Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުނިފޫހިފިލުވުން

"ހޭންޑްމެއިޑްސް ޓޭލް" ޙަޤީޤަތާ މާބޮޑަށް އެއްގޮތްވުމުގެ ސަބަބުން ދެވަނަ ބައެއް ލިޔަން ޖެހުނީ: އެޓްވޫޑް

އެންމެ ގިނައިން ވިކޭ ނާވިލުތަކުގެ ތެރޭގައި ހިމެނޭ، 1985ވަނަ އަހަރު ޝާއިޢުކުރެވުނު ހޭންޑްމެއިޑްސް ޓޭލް ލިޔުއްވި މާރގްރެޓް އެޓްވޫޑް ވިދާޅުވެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ ޙައްޤުތަކަށް އިތުރު އުނިކަން ލިބެމުން ދިއުމުގެ ސަބަބުން އެފޮތުގެ ދެވަނަ ބައެއް ލިޔަން މަޖުބޫރުވީ ކަމުގައެވެ. އެގޮތުން އެމެރިކާއާއި އަދި ހުޅަނގުގެ ބައެއް ޤައުމުތަކާއި އިރުމަތީ ބައެއް ޤައުމުތަކުގައި އަންހެނުންގެ ޙައްޤުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އިލްހާމުވެގެން ހޭންޑެމެއިޑްސް ޓޭލްގެ ދެވަނަ ބައި އެކުލަވައިލެވުނު ކަމުގައި އޭނާ ވިދާޅުވިއެވެ.
ހޭންޑްމެއިޑްސް ޓޭލް ނާވިލަކީ ޚުދުމުޚުތާރުކަމާއި އަނިޔާވެރިކަން ޢާންމުވެފައިވާ މުސްތަޤުބަލެއް ތަޞްވީރުކޮށްދޭ ވާހަކައެކެވެ. ގިލެއަޑް ނަމަކަށް ކިޔުނު ޚިޔާލީ ދައުލަތުގައި ޚުދުމުޚުތާރުކަމާއި އަނިޔާވެރިކަން އޮންނަނީ ގަދަވެފައެވެ. އެދައުލަތުގައި ތިބި މަދު ދަރިން ލިބޭ އަންހެނުންވަނީ، ތިމާވެށީގެ ކާރިސާއަކާ ކުރިމަތިލާންޖެހިފައިވާ ދުނިޔެ އަލުން އާބާދުކުރުމަށްޓަކައި ޖިންސީ އަޅުވެތިކަމެއްގެ ތެރޭ ބަދެވި ކަސްތޮޅުއެޅުވިފައެވެ. އެމީހުންނަށް މިކިޔެނީ ހޭންޑްސްމެއިޑުންނެވެ.
ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި އެޓްވޫޑް ވިދާޅުވީ މީހުން މިނާވިލުގެ ދެވަނަ ފޮތެއް ލިޔުމަށް އެދެމުންދާތާ ވަރަށް ދުވަސްވެއްޖެ ކަމުގައެވެ. އެގޮތުން ނާވިލު ނިމުނު ހިސާބުން ކުރިއަށް އޮތް ތަނުގައި ކަންވީ ގޮތާމެދު ކިޔުންތެރިން ވަރަށް ސުވާލުކުރާ ކަމުގައެވެ. އަދި ހަމައެއާއެކު، އެވާހަކަ އެހިސާބުން ކުރިއަށްދިޔަ ގޮތެއް ބުނެ ދިނުމަށް އޭނާ ކިބައިން ކިޔުންތެރިން އެދިފައިވާ ކަމުގައިވެސް ވިދާޅުވިއެވެ. އެހެންނަމަސް އޭނާ އެކަމާ ދެކޮޅު ހައްދަވަމުން ދިޔަ ކަމުގައި ވިދާޅުވިއެވެ. ނަމަވެސް ބައެއް ކަންތައްތައް ބަދަލުވެ، 1990ގެ ތެރޭ ގިލެއަޑާ ދުރަށް ދަތުރުކުރަމުންދިޔަ ދުނިޔެ މަޑުމަޑުން ގިލެއަޑާ ދިމާލަށް މިސްރާބު ޖަހައިފި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ ޓްރަމްޕް އެމެރިކާގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވުމާއެކު، މިނާވިލުގެ ދެވަނަ ވާހަކައިގެ މަފުހޫމު އެޓްވޫޑްގެ ވިސްނުންފުޅުގައި ކުރައްސައިލެއްވުނު ކަމުގައެވެ.
2017ވަނަ އަހަރުގައި ހޭންޑްސްމެއިޑް ޓޭލްވަނީ އެވޯޑުތައް ކާމިޔާބުކުރި ޓީވީ ސިލްސިލާއެއްގެ ގޮތުގައި ފެނިފައެވެ. މިސިލްސިލާގެ ކާމިޔާބާއެކު، މިނާވިލު އަލުން އެންމެ ގިނައިން ވިކޭ ފޮތްތަކުގެ ލިސްޓުތަކުގެ ކުރިއަށް ޖެހިލިއެވެ. އަދި އެއާއެކު މިސިލްސިލާގައި ފެނިގެންދާ ހޭންޑްމެއިޑު ޔުނިފޯމަކީ އެކި ހިސާބުތަކުގައި އަންހެނުންގެ މުޒާހަރާތަކުގައި ބޭނުންކުރެވޭ ރަމްޒެއް ކަމުގައިވެސް ވެއްޖެއެވެ.
އަންގާރަދުވަހުގެ މެންދަމުގައި މިނާވިލަށް ލޯބިކުރާ ފަރާތްތައް ލަންޑަނުގައި އެއްވެ ތިބީ އެޓްވޫޑު އޭނާގެ އައު ފޮތް ކިޔާދޭ އަޑު އަހައިލުމަށެވެ. މިފޮތަކީ އަންހެނުންނަށް އިހާނަތިކަން އިތުރުވަމުންދާ ދުނިޔެއެއްގައި އެފަދަ ޚުޠޫރަތްތެރި ވަގުތެއްގައި މުހިއްމު ފޮތެއް ކަމުގައި ބައެއް ފަރާތްތަކުން ބުނެއެވެ. ދިޓެސްޓަމޭންޓްސްގެ ނަމުގައި ޝާއިޢުކޮށްފައިވާ މިއައު ނާވިލާއެކު އެޓްވޫޑުގެ ނަންވަނީ ލިޔުންތެރިކަމުގައި ލިބޭ އެންމެ ޝަރަފުވެރި އެއް އެވޯރޑު ކަމުގައިވާ ދި ބުކަރ ޕްރައިޒަށް ހުށަހެޅިފައެވެ.
މި ލިއުމާއި ގުޅޭ