ކުރު ވާހަކަ: ގަސް ކަނޑާ ކޯރާޑީ

އަބޫ ޔުމްނާ
Flowers

ތުރުކީ މުޙާވިރާއެއްގެ މާނައިގައިވެއެވެ. "ކޯރާޑިން ގަސްތައް ކަނޑައި ޖަންގަލި ހާވިޔާ ކުރަމުންދާއިރު ވެސް ޖަންގަލީގެ ގަސްތައް ކޯރާޑިއަށް ވޯޓުދެމުންގެންދިޔައީ ކޯރާޑިގެ މޮޅުކަމުންނާއި އޭގެ މުށް ލަކުޑީން ހަދައިފައިވާތީ ކޯރާޑިއަކީ އެމީހުންގެތެރޭގައި ހިމެނޭ، އެމީހުންގެ މީހެއްކަމުގައި ވިސްނައިދީފައިވާތީއެވެ."

އަޅުގަނޑު މި ލިޔާ ޢަލީ ނަސީމުގެ ވާހަކަޔާ މި މުޙާވިރާއާ ގުޅުމެއްވާތީ އެ މުޙާވިރާގެ މާނަ ލިޔެލާހިތްވީއެވެ. ދެން ވާހަކައާއިގެން ކުރިޔަށްދާނަމެވެ.

ޢަލީއަކީ އަތަމަނަހުރާގެ ދެމަފިރިންނަށް ލިބިފައިވާ ދަރިއެކެވެ. ދެމަފިރީންނަކީ ވެސް މުސްލިމުން ކަމުގައިވާތީ ދަރިފުޅަށްވެސް ދިނީ މުސްލިމް ނަމެކެވެ. ޢަލީ ނަސީމެވެ. ޢަލީ ނަސީމަކީ ވެސް މޮޅު ކުއްޖަކަށް ހެދުމުގެ އުއްމީދުގައި ޢަލީގެ ވަރަށް ޅަފަތުގައި އަވައްޓެރި ކަރަޔަކަށް ކިޔަވަން ފޮނުވިއެވެ. ޢަލީގެ ހިތުގައި އިސްލާމީ ތައުޙީދުގެ ބިންގާ ވެސް އަޅައި ނުދީއެވެ. ވަރަށް ނަސޭޙަތްދީފައެވެ. ނަމަވެސް އެ ނަސޭހަތުގެ އަސަރު ޢަލީގެ ކަންފަތުގައި ހުރީ ކުޑަ ދުވަސްކޮޅަކުއެވެ.

ޢަލީ ކިޔަވަންދިޔައީ ނަޞާރާއިން ހިންގާ ސްކޫލަކަށެވެ. އެ ތާނގައި މުސްލިމު ދަރިވަރެއް ވެސް ނޫޅެއެވެ. އިސްލާމީ ކުލައެއް ވެސް އެ ސްކޫލަކު ނެތެވެ. ކިޔަވައިދެނީ ދުނިޔަވީ ޢިލްމުތަކާއި އެ މީހުންގެ ދީނީ ތަޢުލީމެވެ. ނަޞާރާއިންނަކީ ކިޔަވައިދިނުމުމުގައި މޮޅު ބަޔެކެވެ. މީހުންގެ ސިކުނޑީތަކަށް ވެރިވާން ކުޅަދާނަ ބަޔެކެވެ. އަދި ވަސީލަތްތަކަށް ބަލާއިރު ވެސް އަތަމަނަހުރާއަށްވުރެ އެތައް ގުނަނެއް އެ ކަރައިގައިވަނީ ކުރިއަރައިފައެވެ. އެހެންކަމުން އެ މީހުންގެ އުޅުމާއި ވައްޓަފާޅިއަށް އަލީ ނަސީމުގެ ހިތް ލެނބޭކަށް މާ ގިނަ ދުވަހެއް ނުވިއެވެ. އެމީހުންގެ ދީނީ ތަޢުލީމުގެ ސަބަބުން އިސްލާމީ ތަޢުލީމުން ލިބިފައި ހުރި މަދު މަޢުލޫމާތު ފޮހެވެގެން ހިނގައްޖެއެވެ. އަދި ރަސްމީ ގޮތުން ފައްޅިއެއްގައި ނަޞީރާ ދީން ގަބޫލުކޮށް ފައްޅީގެ ޕޯޕްގެ އަތުގައި ބޮސްދީފިއެވެ.

