ގައުމީ ދުވަހެއް ބައްދަލުކޮށްފައި ދާއިރު ހިތަށް އަރާ ބައެއް ކަންތައްތައް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް 18 އޮކްޓޯބަރު 2020 14:50
Flowers
ދިވެހި ޤައުމީ ދިދަ

މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ލިޔުމެއް ލިޔުމުގެ ދައުވަތު ލިބުމުން، އެއްޗެއް ލިޔަން ނުލިޔަން ހުރެފައި، އެންމެ ފަހުން، ކޮންމެ ވެސް އެއްޗެއް ލިޔަން ނިންމައި މި ލިޔުން ލިޔަން ފެށީމެވެ. އެކި ގައުމުތަކުގައި، ގައުމީ ދުވަހެއް ފާހަގަކުރަނީ ޚާއްސަ މުނާސަބަތަކާއި ގުޅުވައިގެންނެވެ. ގިނަފަހަރަށް އެދުވަސް ގުޅެނީ އެ ގައުމުގެ މިނިވަންކަމާއެވެ. ބޭރުގެ ބާރެއްގެ ދަށުން ގައުމު މިނިވަންވުމާއެވެ. އެދުވަސް ފާހަގަކުރުން ގުޅެނީ ގައުމުގައި މި އަގު، އާދެ، މިނިވަންކަމުގެ އަގު ވަޒަންކޮށް ދެމެހެއްޓުމާއެވެ. ގައުމުގެ މުވާތިނުންގެ މެދުގައި، މިނިވަންކަމުގެ ރޫހު އާލާކޮށް ދިރުވުމާއެވެ. އަދި، އެ ގޮތުގައި ތިބެ، ގައުމާއިގެން ތަރައްގީއާއި ތަމައްދުނުގެ މަގުގައި ގައުމު ހޯދައިފައިވާ ކާމިޔާބީތައް ފާހަގަކޮށް، އެކަމުގެ ހައްގުވެރިންނަށް ޝުކުރުއަދާކޮށް، އެ މަގުގައި، ހުއްޓުމެއްނެތި، ހަލުވިކަމާއެކު އަދި ވެސް އިތުރު ފިޔަވަޅުތަކެއް އެޅުމުގެ އަޒުމު ކަނޑައެޅުމާއެވެ. ނަމަވެސް، އަޅުގަނޑުމެންގެ ގައުމުގެ ފަރުދީ އަދި ޖަމާއީ ހަޔާތަށާއި އަދި އެހަޔާތް ހިންގުމުގެ އިސް ސަފުތަކަށް ފީވުމުގެ ސިފަތަށް ވެރިވެ، ޕާޓީގެ ތައައްސުބުގައި ޖެހި، ގައުމު ރޫޅެމުންދާ ދުވަސް ވަރެއްގައި، ގައުމީ ދުވަސް ފަދަ، އުފާވެރި މުނާސަބަތެއްގައި ދައްކާނޭ އުފާވެރި ވާހަކައަކީ ކޮބާ ހެއްޔެވެ؟ އެހެންނޫނަސް، ޕާޓީ ތައައްސުބުން އެއްކިބާވެ ހުރެ، ވާހަކައެއް އަޑުއެހުމުގެ ބޭނުމެއް އޮވެދާނެ ހެއްޔެވެ؟

ލިޔާނެ އުފާވެރި ވާހަކައެއް ނެތް ކަމުގައި ވިޔަސް، އަދި އެހެންވެ، އެއްޗެއް ލިޔުމާ މެދު ޖެހިލުން ވިޔަސް، މިއޮތީ އެއްޗެއް ލިޔަން ފެށިފައެވެ. ދެން، އޮތީ ގައުމީ ދުވަހާ ބެހޭ ކޮންމެ ވެސް ވާހަކައެއް ބުނެލާށެވެ. ގައުމީ ދުވަހަކީ ކޮބައިކަން ހަނދާންކޮށްލައި އަދި އެދުވަސް ބައްދަލުކޮށްފައި ދާއިރު، ހިތަށް އަރާ ފައިބާ ބައެއް ވާހަކަ ބުނެލުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ދެކިގެންނެވެ.

ކުރީގައި ވެސް ނަންގަތް ފަދައިން، ގައުމީ ދުވަސް ވަރަށް ގިނަފަހަރު ގުޅެނީ ގައުމުގެ މިނިވަންކަމާއެވެ. މިނިވަންކަން ލިބިގަތުމާއި އެ މިނިވަންކަން ރައްކާތެރިކުރުމާއެވެ. ރާއްޖޭގައި ވެސް ގައުމީ ދުވަސް އޮތީ ހަމަ މިހެންނެވެ. ގައުމީ ދުވަސް ގުޅެނީ ރާއްޖޭގެ މިނިވަންކަން ގެއްލި، ރާއްޖެއަށް ފޯޗުގީޒުން ވެރިވެ، ސޯޅަ ވަރަކަށް އަހަރު، ވެރިކަން ކުރުމަށް ފަހު، ޣާޒީ މުހައްމަދު ތަކުރުފާނާއި އޭނާގެ އެކުވެރި މުޖާހިދުންގެ ގައުމީ ޖިހާދުގެ މަސައްކަތުން، ޕޯޗުގީޒުން ބަލިކޮށް، ރާއްޖޭގެ މިނިވަންކަން އަނބުރާ ހޯދައިދިނުމާއެވެ. މިކަން ހިނގީ، ހިޖުރީ ސަނަތުން 981 ވަނަ އަހަރުގެ ރަބީއުލް އައްވަލު މަހުގެ ހުޅެވި ހަނދު ލައިގަތް ރޭއެވެ. (މީލާދީ ސަނަތަށް ބަދަލުކޮށްލުމުން މިދުވަސް ދިމާވަނީ 1 ޖުލައި 1573ވަނަ ދުވަހާއެވެ.) އަދުގެ ގައުމީ ދުވަސް، އާދެ، 1442ގެ، ރަބީއުލް އައްވަލު މަހުގެ އެއްވަނަ ދުވަސް ލައިގަތުމުން، އުތީމު ޣާޒީ މުހައްމަދުތަކުރުފާނު ޕޯޗުގީޒުންގެ އަތް ދަށުން ރާއްޖެ ސަލާމަތް ކުރެއްވި ހާދިސާއަށް، 461 އަހަރު ފުރުނީއެވެ.

ޕޯޗުގީޒުންގެ ފަހުންވެސް ރާއްޖޭގެ ސިޔާދަތާއި ދިވެހިންގެ މިނިވަންކަން، ދެފަހަރެއްގެ މަތިން، ގެއްލުނެވެ. ހިޖުރީ ސަނަތުން 1161 ވަނަ އަހަރު (މީލާދީ ސަނަތުން 1752 ވަނަ އަހަރު) ހޮޅީންގެ އަތް މައްޗަށެވެ. ހޮޅިންނަކީ އިންޑިޔާގެ ހުޅަނގު އައްސޭރީގެ މަލާބާރުގެ މަލާބާރު މީހުންނެވެ. މިފަހަރު ރާއްޖޭ މިނިވަންކަން އަނބުރާ ހޯއްދަވައިދެއްވީ ޣާޒީ ހަސަން އިއްޒުއްދީނު، އާދެ، ދޮންބަންޑާރައިންގެ އަގުހުރި ޖިހާދުންނެވެ.

