Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުނިފޫހިފިލުވުން

ފިލްމެއްގެ މުރާޖަޢާ: "އެކްޒާމިންޑް ލައިފް: ފިލޯސަފީ އިން ދަ ސްޓްރީޓްސް"

ފިލްމު ރިވީއު ނުވަތަ މުރާޖަޢާއަށް މިފަހަރު އަޅުގަނޑު އިޚުތިޔާރުކޮށްލީ ވަރަށް ތަފާތު ޑޮކިއުމެންޓަރީ ފިލްމެކެވެ. ޑޮކިއުމެންޓަރީ ފިލްމުތަކުގެ ތެރެއިން މިފިލްމު ތަފާތު ފިލްމެއްގެ ގޮތުގައި ފާހަގަކުރެވެނީ ފިލްމުގެ މައުޟޫޢުގެ ތަފާތު ކަމުންނެވެ. މިފިލްމުގެ މައުޟޫޢަކީ ފަލްސަފާއެވެ. މިފިލްމުގައި ކުރާ ކަމަކީ ދިރާސީ މަޖައްލާތަކާއި ޢިލްމީ ބަހުސްތަކާއި ޔުނިވަރސިޓީ ކިލާސްތަކުގެ ތެރެއިން ފަލްސަފާ ބޭރުކޮށް މަގުމައްޗަށް ނެރެނީއެވެ. ޢާންމު މީހާގެ ވިސްނުމާ ހަމައަށް ތިލަކޮށްދެނީއެވެ.
މިފިލްމު އުފެއްދި ފަރާތް ކަމުގައިވާ އެސްޓްރާ ޓޭލާ މިފިލްމުގައި ކުރާ ކަމަކީ މިހާރު ދުނިޔޭގައި ތިއްބެވި އެންމެ ނުފޫޒުހުރި ވިސްނުންތެރިންނާއެކު އެބޭފުޅުންގެ ވިސްނުންފުޅުގައި ޚާއްޞަ މަޤާމެއް ދެވިފައިވާ ބައެއް ތަންތަނަށް ޒިޔާރަތްކުރަނީއެވެ. އެތަންތަނުގެ ތެރެއިން އެބޭފުޅުންގެ ފިކުރުތައް ޢާންމުންގެ ވިސްނުމާ ގާތްވާނެ ގޮތްތަކަށް ހުށަހަޅައިދެނީއެވެ.
މިސާލަކަށް ދަންނަވާނަމަ، ޖަނަވާރުގެ މަސް ކެއުމާ ގުޅޭ ގޮތުން އެންމެ ގިނަ ވާހަކަތައް ލިޔުއްވާފައިވާ އެދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ފަލްސަފާވެރިޔާ ކަމުގައި ޕީޓަރ ސިންގަރއާއެކު އޭނާގެ ވިސްނުންތަކާއި ހުށަހަޅުއްވައިދެއްވާ ޚިޔާލުތައް ގެނެސްދެނީ އެމެރިކާގެ ނިއުޔޯކުގެ ފިފްތު އެވެނިއުގެ އަގު ބޮޑެތި ރެސްޓޯރެންޓުތައް ކައިރިންނެވެ. ހަމައެއާއެކު އިންޤިލާބީ ފިކުރާއި ފަލްސަފާގެ ދާއިރާގައި މިހާރު ދުނިޔޭގައި ތިއްބެވި އެންމެ ނުފޫޒުގަދަ މުފައްކިރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައިކަލް ހާރޑްޓްގެ ވިސްނުމާއި ފިކުރުތައް ހުށަހަޅައިދެއްވާއިރު އޭނާ ވަށައިގެން ފެންނާނީ ތަނަވަސްކަމާއި އަރާމު ދިރިއުޅުމުގެ އެކި ރަމްޒުތަކެވެ.
ފަލްސަފީ ފިކުރުތަކާއި ޚިޔާލުތައް ތަޙުލީލުކޮށް ތިލަކޮށްދޭ މިސިލްސިލާގައި މައިގަނޑު ވަކި މައުޟޫޢެއް ސާފުކޮށް ނެތެވެ. ފަލްސަފާގެ ތަނަވަސް ދާއިރާގެ ތެރޭގައި މުފައްކިރުން ޝައުޤުވެރިވާ އެކި މައުޟޫޢުތައް މިފިލްމުގައި ތަޙުލީލުކުރެވެއެވެ. އެހެންނަމަވެސް ވަކިވަކިން ބެހިފައިވާ މިހުރިހާ ވާހަކަތަކެއް އެއްވުމުން އެއް މައުޟޫޢަކަށް އިންސާފުކުރެވެއެވެ. އެއީ މާނައިގެ މާނައެވެ. ކޮންމެ ކަމެއްވެސް ގުޅެމުންދަނީ އެސުވާލާއެވެ. ދިރިއުޅުމުގެ މާނައެއްވާނަމަ، އެމާނައިގެ މުރާދަކީ އަދި ދޭހައަކީ ކޮބާތޯ ކުރެވޭ ސުވާލެވެ.
އެގޮތުން މިފިލްމުގައި ބައެއް މުފައްކިރުން ހުރިހާ އިންސާނުން އެއް މުޖުތަމަޢަކަށް ނިސްބަތްވުމުގެ ފިކުރާއި، ކޮންޒިއުމަރިޒަމްގެ ވަބާއާއި ފަރުދާނިއްޔަތު (އިންޑިވިޖުއަލިޒަމް)ގެ އަސަރުތަކާއި ސަގާފަތްތަކުގެ ތަފާތާއި އިޖުތިމާޢީ ގުޅުންތަކުގެ ސަބަބުން މީހުން އެކަހެރިވެ ނުކުޅެދުންތެރިވާ ގޮތް ފަދަ ތަފާތު އެތައް މައުޟޫޢަކަށް އަލިއަޅުވައިލައްވާނެއެވެ. އެހުރިހާ ވާހަކަފުޅުތަކެއްގެ ތެރެއިން ޖަވާބު ލިބޭ އެންމެ މުހިއްމު ސުވާލަކީ ދިރިއުޅުމާއި އިންސާނީ ޙަޔާތުގެ މާނަ ކަމުގައި އެކި ފަލްސަފާވެރިންނަށް ފެނިވަޑައިގަންނަވާ މާނަތައް އެއްތަންކުރެވި އެއް މާނައެއް ނެރެވޭތޯ ކުރެވޭ މުހިއްމު ސުވާލެވެ.
ފަލްސަފާ ފިކުރުތަކާ ގުޅޭ ގޮތުން ތައްޔާރުކުރެވިފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ބަލައިލަން ފަސޭހަ އެންމެ ގިނަ މަޢުލޫމާތު އެކީގައި ލިބޭ އެއް ފިލްމަށް މިފިލްމުވާނެއެވެ. މިއީ ފަލްސަފާއަށް ޝައުޤުވެރިވާ ފަރާތްތައް ނުވަތަ ދިރިއުޅުމާއި އިންސާނީ ޙަޔާތުގެ ބޮޑެތި ސުވާލުތަކާމެދު ވިސްނާ ފަރާތްތަކަށް ބަލައިލަން ވަރަށް ރަނގަޅު ފިލްމެކެވެ.
މި ލިއުމާއި ގުޅޭ