"ޝޫޓިން މާފިއާ": އިޓަލީގެ މާފިއާގެ ވާހަކަ ތަޞްވީރުތަކުގެ ދުލުން

ޙުސައިން އަފްޝަން 30 ނޮވެމްބަރު 2019 11:57
Flowers
1980ވަނަ އަހަރު މާފިޔާއިން ޤަތުލުކޮށްލި މޭޔަރެއްގެ ޖަނާޒާގެ ތެރެއިން. ފޮޓޯ: ޝޫޓިން މާފިޔާ

ޝޫޓިން މާފިއާއަކީ ޑޮކިއުމަންޓަރީ ފިލްމެކެވެ. މިފިލްމުގައި ދައްކުވައިދެނީ ސިސިލީއަށް ނިސްބަތްވާ ފޮޓޯގްރާފަރު ލެޓިޝާ ބައްޓަޔާ (Letizia Battaglia ) ގެވާހަކައެވެ. 1935ގައި އުފަންވި ބައްޓަޔާ އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ. އޭނާގެ ވާހަކަ މިފަހަރު ހުށަހަޅައިދީފައިވަނީ އަޔަރލޭންޑަށް ނިސްބަތްވާ ކިމް ލޮގިނޮއްޓޯގެ ހުނަރުވެރި ޑައިރެކްޝަން މެދުވެރިކޮށެވެ. މިފިލްމަކީ މީހެއްގެ ޙަޔާތުނާމާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޑޮކިއުމެންޓަރީ ފިލްމެއް ކަމުގައިވީނަމަވެސް، މިފިލްމުގެ އަމާޒަކީ ލެޓިޝިޔާގެ މުޅި ހަޔާތް ބުނެދިނުމެއް ނޫނެވެ. ނަމަވެސް އޭނާގެ ހަޔާތުން ޚާއްޞަ ބައެއް ބެލުންތެރިންނާ ހަމައަށް ތިލަކުރުމެވެ. އެއީ ލެޓިޝިޔާގެ ކެމެރާގެ ލެންސުން ރެކޯޑުކޮށްދީފައިވާ ސިސިލީގެ މާފިޔާގެ ވާހަކައެވެ.

މާފިޔާއަކީ ރާވައިގެން އިންތިޒާމީ ޞިފައެއްގައި އެކި ބާވަތްތަކުގެ ކުށްކުރާ ޖަމާޢަތްތަކެކެވެ. ސިސިލީއަކީ ޒަމާނުއްސުރެ މާފިޔާގެ ބާރު އިންތިހާއަށް އޮންނަ ސަރަހައްދެކެވެ. މިފިލްމުގައި މާފިޔާގެ ހަރަކާތްތައް ދައްކުވައިދެނީ އަދި މާފިޔާގެ ތާރީޚާއި ވާހަކަ ބުނެދެނީ ލެޓިޝިޔާގެ ކެމެރާއިން ނަގާފައިވާ ތަޞްވީރުތައް މެދުވެރިކޮށެވެ.


އަހަރުމެންނަށް މާފިޔާ އެނގެނީ އެޖަމާޢަތްތަކުން އިލްހާމުވެގެން އުފައްދާފައިވާ ސަގާފީ އުފެއްދުންތަކުގެ ސަބަބުންނެވެ. އެއީ ގޮޑް ފަދާ ސިލްސިލާ ފިލްމުތަކާއި، މަޝްހޫރު ސްކާރ ފޭސް އަދި އެފަދަ އެހެންވެސް ފިލްމުތަކުންނެވެ. ނަމަވެސް ސިސިލީ ރައްޔިތުންނަށް މާފިޔާއަކީ ޓީވީގެ ކަޅު އިސްކިރީނުން ބަލައިލާފައި ފުއްދާލެވޭ ވަރުގެ ކަމެއް ނޫނެވެ. އެއީ އެމީހުންގެ ދިރިއުޅުމުގެ ޙަޤީޤަތެކެވެ. ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައަށްފަހު ސިސިލީ މުޖުތަމަޢުގައި ރަސްކަންކުރަމުން އައިސްފައިވަނީ މާފިޔާއިން ކަމުގައި ބުނެވިދާނެއެވެ. ސިސިލީގައި ޤަތުލުތައް ގިނަވެ، ޖަމާޢީ ފެންވަރެއްގައި ކޮރަޕްޝަން މުޅި މުޖުތަމަޢުގައި މޫލާފައިވެއެވެ.