ދެން ރާއްޖޭގެ މިނިވަންކަމަށް ބުރޫ އެރީ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިޔުމުންނެވެ. މިކަން، ރަސްމީ ސިފައެއްގައި ހަމަޖެހިގެން ދިޔައީ 1887ގައެވެ. ފުރަތަމަ ބޮޑުހަނގުރާމާއިގެ ދުވަސްވަރާއި އަދި ފަހުން ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ވެސް، ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން، ރާއްޖެ މުހިއްމުވެ، ރާއްޖޭގެ އުތުރުގައްޔާއި ދެކުނުގައި އިނގިރޭސި ސިފައިން ތިބުމަށް ހަމަޖެހުނެވެ. އަދި، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ދާއިމީ ސިފައެއްގައި ސ.ގަމާއި ސ.ހިތަދޫގައި އިނގިރޭސި އަސްކަރީ މަރުކަޒެއް ގާއިމުކުރެވުނެވެ.

ޕޯޗުގީޒުންނާއި އަދި ހޮޅިންގެ ރާއްޖެއަށް ވެރިވެގަތް އިރު، އެމީހުންގެ ބޭނުމަކަށް އޮތީ މުޅި ރާއްޖެ ހިފުމެވެ. ރާއްޖޭގެ އަމިއްލަވަންތަކަމުގެ މައިގަނޑު އެއްބައި ކަމުގައިވާ ދިވެހިންގެ ބޮޑު އަޣުލަބިއްޔަތެއްގެ ދީން، އާދެ، އިސްލާން ދީން ރާއްޖެއިން ފޮހެލުމެވެ. މިކަމަކީ އެމީހުން ކާމިޔާބީކަމާއެކު ހިންގާލާފައިވާ ކަމެއްވެ. އެމީހުންގެ ބާރުގެ ދަށަށް ރާއްޖެ ދިޔައިރު، އައިބީރިޔާ ޖަޒީރާއިން އިސްލާން ދީން ފޮހެލައި މުސްލިމުން ބޭރުކޮށްލެވުނުތާ ވާނީ 81 އަހަރެވެ. އެހެންވެ، މިކަމަކީ ކުރެވިދާނޭ ކަމެއްކަން އެމީހުން ގަބޫލުކުރުމާ މެދު އެއްވެސް ޝައްކެއްނެތެވެ. އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ގޮސް، އަދި ދާއިމީ ސިފައެއްގައި ރާއްޖޭގައި އިނގިރޭސީން ތިބިއިރު ވެސް، ރާއްޖޭގެ ދާޚިލީ ކަންކަމަކާ ނުބެހެއެވެ. އެކަން އޮތީ ރާއްޖޭގެ ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށުގައެވެ. މިހެން ބުނާއިރު، 1959ގެ ދެކުނު ބަޣާވަތާއި އަދި، މިބަޣާވަތާއި ވިދިގެން، އިނގިރޭސީންގެ އެހީގައި، ރާއްޖެއިން ބައެއް ވަކިވެ، އައްޑޫގައި ގާއިމުކުރެވުނު ސުވާދީބުގެ ޖުމްހޫރިއްޔާ މަތިން ހަނދާންކޮށްލަން ޖެހެއެވެ. މިކަން މެދުވެރިވީ، ރާއްޖޭގެ ސަރުކާރާއި އިނގިރޭސިންނާއި ދެމެދު، އިނގިރޭސިން ގަމުގައި ތިބުމުގެ އެއްބަސްވުމާ ބެހޭ ގޮތުން ޖެހުނު މައްސަލަތަކެއްގެ ސަބަބުންނެވެ. އެހެންވެ، އިނގިރޭސިންނަށް ގަމުގައި ތިބުން އެންމެ ފަސޭހަވީ ބަޣާވަތެއް އުފައްދައި، ވަކި ދައުލަތެއް ދެކުނުގައި ގާއިމުކޮށްގެންކަމަށް ވުމުން، އިނގިރޭސިން އެކަން ވެދިޔަދިނީއެވެ. ނަމަވެސް، ރާއްޖޭގެ މައި ސަރުކާރާއި އިނގިރޭސިންނާ ދެމެދު އެއްބަސްވުމަކަށް އާދެވި، އިނގިރޭސީންގެ މަގުސަދު ހާސިލުވުމުން، ދެކުނުގައި އުފެއްދި ވަކި ދައުލަތް، އާދެ، ސުވާދީވުގެ ޖުމްހޫރިއްޔާ، އުވާލައި، އެ ދައުލަތް އެކުލެވިގެންވީ ސަރަހައްދު، ރާއްޖޭގެ މައި ސަރުކާރާ ގުޅެން މަޖުބޫރުކުރުވިއެވެ. މިކަން ނިމިގެން ދިޔައީ 1963ވަނަ އަހަރުއެވެ. އެ ހިސާބުން ފެށިގެން 1976ގެ މާޗު 29 ހަމައަށް، އިނގިރޭސިން ރާއްޖޭގައި ތިބިއިރު، ރާއްޖޭގެ ދާޚިލީ މިނިވަންކަމަކާ އެމީހުން ނުބެހެއެވެ. އަދި، މުޅި ރާއްޖެ ހިފުމުގެ އެދުމެއްވެސް އެމީހުންގެ ނެތެވެ. މީގެ އިތުރުން، 1965ގައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމަށްފަހު، ރާއްޖޭގެ ޚާރިޖީ ސިޔާސަތުވެސް އޮތީ ރާއްޖޭގެ އަތްމަތީ ރާއްޖޭ ބޭނުންވާ ގޮތެއްގެ މަތިން ބައްޓަންކުރުމަށް ދޫކޮށްލެވިފައެވެ.

ގައުމީ ދުވަސް ފާހަގަކުރަމުންދާއިރު، އެންމެ ފުރަތަމަ ހިތަށް އަންނަ ވާހަކަތަކަކީ މިއެވެ. ރާއްޖޭގެ މިނިވަންކަން ގެއްލިދިޔަ ހާދިސާތަކުގެ ވާހަކަތަކެވެ. މިވާހަކަތައް ހަނދާންކޮށް، ރާއްޖޭގެ މިނިވަންކަމުގެ ބަތަލުންތަކުގެ ޒިކުރާއާކޮށް އެބޭކަލުންނަށް ހައްގު ޝުކުރު އަދާކުރަން ޖެހެއެވެ. އިހުގެ ތާރީޚުގައި ފާހަގަކުރެވުނު ޣާޒީ މުހައްމަދު ތަކުރުފާނާއި ޣާޒީ ހަސަން އިއްޒުއްދީނަށެވެ. ފަހުގެ ތާރީޚުގައި އަމީރު އިބުރާހިމް ނާސިރަށެވެ. އަދި އެބޭފުޅުންގެ މަސައްކަތުގައި ބައިވެރިވެލެއްވި އެހެން ވެސް ބޭބޭފުޅުންނަށެވެ.

ގައުމީ ދުވަހަސް އައިއްސައި ދާއިރު، ދެން ހިތަށް އަރާ ވާހަކައަކީ ގައުމުގެ މިނިވަންކަން ދިފާއުކުރުމުގެ ވާހަކައެވެ. ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރަން ޖެހޭ ކަންކަމަކީ ކޮބައި ބާވައެވެ؟ މި ސުވާލުގެ މައްޗަށް ފިކުރުކޮށްލުމުން، ތަފާތު ކަންތައްތަކެއް ހިތަށް އަރައެވެ. މީގެ ތެރެއިން ދެތިން ކަމެއްގެ ވާހަކަ ލިޔެލާނަމެވެ.

