ފިލްމް ރިވިއު: އިންޓަރނެޓުގެ ޚާއްޞަ ޒުވާނާ، "އިންޓރނެޓްސް އޯވްން ބޯއި"

ހަޔާ ޔޫސުފް 23 މާރިޗު 2020 15:44
Flowers
އެރޮން ސްވޯޓްސް

އެރޮން ސްވޯޓްޒް އޭނާގެ ހަޔާތް 2013 ވަނަ އަހަރުގައި ނިމުމަކަށް ނުގެނައި ނަމަ ދުނިޔެ އޮންނާނެ ގޮތެއް ޚިޔާލަށް ގެނައުމަކީ މުސްތަޙީލު ކަމެކެވެ. ސަބަބަކީ ކޮމްޕިއުޓަރ ވިޒްއެއް ނުވަތަ ކޮމްޕިއުޓަރުގެ ޢިލްމާއި ހުނަރަށް ކުޅަދާނަ ފަރާތެއްގެ ގޮތުގައި މަޝްހޫރުވި އެރޮންއަކީ އެހެން މީހުން ނުވިސްނާ ގޮތްތަކަށް ވިސްނާ ޒުވާނަކަށްވީމައެވެ. އޭނާގެ ހުވަފެންތަކާއި ޙާޞިލުކުރަން ބޭނުންވި ކަންކަން އެހެން މީހުން ޙާޞިލުކުރަން ބޭނުންވި ކަންކަމާ މުޅިން ތަފާތުވީމައެވެ. 

އެރޮން އަމިއްލައަށް މަރުވިތާ އަހަރަދުވަސް ފާއިތުނުވަނީ ސަންޑޭންސް ފިލްމު ފެސްޓިވަލުގައި އިފުތިތާޙުކުރެވުނު ފިލްމު "ދަ އިންޓަރނެޓްސް އޯން ބޯއީ: ދަ ސްޓޯރީ އޮފް އޭރޯން ސްވޯޓްޒް"އަކީ އޭނާ ދުނިޔެ ދޫކުރިތާ އެހާ ކުޑަ ދުވަސްކޮޅެއް ތެރޭގައި އޭނާގެ ޙަޔާތުގެ މައްޗަށް އެކުލަވައިލެވުނު ވަރަށް ފުރިހަމަ ފިލްމެކެވެ. ޑޮކިއުމަންޓަރީ ފިލްމު އުފެއްދުންތެރިޔާ ބްރައަން ކްނެޕެންބާރގާ ތައްޔާރުކުރި މިފިލްމަކީ އެރޮންގެ ދިރިއުޅުމާއި މަރާ ގުޅޭ ގޮތުން ތައްޔާރުކުރެވުނު ވަރަށްވެސް ތަފުޞީލު ފުން ޑޮކިއުމަންޓަރީ ފިލްމެކެވެ. 

އެރޮން މަރުވުމަށްފަހުވެސް އެއްވެސް މީހެއް އޭނާއަކީ އެކީގައި މަސައްކަތްކުރަން ނުވަތަ ދިރިއުޅެން ފަސޭހަ މީހެއް ކަމުގައި ނުބުނެއެވެ. އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުދިންނާއި ޢާއިލާ މެންބަރުންވެސް ބުނާ ގޮތުގައި އެރޮންއަކީ އެކީގައި ވަގުތު ހޭދަކުރުން އުދަގޫ މީހެކެވެ. ކަންކަން ކުރުމުގައި އަމިއްލަ ގޮތް އިސްކުރާ މީހެކެވެ. ނަމަވެސް އެންމެން އެއްބަސްވާ ޙަޤީޤަތެއް އެބައޮތެވެ. އެއީ އޭނާގެ އާދަޔާ ޚިލާފު ތޫނުފިލިކަމެވެ. އޭނައަކީ އިނގިރޭސި ބަހުން ބުނާނަމަ "ޕްރޮޑިޖީ"އެއް ކަމެވެ. ނުވަތަ ކުޑައިރުއްސުރެ ވަކި ފަންނެއްގައި އާދަޔާ ޚިލާފު ހުނަރުވެރިކަމެއް ދައްކުވައިދިން ކުއްޖެއް ކަމެވެ. 

