Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުނިފޫހިފިލުވުން

ވިލާތުގެ ފިރިހެނުން ތަލަކުރުވައި، މަޞްނޫޢީ އިސްތަށިގަނޑު ބޭނުންކުރަން މަޖުބޫކުރުވި ބަލީގެ ވާހަކަ

ތިބާ ވިލާތުގެ މިއުޒިއަމަކަށް ޒިޔާރާތްކޮށްފިނަމަ، ރަސްކަލުންނާއި ޝާހީ ޚާންދާނުގެ އެކި ފެންވަރުގެ މެންބަރުންނާއި ޝަރަފުވެރި ޢާއިލާތަކުގެ މީހުންގެ ބޮލުގައި މަސްނޫއީ އިސްތަށިގަނޑެއް އޮންނަތަން ތިބާ ދެކޭނެއެވެ. މިއިސްތަށިގަނޑަކީ އެބައިމީހުންގެ އިޖުތިމާޢީ ދަރަޖަ ދައްކުވައިދޭ ޝަރަފުވެރިކަމުގެ ރަމްޒެކެވެ.
ނަމަވެސް މިފަދަ އިސްތަށިގަނޑުގެ ފަހަތުގައި އަދި އެއަށްވުރެ މާ ޝައުޤުވެރި ޙަޤީޤަތެއް އެބައޮތެވެ. އެއީ މިއިސްތަށިގަނޑާއި އެއްޒަމާނެއްގައި ވިލާތުގައި ފެތުރި ޢާންމުވަމުންދިޔަ ބައްޔެއް ކަމުގައިވާ ސިފިލިސްގެ މެދުގައި އޮތް ގުޅުމެވެ. ސިފިލިސްއަކީ ޖިންސީގުޅުމުގެ ސަބަބުން ގައިންގައަށް އަރާ ނުރައްކާތެރި ބައްޔެކެވެ. މިޒަމާނުގައިވެސް ޖިންސީ އަޚުލާޤީ ހަމަތަކުން މިންޖުވެގެން އުޅުން ޢާންމު މުޖުތަމަޢުތަކުގައި މިބަލި ފާޅުވެއެވެ.
1580އިގެ އަހަރުތައް ފެށިގެން ދިޔައިރު، ވިލާތުގެ ޤައުމުތަކަށް ޕްލޭގޫ ނުވަތަ ވަބާއަށް ފަހުގައި ކުރިމަތިވި އެންމެ ބޮޑު ބަލިމަޑުމަކަމީ ސިފިލިސްކަމުގައި އޮތީ ވެފައެވެ. މުއައްރިޚެއް ކަމުގައިވާ ވިލިއަމް ކްލޯވްސް ލިޔުއްވާފައިވާ ގޮތުގައި އެޒަމާނުގައި ސިފިލިސް ބަލީގެ ޝިކާރައަކަށްވެފައިވާ ބަލިމީހުންނާއިގެން ލަންޑަނުގެ ހަސްފަތާލުތައް ތޮއްޖެހި ބާރުވެފައިވެއެވެ. އަދި ކޮންމެ ދުވަހަކުވެސް އިތުރު ބަލިމީހުން ހަސްފަތާލުތަކަށް، ސިފިލިސްގެ ޝިކާރައަކަށްވެގެން އަންނަންޖެހެއެވެ. އެޒަމާނަކީ އެންޓި ބައޮޓިކްސް ވުޖޫދުގައި ހުރި ޒަމާނެއް ނޫން ކަމުން އެބަލިޖެހުނު ކޮންމެ މީހަކަށްމެ ޖެހެނީ އެބަލީގެ ވޭން ފުރިހަމައަށް ތަޙައްމަލުކުރާށެވެ. އޭގެ ތެރޭގައި ގައިގައި ހިރުވުމާއި، ހަން ދޮސްވުމާއި، ހަނދުމަނެތުމުގެ އިތުރުން އިސްތަށިގަނޑު ބައިބައަށް ފައިބައިގެން ދިއުން ހިމެނެއެވެ. މުޅި ވިލާތު ބައްރު އޮތީ ތަލަވެފައި ކަމުގައި ދެންނެވުން ގޯހަކަށްނުވާނެއެވެ.
މިޒަމާނުގައި ބޮލުގެ އިސްތަށިގަނޑަކީ މީހާގެ ޤަދަރާއި ޢިއްޒަތާވެސް ގުޅިފައި އޮތް ކަމެކެވެ. ބޮލުގައި އިސްތަށި ނެތުމަކީ އަނބުރެއް ކަރާމަތެއް ޢިއްޒަތެއް ނެތުމެވެ. މަޝްހޫރު ޑައިރީ ލިޔުންތެރިންޔާ ސަމުއެލް ޕެޕީގެ އަޚަށް ސިފިލިސްޖެހި އޭނާގެ ބޮލުގައި ހުރި އިސްތަށި ފޭބުމުން ސަމުއެލް ލިޔެފައިވަނީ، އަހަރެންގެ އަޚު ދިރިދުނިޔޭގައި ހުރެއްޖެނަމަ، އޭނާއަށް އޭނާގެ ބޮލެއް މީހަކަށް ނުދެއްކޭނެއެވެ. ތަލަވެފައިވާ ބޮލަކީ އަހަރެންނަށް ބޮޑު ލަނދުވެތިކަމެކެވެ.
ސިފިލިސް ހަލުއި ދުވެލީގައި މިފަދައިން އިސްތަށިގަނޑާއި ކަރާމަތަކީ އެކައްޗެއް ކަމުގައި ހަދައިގެން އުޅޭ ބައެއްގެ ތެރޭގައި ފެތުރެން ފެށުމުން، މަޞްނޫޢީ އިސްތަށިގަނޑު އުފެއްދުމުގެ ޞިނާއަތަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. އަހާއި ބަކަރިއާއި އިންސާނުންގެ އިސްތަށިން ތައްޔާރުކޮށްފައި ހުންނަ މަޞްނޫއީ އިސްތަށިގަނޑުތައް ބޭނުންކޮށްގެން ސިފިލިސްގެ ހަމަލާއިން، ހަނަފަސްވެފައިވާ އިސްތަށިގަނޑުތަކާއި، ދޮސްއަރައި ބާ ހެދިފައިވާ ހަންތައް ފޮރުވައިލެވެއެވެ. ބޮލުގައި އިސްތަށިނެތުމުގެ ލަނދުވެތިކަމުން މިންޖުވެވި، ތިމާގެ އިޖުތިމާޢީ ފެންވަރު ހިމާޔަތްކުރެވެއެވެ.
ފަރަންސޭސި ރަސްގެފާނު ލުއީ 14ގެ އިސްތަށިފުޅުން އިސްތިށި ހުސްވާންފެށީ 15 އަހަރުގެ ޅަނދޮޅު އުމުރުފުޅުގައެވެ. އެރަދުންގެ ހައިބަތާއި ކަރާމާތް އިސްތަށިފުޅު ހަވާސާވުމުގެ ސަބަބުން އިންދިރާސްވެދާނެ ކަމުގެ ބިރަށް، 48 މަސްނޫއީ އިސްތަށިގަނޑު އުފައްދާމީހުންނަށް އަގުދެއްވައިގެން މަސައްކުރުއްވިއެވެ އިސްތަށިފުޅާއި އެއިސްތަށިފުޅުގެ ތިޔާގިކަމާ ގުޅިފައިވާ އަނބުރުފުޅު ހިމާޔަތްކުރެއްވުމަށެވެ.
މި ލިއުމާއި ގުޅޭ