އެންމެ ފުރަތަމަކަމަކީ މިނިވަންކަން ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އުފަލަން ޖެހެނީ ކޮން ބައެއް ކަމެވެ. ޝައްކެއް ނެތް ގޮތުގައި، ގައުމެއްގެ މިނިވަންކަން ދެމެހެއްޓުމަކީ ޖަމާއީ ކަމެކެވެ. މުޅި ގައުމުގެ އެންމެންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. އައިނިއްޔަ ވާޖިބެކެވެ. ގައުމުގެ މިނިވަން ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ގައުމުގެ މުވާތިނުން، އެކަމަށްޓަކައި ހޭލުންތެރިކޮށް އަހުލުވެރިކުރުވަން ޖެހެއެވެ.

ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލުމަށްޓަކައި ހޭލުންތެރި އަދި އަހުލުވެރި މުވާތިނުންތަކެއް އުފެއްދުމުގެ މަސައްކަތް ކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގައުމުގެ ތައުލީމީ ނިޒާމުގެ ދައުރު ވަރަށް ވެސް މުހިއްމެވެ. އަޅުގަނޑުމެންގެ ތައުލީމީ ނިޒާމު މެދުވެރިކޮށް އަޅުގަނޑުމެންނަކީ ވަކި މިނިވަން ގައުމެއްކަން، ވަކި ބަޔެއްކަން، އަންގައިދޭ ކަންކަން، މަދުރަސީ ތައުލީމީ މަންހަޖުގެ ތެރެއިން ކިޔަވާ ކުދިންނަށް ފޯރުކޮށްދޭން ޖެހެއެވެ. މިކަންކަމުގެ ތެރޭގައި އަޅުގަނޑުމެންގެ ބަހާއި ތާރީޚު ހިމެނެއެވެ. އަދި، އަޅުގަނޑުމެންގެ އަގުތަކާއި އުސޫލުތަކުގެ މަސްދަރުކަމުގައިވާ އިސްލާމްދީން ހިމެނެއެވެ. މި އަގުތަކާއި އުސޫލުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ފާހަގަކުރަން ޖެހެނީ ރިވެތި އަޚުލާގީ އުސޫލުތަކާއި ގައުމުގެ ޖަމާއީ ހަޔާތް އެ އަގުތަކެއް މައްޗަށް ބިނާކުރަންޖެހޭ އަގުތަކެވެ. ހަމަހަމަކަމާއި އިންސާފުގެ އަގުތަކެވެ. އެކަކު އަނެއްކަކަށް އިހުތިރާމު ކުރުމާއި އަޅާލުމުގެ އަގުތަކެވެ. މައްސަލަތައް ހައްލުކުރުމުގައި އަދަބު އިހުތިރާމާއެކު އެކަކު އަނެކަކާ ވާހަކަދެއްކުން އިސްކުރުމުގެ އަގެވެ. އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ ފަރުދަކީވެސް އަބުރާއި އިއްޒަތެއް ލިބިގެންވި މީހެއްކަން ގަބޫލުކުރުމުގެ އަގެވެ. އަދި، މި ކަން ނިޔާކުރަނީ ހަމަ ކޮންމެ ފަރުދަކީ ވެސް، އޭނާގެ އިންސާނީ ކަރާމަތް ނުގެއްލޭ ފަދަ ގޮތެއްގައި، ދިރިއުޅުމެއް ލިބެން ޖެހޭނޭ މީހެއްކަން ގަބޫލުކުރާކުރުން ވެސް މެއެވެ. ތަނުގެ ބިމާއި ޚައިރާތުތަކަކީ ވަކި ފަރުދަކަށް ނުވަތަ ވަކި އާއިލާއަކަށް ނުވަތަ ވަކި ބަޔަކަށް ޚާއްސަވެފައި އޮތް އެއްޗެހި ނޫންކަންވެސް ގަބޫލުކުރުމުގެ އަގެވެ. މީގެ އިތުރުން، ޖަމާއީ ނިންމުންތައް ބިނާވާން ޖެހޭނީ ގައުމުގެ މަސްލަހަތު އިސްކޮށްގެން، ގައުމުގެ އާދަކާދައާއި ސަގާފަތާއި ފުށުނާރާ ގޮތެއްގައި ގައުމުގެ އާންމު ވިސްނުމާ އެއްގޮތަށްކަމުގެ މައްޗަށްކަން ގަބޫލުކުރުމުގެ އަގުވެސް މެއެވެ.

އަޅުގަނޑުމެންގެ ތައުލީމީ ނިޒާމަށް ބަލާލާއިރު، މިނަންގަތް ކަންތައްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރަމެވެ. މިސާލަކަށް، ގައުމީ ދުވަސް ފާހަގަކުރުން، ރަބީއުލް އައްވަލު މަހުގެ އެކަކާ ގުޅެނީ ކީއްވެގެންކަން އެނގެނީ ކިތައް ކިޔަވާ ކުދިންނަށް ބާވައެވެ؟ އަޅުގަނޑުމެންގެ އަމިއްލަ ތާރީޚު އެކަށީގެންވާ އެންމެ ކުޑަ މިންވަރަށް ވެސް އެނގޭ ބާވައެވެ؟ މިސާލަކަށް، ވޭތުވެދިޔަ ސަތޭކަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ވެރިކަމުގެ ތިއްބެވީ ކޮންކޮން ބޭފުޅުންކަން ބުނެދެވޭނީ ކިތައް ކިޔަވާ ކުދިންނަށް ހެއްޔެވެ؟ މިބޭބޭފުޅުންގެ ވެރިކަމުގެ މައްޗަށް ތަންގީދީ ނަޒަރަކުން ބަލާލައި، އެބޭބޭކަލުން ގައުމަށްކޮށްދެއްވީ ކޮން ޚިދުމަތެއްކަން ފާހަގަކޮށް، އަދި، އެބޭބޭކަލުންގެ ސަރުކާރުތަކުގެ ފޭލިވުމަކީ ކޮބައިކަން ބުނެދޭން އިނގޭނީ ކިތައް ކުދިންނަށް ހެއްޔެވެ؟ މި ފަދަ ކަންކަން ނޭނގުމަކީ ފަހަރެއްގައިވެސް އެކުދިންގެ ކުށެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ތައުލީމީ ނިޒާމުގައި ހުރި އުނިކަމެކެވެ. އެކަންކަން ކިޔަވައި ނުދިނުމާ ގުޅޭ މައްސަލައެކެވެ. އެހެންވެ، ގައުމީ ދުވަސް ފާހަގަކުރަމުންދާއިރު، މަދުރަސީ ތައުލީމީ މަންހަޖުގައި ދިވެހި ތާރީޚު މާއްދާއެއްގެ ގޮތުގައި ހިމަނައި، މާނަ ހުރި ގޮތެއްގައި ރާއްޖޭގެ ތާރީޚު ކިޔަވައިދީ، މިނަންގަތް އުނިކަން ފޫބައްދަން ވެއްޖެކަމީ، ހިތަށް އަރާ ކަމެކެވެ.