އިންޓަރނެޓު ވެބްސައިޓުތަކުން މަޢުލޫމާތާއި މަޟްމޫނު (ކޮންޓެންޓު) ލިބިގަތުމަށާއި އައު އެއްޗެއް ވެބްސައިޓަށް ލެވުމުން އެކަން އަވަހަށް ވަގުތުން ވަގުތަށް ދެނެގަތުމަށާއި އެންގުމަށް ބޭނުންކުރާ އާރް.އެސް.އެސް އުފެއްދުމުގެ މަސައްކަތުގައި އެރޮން ބައިވެރިވީ އޭނާ ޢުމުރުން އެންމެ 14 އަހަރުގައެވެ. ސްޓޭންފޯރޑް ޔުނިވަރސިޓީއިން ކިޔެވުން ދޫކޮށްލުމަށްފަހު އޭނާ ނުކުތީ ޚަބަރާއި މަޢުލޫމާތު ހިއްސާކުރުމަށް ބޭނުންކުރާ މަޤުބޫލު މަންސަ (ޕްލެޓްފޯމް) ރެޑިޓް ބިނާކުރުމަށެވެ. އޭނާ އުމުރުން 20 އަހަރުވުމުގެ ކުރިން އޭނާއަކީ މާލީ ގޮތުން ފުދުންތެރި އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ މީހަކަށްވީ ރެޑިޓް ބޮޑު އަގުގައި ވިއްކާލުމާ އެކުއެވެ. 

ދެން އައީ އޭނާ ޙަޔާތުގެ ތަފާތު ދުވަސްތަކެކެވެ. އެއްވެސް އިރެއްގައި މުޖުތަމަޢުން ކަނޑައަޅާ ހުރިހާ އުޞޫލަކަށް ތަބާވުމަށް މާބޮޑު ޝައުޤުވެރިކަމެއް ނުހުންނަ އެރޮންގެ އެޞިފައިގެ ސަބަބުން ބޮޑު ކަންތައްގަނޑެއްގައި ބަދެވި މީހާ ހަލާކުވީއެވެ. އެމްއައިޓީ ކެމްޕަހަށް ވަދެ އެތަނުން ބައެއް ޢިލްމީ ދިރާސީ ލިޔެކިޔުން ވަގަށް ނަގަން އުޅެނިކޮށް އަތުވީއެވެ. ދައުލަތުގެ ޕްރޮސެކިއުޓަރުން ބޭނުންވީ އޭނާގެ މައްޗަށް ބޮޑެތި ދަޢުވާތަކެއްކޮށް މިސާލަކަށް ހަދާށެވެ. ނަތީޖާއަކީ 35 އަހަރުގެ ޖަލު ޙުކުމަކާއި 1 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކުރެވޭ ވަރުގެ ދަޢުވާތަކެއް އޭނާ މައްޗަށް އުފުލުމެވެ. ދެ އަހަރަށް ދެމިގެން ދިޔަ ކޯޓު ހަނގުރާމައަކަށްފަހު ނަފުސު ބަލިކަށިވެ، އެކައުންޓުގައި ހުރި ފައިސާކޮޅު ހުސްވެ، 26 އަހަރުގެ ޒުވާނާ އަމިއްލައަށް މަރުވީއެވެ. 

މި ޑޮކިއުމެންޓަރީއަކީ އަސަރުން ފުރިގެންވާ ޑޮކިއުމެންޓަރީއެކެވެ. އެރޮން ފަހަތުން ޕަބްލިކް ޕްރެސެކިއުޓަރުން ދިޔަ ގޮތާއި އެކަމުގައި އޭނާގެ މިނިވަން ފިކުރާއި މިނިވަންކަމަށް ކުރި ލޯތްބާއި އިންޓަނެޓުގެ ޒަރިއްޔާއިން މަޢުލުމާތު ހާމަކުރުމަށް ދިން އިސްކަމުގެ ވާހަކައެވެ. އަދި އެއަށްވުރެ ފުން އަސަރެއް ކުރުވަނީ އޭނާގެ ޢާއިލާއާއި އެކުވެރިންނާއި ގާތް މީހުންނަށް އޭނާގެ މަރުގެ ޚަބަރު ލިބުނު ގޮތާއި އެކަމުން އިޙުސާސްކުރާ ފުން ހިތާމަ ތާޒާކަންމަތީ މިފިލްމުގައި ގެނެސްދީފައިވާތީއެވެ. އެ އެންމެނަށް ގެއްލުނީ ލޯބިވާ ފަރާތެކެވެ. ދުނިޔެއަށް ގެއްލިގެން ދިޔައީ ޙަޤީޤަތަކަށް ނުވާނެ އެތައް އުންމީދަކާއި ހުވަފެނަކާއި ފިކުރުތަކެކެވެ. ބުރަދަންހުރި ހެޔޮ ބަދަލުތަކެއް ދުނިޔެއަށް ގެނައުމުގެ ޤާބިލުކަން ލިބިފައިވާ ސިކުނޑިއެވެ. 

މިހުރިހާ އަސަރެއް އެންމެ ރަނގަޅަށް ތަޖުރިބާކޮށްލެވޭނީ މިފިލްމު ބަލައިލުމުންނެވެ. އެހެންކަމުން އިޖުތިމާޢީ ދުރުހެލިކަމުގައި ގިނަ ވަގުތު ގޭގައި ހޭދަކުރައްވާއިރު މިފިލްމަކީ ބަލައިލުން ރަނގަޅު ފިލްމެއް ކަމުގައި ދެކެމެވެ. 

ކިޔުންތެރިންގެ ހިޔާލު