އިސްރާ އާއި މިޢުރާޖު: "ފުލޯކު" ވާހަކައެއް ނޫން، ޤުރުއާނުން ސާބިތުވާ ކަމެއް!

އިބްރާހިމް އާދަމް 8 އޮކްޓޯބަރު 2019 11:30
Flowers
މަސްޖިދުލް އަޤްޞާ

ކީރިތ ރަސޫލާ މުޙައްމަދް ނަބީކަލޭގެފާނު ﷺ އެއްރެޔެއްގައި މައްކާގައި ހުންނަ އެކަލޭގެފާނު ގެކޮޅުން، މަސްޖިދުލް-އަޤުޞާ އަށް ދަތުރުކުރައްވައި، އެތަނުން އުޑުތަކަށް މާތް ﷲ އެކަލޭގެފާނު އުފުލެއްވި ޙާދިސާގެ ވާހަކައަކީ ކޮންމެ މުސްލިމަކަށް އެނގިފައި އޮންނާނެ އަދި ޙަޤީޤަތެއް ކަމުގައި ޤަބޫލުކުރާނެވެސް ވާހަކައެކެވެ.

މި ޙާދިސާއަށް ކިޔޭ ނަމަކީ الإسراء والمعراج‎ އިސްރާ އާއި މިޢުރާޖު، މިހެންނެވެ. އެކަލޭގެފާނު މަސްޖިދުލް އަޤްޞާއަށް ކުރެއްވި ދަތުރަކީ "އިސްރާ" އެވެ. އަދި އުޑުތަކަށް އުފުލެއްވި އުފުލެއްވުމަކީ "މިޢުރާޖު" އެވެ.

"އިސްރާ"ގެ ވާހަކަ ކީރިތި ޤުރުއާނުގެ އިސްރާ ސޫރަތުގެ ފުރަތަމަ އާޔަތުން އެނގެއެވެ: 

سُبْحَـٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًۭا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَـٰرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَـٰتِنَآ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ

މާނައީ:

"އެކަލާނގެ ހުސް ޠާހިރު ވަންތަކަމާއެވެ! އެކަލާނގެއީ، މަސްޖިދުލް ޙަރާމުން، މަސްޖިދުލް އަޤްޞާ އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."

އަދި "މިޢުރާޖު"ގެ ވާހަކަ ކީރިތި ޤުރުއާނުގެ ނަޖްމު ސޫރަތުގެ އެގާރަވަނަ އާޔަތުން އަށާރަވަނަ އާޔަތާއި ދެމެދު އޮތް އާޔަތްތަކުން އެނގެއެވެ.

مَا كَذَبَ ٱلْفُؤَادُ مَا رَأَىٰٓ . أَفَتُمَـٰرُونَهُۥ عَلَىٰ مَا يَرَىٰ . وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ . عِندَ سِدْرَةِ ٱلْمُنتَهَىٰ .عِندَهَا جَنَّةُ ٱلْمَأْوَىٰٓ . إِذْ يَغْشَى ٱلسِّدْرَةَ مَا يَغْشَىٰ . مَا زَاغَ ٱلْبَصَرُ وَمَا طَغَىٰ . لَقَدْ رَأَىٰ مِنْ ءَايَـٰتِ رَبِّهِ ٱلْكُبْرَىٰٓ

މާނައީ:

“އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު އިންކާރެއް ނުކުރައްވަތެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: މުޙައްމަދު ގެފާނު) އެހެންފަހަރަކުވެސް އެ މަލާއިކަތާ ދެކެވަޑައިގަތްކަން ކަށަވަރެވެ. ސިދުރަތިލް މުންތަހާ ގެ ކައިރިންނެވެ. އެތާނގެ ކައިރީގައި جنة المأوى ވެއެވެ. (އެއީ މުއުމިނުތަކުންގެ ފުރާނަތަކުގެ މަރުކަޒެވެ.) ސިދުރަތިލް މުންތަހާ ފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ. އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާތަން ފަހަނަޅައިވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ."

ޙަދީޘްފުޅުތަކަށް ނަޒަރުހިންގާލުމުން ފާހަގަކުރެވޭ ކަމަކީ، އިސްރާ އާއި މިޢުރާޖުގެ ޙަދީޘްފުޅުތަކަކީ 20 އަށްވުރެއް ގިނަ ޞަހާބީންގެ އަރިހުން ރިޥާވެގެންވާ ޙަދީޘްފުޅުތަކެކެވެ. އަދި ކީރިތި ޤުރުއާނަށް ފަހު އިސްލާމީ ޢިލްމީތަރިކައިގެ އެންމެ މުހިންމު ފޮތްކަމަށްވާ ޞަޙީޙް އަލް-ބުޚާރީގައި ވެސް 6 ޞާހާބީންގެ އަރިހުން އިސްރާ އާއި މިޢުރާޖުގެ ޙަދީޘްފުޅުތައް ރިޥާވެގެން އާދެއެވެ.