ދެން، އަޅުގަނޑުމެންގެ ދިވެހި ބަހުގެ މައްޗަށް ބަލައިލަމާ ހެއްޔެވެ؟ ދިވެހި ބަސް އިސްކަންދީ، ދިވެހި ބަހަށް އަހައްމިއްޔަތުކަން ދިނުން ގާނޫނުގައި ލިޔެވިފައި އޮވެއެވެ. ނަމަވެސް މިކަން އޮންނަނީ، އެއަށް އަމަލުނުކުރެވޭ، އެއްވެސް މާނައެއް ނެތް، ހަމަ އެކަނި ހުސް ނަމެއްގައި އޮންނަ ގާނޫނެއްގެ ގޮތުގައެވެ. މިސާލަކަށް ދިވެހި ބަހުގައި ބޭނުންކުރެވެމުން އައި އެކިއެކި ނަންނަން، އެހެން ބަހަކުން ކިޔަން ހަމަޖެހިއްޖެއެވެ. މިގޮތަށް ކަންތައް ކުރުމުން، ތަން ތަރައްގީވާ ކަހަލައެވެ! އަތޮޅުވެރިން ނޫނީ ކަތީބު ކިޔުން ދޫކޮށްލައި ކައުންސެލަރު ނުވަތަ އެ ނޫން ވެސް އެފަދަ އެހެން ބޭރު ނަމެއް ކިޔުމުން، އެ މަގާމުގެ ހައިބަތު އުފުލި، އެ މަގާމަށް އިސްކުރެވޭ މީހުން، ފިކުރީ ގޮތުން ނުވަތަ އިދާރީ ގޮތުން އިތުރަށް އަހުލުވެރިވެވުނީ ކަމުގައި ހީވާކަހަލައެވެ! ނޫނީ އަތޮޅު އޮފީހަށް ސެކެރިޓޭރިއަޓުއޭ އަދި ރަށް ރަށަށް ސިޓީއޭ ކިޔުމުން އެތަންތަން ތަރައްގީވީ ކަމުގައިވަނީ ހެއްޔެވެ؟ ލިޔެކިޔުމުގައި ސަރުކާރުގެ އޮފީސްތަކުގައި ވެސް ފެންނަނީ ދިވެހި ބަހުން އެއްޗެހި ނުލިޔެވޭ ތަނެވެ. ރާއްޖޭގެ މުވާތިންނަކީ ދިވެހި ބަސް ނުދަންނަ ބައެއް ކަމުގައި ހީވާ ކަހަލައެވެ! މީގެ ހެކި ލިބި ގަތުމަށް ސަރުކާރުގެ އިދާރާތަކުގެ އޮންލައިން ސަފުހާތަކަށް ބަލާލާށެވެ. ދިވެހި ބަހަށް ދެވޭ އަހައްމިއްޔަތުކަން ހުރި ދަރަޖަ ފެންނާނެއެވެ.

މިކަމުގެ ވެސް އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހެނީ ހަމަ އަޅުގަނޑުމެންގެ ތައުލީމީ ނިޒާމެވެ. މި ނަންގަތް މައްސަލައިގެ މުގޫ ގުޅެނީ ކުދިންނަށް ކުޑައިރުއްސުރެން ފެށިގެން ރަނގަޅަށް ދިވެހިން އިބާރާތްކޮށް ވާހަކަދައްކައި ލިޔެ ހެދުމުގެ ހުނަރު އުނގަންނައި ނުދެވުމާއެވެ. މީގެ މާނައަކީ އެކުދިންގެ ސާނަވީ ތައުލީމު ނިމޭއިރު، އެހެން ބަހެއް ވެސް ރަނގަޅަށް އެނގުމެއް ނޫނެވެ. އެކުދިންގެ ބަހުގެ ފެންވަރާއި ހިތުގެ ޝުއޫރުތައް ސާފުކޮށް ފާޅުކޮށް، ބަހެއް ބޭނުންކޮށްގެން ބުނެދިނުމުގެ ލިޔުމުގެ ހުނަރު، އެކުދިންގެ ލިޔުންތަކުން ފެންނާނެއެވެ. ޚާއްސަ ގޮތެއްގައި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެފައި ހުންނަ އެއްޗިއްސައް ބަލާލުމުންނެވެ. ބަހެއްގެ ގަވާއިދުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަދި ބަސްބަސް ބޭނުންކުރަންވާ މަގާމުގައި ބަސްބަސް ބޭނުންކޮށް ރިވެތިކޮށް އެއްޗެހި ބުނެފައި ހުންނަތަން ފެންނަނީ ވަރަށް ވެސް މަދުންނެވެ.

