Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުނިފޫހިފިލުވުން

އެނގޭތަ: މޮންގޯލުގެ ލަޝްކަރުތައް ބަލިކުރެއްވީ މިޞްރުގެ މަމްލޫކީ ރަސްގެފާނު ޡާހިރު ބޭބުރޭސްކަން؟

މޮންގޯލުންނަކީ އޭޝިޔާގެ މޮންގޯލިއާގެ ބިންތަކަށް ނިސްބަތްވާ ޤަބީލާތަކެއްގެ އަހުލުވެރިންނެވެ. މިބައިމީހުން ގެންގިސް ޚާންގެ ޤިޔާދަތުގައި އެއް އުންމަތެއްގެ ގޮތުގައި އެއްތަންވެ ދުނިޔޭގެ އެކިކަންކޮޅުތައް ހިފައި، އެމީހުންގެ އިންބަރާތޯރިޔާ (އެންޕަޔަރ)އެއް ބިނާކުރަން ފެށިއެވެ. މިމީހުންގެ ލަޝްކަރުތައް ޢައްބާސީ ޚިލާފަތުގެ ވެރިރަށް ކަމުގައިވާ ބަޣުދާދަށް ވެރިވީ 1220މ ގައެވެ. އެއަހަރު އިސްލާމީ ޚިލާފަތުގެ ވެރިރަށް ފުނޑާލައި، ބަލިކަށިވެ ވީރާނާވާން ފަށާފައިވާ ޢައްބާސީ ޚިލާފަތަށް މިބައިމީހުން ނިމުމެއް ގެނައެވެ.
އެލަޝްކަރުތަކުގެ ކޮމާންޑަރު މޮންގޯލުގެ ލަޝްކަރުތަކައިގެން އަމާޒުހިފީ މިޞްރަށެވެ. ބަޣުދާދު ވެއްޓުމަށްފަހު އެއިރު އިސްލާމީ އުންމަތުގެ އެންމެ ވަރުގަދަ ވެރިކަމެއް އޮތީ މިޞްރުގައެވެ. އެއީ މަމްލޫކީ ރަސްކަމެވެ. މަމްލޫކީންނަކީ މިޞްރުގެ ޢަސްކަރީ ޚިދުމަތަށް ގެނެވުނު ތުރުކީ ދަރިފަސްކޮޅަށް ނިސްބަތްވާ އަޅުންތަކެކެވެ. އެމީހުން މިނިވަންވެ، އަޔޫބީ ދައުލަތް ނިމުމާއެކު، މިޞްރުގެ ތަޚުތަށް އެމީހުން ވެރިވިއެވެ. އެހިސާބުން ފެށިގެން މިޞްރުގެ ތާރީޚުގައި މަމްލޫކީ ވެރިކަމުގެ ބާބުފެށުނީއެވެ.
މޮންގޯލުން ޢިރާޤަށް ވެރިވެ، ބަޣުދާދު ބިމާ ހަމަކޮށް، އެޝަހަރުގައި ހުރި ބޮޑެތި ކުތުބުޚާނާތައް ބިމާހަމަކުރުމަށްފަހު މިސްރާބު ޖެހީ މިޞްރާ ދިމާލަށެވެ. އެއިރު މިޞްރުގެ ތަޚުތުގައި އިންނެވި މަމްލޫކީ ރަސްކަލަކީ ސައިފުއްދީން ޤުޠުޒެވެ. މަޣޫލުންނާ ދެކޮޅަށް ޤުޠުޒު ނެރުއްވި ލަޝްކަރުގެ ކޮމާންޑަރަކަށް ހަމަޖެއްސެވީ ބޭބްރޭސްއެވެ. ޢައިން ޖާލޫތުގައި ޡާހިރު ބޭބްރޭސްގެ ޤިޔާދަތުގައި އިސްލާމީ މިޞްރުގެ ލަޝްކަރުތައް މޮންގޯލުން ބަލިކުރިއެވެ. އެއަށްފަހު ޝާމްކަރައިގެ ރަށްތަކުގެ ތެރެއިން މޮންގޯލުންގެ އަތްދަށުވެ އިސްތިޢުމާރުވެފައިވާ ރަށްތައް މިނިވަންކުރެއްވުމަށް ސައިފުއްދީނާއެކު ބޭބުރޭސް ވަޑައިގެންނެވިއެވެ.
އެހަނގުރާމައަށްފަހު ސައިފުއްދީން ޤުޠުޒު ޤަތުލުކުރެވުނެވެ. އޭނާއަށް ފަހު މަމްލޫކީ ވެރިކަމާ ހަވާލުވެވަޑައިގަތީ ބޭބްރޭސެވެ. އެހިސާބުން އޭނާގެ ލަޤަބަކަށް އަލްމަލިކް ޡާހިރު ރުކުނުއްދީނ ބޭބްރޭސް ހަމަޖެހުނެވެ.
މި ލިއުމާއި ގުޅޭ