އަލީ ނަސީމުވީ އޭނާގެ އާ ދީނަށް ވަރަށް ވަފާތެރި ކުއްޖަކަށެވެ. ނަތީޖާއެއްގެ ގޮތުން ފައްޅިތަކުގެ "އަޅުވެރީންނާ" މިލި ރަޙުމަތްތެރިކަން ބަދަހިކޮށްފިއެވެ. ފައްޅިތަކުގެ ޖަމުޢިއްޔާއެއްގެ މެންބަރަކަށްވެ އެ ޖަމުޢިއްޔާގައި ޙަރަކާތްތެރި މެންބަރަކަށް ވެއްޖެއެވެ. ޖަލްސާތަކުގައި ވާހަކަދައްކައި ޢަމަލީ ގޮތުން އެ މީހުންގެ ކަންކަމުގައި ބައިވެރިވެގެން އުޅެން ފަށައިފިއެވެ. މިކަންކަމުގެ ސަބަބުން ނަޞާރާއިން ވަރަށް ގަޔާވާ ކުއްޖަކަށް ޢަލީ ނަސީމުވެއްޖެއެވެ. އެ މީހުންގެ ދުރުރާސްތާ މަޤުޞަދު ޙާޞިލުކުރެވޭނޭ ވަސީލަތެއް ކަމުގައި އެ މީހުން ޢަލީ ނަސީމު ބަލައިގެންފިއެވެ. މި ކަންކަމުގެ ފައްޅިތަކުގެ އެހީތެރިކަމާއެކު އެ ކަރައިގެ ރައްޔިތުކަމާއި ޕާސްޕޯޓު ވެސް އޭނާއަށް ހިބަކޮށްދީފިއެވެ. މި ކަންކަން މިހެން ހިނގާ ކަމެއް އަލީ ނަސީމުގެ މައިން ބަފައިންނަށް ރޭކައި ވެސް ނުލައެވެ. އެ ކަރައިގައި އޭނަޔާ މެދު ހިނގަމުންދާ ކަންކަން އޭނާގެ މައިންފައިންނަށް ނުވެސް އަންގައެވެ. އަދި އެ ކަރައިގެ ރައްޔިތުކަން ލިބުނު ކަމާއި ދެ ޤައުމުގެ ޕާސްޕޯޓު ލިބުނު ކަމެއް ވެސް ނާންގައެވެ.

ޢަލީއާ މެދު ހިނގަމުން މިއަންނަ ލާދީނީ ކަންކަން މައިން ބަފައިންނަށް ނުވަތަ އޭނާގެ ރައްޓެއްސަކަށް އަދި އަތަމަނަހުރާގެ އެއްވެސް މީހަކަށް ވެސް އެންގުމަކީ ރަނގަޅުކަމެއް ނޫންކަމަށް އޭނާއަށް ފައްޅިތަކުގެ އެކުވެރީން ވަނީ އަންގައިދީފައެވެ. ޢަލީ ނަސީމަށް ވެސް އެކަން ގަބޫލުކުރެވުނީ އެކަންކަން މައިންބަފައިންނަށް އަންގައިފި ނަމަ، ހިތްހަމަ ނުޖެހޭނެކަން އެނގޭތީއެވެ. މި ގޮތުގައި ދުވަސްތައް ވޭތުކުރަމުން ގޮސް ދުނިޔެވީ ކޮންމެވެސް ދާއިރާއަކުން ފުރަތަމަ ޑިގްރީ ވެސް އޭނާ ޙާޞިލުކޮށްފިއެވެ. އަތަމަނަހުރާގައި ޔުނިވަރސިޓިއެއް ކޮލެޖެއް ނުހުންނާތީ ފުރަތަމަ ޑިގްރީއަކީ ވެސް އެ ރާއްޖޭގައި ވަރަށް މަތީ އެއްޗެއް ކަމުގައިވެއެވެ.