މިކަމުގެ ސަބަބަކީ ތައުލީމީ ނިޒާމުގެ ހުރިހާ ވެސް އަމާޒަކީ ހަމައެކަނި މައުލޫމާތުތަކެއް ފޯރުކޮށްދީ، އިމްތިހާނުގައި ވަކި ނަތީޖާއެއް ހޯދުންކަމަށް ވުމެވެ. ތައުލީމީ ނިޒާމުގެ އަސާސަކަށް ވާންޖެހޭނީ، ކުދިންނަށް ވިސްނައި ފިކުރުކުރަން ދަސްކޮށް ދިނުމެވެ. ކިޔަވާ ކުއްޖާގެ ސިކުނޑި ހުޅުވާލުމުވެ. އިލްމަކީ އުފައްދާ އެއްޗެއްކަމާއި އަދި އެއީ ވިސްނުމާއި ފިކުރުކުރުމުގެ ނަތީޖާއެއްކަން އަންގައިދީ ކޮންމެ ކުއްޖަކީވެސް ވެސް އިލްމު އުފެއްދުމުގެ އިމްކާނިއްޔަތު ލިބިގެންވާ ކުއްޖެއްކަން އަންގައި ދިނުމެވެ. މިކަން ކުރުމުގައި އަމިއްލަ ބަހަށް، އާދެ، މާދަރީ ބަހަށް، އިސްކަން ދިނުން ވަރަށްވެސް މުހިއްމެވެ. ކިޔުންތައް އަދަބީ ކިޔުމަކުން ކިޔަން ދަސްކޮށްދޭންޖެހެއެވެ. މިކަން ފެށެނީ ލަފްޒާއި މަފްހޫމު ނުވަތަ މާނައަކީ ކޮބައިކަމާއި އަދި މި ދެބައިގެ ގުޅުމަކީ ކޮބައިކަން ވެސް ދަސްކޮށްދެވިގެންނެވެ. އަދި، މާނަ އުފެދުމުގައި ސަގާފަތާއި އާދަކާދައިގެ ދައުރުވެސް އުނގަންނައި ދެވިގެންނެވެ. މެންދުރު ކެއުމަށް ލަންޗޭ ކިޔަސް، އެ ލަފްޒުގެ މާނަ ކަނޑައަޅަނީ އެ ލަފްޒު ބޭނުންކުރެވޭ މުޖުތަމައުގެ އާދަކާދަ ނިޔާކުރާ ގޮތެއްގެ މައްޗަށް ބަލައިގެންނެވެ. ބައެއް ގައުމުތަކުގައި މެންދުރު ކެއުމަކީ މައި ކެއުމަކަށް ވިޔަސް އަނެއް ބައި ގައުމުތަކުގައި މިކަން އޮތީ އެހެން ނެއް ނޫނެވެ. އެހެންވެ ރާއްޖޭގައި އުފަންވެ، ރާއްޖޭގެ މާހައުލުގައި ބޮޑުވާ ކުއްޖަކު ލަންޗޭ ކިޔަސް، އޭނައަށް އޭގެ މާނަކުރެވެނީ ރާއްޖޭގެ އާދަކާދައާ ގުޅުވައިގެންނެވެ. ރާއްޖޭގައި އެކަން އޮންނަ ގޮތުގެ މައްޗަށް ބަލައިގެންނެވެ. މީގެ އިތުރުން، ވާހަކަދައްކައި ލިޔާއިރު ފުރަތަމަ އޮންނަނީ މާނަކަމާއި، އަދި، ލަފްޒަކީ ވަކި މާނައަކަށް އިޝާރަތްކުރަން، މާނައަށް ފަހު، އުފެއްދިފައިވާ ރަމްޒެއްކަން ވެސް އެނގެން ޖެހެއެވެ. އަޅުގަނޑުމެން ބޭނުންކުރާ 'ބަހަކީ އިޝާރަތެކޭ' ބުނެވޭ މުހާވިރާ ބަހުން މިކަން ދޭހަވެއެވެ. މިކަން އިހުސާސު ނުވާ ނަމަ، ލަފްޒުތައް ބޭނުން ކުރެވޭނީ ލާޝުއޫރީ ގޮތެއްގައި މާނައާ މެދު ނުވިސްނައެވެ. އެހެންވެ، މަފްހޫމުތައް ރަނގަޅަށް ހިތަށް ނެގޭ ގޮތެއް ނުވާނެއެވެ. މީގެ ހެކި ބައެއް މީސްމީހުން ވާހަކަދައްކާއިރު، ލަފްޒުތައް ބޭނުންކުރާ ގޮތުން ފާހަގަކުރެވޭނެއެވެ. މިސާލަކަށް ސަރުކާރަކީ ކޮބައިކަމާއި ދައުލަތަކީ ކޮބައިކަން ވަކިކުރަން ނޭނގޭ ގޮތަށް ވާހަކަދެކެވޭ އަޑު ވަރަށް ގިނައިން އިވެއެވެ. ހަމަ އެހެންމެ، މި ދޭތެރެއިން، ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާއަކީ ގައުމިއްޔަތެއްގެ ވެރި ބޭކަލެއްކަން ދޭހަވާ ލިޔުމެއް ވެސް ފެނުނެވެ. އާދެ، ގައުމިއްޔަތަކީ ކޮބައިކަން ނޭނގި އެ ލަފްޒު ބޭނުންކުރުމުގެ ނަތީޖާއެވެ. މިކަންކަމުގެ އިތުރުން، އަދަބީ ކިޔުން ނިޔާކުރަނީ ލިޔުން ލިޔުން ކިޔުމުގައި ލިޔުމުގެ މައިގަނޑު ޚިޔާލަކީ ކޮބައިކަން ކަނޑައަޅާލަން އެނގުމެވެ. އަދި މި މައިގަނޑު ޚިޔާލު ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހަޅާލެވޭ ހެކިތަކާއި އަދި އެހެކިތައް ތަހުލީލުކުރެވިފައިވާ ގޮތްވެސް އެނގުމެވެ. މިފަދައިން، ކަންކަން އެނގި އަދަބީ ސިފައެއްގައި ކިޔަން ދަސްވެއްޖެ ނަމަ، ވާހަކަދެއްކުމާއި ލިޔުމުގައި ވެސް މި ބަޔާންކުރި އަދަބީ ގޮތް ބޭނުންކުރެވޭނެއެވެ. އާދެ، މި ސަބަބުތަކަށްޓަކައި، ގައުމީ ދުވަސް ބައްދަލުކޮށްފައިދާ އިރު، ދިވެހި ބަސްކުރިއެރުވުމުގެ މުހިއްމުކަން ވެސް ހިތަށް އަރައެވެ.

މި ނަންގަތް ދެކަމުގެ އިތުރުން، ދީނީ ތައުލީމު އުނގަންނައިދިނުން ވެސް އިސްލާހުކުރަން ޖެހޭކަން ވެސް ގައުމީ ދުވަހު ހިތަށް އަރައެވެ. ދީނީ ތައުލީމެއް ދިނުމުގެ ބޭނުމަކީ ހަމަ އެކަނި ބޭރުފުށުގެ ސިފަތަކެއް ކުދިންގެ ކިބައިގައި އަށަގެންނެވުން ނޫންކަމާއި، ދީނަކީ އަޚުލާގީ ސިފަތަކާއި ކުދިންގެ ރޫހާނިއްޔަތު ކުރިއެރުވުމުގެ ވަސީލަތެއްކަމާއި މިކަން ހަގީގަތަކަށް ހަދާލެވޭނީ ކިހިނެއްކަން ވެސް ކުދިންނަށް އުނގަންނައިދޭން ޖެހެއެވެ. މީގެ އިތުރުން، ދީނާއި ގުޅިފައިވާ ތަފާތު ފިކުރުތައް ވެސް އުނގަންނައި ދޭން ޖެހެއެވެ. މީގެ ތެރޭގައި އިހާއި އަދި މިހާރުގެ އުލޫހިއްޔާތާއި ފަލްސަފާއާއި ފިގުހާއި ގާނޫނީ ފިކުރުތައް ވެސް ހިމެނެއެވެ. ދީނުގެ ބޭނުމާއި އަހައްމިޔަތުކަން އަދުގެ ހަޔާތާއި ގުޅެނީ ކިހިނެއް ކަން ވެސް ކުދިންނަށް އުނގަންނައިދޭން ޖެހެއެވެ. ދުނިޔޭގައި އިލްމުވެރިކަމާއި ތަރައްގީގެ މައިދާނުގައި ދީނީ އިލްމުގެ ދައުރަކީ ކޮބައިކަމާއި އަދި ތަރައްގީގެ މަގުގައި ކުރިއަރައި ދިޔުމަށް ދީނީ ތަސައްވުރު ހުރަސްއެޅިގެން ދިޔައީ ކިހިނެއްކަންވެސް ކިޔަވާކުދިންނަށް އެނގެން ޖެހެއެވެ. އާދެ، ގައުމީ ދުވަހެއް ބައްދަލުކޮށްފައި ދާއިރު މިވެސް ހިތަށް އަރާ ކަމެކެވެ.

މިނަންގަތް ކަންކަން – އަޅުގަނޑުމެންގެ ތާރީޚާއި ބަހާއި އަދި ދީން – ހެޔޮ ގޮތުގައި އުނގަންނައިދީ ދިވެހި މުވާތިނުންނަކީ އެމީހުންގެ އަމިއްލަ މިނިވަންކަން ދަމަހައްޓައި ރައްކާތެރިކުރުމުގެ އަހުލުވެރި ބަޔަކަށް ހެދުމުގެ މަސައްކަތަކީ ޝައްކެއްނެތް ގޮތުގައި ބުރަ މަސައްކަތެކެވެ. ނަމަވެސް، ހިތްވަރާއެކު ކެރިގެން ކުރިމަތިލައިފި ނަމަ މިއީ ނުވާނޭ ކަމެއް ނޫނެވެ.

