ދަރުމަވަންތަ ރަސްގެފާނަކީ ކޮންބޭފުޅޭއްކަން އެނގޭތަ؟

މަރިޔަމް ލީނާ 29 ސެޕްޓެމްބަރު 2019 20:31
Flowers
ދަރުމަވަންތަ ރަސްގެފާނު މިސްކިތް

ދަރުމަވަންތަ ރަސްގެފާނަކީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމުގައި ކަނޑައެޅުއްވި ރަސްގެފާނެވެ. އެ ރަސްގެފާނު އިސްލާމްވުމަށްފަހު ވަނީ ނަންފުޅު މުހައްމަދު އިބްނު އަބްދުﷲ އަށް ބަދަލު ކުރައްވާފައެވެ. 

މި ރަސްގެފާނު ދިވެހި ރައްޔިތުން އިސްލާމް ދީނަށް ވަނުމަށް އަމުރު ކުރެއްވީ 2 ރަބީޢުލް އާޚިރު 548ހ ގައެވެ. އެއީ މީލާދީ ގޮތުން ބަލާނަމަ 1153 ވަނަ އަހަރެވެ. ތީމުގެ މަހާކަލަމިންޖާގެ ނަމުންވެސް މިރަސްގެފާނަށް މުުހާތަބު ކުރެވުނެވެ. 

ސުލްތާން އަހްމަދު ޝިހާބުއްދީން ބިނާކުރެއްވި ހުކުރު މިސްކިތުގައި ބެހެއްޓެވި ފިލާގައި ރާއްޖޭގައި ވެރިކަން ކުރެއްވި ފުރަތަމަ މުސްލިމް ރަސްގެފާނުގެ ނަންފުޅުކަމުގައި ލިޔެފައިވަނީ "ދަރުމީޝް" ނުވަތަ "ދަރްމިޝްތު" އެވެ. މި ލަފްޒު ތަކުން ދޭހަވަނީ ދީންވެރި، އިންސާފުވެރި މިފަދަ މާނަތަކެވެ. އަދި އެހެންކަމުން މި ރަސްގެފާނު ދިވެހިންގެ ތެރޭގައި މަޝްހޫރު ވެފައިވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ.

ތާރީޚީ އެކި މަސްދަރުތަކުން އެނގޭ ގޮތުގައި އިސްލާމްވުމުގެ ކުރިން 12 އަހަރު އެ ރަސްގެފާނު ވެރިކަން ކުރެއްވިއެވެ. އަދި އޭގެފަހުން 13 އަހަރު މުސްލިމެއްގެ ގޮތުގައި ވެރިކަންކުރެއްވިއެވެ. އަދި ބައެއް މަސްދަރުތަކުގައި ވާގޮތުން، މުޅިއެކު 35 އަހަރު އެ ރަސްގެފާނު ރާއްޖޭގެ ވެރިކަން ކުރެއްވިއެވެ. 

ރާއްޖޭގައި އިސްލާމް ދީން ފެތުރުމަށް ގިނަގުނަ މަސައްކަތްތަށް ދަރުމަވަންތަ ރަސްގެފާނު ކުރެއްވިއެވެ. މިގޮތުން ރަށްރަށުގައި ހުރި ބައެއް ގޯތިތައް މިސްކިތް ބެލެހެއްޓުމަށް ހަމަޖެއްސެވިއެވެ. މީގެ އިތުރުން، އިސްދޫގައި ތިބި ބުދުދީނުގެ ހާމުދުރުން އިސްލާމްދީނަށް ވަންނަން ދެކޮޅު ހެދުމުން މާލެ ގެނެސް އެ ރަސްގެފާނުގެ އަމުރަށް ޤަތުލުކުރެވުނެވެ. 

ކިޔުންތެރިންގެ ހިޔާލު