ.

------------------------------------------------

ޙަވާލާ: https://www.bbc.co.uk/religion/religions/islam/beliefs/jihad_1.shtml

https://www.rferl.org/a/1097473.html

https://www.britannica.com/topic/jihad

https://www.almaany.com/en/dict/ar-en/

www.liyuntherin.org

ކިޔުންތެރިންގެ ހިޔާލު