މިނަންގަތް ކަންކަމުގެ އިތުރުން ވެސް، ގައުމީ ދުވަހު ހިތަށް އެރި ކަމެއްގެ ވާހަކަ ލިޔެލަން ޖެހެއެވެ. އެވާހަކަ ގުޅެނީ ރާއްޖޭގެ މިނިވަންކަން ގެއްލި ދިޔަ ދެފަހަރު ވެސް އެކަން މެދުވެރިވި ސަބާބައެވެ. އެހެންވެ، ގައުމީ ދުވަހުގެ ވާހަކަދައްކާއިރު، ކުރު ގޮތަކަށް ނަމަވެސް، މިސަބަބަށް އިޝާރަތްކޮށްލައި އަދި އަދުގެ ހާލަތުގެ މައްޗަށް ވެސް އެއްޗެއް ބުނެލަން ޖެހެއެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަ ދެފަހަރު ވެސް، މިނިވަންކަން ގެއްލިގެން ދިޔައީ ދިވެހި ބައެއް ގައުމަށްވީ ޚިޔާނަތުގެ އަމަލުގެ ސަބަބުންނެވެ. ވެރިކަމުގެ އާއިލާތަކުގެ މެދުގައި އުފެދުނު ނުރަނގަޅު ވާދަވެރިކަމެއްގެ ސަބަބުން، އެއްބަޔެއްގެ މައްޗަށް އަނެއް ބަޔަކު ގަދަވެގަތުމުގެ އެދުމުގައި ބޭރު ބައެއްގެ އެހީ ހޯދުމުގެ ނަތީޖާއެއްގެ ސަބަބުންނެވެ. މިކަމަށް އިޝާރާތްކުރައްވައި މަރުހޫމު ޝިހާބު ލިޔުއްވާފައިވާ ވާހަކަ ކޮޅެއް މިތާ ނަކަލު ކޮށްލާނަމެވެ. ފަތްތޫރައިގެ ދިހަވަނަ އަދަދުގައި 'ދިވެހިރާއްޖޭގެ މިނިވަންކަން' މި ސުރުޚީގެ ދަށުގައި އޭނާ ލިޔުއްވާފައި ވެއެވެ. "... އިސްކަންދަރު މަހާރަދުން ފަސްދާނަށް ވަޑައިގަތުމާ ގުޅިގެން އޭރުގެ ރަސްކަމުގެ ތެރެއަށް ފީވުމުގެ ސިފަތައް އަންނާން ފަށައިފިއެވެ ... އަޅުގަނޑުގެ ވާހަކައަކީ އެ ދައުރުގައި އެ ފެށުނު އަޚުލާގީ އުނިކަމުގެ އަސަރުތަކާއި ފިތުނައިގެ ބާރުތައް ފަހަށް ވެސް ރައްދުކުރަމުން އައިސްފައިވާ ކަމަށް ... ދަންނަވާލުމެވެ.... ކޮންމެއަކަސް، ކޮރުބަންޑާރައިންގެ ރަސްކަމުގައި 'އަބަދަށް ދެމިހުންނަ' ކަންނަންނޫރު އަލީ ރާޖާގެ ފަރާތުން ލަޝްކަރެއް އައީ، ޕޯޗުގީޒުން ވެސް ގެނުވި ފަދައިން، ދިވެހިންގެ ކުރިއަށް ތިބި ބަޔަކު ގެނުވައިގެންނެވެ. މިފަހަރު ސަފުގެ އެންމެ ކުރީގައި ހުންނެވީ އެދުވަސްވަރު ފަނޑިޔާރު ކަމުގައި ހުންނެވި ބޭކަލެކެވެ..."

މަތީގައި ނަކަލުކޮށްފައިވާ ލިޔުން ކޮޅުން، އަޅުގަނޑުމެންގެ މިނިވަންކަން ގެއްލޭން އިހުގައި ދިމާވި ކޮންމެ ފަހަރަކުވެސް، ދެ ސަބަބެއް ކުރިމަތިވި ކަމުގައި މަރުހޫމު ޝިހާބު ފާހަގަކުރައްވައެވެ. ތަނުގެ އާންމު އަޚުލާގީ ފެންވަރު ދަށްވެ، އަދި، މިކަމުގެ ސަބަބުން، ވެރިކަމަށް ފީވުމުގެ ސިފަތައް އައުމެވެ. ނަތީޖާއަކަށްވީ ވެރިކަމުގެ ދަހިވެތިކަމުގައި، ބަޔަކު ބޭރުގެ އަސްކަރީ އެހީއަށް އެދުމެވެ. މިކަމާ ދޭތެރޭ، ފުންކޮށް ވިސްނާލުމުން، އަދުގައި ވެސް، މިކަން އިއާދަވެ، މިނިވަންކަން ގެއްލިދާނޭ ބިރު އުފެދިފައި ވެއެވެ. މިކަން އިތުރަށް ސާފުކޮށްލަ ދިނުމުގެ ގޮތުން އެއްޗެއް ބުނެލަން ޖެހެއެވެ.

އެންމެ ފުރަތަމަ އަޅުގަނޑުމެންގެ އަޚުލާގީ ކަންތައްތައް ހުރި ނެތް ގޮތުގެ މައްޗަށެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން އޮތީ ކަންބޮޑުވާ ދަރަޖައަށް އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައެވެ. އަދި މި ވިޔަފާރީގައި ސަރުކާރާއި ގުޅޭ ބައެއް މީސްމީހުން ވެސް ޝާމިލުވާކަމުގެ ވާހަކަ ބައެއް ނޫސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ނަތީޖާއަކީ އެކަންކަމުގައި ޝަމިލުވާ މީހުންގެ މައްޗަށް ގާނޫތައް ހިންގާލައި އެ މީހުންނަށް އަދަބު ދެވޭގޮތް ނުވުމެވެ. އަދި، މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުން ކޮންޓުރޯލު ނުކުރެވުމެވެ. ދެން، މިކަމާ ގުޅިފައިވާ ވައްކަމާއި މީހުން މެރުން ފަދަ ބޮޑެތި އެހެން ޖަރީމާތައް ވެސް ކުރިއަށް ގެންދިޔުމެވެ. މީގެ އިތުރުން، ޖިންސީ ޖަރީމާތައް ވެސް އިންތިހާއަށް އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވުމެވެ. އިއްފަތް ފޭރުމާއި ކުޑަކުދިންނާ ބެހުމުގެ ޖިންސީ ޖަރީމާތަކެވެ. އަދި، މިފަދަ ކަންކަމަށް އަރައިގަންނަ މީހުންނަށް ގާނޫނީ އަދި ޝަރުއީ އަދަބު ނުދެވުމުގެ މައްސަލައެވެ. ހަމަހަމަކަމާއި އިންސާފުވެރި ގޮތެއްގައި ގާނޫނޫތައް ހިންގާ ނުލެވުމުގެ ސަބަބުންނެވެ.