ކީރިތި ރަސޫލާ ﷺ މައްކާގައި ހޭދަކުރެއްވި އަހަރުތަކާއި ގުޅޭގޮތުން ރިވާވެގެން އައިސްފައިވާ ޙަދީޘްފުޅުތަކުގެ ބޮޑުބަޔަކީ އިސްރާ އާއި މިޢުރާޖުގެ ޙަދީޘްފުޅުތަކެވެ.

އިސްރާ އާއި މިޢުރާޖުގެ ޙާދިޘާގައި ހިނގި އެކި ކަންކަން ހިނގި ތަރުތީބާއި ބައެއް އެހެން ކަވިކަންކަމާއިމެދު ޢިލްމުވެރީންގެ ޚިޔާލުތަފާތުވުން ހުރިނަމަވެސް، މިހުރިހާ ޙާދިޘާތަކާއި ކަންކަމަކީ އިތުބާރުހިފޭ މަޞްދަރުތަކުން އައިސްފައިވާ ޚަބަރުތަކެކެވެ.

އިސްރާ
އާއި މިޢުރާޖުގައި ހިނގި ކަންކަން 

• ކީރިތި ރަސޫލާ މުޙައްމަދު ﷺ ނަބީކަލޭގެފާނު އަވާހަރަލައްޕަވާފައި އޮންނަވަނިކޮށް ޖިބުރީލުގެފާން ވަޑައިގެން އެކަލޭގެފާނު އަވަހާރަފުޅުން ނެންގެވިއެވެ.

• ކީރިތި ރަސޫލާ ﷺ ގެ މޭފުޅު ޖިބުރީލުގެފާނު ހުޅުވާލެއްވިއެވެ. އަދި ރަނުން ހެދިފައިވާ ތައްޓެއް ގެންނެވިއެވެ. މި ތަށީގައި ހިމެނުނީ ޒަމް-ޒަމް ފެނެވެ. ބައެއް ރިވާޔަތްތަކުގައި، މި ތަށީގައި ހިމެނުނީ އީމާންކަމެވެ. އަދި އެކަލޭގެފާނުގެ ހިތްޕުޅު ނަންގަވާ އެ ތަށީގައިވި އެތިން ދޮއްވެވިއެވެ. މިޔަށްފަހު، ހިތްޕުޅު އަނބުރާ އެކަލޭގެފާނުގެ މޭފުޅުގެ ތެރެޔަށް ލައްވަވައި މޭފުޅު ބަންދުކުރެއްވިއެވެ.

• ބުރާޤު ނަމަކަށް ކިޔުނު ހުދު ސަވާރީއެއް އެކަލޭގެފާނަށް ﷺ ދެއްކެވިއެވެ. ނުހަނު އަވަސް ދުވެއްޔެއްގައި މައްކާއިން ފަލަސްޠީނުގައި ހުންނަ މަސްޖިދުލް އަޤުޞާއަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ބުރާޤު އެކަލޭގެފާނު ގެންދިޔައެވެ.

• ޖިބްރީލުގެ ފާނު އިތުރު ދެ ތަށްޓެއް އެކަލޭގެފާނަށް ހުރަހަޅުއްވައެވެ. އެއީ ކިރުގެ ތަށްޓަކާއި، ރަލުގެ ތަށްޓެކެވެ. ކީރިތި ރަސޫލާ އިޚުތިޔާރު ކުރެއްވީ ކިރުހިއްޕަވާށެވެ. އެކަމާއި ގުޅިގެން ޖިބުރީލުގެ ފާނު މާތް ﷲ އަށް ޙަމްދު ވިދާޅުވިއެވެ.

• އަލް-ޤުދުސް އަކީ މިއަދުގެ ޞަޙްޔޫނީ ދައުލަތުން ހިފާފައިވާ ބިމެކެވެ. އިނގިރޭސިބަހުން އެ ޝަހަރު މަޝްހޫރުވެފައިވަނީ "ޖެރޫސަލެމް"ގެ ނަމުންނެވެ. ކީރިތި ރަސޫލާގެ ﷺ ޒަމާނުގައި އަލް-ޤުދުސް އަކީ ރޫމީންގެ (ބިޒަންޓީން ރަސްކަމޭކިޔުނު ރޯމަނުންގެ އިރުމަތީގެ ދައުލަތު) ބިމެކެވެ.

އަދި ޗާޓަކުން ސާފުކޮށްލައްވައިފިނަމަ، މައްކާ އާއި މިއަދުގެ ޖެރޫސަލެމް އާއި ދެމެދު 1،247 ކިލޯމީޓަރުގެ ދިގު ރާސްތާއެއް ދައްކައެވެ. ތަޞައްވަރުކުރުމުގެ ގޮތުން، މާލެ އާއި އިންޑިޔާގެ ޗެންނާއި އާއި ދެމެދު އޮތް 1،237 ކިލޯމީޓަރުގެ ރާސްތާ ހަނދާނަށް ގެންނަވާށެވެ.