ލެޓިޝިޔާ އޭނާގެ ރަށް ކަމުގައިވާ އަދި ސިސިލީގެ މައި ޝަހަރު ކަމުގައިވާ ޕަލާރމޯގައި މާފިޔާއިން ހިންގާ ޖަރީމާތަކުގެ ފޮޓޯ ނަގަން ފެށީ 1970ގެ މެދުތެރޭގައެވެ. އޭނާގެ ޙަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމުގެ ޑައިރެކްޓަރު ކިމް ލޮގިނޮއްޓޯއަކީ ކާރިސާތައް ތަޙައްމަލުކުރަމުންދާ މުޖުތަމަޢުތަކުގައި ދިރިއުޅުނު އަންހެނުންގެ ވާހަކަތައް ގެނެސްދިނުމަށް ޚާއްޞާ ޑައިރެކްޓަރެކެވެ. މިފަހަރު އޭނާގެ ފިލްމުވެސް މާބޮޑަށް ތަފާތެއް ނޫނެވެ. ސިސިލީއަކީ އިޖުތިމާޢީ ކާރިސާއެއް ތަޙައްމަލުކުރަމުން އައި ޤައުމެކެވެ. އަދި ލެޓިޝިޔާއަކީ އެކާރިސާގެ ތެރޭ ދިރިއުޅެ އެކާރިސާ ރެކޯޑުކޮށް އަންނަންހުރި ޖީލުތަކަށް ފޯރުކޮށްދިން ހިތްވަރުގަދަ އަންހެނެކެވެ.

މިފިލްމު ފެށެނީ މިހާރުގެ ލެޓިޝިޔާއާ ހަމައިންނެވެ. އޭނާގެ ޢުމުރުން 80 އަހަރުވެއްޖެއެވެ. އޭނާ ބުނާ ގޮތުގައި އޭނާ ފޮޓޯ ނެގުމުގެ މަސައްކަތް ފެށީ ޢުމުރުން 40 އަހަރުގައެވެ. އޭނާ އިތުރަށް ވާހަކަދައްކަމުން ބުނެފައިވަނީ ފޮޓޯ ނަގަން ފެށުމުގެ ކުރިން އޭނާއަކީ ފުރިހަމަ އިންސާނެއް ކަމުގައި އިޙުސާސްނުކުރެވޭ ކަމުގައެވެ.

މިފިލްމުގެ ފުރަތަމަ ކޮޅުގައި ދައްކުވައިދެނީ ލެޓިޝީޔާގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކެވެ. އެކުވެރިންނާއި ލޯބިވެރިންނާއި ކާވެންޏާއި އޭނާގެ ތިން ދަރިން ލިބުނު ގޮތުގެ ވާހަކަތަކެވެ. އެއިން އެއްވެސް ޙާދިސާއެއް ހިނގި ތާރީޚު މިފިލްމުގައި ސާފުކޮށް ސީދާ ބުނެފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ފަހުބައިގައި 1990ގެ ތެރޭގައި އަދި 2000ގެ އަހަރުތަކުގައި ލެޓިޝިޔާ ނަގާފައިވާ ފޮޓޯތައް ފިލްމުގައި ދައްކުވައިދެއެވެ. އެފޮޓޯތަކާ ގުޅިފައިވާ ވާހަކަތައްވެސް ކޮންމެވެސް މިންވަރަކަށް ބަޔާންކޮށްދީފައިވެއެވެ. މިސާލަކަށް 1992ވަނަ އަހަރުގައި މާފިޔާއިން ޤަތުލުކޮށްލި މެޖިސްޓްރޭޓު ޖިއޮވާނީ ފޮލްކޯންގެ ވާހަކައާއި އޭނާ މަރާލާފައިވަނިކޮށް ލެޓިޝިޔާ ނެގި ފޮޓޯވެސް ފިލްމުގައި ގެނެސްދެއެވެ. އެފޮޓޯތަކަކީ ފުރިހަމަ ފޮޓޯތަކެކެވެ. ހުނަރުވެރިކަމާއެކު ނަގާފައިވާ މަންޒަރުގައި އެކުލެވޭ ހުރިހާ ވާހަކައެއް ސާފުކޮށް ބުނެދޭ ފޮޓޯތަކެކެވެ.

މިޑޮކިއުމެންޓަރީގެ ދިގުމިނަކީ 1 ގަޑިއިރާއި 34 މިނުޓެވެ. އަޅުގަނޑަށް ޤަބޫލުކުރެވެނީ މިއީ ހަމަ ބަލައިލުން އެންމެ ރަނގަޅު ޑޮކިއުމެންޓަރީއެއް ކަމުގައެވެ. ނަމަވެސް މިފިލްމުގެ ފުރަތަމަ 45 މިނިޓުގައި އަޞްލު މައުޟޫޢަށް ނުވަދެވި ގިނަ ވަގުތެއް ހޭދަވާކަމީ މިފިލްމުގެ އުނި ކަމެއްގެ ގޮތުގައި ފާހަގަކުރަމެވެ. 

ކިޔުންތެރިންގެ ހިޔާލު