އަދިވެސް އަޚުލާގީ ގޮތުން ވެއްޓިފައިވާ ދަށު ދަރަޖަ އަންގައިދޭ އެހެން މައްސަލައެކެވެ. ފަސާދައިގެ ހަލާކުރުވަނިވި އަމަލުތައް ސަރުކާރުގެ އެކިއެކި ދާއިރާތަކުގައި އަށަގެންފައި އޮތުމުގެ މައްސަލައެވެ. މިއީ އަދަކު އިއްޔެއަކު ވީކަމެއް ނޫނެވެ. އަށްޑިހައި އަހަރުތަކުން ފެށިގެން އައިސް ސަރުކާރުގެ ދާއިރާތަކުގައި އޭގެ ވިހަ ވަކިތައް ހިއްޕާލައިފައިވާ ބޮޑު މައްސަލައެކެވެ. ރިޝްވަތު ދިނުމާއި ނެގުމެވެ. ތަފާތު ނަންނަމުގައެވެ. ޚިދުމަތުގެ އަގުގެ ގޮތުގައެވެ. ނޫނީ ސައެއް ދިނުމުގެ ނަމުގައެވެ. ކޮމިޝަން ނެގުމުގެ ނަމުގައެވެ. މިފަދަ ގޮތްގޮތުން ވައްކަންކޮށް ނާޖާއިޒު ފައިދާ ނަގައި، އެކަންކަމަށް އިއުތިރާފުވެ، 'ތައުބާވުން' އެއީ އެކަން ނުކުރާފަދަ ކަމަކަށް މިހާރު ހަދާލެވިފައިވާ ކަހަލައެވެ. އަދި އެފަދަ ކަންކަމުގައި ބައވެރިވާ މީހުންގެ ނަން ހާމަކުރުމަކީ 'ގައުމީ ޚިދުމަތަކެއް ކަމުގައި' ބެލެވި ބޮޑެތި ވައްކަންކުރާ މީސްމީހުން މިހާރު ގައުމީ ބަތަލުންނަށް ވެއްޖެއެވެ. މީގެ އިތުރުން، ބަދަލު ދިނުމުގެ ނަމުގައި ދައުލަތުގެ ޚަޒާނާ ހުސްކޮށްލެވުނަސް ހަމަ އެންމެ ރަނގަޅެވެ. އަބަދު ބަދަލު ދޭން ޖެހޭ ގޮތެއްގައި ހެދޭ ހަމަ ނުޖެހޭ އެއްބަސްވުންތައް ލިޔެ އެ ފަދަ އެއްބަސްވުންތަކުގައި ސޮއިކޮށް އެކަމުގެ ޒިންމާ އުފުލަން ޖެހޭ ބައެއް ނެތެވެ. ކޮންމެ ބަޔަކު ވެސް ކުރާކަމަކީ ކުރީގެ ސަރުކާރުގެ ބޮލުގައި ކަންކަން އަޅުވައި، ތިމަންމެންގެ ފަސާދައާއި ނުކުޅެދޭކަން ފޮރުވުމެވެ.

މީގެ އިތުރުން، އެއްވެސް މަސައްކަތެއް ނުކޮށް، ތަންތަން ކުއްޔަށްދީގެން ކަންނެތް ދިރިއުޅުމުގެ ސަގާފަތްވެސް އޮތީ ގައުމުގައި އަދު ފެތުރިފައެވެ. ނަތީޖާއަކީ އެއްބަޔަކު ކުލި ދިނުމުގެ އަޅުވެތިކަމުގައި ޖެހުމެވެ. އަނެއް ބަޔަކު އަތްއުރާލައިގެން އެހެން މީހުން ދާ އޮހޮރުވައިގެން ހޯދާ ފައިސާ ބަލައިގަތުމުގައި ތިބުމެވެ. އަދި، ކޮންމެ ކަމެއް ކުރަން ވެސް ބޭރު މީހުން ގެނައުމެވެ. އެކަމުގެ ސަބަބުން ތަނުގެ އާބާދީގެ ގާތްގަނޑަކަށް ފަސްބައިކޮށް އެއްބަޔަކީ ބޭރު މީހުންނަށް ވުމެވެ. އަދި، މި މީހުންނަކީ ތަނުގެ މީހުންކަމުގައި ހެދުމުގެ އޮއިވަރެއް ވެސް ސަރުކާރުގެ އިސް ސަފުގައި އުފެދުމެވެ.

އާދެ، ތަނުގެ އަޚުލާގީ ފެންވަރު ދަށްވެ، އެއްވެސް މަސައްކަތެއް ނުކުރުމުގެ ސަގާފަތް އުފެދި، ތަނުގެ މަސައްކަތްތައް ބޭރު ބަޔެއްގެ އަތްމައްޗަށް ދިޔުމަކީ ގައުމުގެ މިނިވަންކަން ގެއްލި ދިޔުމަށް އޮތް ހަގީގީ ނުރައްކަލަކެވެ. މީގެ އިތުރުން، މަރުހޫމު ޝިހާބު ވިދާޅުވިފަދަ 'ފީކަމުގެ ސިފަތައް' ވެރިކަމުގެ އިސް ސަފުތަކުން ފެންނަން ފަށައިފިއެވެ. ރައްޔިތުންގެ މަޖުލީހުގައްޔާއި އަދި ސަރުކާރުގެ އިސްމަގާމުތަކުގައި ކަމުގެ އަހުލުވެރިކަން ނެތް މީހުން ތިބުމުގެ ސަބަބުންނެވެ. މިކަން ފާޅުވެ ހާމަވެގެން ދަނީ އެމީހުން ދައްކާވާހަކައިންނެވެ. މިސާލަކަށް، ތަނުގެ މިނިވަންކަމަކީ ތަނުގެ މީހުންނަށް ނުބެލެހެއްޓޭނޭ ކަމެއްކަމަށް ތަކުރާރުކޮށް ގޮވުމެވެ. ތަނުގެ އަމަންއަމާންކަން ބަލަހައްޓާ އިދާރާއަކީ އުވާލަން ޖެހޭ ތަނެއްކަމަށް ގޮވުމެވެ. ގައުމުގެ ބޮޑު އަޣުލަބިއްޔަތެއްގެ ދީންކަމުގައިވާ އިސްލާމް ދީނަށް ފާޅުގައި މަލާމާތްކޮށް ފުރައްސާރަކުރުމެވެ. ޒިންމާދާރު، ގައުމަށް ހެޔޮއެދޭ ބަޔަކު މިފަދަ ވާހަކަތައް ދައްކައި ނޫނީ މިފަދަ ވާހަކަތައް ދެއްކުމުގެ ޖާގަދީފާނެ ހެއްޔެވެ؟ ނަމަވެސް މިއީ ވެރިކަމުގެ އިސް ސަފުތަކުގެ ތެރޭގައި އަދު ކަންކަން ހުރި ގޮތެވެ.

މިނަންގަތް ފަދަ ވާހަކަތައް އެއްބަޔަކު ބުނެ ގޮވަނީ، ފަހަރެއްގައި ވެސް، އެއާ މެދު ވިސްނާ ފިކުރުކުރުމަށް ފަހުގައެއް ނޫނެވެ. ތިމާމެންގެ މަގާމު ދިފާއުކުރުމުގެ ގޮތުން، އެމީހުންގެ އިސްކޮށްތިބޭ މީހުން ބުނާ ވާހަކައަކަށްވާތީއެވެ. މިސާލަކަށް ބައެއް ސިޔާސީ ޕާޓީތަކުގެ ވެރިންނާއި ބައެއް މިނިސްޓަރުން ވަނީ ފާޅުގައި، ބޭރުގެ ޓީވީތަކުން، ބޭރުގެ އަސްކަރީ ބާރެއް އައިސް ރާއްޖެ ހިފުމަށް ގޮވާލައި ދައުވަތުދީފައެވެ. މިފަދަ އަމަލަކީ ހުޅަނގު ގައުމެއްގައި ހިނގިކަމަކަށްވާ ނަމަ، އެފަދަ މީހުންގެ މައްޗަށް ގައުމަށް ޚިޔާނަތްތެރިވިކަމުގެ ދައުވާ އުފުލައި ޝަރީއަތްކުރެވި އެކަމުގެ އަދަބު އެމީހުންނަށް ލިބޭނެއެވެ. ނަމަވެސް، އެފަދަ ޚިޔާނަތުގެ އަމަލުތައް ހިންގި މީހުން، ރާއްޖޭގައި، މިއަދު، އެތިބީ ގައުމުގެ ވެރިންގެ ގޮތުގައެވެ. އާދެ، މިއިން ފެނިގެންދަނީ، މަރުހޫމު ޝިހާބު ވިދާޅުވާފަދައިން، ވެރިކަމުގެ ސަފަށް 'ފީވުމުގެ ސިފަ' އައިސް، ވެރިކަމުގެ ހަރުދަނާކަމާއި ހައިބަތު ގެއްލިފައިވާ ދަރަޖައެވެ.

