އެނގޭތަ: ރާއްޖޭގެ އެންމެ ފުރަތަމަ މަދަރުސާހުރި ތަން މިއަދުވެސް އެބަހުރިކަން؟

އިބްރާހިމް އާދަމް
Flowers
ސްކޫލެއްގައި ދަރިވަރުންތަކެއް

ދިވެހި ރާއްޖޭގެ އެންމެ ފުރަތަމަ މަދަރުސާ އިފްތިތާޙުކުރެއްވީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. މިއީ 1668 މ. ވަނަ އަހަރުގައެވެ.

މި މަދަރުސާއަށް ޚާއްޞަކުރެވުނު ތަނަކީ މާލޭގެ ހުކުރު މިސްކިތުގެ ދޮރުއަށްޓެވެ. އަދި މި މަދަރުސާގައި ކިޔަވައިދެއްވީ ދީނީ މާއްދާތަކެވެ. މީގެ އިތުރުން ކުޅިޖެހުން ކަސްރަތުވެސް ދަރިވަރުން ލައްވާ ކުރެވުނެވެ.

އިސްކަންދަރު ރަދުންނަކީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (1 ވަނަ) އާއި އެމަނިކުފާނުގެ އަނބިކަނބަލުން ކަނބާ އައިޝާ އަށް ލިބިވަޑައިގަތް ހަމައެކަނި ދަރިކަލުންނެވެ. އިބްރާހީމް އިސްކަނދަރަކީ ދިވެހި ބަޠަލު، ޢަލީ ތަކުރުފާނުގެ ޚާންްދާނުގެ ބޭފުޅެކެވެ.

އިސްކަންދަރު ރަދުންނަކީ ކުރިއަށް ވިސްނަވާވަޑައިގަންނަވާ، ކެތްތެރި، ކޯފާމަޑު ބޭފުޅެކެވެ. އަދި މީސްމީހުންނަށް އަދަބު ދެއްވުމުގައި އަވަސް ނުކުރައްވައި ދެކޮޅު ބައްލަވައި ހެއްދެވި ބޭފުޅެކެވެ.

އެ މަނިކުފާނަކީ މީސްތަކުންނަށް "ކަނޑިހެވިކަމާއި، ބަޑިހެވިކަމާއި، ދުނިދަނޑި އެއްލުމާއި، އޮޅުލުމާއި" މިފަދަ އަސްކަރީ ހުނަރުތައް އުނގަންނައިދެއްވި އެޒަމާނުގެ އެދުރުބޭކަލެކެވެ.

އިބްރާހީމް އިސްކަންދަރަކީ ދަންނަބޭކަލުންނާއި ޢިލްމުވެރީންނަށް ކަމޭހިތްތަވައި ޢިލްމު ފެތުރެއްވުމަށް މަސައްކަތްޕުޅުކުރެއވި ބޭކަލެކެވެ.

މިއަދު ފެންނަން އޮތް މާލެ ހުކުރު މިސްކިތްވެސް އަލުން ބިނާކުރެއްވީ އިސްކަންދަރު ރަދުންނެވެ. އެ ޒަމާނުގައި ހުރި ހުކުރުމިސްކިތަކީ ޝިހާބުއްދީން ރަދުން 1338 މ. ގައި އަލުން ބިނާކުރެއްވި މިސްކިތެވެ. މުއައްޚިރުން ވިދާޅުވާގޮތުގައި މި މިސްކިތުގެ ބިންގާ އެޅުއްވީ ދަރުމަވަންތަ ރަސްގެފާނެވެ.

ތާރީޚުގެ ފޮތެއްލިޔުމުގެ މަސައްކަތް ޤާޟީ ޙަސަން ތާޖުއްދީނަށްވެސް ހަވާލުކުރެއްވީ މިރަދުންގެ ރަސްކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު