Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުނިފޫހިފިލުވުން

އިސްލާމްދީނާއި ސައެންސުގެ ތާރީޚު: ޑޮކިއުމަންޓަރީ ފިލްމު ސައެންސާއި އިސްލާމް

ސައިންސާއި އިސްލާމް ޑޮކިއުމެންޓަރީ ފިލްމަކީ އިނގިރޭސި މީޑިޔާ ކުންފުނި ބީބީސީއިން އުފައްދާފައިވާ އިން ބައެއްގެ މައްޗަށް އެކުލެވޭ ޑޮކިއުމެންޓަރީ ފިލްމެކެވެ. މިޑޮކިއުމެންޓަރީ ބިނާވެފައިވަނީ އިޙްސާން މަސްޢޫދު ލިޔުއްވާފައިވާ ފޮތެއް ކަމުގައިވާ "ސައިންސް އެންޑް އިސްލާމް: އަ ހިސްޓަރީ" ނުވަތަ ސައެންސާއި އިސްލާމްދީން: ތާރީޚެއް މިފޮތުގެ މައްޗަށެވެ. މިޑޮކިއުމެންޓަރީ ހުށަހަޅައިދެނީ ޢިރާޤު ނަސްލަށް ނިސްބަތްވާ ސައެންސްވެރިއެއް ކަމުގައިވާ ޖިމް އަލްޚަލީލީއެވެ.
މިފިލްމު ބެހިގެންވާ ތިން ބައަކީ: 1- ސައިންސްގެ ބަސް 2- ހަމަބުއްދީގެ އިމްބްރާތޯރިޔާ 3- ޝައްކުގެ ބާރު މިތިން ބައެވެ.1- ސައެންސްގެ ބަސް
މިބައިގައި ފިޒިކްސްގެ ޢިލްމުވެރިޔާ ޖިމް އަލްޚަލީލީ ސޫރިޔާ އީރާން އަދި ތޫނިސްއާއި ސްޕެއިންގައި ދަތުރުކުރައްވައެވެ. އެދަރުތުރުގެ ތެރެއިން ވިދާޅުވެދެއްވަނީ ސައެންޓިފިކް ޢިލްމު އޭގެ ތާރީޚުގައި ކުއްލިއަކަށް ކުރިއަށް އެޅި ދިގު ފިޔަވަޅެއްގެ ވާހަކައެވެ. އެކަން ހިނގައިދިޔައީ އިސްލާމީ ދުނިޔޭގައި 8 ވަނަ ޤަރުނާއި 14 ވަނަ ޤަރުނުގެ ދެމެދުގައެވެ.
އެގޮތުން އެދުވަސްވަރުގެ އަސަރު މިއަދުވެސް ވަރަށް ރަނގަޅަށް ފެންނަން އެބަހުއްޓެވެ. އެގޮތުން އަލްޖެބްރާއާއި އަލްގޮރިދަމާއި އަލްކަލީއަކީ ޢަރަބި އަޞްލުތަކަށް ނިސްބަތްވާ ޒަމާނީ ސައެންސްގެ ހިތުގައިވާ މުހިއްމު މަފުހޫމުތަކެވެ. އަލަޖެބުރާއާ ނުލައި މިޒަމާނުގެ ހިސާބު ޢިލްމެއް އަދި ފިޒިކްސްއެއް ނޯންނާނެއެވެ. އަދި އަލްގޮރިދަމާ ނުލައި ކޮމްޕިއުޓަރު ވުޖޫދުނުވާނެއެވެ. އަލަކަލިސް ނެތް ނަމަ ކެމިސްޓްރީއެއް ނެތީހެވެ.
އަލްޚަލީލީގެ ދަތުރުތަކުގައި އޭނާއާބަައްދަލުކުރަނީ ވިސްނުމާއި ފިކުރުގައި ހުޅުވާލެވިފައިވާ ދަސްކުރުމާއި އުނގެނުމާއި އެހެން މީހުންގެ އުފެއްދުންތަކަށް މަރުހަބާ ކިޔައި އެއިން ފައިދާ ހޯދުމަށް ބޭނުންވެފައިވާ ޢިލްމީ ސަޤާފަތެކެވެ. އަދި ސައެންސާއި ޢިލްމާއި ދަސްކުރުމަށް މަރުދިން ޙަޟާރަތެކެވެ. ހިސާބު ޢިލްމުގެ އެންމެ ވަރުގަދަ އެއް ޢާލިމު ކަމުގައިވާ އަލްޚަވާރިޒްމީއިން ފެށިގެން ގޮސް ބޭސްވެރިކަމުގެ ޢިލްމުގެ މުހިއްމު ތަނބެއް ކަމުގައިވާ އިބްނު ސީނާއާ ހަމައަށެވެ. އަލްޖެބްރާ ބިނާކުރެއްވީ ޚަވާރިޒްމީއެވެ. 19 ވަނަ ޤަރުނާ ހަމައަށް ވިލާތުގެ ޖާމިޢާތަކުގައި ބޭސްފަރުވާ ކިޔަވައިދިނުމަށް އިބްނު ސީނާގެ ފޮތްތައް ބޭނުންކުރިއެވެ. މިދަތުރުގައި އަލްޚަލީލީ އިސްލާމީ ރަންޒަމާނުގެ ސައެންސްވެރިންގެ އެކި މަސައްކަތްތައް ހޯއްދަވައި ތަރުތީބުކޮށްލައެވެ.2- ހަމަބުއްދީގެ އިމްބްރާތޯރިޔާ
މިބައިގައި ޚަލީލީ ސޫރިޔާއަށް ވަޑައިގަންނަވައެވެ. އެތަނުން އޭނާ ކިޔައިދެއްވަނީ މީހެ އެއްހާސް އަހަރު ކުރިން ތަރިތަކުގެ ޢިލްމުވެރިޔާ އަދި ޙިސާބު ޢިލްމުވެރިޔާ އަލްބައިރޫނީ ދުނިޔޭގެ ބޮޑުމިން އަންދާޒާކުރެއްވި ގޮތެވެ. ބައިރޫނީގެ އަންދާޒާއިން މަދުވީ ދެތިން ސަތޭކަ މޭލެވެ.
އަދި މުސްލިމު ޢިލްމުވެރިން އިހުއްސުރެ ދެމިގެން އައިސްފައިވާ ޚުރާފީ ޤަބޫލުކުރުންތަކުގެ މައްޗަށް ބިނާވެފައި އޮތް އަލްކެމީ މިޒަމާނުގެ ކެމިސްޓްރީއަށް ބަދަލުކުރެއްވި ގޮތް އަލްޚަލީލީ ހޯއްދަވައެވެ.
އެއަށްފަހު އޭޑނާ ވަޑައިގަންނަވަނީ ޤާހިރާއަށެވެ. އެތަނުން އޭނާއާ ބައްދަލުވަނީ ފިޒިކްސްގެ ޢިލްމުވެރިޔާ އިބްނުލް ޙައިތަމްއެވެ. އޭނާއަކީ މިޒަމާނުގެ އޮޕްޓިކްސްގެ ޢިލްމު އުފެއްދެވި ބޭފުޅާއެވެ. އަދި ފިޒިކްސްގެ އެންމެ އަސާސީ އެއް މަބްދައު (ޕްރިންސިޕަލް) ސާބިތުކޮށްދެއްވި ބޭފުޅާވެސްމެއެވެ. އެއީ އަލި ދަތުރުކުރަނީ ސީދާ ރޮނގުތަކެއްގައި ކަމެވެ.
އަލްޚަރީލީ ވިދާޅުވި ގޮތުގައި ސައެންސްގެ ހުރިހާ ޢިލްމެއް ތަޖުރިބާގެ ނަތީޖާއަށް ބިނާކުރެއްވުމަށް އެންމެ ފުރަތަމަ ގޮވައިލައްވައި އެކަމަށް ބާރު އެޅުއްވީ އިސްލާމީ މިޢިލްމުވެރިންނެވެ.3- ޝައްކުގެ ބާރު
މިބާގައި އަލްޚަލީލީ މަސައްކަތްކުރައްވަނީ 16 ވަނަ ޤަރުނާއި 17 ވަނަ ޤަރުނުގައި ޔޫރަޕުގައި އުފެދިގެން އައި ވަރުގަދަ ޢިލްމީ ސައެންސްގެ އިންޤިލާބުގެ މޫތައް އިސްލާމީ ދުނިޔެއަށް ފެތުރިފައިވާ ގޮތް ހޯއްދަވާށެވެ. އޭނާ އީރާނާއި ސޫރިޔާއާއި މިޞްރަށް ވަޑައިގެން އިސްލާމީ ޢިލްމުވެރިން ތަރިތަކުގެ ޢިލްމަށް ހޯއްދަވައިދެއްވި ކުރިއެރުން ތަފުޞީލުކޮށްދެއްވައެވެ.
އަދި އެއަށްފަހު އޭނާ ދަތުރުކުރައްވަނީ އިޓަލީވިލާތަށެވެ. އެޤައުމުގައި އޭނާ ތަޙުލީލުކުރައްވަނީ މުސްލިމް ޢިލްމުވެރިންނާއި އެބޭފުޅުންގެ ޚިޔާލުތައް ހުޅަނގުގެ ތެރެއަށް ފޭދުނު ގޮތެވެ. އަދި ތަރިތަކުގެ ޢިލްމުގައި ވިލާތުގައި އެންމެ މަޝްހޫރު ޢިލްމުވެރިޔާ ކޮޕާރނިކަސްގެ މަސައްކަތްތަކަށް ފޯރި އަސަރު ޚަލީލީ ތަފުޞީލުކުރައްވައެވެ.
އެއަށް ފަހު 16 ވަނަ ޤަރުނާއި 17ވަނަ ޤަރުނުގައި އިސްލާމީ ދުނިޔޭގައި ސައެންސް ވަޅުޖެހުނު ގޮތް އޭނާ ވިދާޅުވެދެއްވައެވެ. އަދި އަލުން ސައެންސް އިސްލާމީ ބަައެއް ޤައުމުތަކުގައި ދިރިގެން އަންނަ އައުން ވިދާޅުވެދެއްވުމުގެ ގޮތުން އޭނާ ވަޑައިގަންނަވަނީ އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ރޯޔާން އިންސްޓިޓޫޓަށެވެ.
ނޯޓު: ތިރީގައިވާ ފާލަމުން މިފިލްމު ބެއްލެވޭނެއެވެ.
ތިން ބައިގެ މައްޗަށް އެކުލެވޭ މިޑޮކިއުމެންޓަރީއަކީ ބަލައިލުން މުހިއްމު ޑޮކިއުމެންޓަރީއެކެވެ. މުސްލިމުންގެ ތާރީޚު ދެނެގަތުމަށެވެ. އަދި މިހާރު މިފެންނަ ދުނިޔެ އުފެދުމުގައި މުސްލިމުންގެ ދައުރު ހިތް މައްޗަށް ގެނައުމަށެވެ.
މި ލިއުމާއި ގުޅޭ