ދުވަސްތަކަކަށް ފަހު، ޢަލީ ނަސީމު "ކިޔެވި އެއްޗެއް ކިޔަވައިގެން" ރާއްޖެ އަތުވެއްޖެއެވެ. އަތަމަނަހުރާގެ މީހުންނަށް އެއީ ހަމަ މުސްލިމް ދެ މަފިރިއެއްގެ މުސްލިމު ދަރިއެކެވެ. ވާނީ ވެސް އެހެންތާއެވެ. ނަމާދުކުރާން ވުޟޫކުރާން ނޭނގުނަސް ވުޟޫނުކޮށް ވުޟޫކުރިކަމަށް ހަދައިގެން ބައެއް ފަހަރު މިސްކިތަށް ވެސް އަރައެވެ. އަރައި މީހުން ހަދާ ގޮތްގޮތް ހަދައި ބައެއް ފަހަރު ނަމާދުކުރާކަމަށް ދައްކައެވެ. ހުރިހާ ނަމާދެއްވެސް ގޭގައި ކުރާ ކަމަށް ވެސް ރައްޓެހިން ގާތުގައި ބުނެއެވެ.

ޢަލީ ނަސީމުގެ ސާދާކަމާއި މީހުންނާ މިލިގެން އުޅޭލެއް ބޮޑުކަމުން މީހުންނަށް ވަރަށް ގަޔާވާ މީހަކަށް ވެއްޖެއެވެ. އަދި އޭނާގެ ހުންނަ ޒަމާނީ ވިސްނުމުގެ ސަބަބުން މީނާއަކީ އޭނާގެ އެކުވެރީން މާ ގަޔާވާ މީހަކަށް ވެއްޖެއެވެ. އޭނާގެ ނަޞްރާނިއްޔަތު ހާމަނުކުރާތީ އެންމެންވެސް އޭނާގެ ދީނާ މެދު މީހުން ޝައްކުރާނެ ތަނެއް ވެސް ނޯންނާނެތާއެވެ.

ޢަލީ ދިރިއުޅުމަށް މާ ބޮޑު މަސައްކަތެއް ނުކުރެއެވެ. ކުރާހާ ވެސް ކަމަކީ ރައްޓެހިންނާއެކު މަޖާކުރުމެވެ. ދުވަހަކު ވެސް ތަނެއްގައި ވަޒީފާއެއް އަދާކޮށްފައި ނުވާތީ ކަމެއް ކުރާކަށް ނުވެސް އެނގޭނެތާއެވެ. ނަމަވެސް އޭނާ ބޭނުން ކޮންމެ ކަމަކަށް ޚަރަދުކޮށްފިއެވެ. މިހެން އުޅުމުގެ ތެރޭގައި އަތަމަނަހުރާގެ ތަނަވަސް މީހެއްގެ ދަރިޔަކާ އަލީ ނަސީމު ކައިވެނިވެސް ކޮށްފިއެވެ. އެހެންކަމުން އޭނާގެ ތަނަވަސްކަމާ ދޭތެރޭ މީހުން ޝައްކުކުރާނެ ޖާގައެއްވެސް ނެތެވެ. އަނެއްކޮޅުން ޢަލީ ނަސީމުގެ މައިން ބަފައިންނަކީ ވެސް މެދުމިނެއްގެ ތަނަވަސްކަމުގައި އުޅޭ ބަޔަކަށް ވާތީ މައިން ބަފައިންނާ މެދު ވެސް އޭނާ ވިސްނާކަށް ނުޖެހެއެވެ.

ޢަލީ ނަސީމުގެ އަންހެނުންގެ ގެޔަށް ދިރިއުޅުން ބަދަލުކުރި ފަހުން އެހެން މީހުންނަށް ސިއްރުން އޭނާ ނަޞާރާ ދީނަށް އަޅުކަންކުރާނޭ ތަންކޮޅެއް ކޮޓަރިތެރޭގައި ހަދައިލައިފިއެވެ. އަންހެނުންނަކީ ވެސް މާ ދީނީ މީހަކަށް ނުވާތީ މިބާވަތުގެ ކަންކަމަކާ އަޅައެއް ނުލައެވެ. ޢަލީ ނަސީމުގެ މަޤުޞަދަކީ އަތަމަނަހުރާގެ ރައްޔިތުންނަކީ މިނިވަންކަމާއެކު ނަޞާރާ ދީނަށް އުޅެވޭނެ ބައެއް ކަމުގައި ހެދުންކަމެއް ޢަލީގެ އަންހެނުންނަކަށް ނުވެސް އަންގައެވެ.