އެފަދަ މީސްމީހުން ގައުމުގެ ވެރިންގެ ގޮތުގައި ތިބެ، ހަމައެކަނި އެފަދަ ވާހަކަތައް ގޮވައި ހަދަނީކީ ނޫނެވެ. އެމީހުންގެ ވެރިކަން އަބަދުގެ އަބަދަށް ދެމެހެއްޓުމުގެ އެދުމުގައި، މަރުހޫމު ޝިހާބު ވިދާޅުވި ފަނޑިޔާރު ފަދައިން، ބޭރުގެ އަސްކަރީ ބާރެއްގެ މަރުކަޒުތައް ރާއްޖޭގެ އެތަން މިތަނުގައި ގާއިމުކުރުމުގެ މަގު ވެސް ފަހިކޮށްދެނީއެވެ. މިފަދަ ގޮތަކަށް ކަންތައްތައް ވަމުން ދާއިރު، އާންމުން ތިބީ ޕާޓީތަކުގެ ތައައްސުބުގައި ޖެހި، އެއް ޕާޓީ އަނެއް ޕާޓީ ކުށްވެރިކުރުމުގައެވެ. އެއްބަޔަކު އަނެއްބަޔަކުގެ ބޮލުގައި ވައްކަމާއި ފަސާދައިގެ ކުށުގެ އަމަލުތައް އެޅުވުމުގައެވެ. އެއްބަޔަކަށް ދަރިނިވެރވުން އެއީ ރަނގަޅުނޫންކަމެއް ކަމަށް ބުނެ، އަނެއް ބަޔަކަށް ދަރަނިވެރިވުން އެއީ އެންމެ ރަނގަޅު ކަމެއްކަމަށް ބުނެ، ކަނުބަނދެވިގެން، ތިމާގެ ޕާޓީއަށް ތާއީދުކުރުމުގައެވެ. ގައުމުގެ މަތިން ހަނދާންނައްތާލާފައެވެ. މިއީ ވެސް ގައުމީ ދުވަސް ފާހަގަކުރަމުންދާއިރު ފާހަގަކޮށްލަން ހިތަށް އަރާ ކަމެކެވެ.

ގައުމީ ދުވަސް ބައްދަލުކޮށްފައި ދާއިރު، މިނަންގަތް ކަންކަން ހިތަށް އަރައެވެ. އަޅުގަނޑުމެންނަކީ އެއްބަޔެއްކަން އަންގައިދޭ ކަންކަމަށް އަޅާލަން ޖެހިފައިވާ ކަމެވެ. އަމިއްލަ ތާރީޚާއި ބަހާއި ދީނަށެވެ. މިކަންކަން، ފައިދާ ކުރާނޭ ސިފައެއްގައި މަދުރަސީ ދިރާސީ މަންހަޖުގެ ތެރެއިން ކިޔަވާކުދިންނަށް ފޯރުކޮށްދީ، އާންމު ފަރުދުންނަކީ ގައުމުގެ މިނިވަންކަން ދިފާކުރުމުގެ މަސްއޫލިއްޔަތު އުފުލޭނޭ ބަޔަކަށް ހެދުމަށްޓަކައެވެ. އަދި، ތަނުގެ އާންމު އަޚުލާގު އިސްލާހުކޮށް، ފަސާދައިއާއި ވައްކަމާއި މަސްތުވާތަކެއްޗާއި އަޚުލާގީ ޖަރީމާތައް ނައްތާލުމުގެ ވަރުގަދަ ޖިހާދެއް ކުރަން ޖެހިފައި އޮތްކަން ވެސް ފާހަގަ ކުރަންޖެހެއެވެ. ތަނުގެ ސިޔާސީ ނިޒާމަށް ވެރިވެފައިވާ ފީވުމުގެ އަސަރު ފިލުވައި، ތަނުގެ ސިޔާސީވެރިންގެ ގޮތުގައި ތިބި ގައުމަށް ޚިޔާނަތްތެރިވި މީހުން، ވެރިކަމުން ދުރުކޮށް، ވެރިކަންކުރުމަށްޓަކައި އަމާނާތްތެރި، ގައުމުދެކެ ލޯބިވާ، ގައުމަށް އިޚުލާސްތެރި ބަޔަކު އުފައްދަން ޖެހިއްޖެ ކަންވެސް ގައުމީ ދުވަސް ބައްދަލުކޮށްފައިދާއިރު ހިތަށް އަރައެވެ.

އަޅުގަނޑު ހިތުން، ގައުމީ ދުވަސް ފާހަގަކޮށް، ގައުމީ ދުވަހުގެ ތަހުނިޔާ އެކަކަށް ފޮނުވައި ގައުމީ ވާހަކަ ދެއްކުމަކީ މާނައެއް ހުރި ކަމަކަށްވާނީ ގައުމުގެ މިނިވަންކަން ދެމެއްޓުމަށްޓަކައި މަތީގައި ނަންގަނެވުނު ފަދަ ގައުމުގެ އެއްބައިވަންތަކަން ދަމަހައްޓައިދޭނޭ ކަންތައްތައް ކުރިއެރުވުމުގެ މަސައްކަތްކުރުމާއެވެ. އަދި މިއަދު ގައުމަށް ކުރިމަތިވެފައިވާ މިނިވަންކަން ގެއްލި ހިނގައިދާނޭ ފަދަ ކަންތައްތައް ނެތިކޮށް، ވެރިކަމުގެ ދަހިވެތިކަމުގައި، އިހުގައި ޕޯޗިގީޒުންނާއި އަދި ހޮޅިން ގައުމަށް ގެނެސް ގައުމަށް ޚިޔާނަތްތެރިވީ މީސް މީހުން ފަދައިން މިއަދު ވެސް، ތަފާތު ބަހަނާތައް ދައްކައިގެން، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވެ، ގައުމަށް ބޭރުގެ އަސްކަރީ ސިފައިންތަކެއް ގެނެސް، އެމީހުންގެ މަރުކަޒުތައް ހެދުމަށް މަގުފަހިކޮށްދީ، ގައުމަށް ޚިޔާނަތްތެރިވާ މީހުންނަށް ގައުމު ހިންގުމުގެ ލަގަން ހަވާލުކުރުމުން ދުރުހެލިވެވިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު
ދޮންތު
ވަރަށް ރަނގަޅު ލިޔުމެއް.