• މަސްޖިދުލް އަޤްޞާގައި މާތް ﷲ ކުރިން ފޮނުއްވި ރަސޫލުންނާއި ނަބީބެކަލުން އެތާނގައި ތިއްބެވިއެވެ. އަދި އެހުރިހާ ބޭކަލުންނާއި އެކު އިމާމުވެ ވަޑައިގަނެގެން އެކަލޭގެފާނު ނަމާދު ކުރެއްވިއެވެ.

• މިޢުރާޖުގެ މަރުހަލާގެ ފެށުމުން ޖިބުރީލުގެ ފާނާއި އެކު އުޑުތަކަށް އުފުއްލެއްވިއެވެ. ހަތް އުޑުތަކަށް އުފުއްލަވާ އިރު، ކޮންމެ އުޑެއްގައި ދޮރޯށްޓަކާއި ދޮރުވާނެއް ހުންނަވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. ދޮރުހުޅުވުމަށް އެދިވަޑައިގަތުމުން، އެކަމަށް އައްސަވަނީ ކޮންބޭކަލެއްކަމާއިމެދު އެދޮރުވާނު ސުވާލުކުރައްވައެވެ.

• ކޮންމެ އުޑެއްގައި އެކި ރަސޫލުންނާއި ނަބީބޭކަލުންނާއި އެކަލޭގެފާނު ބައްދަލުވެވަޑައިގަތެވެ.

• ޣައިބުގައިވާ އެތައްކަމެއް މި ޙާދިޘާތެރޭގައި އެކަލޭގެފާނަށް ދެއްކެވިއެވެ. މީގެތެރެއިން، މަލާއިކަތް ބޭކަލުންގެ ޤިބުލަ (ބައިތުލް މައްމޫރު) ދެއްކެވިއެވެ. އަދި ސުވަރުގެ އާއި ނަރަކާއިގެ މަންޒަރުތައް ދެއްކެވިއެވެ.

• ސިދުރަތުލްމުންތަހާ އާއި ހަމަޔަށް ވާސިލުވެވަޑައިގަތުމުން، ޖިބުރީލުގެ ފާނު ކީރިތި ރަސޫލާ ގިނިކަންޔާ ކުރިޔަށް ވަޑައިގަންނަވަން އެދިލެއްވިއެވެ.

• ޢާލަމްތަކުގެ ވެރި ﷲ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ފަސްވަޤުތުކުރާ ނަމާދު މުސްލިމުންގެ މައްޗަށް ވާޖިބުކުރެއްވީ މި ޙާދިޘާތެރޭގައެވެ. ކީރިތި ރަސޫލާ ތިރިޔަށް ފައިބާވަޑައިގަންނަވަނި ކޮށް މޫސާގެ ފާނާއި ބައްދަލުވެވަޑައިގަނެއެވެ. މޫސާގެފާނުގެ ނަޞޭޙަތާއި ގުޅިގެން ފުރަތަމަ ވާޖިބުކުރެވުނު 50 ނަމާދު މަދުކުރެއްވިއެވެ. 5 ނަމާދާއި ހަމަޔަށް އެ 50 ނަމާދު މަދުވެގެން ދާންދެން މިކަން ތަކުރާރުވިއެވެ.

• ޖެހިގެން އޮތްދުވަހު، ކީރިތި ރަސޫލާ މައްކާގެ އަހުލުވެރީންނަށް އެ ހިނގައިދިޔަ ޙާދިޘާގެ ޚަބަރުދެއްވައެވެ. ވަގުތުން އެރަށުގެ މުޝްރިކުން އެކަލޭގެފާނަށް މަލާމާތްކޮށް އެކަލޭގެފާނުގެ އިސްތަށިފުޅުމައްޗަށް އިތުރުފުޅު ހެއްދެވުމުގެ އިލްޒާމު އެޅިއެވެ. އެކަލޭގެފާނުގެ ތެދުވެރިކަން ބެލުމަށްޓަކައި އަލް-ޤުދުސް ސިފަކޮށްދެއްވުމަށް އެމީހުން އެދުނެވެ. އެކަލޭގެފާނަށް އެކަން ރަގަޅަށް ކުރެއްވިއެވެ. އަދި މައްކާއަށް މިސްރާބުޖަހައިގެން ދަތުރުކުރަމުން ދިޔަ ޤާފިލާތަކެއްގެ ވާހަކަތައްވެސް އެކަލޭގެފާނު ދެއްވިއެވެ. 

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު
ސިޔާމް
ހިތުގެ އަޑީން ްޤަބޫލް ކުރަން.
ފާތުން
އަނެއްބައި ފޮނުވާލަދޭށެވެ ވަރައްރީތި
ފާތުން
ޢަނެން ބަައި ކިއާލަން ބޭެނުން