ޢަލީ ދުވަސް ދުވަސްކޮޅުން އޭނާ ކިޔަވަން އުޅުނު ރާއްޖެއަށް ދަތުރުކުރެއެވެ. އެއީ އަތަމަނަހުރާގައި އޭނާގެ ދީން ފެތުރުމުގެ ކަންކަން ހިނގާ ނުހިނގާ ގޮތް އޮޅުން ފިލުވައިދީ އެކަމަށް ލަފާ ހޯދުމެވެ. އަދި މިކަމަށްޓަކައި ޚަރަދުކުރާނޭ ފައިސާ ހޯދުމެވެ. ޢަލީ ނަސީމަކީ ނަޞާރާއިންގެ މަޤްޞަދު ޙާޞިލުކުރާން ލިބިފައިވާ ވަރަށް އަގުހުރި އެޖެންޓަކަށް ވާތީ އޭނާ ބޭނުންވާ ވަރަކަށް ފައިސާ ދޭކަށް ފައްޅިތަކުން ޖެހިލުމެއް ނުވެއެވެ.

ޢަލީ ނަސީމުގެ ވާހަކަތައް ބައެއް ފަހަރު ހުންނަ ގޮތުން އޭނާ އިސްލާމް ދީނާ ދެކޮޅަށް ވާހަކަދައްކާ ކަމަށް ބައެއް މީހުންނަށް މާނަކުރެވުނަސް އެއީ އެހެން ބުނި އެއްޗެއް ނޫން ކަމަށް ވިސްނައިދީ އޭނާއަކީ އެހެން މީހުން ފަދަ މުސްލިމެއް ކަމަށް ވިސްނައިދެއެވެ. ތެދެކެވެ. ކިޔަނީ މުސްލިމު ނަމެކެވެ. އުޅެނީ މުސްލިމުންނާއެކީގައެވެ. ތުރުކީ މުޙާވިރާގައި ކޯރާޑީގެ ދަތްގަނޑު ލަކުޑީން އޮންނާތީ ގަހުގެ ޢާއިލާގެ ތެރޭގައި ގަސްކަނޑާ ކޯރާޑި ހިމެނޭކަމަށް ދައްކާ ފަދައިން މުސްލިމުންގެ ތެރޭގައި މުސްލިމު ނަމެއް ކިޔައިގެން އުޅޭތީ ޢަލީ ނަސީމަކީ މުސްލިމެއް ކަމަށް ދައްކާކަށް އުނދަގުލެއް ނުވިއެވެ.

ޢަލީ ނަސީމުގެ މަސައްކަތް ނަޞާރާއިންގެ ލަފާގެ މަތީން މަޑުމަޑުން ކުރިޔަށް ގެންގޮސް އެތައް ބަޔަކު އޭނާގެ ވިސްނުމަށް ހައްލައިފިއެވެ. ޒަމާނީ ވިސްނުމާއި ޚިޔާޅުފާޅުކުރުމުގެ މިނިވަންކަމާއި މި ފާޑުގެ ރީތި ނަންނަމުން މީހުން ހެއްލުންތެރިކޮށްގެންނެވެ. އޭނާގެ ވާހަކަދެއްކުމުގެ އަވާގައި ޖައްސައިގެންނެވެ.

އަލީ ނަސީމުގެ ހަގީގަތް ހާމަވެ "ބުޅާ ގޯނިން ބޭރުވި އިރު" އޮތީ މާލަސްވެފައެވެ. އެތައް ޒުވާނުންނެއް ވަނީ އޭނާގެ އަވާގައި ޖެހިގެން އިސްލާމް ދީނުން ބޭރުވެފައެވެ. އަތަމަނަހުރާގައި ލާދީނީ އޮއިވަރު ދެމިފައިވަނީ ވަރަށް ބުރަ މަސައްކަތުން ނޫނީ މައިތިރި ކުރެވޭ ވަރަށެވެ. އެކަން ވެފައިވަނީ އެއަށް ވުރެ ބޮޑު މުޞީބާތަކަށެވެ. ރައްޔިތުންގެ އެތައް ޤުރުބާނީއެއް ވަނީ އެކަމަށް ބޭނުންވެފައެވެ. ރައްޔިތުން އެތައް ޤުރުބާނީއެއް ވެގެން ނޫނީ އަތަމަހުރާ ސަލާމަތްނުކުރެވޭނެ ވަރަށް އޮތީ ފިތުނަފަސާދަ އުފެދިފައެވެ. ވީމާ ތުރުކީ މުޙާވިރާއާ މެދު ވިސްނައިލުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި އަތަމަނަހުރާގެ ރައްޔިތުން ގަބޫލުކޮށްފިއެވެ. މާ ލަސްވީ ފަހުން ނަމަވެހެވެ.

ކިޔުންތެރިންގެ ހިޔާލު